ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް ގަލޮޅު ސަމަންތާ މުޙަންމަދު އަސްވާން އިސްކުރައްވައިފިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަނިޔާގެ ޘަޤާފަތް ފުލުސްއޮފީހުން ފިލައިގެންނުގޮސް، މިހާރުވެސް އެކަންކަން ތަކުރާރުވަމުންދާތީ، އެކަމާ ވަޒީރުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކުރައްވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވެވި އެ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، މުޙަންމަދު އަސްވާން ފުލުސް އޮފީހުގެ ދާއިރާއަށް ޚާއްޞަ ކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމަށް އޭނާ ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މުޙަންމަދު އަސްވާން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.