ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މަޢުލޫމާތު، އިންޑިޔާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. މި މަޢްލޫމާތު އިންޑިޔާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ކޮންފެޑަރޭޝަން އޮފް އިންޑިޔަން އިންޑަސްޓްރީޒުން އިންތިޒާމް ކޮށްގެން އިންޑިޔާގެ ޗެންނާއީގައި މިއަދު ފެށުނު "ޕާޓްނަރޝިޕް ސަމިޓް 2010"ގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން، ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ އިސްލާހީ ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށާއި، ރާއްޖޭގައި ހުޅުވާލެވިފައިވާ ވިޔަފާރިއެއް އުފެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންނަވަން ބޭނުންފުޅުވާ އިސްލާޙީ ބަދަލުތަކުގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް މުހިންމު ތިން ކަމެއް އެކުލެވިގެންވާ ކަމުގައި ވިދާޅުވަމުން، އެ 3 ކަންތައް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެއީ، ވިޔަފާރީގައި ސަރުކާރުގެ ބައިވެރިވުން ކުޑަކުރައްވައި، ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެއްވުމާއި، ކުޑަ ސަރުކާރެއް ބިނާކުރެއްވުމާއި، ދިގުމުއްދަތުގެ މާލީ ރައްކާތެރިކަމާއި ހަމަޖެހުން ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރަނގަޅު ފައިދާތައް ލިބެމުންދާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އެހާބޮޑަށް ކުރިއަރާފައިވާ ސަބަބަކީ، އެ ދާއިރާގައި ސަރުކާރުގެ ދައުރު ކުޑަކުރައްވާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެހެން ދާއިރާތަކުގައި މިކަން އޮތީ މިގޮތަށް ނޫން ކަމަށާއި، 30 އަހަރުވަންދެން ރާއްޖޭގެ އިޤްތިޞާދު އޮތީ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކުރިނާރާފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގައި ހިނގާ ވިޔަފާރީގެ ކަންކަމުގައި ސަރުކާރުގެ ދައުރެއްވެސް އޮންނަންޖެހޭނެކަން ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެހެންނަމަވެސް އެއީ، ގޯސްކޮށްދާ ކަންކަން ފާހަގަކުރެއްވުމާއި، އެކަންތައްތައް އިސްލާހު ކުރެއްވުމާއި، ޤައުމުގެ އެންމެ ނިކަމެތި ރައްޔިތުންނަށް ރައްކާތެރިގޮތްތަކެއް ފޯރުއްވައިދެއްވުންފަދަ ކަންތައްތައް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ގެދޮރު އެޅުމަށާއި، ތަޢުލީމާއި ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައި ކަމަށާއި، ދެކުނު އޭޝިޔާގައިވާ އިންވެސްޓްކުރަން އެންމެ ރަނގަޅު ޤައުމަކީ، ދިވެހިރާއްޖެ ކަމުގައި ވަރލްޑް ބޭންކުންވެސް ހާމަކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.