ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ ޗީފް ހައިޑްރޯގްރާފަރ، ވައިސް އެޑްމިރަލް ބީ.އާރ ރާއޯއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު ކްލެއިމް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، އިންޑިއަން ނޭވަލް ހައިޑްރޮގްރަފިކް ޑިޕާޓްމަންޓްގެ އެއްބާރުލެއްވުން ހޯއްދެވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ރާއްޖޭގެ ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރެއްވުމުގެ ފުރްޞަތު އޮތްތޯ ބެއްލެވުމުގެ މަސައްކަތް ކުރެއްވުމަށް 13 އޮކްޓޯބަރ 2009ގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

1982 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ސޮއިކޮށް، 2000 ވަނަ އަހަރު ސެޕްޓެމްބަރު 7 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު އދ. ގެ ލޯ އޮފް ދަ ސީ ގެ 76ވަނަ މާއްދާގެ 8ގެ ދަށުން، ރާއްޖޭގެ އާކިޕެލަރޖިކް ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލުގެ އިތުރުން، އިތުރު ސަރަޙައްދަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާނަމަ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އިން ކަނޑައަޅައި އެއާބެހޭ މަޢުލޫމާތު، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ކުރިން އދ.ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ހުށަހަޅަންޖެހެއެވެ.