ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު، އަދި ސްކޭޓްޕާކް ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ، މިހާރު އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ހަނިމާދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. އަދ މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަނިމާދޫ ކައުންސިލުން ތަރައްޤީކުރި ސްކޭޓް ޕާކުވެސް މިއަދު ހަވީރު ހުޅުއްވައި ދެއްވާފައެވެ.

ހދ. ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަޝްރޫޢު ނިމި އެބަނދަރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވާފައިވާ އިރު، ހަނިމާދޫ ބަނދަރުގެ މަޝްރޫޢު ކުރިޔަށް ގެންދަވާފައި ވަނީ އެމްޓީސީސީއާ ހަވާލުކުރައްވައިގެންނެވެ.

ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 7.4 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީންނެވެ. އަދި ހަނިމާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސްކޮށްފައި ވަނީ އެކުންފުނިންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.