މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ "ޔޫ.އެސް.އެއިޑް"ގެ ޓީމްގެ ބޭފުޅުންނާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ކަންތައް ކުރާނެގޮތާއި މިފަދަ ހާލަތެއްގައި ކުރިމަތިވާނެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތާބެހޭގޮތުން މި ޓީމްގެ ފަރާތުން ތައްޔާރުކުރައްވާ ދިރާސާ ރިޕޯޓާބެހޭ މަޢުލޫމާތު ނައިބު ރައީސަށް އެރުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، "ޔޫ.އެސް.އެއިޑް"ގެ އެހީގައި ހަދާފައިވާ ދިރާސާތަކުން ވަރަށް ބޭނުންތެރި ހޯދުންތަކެއް ރާއްޖޭގައި ހޯދިފައިވާ ކަމަށާއި، މިހާރު ހެދުމަށް ނިންމާފައިވާ ރިޕޯޓުގެ ސަބަބުން ކުއްލި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ކަންތައް ކުރަންވާ ގޮތްތައް އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.