ހެއިޓީގެ ވެރިރަށް ޕޯރޓް-އޯ-ޕްރިންސަށް ރާއްޖޭ ގަޑިން ރޭ މެންދަމު 2.50 އެހާއިރު އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެ އަދި ޢިމާރާތްތަކަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާގުޅިގެން، ހެއިޓީގެ ރައީސް ރެނޭ ޕްރެވާލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ރެނޭ ޕްރެވާލަށާއި، ހެއިޓީގެ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.