ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އޭ.އީ.ގެ ވެސްޓަރން ރީޖަންގައި ހުންނަވާ ރޫލަރސް ރެޕްރެޒެންޓޭޓިވް، ޝައިޚް ޙަމްދާން ބިން ޒައިދު އާލް ނަޙްޔާނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ.އިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތަކަށް ޝުކުރުއަދާކުރައްވައި، މިފަދަ އެހީތައް ކުރިއަށް އޮތްތާނގައިވެސް ލިބެމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

"ދުބާއީ ވާރލްޑް"ގެ ޗެއަރމަން ސުލްތާން އަޙްމަދު ބިން ސުލައިމާނާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި "ދުބާއީ ވާރލްޑް" އިން އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.