ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ބްރޫސް ލެވީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދު ތަރައްޤީގެ އެކިދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމާމެދުގައާއި، ރާއްޖޭގައި މަސައްކަތް ކުރާނެ ކެނެޑާގެ ވޮލަންޓިއަރުން ހޯއްދެވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުގައި ކެނެޑާ ސަރުކާރުގެ، ވަކިން ޚާއްޞަކޮށް، ކުރިން ހުންނެވި ސަފީރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް އަށަގެންގެނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައިވެސް ކެނެޑާ ސަރުކާރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކެނެޑާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި، ކެނެޑާއާމެދު ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ، ކެނެޑާއިންވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެއް ކަމަށާއި، މިކަމުގައި ރާއްޖެއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.