ލާމަރްކަޒީ ބިލަށާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަށާއި، ދިރާސީ އާ އަހަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމަނިކުފާނުގެ 30 ވަނަ ރޭޑިއޯ ޚިޠާބުގައި އަލިއަޅުއްވާލައްވައިފިއެވެ.

ލާމަރުކަޒީ ބިލު

ޕްރޮވިންސް ހެދުމަށް ސަރުކާރުން ބޭނުންފުޅުވާ ސަބަބު ހާމަކުރައްވަމުން، ރަނގަޅު ތަރައްޤީއަކަށް އަތޮޅެއްގެ މިންވަރަކީ، މާ ކުޑަކުޑަ މިންވަރެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އަދި ސަރުކާރުގެ އަމާޒަކީ މާލޭގެ އިތުރުން އަދި 7 ތަނެއްގައި މާލެފަދަ 7 ރަށެއް އުފެއްދޭތޯ ބެއްލެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމާ އިންކާރު ކުރައްވާ ބައެއް ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެބޭފުޅުން ޕްރޮވިންސް ހެދުމަށް އިންކާރު ކުރައްވާ ސީދާ ސަބަބެއް އަދިވެސް ސަރުކާރަށް ފާހަގަކުރެއްވިފައި ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަޑުމައިތިރިކަމާ އެކީގައި މިކަމަށް ފުންކޮށް ވިސްނާވަޑައިގަތުމަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކިބައިންވެސް އެދިވަޑައިގަންނަވަމުން، ބައެއް ކަންކަމަކީ މުޅި ޤައުމަށްޓަކައި، ޤައުމީ މަޞްލަޙަތަށްޓަކައި، ޤައުމީ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

[އަޅުގަނޑަށް އެނގޭ، އެމް.ޑީ.ޕީ.ވެސް، އެމް.ޑީ.ޕީ.ގެ ބައެއް ސިޔާސަތުތައް ދޫކޮށްލަން ޖެހިދާނެ. އަދި އަޅުގަނޑު އުންމީދު ކުރަން، ޑީ.އާރު.ޕީ.ވެސް ބައެއް ކަންކަމުގައި މެދުމިނުގެ ޙައްލަކަށް އައިސް، ދެފަރާތް އެއްބަސްވެވޭ ގޮތަކަށް މި ބިލް އެކުލަވާލެވި، ބިލް މަޖިލީހަށް ހުށަހެޅި އަދި އަވަސް ގޮތަކަށް ބިލް ފާސްވެގެން ގެންދެވޭނޭ ގޮތެއް ހޯދުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޙަޤީޤީ ޑިމޮކްރަސީއަކީ ރައްޔިތު މީހާއާ ގާތުން، އެމީހާގެ ކަންތައްތައް އެމީހާއަށް ނިންމޭނެ ގޮތްގޮތް ހޯއްދެވުން ކަމަށާއި، މިކަމާ ގުޅިގެން ހުރިހާ ފަރާތަކާއެކުވެސް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޞިއްޙީ ޚިދްމަތް ދިނުމުގައި ހޯދިފައިވާ ކާމިޔާބީ

65 އަހަރުން މަތީގެ މީހުންނަށް ދެވޭ ޕެންޝަންގެ ގޮތުގައި 310 މިލިއަން ރުފިޔާ، ސަރުކާރުން މިދިޔަ އަހަރު ޚަރަދު ކުރައްވާފައިވާ ކަމަށާއި، އަދި ޟަރޫރީ އެހީއަށް ބޭނުންވާ މީހުންނަށް ޚަރަދު ކުރުމުގައި، 687 މީހަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، [މަދަނަ]އިގެ ދަށުން މިދިޔަ އަހަރު ތޭވީސްހާސް މީހުންނަށް އެހީތެރިވެދެއްވާފައިވާ ކަމަށާއި، [މަދަނަ]އިގެ އިތުރުން، ކުރިންވެސް ދެއްވަމުން ގެންދެވި ވެލްފެއަރގެ އެހީވެސް ސަރުކާރުން ދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުންނެއް [މަދަނަ]އިގައި ބައިވެރިވެވަޑައިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރު

އަންނަ އާދީއްތަ ދުވަހަކީ ދިރާސީ އާ އަހަރު ފެށޭ ދުވަސް ކަމަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

101 މަދަރުސާއެއް މިހާރު މިވަނީ އެއް ދަންފަޅިއަށް ބަދަލުކުރެއްވިފައިކަން ފާހަގަކުރައްވަމުން، ރަނގަޅު ތަޢްލީމެއް ދިނުމަށްޓަކައި، ވަށާޖެހޭ ތަޢްލީމެއް ދަރިވަރުންނަށް އެބަ ލިބެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިހާރު މި އެއް ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކުގައި، ހެނދުނުގެ ވަގުތުތަކުގައި ކިޔަވައިދިނުމަށްފަހުގައި، މެންދުރުފަހުގެ ވަގުތުތަކުގައި 3 ޖަހަންދެން ދަރިވަރުންނަށް އެކިއެކި ބާވަތް ބާވަތުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު އެބަލިބޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއް ސެޝަނަށް ބަދަލުކުރުމަށްޓަކައި، މި ސްކޫލްތަކުގައި މިދިޔަ އަހަރު މުޅި ޖުމްލަ 171 ކްލާސްރޫމް އިތުރުކުރައްވާފައިވާ ކަމަށާއި، މި ޢަދަދަކީ މީގެ ކުރީގެ އަހަރުތަކުގެ ޢަދަދާ ބަލާއިރު ވަރަށްބޮޑު ޢަދަދެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަށް C ފާހުން މަތިން ފާސްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2009 ވަނަ އަހަރުގެ ނަތީޖާ، އޭގެ ކުރީ އަހަރުގެ ނަތީޖާއަށްވުރެ ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.