މާލެއާއި އަތޮޅުތަކުގައި ހިނގާ އާދަޔާ ޚިލާފު ކަންކަމާއި ކާރިސާތަކުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގެވުމަށް، އެއޮފީހުން އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގެން، އެއޮފީހުން ދެންނެވުމެއް މިނެރުއްވީ، މާލެއާއި އަތޮޅުތަކުގައި ހިނގާ އާދަޔާ ޚިލާފު ކަންކަމާއި ހާދިސާތަކުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ބައެއްފަހަރު އެނގިވަޑައިގަންނަވަނީ، ވަރަށްފަހުން ކަމަށްވާތީއާއި، މިފަދަ ކަންތައްތައް ވަގުތުން ވަގުތަށް އެނގިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީއެވެ. އަދި މިފަދަ ކަމަކާ ގުޅޭގޮތުން ސަރުކާރުން ވަގުތުން އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތްނަމަ، އެ ފިޔަވަޅެއް އެޅުއްވޭނީވެސް، އެކަމުގެ މަޢްލޫމާތު ވީހާވެސް އަވަހަކަށް ލިބިވަޑައިގަތުމުން ކަމަށްވެސް މިދެންނެވުމުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ސަރުކާރުގެ ކޮންމެ އިދާރާއަކުންވެސް، އެ އިދާރާއަކުން ޒިންމާ އުފުލަންޖެހޭ ދާއިރާއެއްގައި އާދަޔާ ޚިލާފު ކަމެއް ނުވަތަ ހާދިސާއެއް ހިނގައިފިނަމަ، އެކަން ވެވަޑައިގެންހާ އަވަހަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް އެންގެވުމާއެކު، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަވަމުންގެންދެވުމަށް މިދެންނެވުމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަން އަންގަވާނީ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގެ ވެރިޔަކު މެދުވެރިކުރައްވައި، އެއޮފީހުގެ ކެބިނެޓް ސެކްރެޓަރީއަށް ކަމަށާއި، މިގޮތުން އެއޮފީހަށް އެކަމެއް ނުރަސްމީ ގޮތެއްގައި އަންގަވަން ޖެހިވަޑައިގެންފިނަމަ، އެކަމެއް ފަހުން ރަސްމީކޮށް އެއޮފީހަށް ލިޔުއްވުމަށްވެސް މިދެންނެވުމުގައިވަނީ އަންގަވާފައެވެ.