ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް މިހާރު ބޭނުންކުރަމުންދާ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، "ޖެމްސް ވަރކްސްޕޭސް" ގެ ނަމުގައި، ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަތައް ހިމެނޭ ގޮތަށް އިތުރު ފީޗަރތަކާއެކު، 2023 މޭ 30 ވަނަ ދުވަހު ސަރުކާރުން އިފުތިތާހު ކުރެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، ތަޖުރިބާކުރުމުގެ ގޮތުން ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން "ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފައި މި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން، އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް ޖަވާބު ދިނުމަށް ކަމުގައި  ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޖެމްސް ވަރކްސްޕޭސް" ޕްލެޓްފޯމްގެ ސަބަބުން، ތިރީގައިވާ ލުއިފަސޭހަތައް ސަރުކާރުގެ އިދާރާތަކަށް ލިބިގެންދާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1.     އިތުރު ސޮފްޓްވެއަރއެއް ބޭނުންނުކޮށް، "ޖެމްސް ވަރކްސްޕޭސް" ގެ ތެރެއިން ޓެމްޕްލޭޓްތަކެއް އިޚްތިޔާރުކޮށްގެން ލިޔެކިޔުންތަކުގެ ދެލިކޮޕީ ތައްޔާރުކުރުމާއި، ދެލިކޮޕީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ލިޔުންތަކުގައި އިލެކްޓްރޯނިކް ސޮއިކުރެވޭނެ ގޮތް ހަމަޖެހިފައިވުން.

2.     އިދާރާއަށް ލިބޭ މައްސަލަތަކަށް ފިޔަވަޅު އަޅަންވީ ގޮތުގެ އިރުޝާދު "ޖެމްސް ވަރކްސްޕޭސް"ގެ ތެރެއިން މުވައްޒަފުންނަށް ދިނުމާއި، އަޅަމުންދާ ފިޔަވަޅުތަކާއި، ފިޔަވަޅު އަޅާ މުވައްޒަފުންނާއި، ފިޔަވަޅު އަޅަމުންދާ މިންވަރު ދެނެގަނެވެން އޮތުން.

3.     އިދާރާއަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކާ ގުޅޭގޮތުން ކުރިން ކުރެވިފައިވާ މުވާސަލާތުތައް "ޖެމްސް ވަރކްސްޕޭސް" ގެ ތެރެއިން ބެލޭނެ ގޮތް ހަމަޖެހިފައިވުން.

4.     އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީއާ ގުޅޭ ކަންކަމާއި، މުސާރައާއި އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން "ޖެމްސް ވަރކްސްޕޭސް" ގެ ތެރެއިން ކުރެވޭނެ ގޮތް ހަމަޖެހިފައިވުން.

5.     އިދާރާގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގެ މެދުގައި، ޖެމްސް ވަރކްސްޕޭސްގެ ތެރެއިން މުވާސަލާތުކޮށް، ލިޔެކިޔުން ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން.

6.     އިދާރާއަށް މުވައްޒަފަށް ހާޒިރުވެވެން ނެތް ހާލަތުގައިވެސް، "ޖެމްސް ވަރކްސްޕޭސް" ގެ ތެރެއިން މުވައްޒަފަކު ކޮންމެހެން މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއް ކުރެވޭނެ ގޮތް ހަމަޖެހިފައިވުން.

"ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ 3 މަރުޙަލާއަށް ބަހައިލައިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރުޙަލާ 1: "ޖެމްސް ވަރކްސްޕޭސް" ތަޖުރިބާކުރުމުގެ ގޮތުން އެ ޕްލެޓްފޯމް ބޭނުންކުރަމުންދާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުން "ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައި، އިދާރާތަކަށް ރައްޔިތުން ހުށަހަޅާ ކަންކަމަށް، އެ ޕްލެޓްފޯމް މެދުވެރިކޮށް ޖަވާބު ދޭން ފެށުން. މި މަރުޙަލާގައި "ޖެމްސް ވަރކްސްޕޭސް" ގައި ހިމެނޭ "ކޭސް މެނެޖްމަންޓް ފީޗަރ" އާއި "ޓާސްކް މެނެޖްމަންޓް ފީޗަރ" ބޭނުންކުރަން ފެށުން.

މަރުޙަލާ 2: ސަރުކާރުގެ ހުރިހައި އިދާރާއަކުންނާއި، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މިހާރު ބޭނުންކުރަމުންދާ އެހެނިހެން އިދާރާތަކުން، އެ ސިސްޓަމް މެދުވެރިކޮށް އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވަމުންދިޔަ ލިޔެކިޔުންތައް "ޖެމްސް ވަރކްސްޕޭސް" މެދުވެރިކޮށް ފޮނުވަން ފެށުން. މި މަރުޙަލާގައި، "ޖެމްސް ވަރކްސްޕޭސް" ގައި ހިމެނޭ "ކޭސް މެނެޖްމަންޓް ފީޗަރ" އާއި "ޓާސްކް މެނެޖްމަންޓް ފީޗަރ"ގެ އިތުރުން "ހިއުމަން ރިސޯސް މެނެޖްމަންޓް ފީޗަރ" ސަރުކާރުގެ އިދާރާތަކުން ބޭނުންކުރަން ފެށުން.

މަރުޙަލާ 3: ސަރުކާރުގެ އިދާރާތަކުން އަމިއްލަ ވިޔަފާރިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއެކު ކުރާ މުވާސަލާތުތައް "ޖެމްސް ވަރކްސްޕޭސް" މެދުވެރިކޮށްގެން ކުރަން ފެށުން.

ބަޔާންވެދިޔަ 3 މަރުޙަލާގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ  މަރުޙަލާތައް ނިމުމުން، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ބޭނުންކުރުން ހުއްޓައިލައި، އެ ސިސްޓަމް "ޑީކޮމިޝަން" ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި އެ ސިސްޓަމްގައި ހުރި ލިޔެކިޔުންތައް "ޖެމްސް ވަރކްސްޕޭސް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.