މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް، ލާމަރްކަޒީ އުޞޫލުން ހިންގެވުމަށް ޕްރޮވިންސް އޮފީސްތަކާ ޙަވާލުކުރެއްވުމަށްޓަކައި، އެމިނިސްޓްރީއާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. ސޮއިކުރެއްވުން އޮތީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ކޮންމެ ޕްރޮވިންސަކަށް ކަނޑައެޅިފައިވާ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ. އެޕްރޮވިންސެއްގެ ފަރާތުން ސޮއިކުރެއްވީ، އެ ޕްރޮވިންސަކަށް ޢައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރެވެ. އުތުރު ޕްރޮވިންސަށް މިވަގުތު ސްޓޭޓް މިނިސްޓަރަކު ޢައްޔަން ކުރައްވާފައިނުވާތީ، މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޕްރޮވިންސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ޙުސައިން އާދަމެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން މިހާތަނަށް ހިންގަވަމުން ގެންދެވީ، ހަމައެކަނި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތްތައް ކަމުގައި ވިދާޅުވިއެވެ. އަދި އެކުލަވާލެއްވުމަށް އަމާޒު ކުރައްވާ އުޞޫލަކީ، ވަޒީރުންގެވެސް މަސްއޫލިއްޔަތާއި ޒިންމާ، ކޮންޓްރެކްޓްގެ އުޞޫލުން ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުންނާ ޙަވާލުކުރައްވައި، އެ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި އެމަސައްކަތްތައް ބަލަހައްޓަވައި، ސީދާ ގޮތުގައި ކުރައްވަމުން ގެންދެވުމުގެ އުޞޫލު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނެއް ބޭނުންވަނީ އިދާރީ ދާއިރާތައް ހިންގޭނެ އުޞޫލެއް ކަނޑައެޅުއްވުމަށް ކަމަށާއި، މިއަދު މިހިންގަވާ މަސައްކަތަކީ އިދާރީ މަސައްކަތްތައް ސަރުކާރުން ހިންގަވާނެ އުޞޫލެއް ކަނޑައެޅުއްވުން ކަމުގައި ވިދާޅުވިއެވެ. ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް ހިންގުން އެއީ، ޤާނޫނު ހެދުމުގެ ބާރެއް ނުވަތަ އުޞޫލު ކަނޑައެޅުމުގެ ބާރެއް އެކިއެކި ސަރަޙައްދުތަކުގައި ޤާއިމު ކުރެއްވުމުގެ ވާހަކަ ކަމަށާއި، އެއީ ހިންގުމުގެ ވާހަކަ ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލެއް ހިންގުމުގެ ކަންތައްތައް ޤާނޫނަކުން ކަނޑައެޅިގެންދާއިރު، އެއީ ޕްރޮވިންސެއްގެ ގޮތުގައި ނުވަތަ އަތޮޅަކީ މިހާރު މިއޮތް އިދާރީ ދާއިރާއެއް ނޫން ކަމަށް ނިންމައި، އަތޮޅަކީ މިހާރު ހުރި ބައެއް އިދާރީ ދާއިރާތައް އެއްކޮށްލީމާ ނުކުންނަ ސަރަޙައްދެއް ކަމަށް ކަނޑައަޅައި، އެ މާނައިގައި "އަތޮޅު" އަލުން މާނަކުރުމުން، ޤާނޫނުއަސާސީގެ މައިގަނޑު އުޞޫލުތަކާ ޚިލާފުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.