"ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ" މި ނަމުގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ބައިވެރިވި އަތޮޅުތެރޭގައި ޙަރަކާތްތެރިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްބޭފުޅުންނާއި ޕްރޮވިންސް އޮފީސްތަކުގެ އިސްބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ފަރިއްކޮޅެއް ރޭ ދެއްވައިފިއެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތުގައި ކުރާން ވެއްޖެނަމަ، ޤާނޫނީ ޙައިޘިއްޔަތެއް އޮތުން މުހިންމު ކަމަށާއި، ސަރުކާރުގެ ޤާނޫނީ އޮނިގަނޑުގެ ތެރެއަށް ވަންނަން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖްލިސް މެދުވެރިކޮށްގެން ކަމަށްވާތީ، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ޙައިޘިއްޔަތުން، އެކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެންބަރުން މެދުވެރިކުރައްވައި، ވަކާލާތު ކުރެއްވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަންކަން ނިންމުމުގައި، އެއްކަމަކާ އަނެއް ކަމަކާ ގުޅި ލާމެހިގެންދާގޮތް ދިމާވީމާ، މުޅިޖުމްލަކޮށް ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ހަލުވިމިން ހުއްޓުމަކަށް އަންނާނެކަން އަބަދުވެސް ހަނދާން ކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

[އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށު ގޮނޑުދޮށުން އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ އަޅުގަނޑުމެން ދިރިއުޅެމެން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައިކަން އަދި ލާމެހިފައިވާ ދިވެހިރާއްޖެއެއްގައިކަން]. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފޯރަމްގެ ބައިވެރިން އެކުލަވާލެއްވި މައިގަނޑު ތިން ހުށަހެޅުން އެކުލެވޭ ޑްރާފްޓެއް، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. މި ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނާއިބު މާރިޔާ ޢަލީއެވެ.