ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޗެންނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ވިޔަފާރި ޖަމްޢިއްޔާ، ސީ.އައި.އައި.ގެ އިސްބޭފުޅުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުވައިދިނުމުގަޔާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ރާއްޖެއަށް ބޭނުންވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، ވިޔަފާރީގައި ސަރުކާރުގެ ދައުރު ވީހާވެސް ކުޑަކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ހަމައާއެކު، ރާއްޖޭގެ ރަށްތަކަކީ ވަރަށް ނާޒުކު ރަށްތަކެއް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމަށް އަސަރު ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ސަރުކާރަށް ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.