އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބްފަދަ ބޭފުޅުން ވާހަކަފުޅުތައް ދައްކަވާފައިވާ ބަސްމަގާއި، ބޭނުންކުރައްވާފައިވާ ފަލްސަފާތައް ފުންކޮށް އެނގުމަކީ، ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑު ފަހިކަމެއް ލިބިދޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، މިއަދަކީ ރާއްޖޭގެ ޅެންވެރިންގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ މައްޗަށާއި، މިދުވަސް ނިސްބަތްވެގެންވާ އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބުގެ އަދަބީ ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮނަރަބްލް އިބްރާހީމް ޝިހާބަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް ޝާޢިރު ކަމަށާއި، އެންމެ ކުޅަދާނަ އެއް ވާހަކަ ދެއްކުންތެރިޔާ ކަމަށް ވިދާޅުވެ، އިބްރާހީމް ޝިހާބް ލިޔުއްވާފައިވާ މަޒުމޫނުތަކާއި، ހައްދަވާފައިވާ ޅެންތަކާއި އަދި ދެއްވާފައިވާ ތަޤްރީރުތައް، މިޒަމާނުގެ ހުރިހާ ބޭފުޅުންވެސް އަޑުއައްސަވަމުން ގެންދެވުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، އަންނަ އާދީއްތަ ދުވަހު އެމަނިކުފާނު އަބޫދާބީއަށާއި އިންޑިޔާއަށް ފަށްޓަވާ ދަތުރުފުޅެއްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަބޫދާބީއަށް ކުރައްވާ ދަތުރުފުޅަކީ، އަބޫދާބީގައި އޮންނަ އިޢާދަކުރަނިވި ހަކަތައާ ގުޅޭ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގަޔާއި، އިންޑިޔާގެ ބޮމްބޭއަށާއި މެޑްރާހަށް ކުރައްވާ ދަތުރުފުޅުގައިވެސް ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގައި މިހާރު ހިންގެންހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯއްދެވޭނެ ގޮތްތައް ބައްލަވާނެ ކަމަށާއި، މިދަތުރުން ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ ސަބްސިޑީގެ ސިޔާސަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މި ސަރުކާރުގެ ސިޔާސަތަކީ ސަބްސިޑައިޒް ކުރަނީނަމަ ނުވަތަ އެއްޗެއް ދެނީނަމަ، ސީދާ ރައްޔިތު މީހާއަށް، އެ އެއްޗެއް ދެއްވުން ކަމަށާއި، ކުންފުނީގެ ކަންތައް، ކުންފުނިން ހަރުދަނާ ގޮތެއްގައި ގެންދިޔައީމާ ރަނގަޅުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަނީ، އާމްދަނީ މަދު ދަތިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ކަމަށާއި، އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ، ކަރަންޓް ބިލް ދެއްކުމުގައި ދަތިވާ، އާމްދަނީ މަދު ޢާއިލާތަކަށް ސަރުކާރުގެ ހިލޭ އެހީއެއް ދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. ދިމާވެގެން އުޅޭ އެއްކަމަކީ، ކަރަންޓް ބިލް ދެއްކުމުގައި ދަތިވާ ފަރާތްތަކުން އެ ފުރަންޖެހޭ ފޯމްތައް ފުރުމުގައި ލަސްތަކެއްވުމާއި، އެކަމުގައި އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންނުފިލާ ހުރުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، މިކަންކަން ބޮޑަށް ސާފުވެ، މިހާރަށްވުރެ މާގިނަ ބަޔަކަށް ސަރުކާރުން ސީދާ އެހީ ދެއްވޭނެ މަގު ފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.