ކުރިއްސުރެ ފަށައިގެން ހިނގަމުންއައި އަނިޔާގެ ޘަޤާފަތް ފުލުސްއޮފީހުން ފިލައިގެންނުގޮސް މިހާރުވެސް އެކަންކަން ތަކުރާރުވަމުންދާތީ، އެކަމާ ވަޒީރުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ، މިއަދު ހަވީރު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިކަންކަން ބައްލަވައި، ފުލުހުންގެ އިދާރާގެ ކަންކަން އިޞްލާޙު ކުރެއްވުމަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް މުޙަންމަދު އަސްވާން ފުލުސް އޮފީހުގެ ދާއިރާއަށް ޚާއްޞަ ކުރައްވައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖެއްސެވުމަށެވެ. އަދި މިކަން ބެއްލެވުމަށް ވަޒީރުންގެ ކޮމިޓީއެއް މިއަދުގެ ޖަލްސާގައި ހޮއްވެވިއެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފެވެ.

ފުލުސްއޮފީހުގައި މިފަދަ ޢަމަލުތައް މަދުން ނަމަވެސް މިހާރު ހިނގަމުންދިޔަ ކަމުގައިވިޔަސް، ފުލުސްއޮފީހުގެ ގިނަ ބޭފުޅުންނަކީ، އިޚްލާޞްތެރިކަމާއި ހަރުދަނާ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.