ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބަޙުރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަޙުރައިންގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންނަކީ، ބަޙުރައިންގެ ސޮވްރީން ވެލްތް ފަންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޠަލާލް އަލް ޒައިނާއި، ބަޙުރައިންގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން ޑޮކްޓަރ އީސަމް ޢަބްދުﷲ ޔޫސުފް ފަޚްރޯއާއި، ފަރސްޓް އެނަރޖީ އެންޑް ގަލްފް ފައިނޭންސް ހައުސްގެ އީސަމް ޔޫސުފް ޖަނާހީއާއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި ވަކިވަކިން ބޭއްވި މި ތިން ބައްދަލުކުރެއްވުމުގައި، ރާއްޖޭގޭގައި ސަރުކާރުން މިހާރު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި އެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާބެހޭގޮތުން އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި އެ މަޝްރޫޢުތަކަށް އެފަރާތްތަކުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ.

ބަޙުރައިންގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން ޑޮކްޓަރ އީސަމް ޢަބްދުﷲ ޔޫސުފް ފަޚްރޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ވިޔަފާރީގެ ކަންކަމުގައި ސަރުކާރުގެ ދައުރު ކުޑަކުރައްވައި ވީހާވެސް ގިނަ އިންވެސްޓަރުން ރާއްޖެއަށް ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮކްޓަރ އީސަމް ޢަބްދުﷲ ޔޫސުފް ފަޚްރޯ ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމުގެ ދާއިރާގައި ރާއްޖެއާއި ބަޙްރައިނާ ދެމެދު ގުޅުން ބަދަހިކުރެއްވިދާނެ ކަމަށާއި، މިކަމުގައި އެހީތެރިވެދެއްވިދާނެ ކަމުގައި ވިދާޅުވިއެވެ.

ފަރސްޓް އެނަރޖީ އެންޑް ގަލްފް ފައިނޭންސް ހައުސްގެ ޗެއަރމަން އީސަމް ޔޫސުފް ޖަނާހީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، މިކަމަށްޓަކައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ރާއްޖޭގައި ފެށްޓެވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ރާއްޖެއިން މަރުޙަބާކިޔާ ކަމުގައިވެސް ވިދާޅުވިއެވެ.