އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުން އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް ގްރޫޕާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެ ހޮސްޕިޓަލާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޗެންނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރުއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ. އެޕޯލޯ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑޮކްޓަރ ޕްރީތާ ރެޑީއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި އެއްބަސްވުމުގެ ސަބަބުން އައި.ޖީ.އެމް.އެޗް.ގައި މިހާރު ދެވޭ ޚިދުމަތް ރަނގަޅުވެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ދާންޖެހޭ ޖެހުން މަދުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއެއްބަސްވުން ވެވިފައިވަނީ 15އަހަރުގެ މުއްދަތަކަށެވެ.