ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށްޓަކައި މިނިސްޓްރީތަކުން ކުރައްވާ ބައެއް މަސައްކަތްތައް، މިނިސްޓްރީތަކާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ޕްރޮވިންސް އޮފީސްތަކާ ޙަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ބައްޓަން ކުރެއްވުމާ ބެހޭގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، މިމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށްފަހު، ހުށަހެޅުންތަކެއް ހުށަހެޅުއްވުމަށްޓަކައި އެ މަޖިލީހުގެ ކޮމިޓީއަކަށް މިމައްސަލަވަނީ ފޮނުއްވާފައެވެ. އަދި މިކޮމިޓީން އެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ ބެހޭގޮތުން މި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާބެހޭ ޕްރޮޓޮކޯލް އެކުލަވާލެއްވުމަށް މިކޮމިޓީއާވަނީ ޙަވާލުކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ މިކޮމިޓީގެ ބެއްލެވުމުގެ ދަށުން ފަންނީ ޓީމަކުން މިނިސްޓްރީތަކާއެކު ބައްދަލުވުންތައް ބާއްވަވައި، މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޕްރޮވިންސް އޮފީސްތަކާ ޙަވާލުކުރައްވާނެ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމަކީ، ލާމަރްކަޒީ އުޞޫލުން ޕްރޮވިންސް އޮފީސްތަކުގައި ޚިދްމަތްދޭނެ ހުރިހާ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، 7 ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންނާ ދެމެދު ވެވޭ އެއްބަސްވުމެކެވެ.