ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ސްޓޭޓް އަދި "ދުބާއީ ކެއަރސް"ގެ ޗެއަރޕަރސަން ރީމް އަލް ހާޝިމީއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އަބޫދާބީގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައެވެ.

"ދުބާއީ ކެއަރސް"އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އަސާސީ ތަޢުލީމުގެ ފެންވަރާއި އެޤައުމުތަކުގެ ކުދިންނަށް އަސާސީ ތަޢުލީމް ލިބެން ހުންނަ މިންވަރު ރަނގަޅުކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާ އުފެއްދެވީ 2007ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު، ދުބާއީގެ ރޫލަރ އަދި ޔޫ.އޭ.އީ.ގެ ނައިބު ރައީސް ޝައިޚް މުޙަންމަދު ބިން ރާޝިދު އަލް މަޚްޠޫމެވެ.

މިބައްދަލުކުރެއްވުމުގައި މަޝްވަރާތައް ބޮޑަށް އަމާޒުކުރެއްވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ކަންތައްތައް ރަނގަޅުކުރެއްވުމުގައި، ޔޫ.އޭ.އީ. ސަރުކާރުގެ އަދި ވަކިން ޚާއްޞަކޮށް "ދުބާއީ ކެއަރސް"ގެ އެހީތެރިކަން ހޯއްދެވުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކިޔަވާކުދިންނަށް ރަނގަޅުފެންވަރުގެ ތަޢުލީމެއް ފޯރުއްވައިދެއްވުން ކަމަށާއި، ސަރުކާރުން މިކުރައްވާ މަސައްކަތްޕުޅުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބިގެން މެނުވީ މިކަން ކާމިޔާބުކުރެއްވެން ނެތް ކަމުގައި ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ.ގައި ތަޢުލީމީ ނިޒާމް ހަމަޖެހިފައި އޮންނަ ގޮތާއި، އެޤައުމުގެ ސްކޫލްތަކުގައި ދީން އުނގަންނައިދޭ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ.