ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2023 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގެ ހޯލުގައި މިއަދު ބޭއްވި ދަސްވެނިވުމުގެ މި ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 60 ދަރިވަރުންނަށް އެ ސެޝަންގައި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން ޤުރުއާނުގެ ފުރަތަމަ 4 ފޮތް، 3 ފޮތް، 2 ފޮތް އަދި 1 ފޮތް ހިތު ދަސްކުރި ޖުމްލަ 40 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިއަހަރު 183ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކޮށްފައިވެއެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ނުވަ ސަތޭކަ ފަސްދޮޅަސް ހަތަރު ކުދިން މިވަގުތު ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސަލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.