2010 ވަނަ އަހަރުގެ އޭޕްރީލްމަހު ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިވަޑައިގެން، ބޫޓާންގެ ބޮޑުވަޒީރު ޖިގްމޭ ތިންލޭ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދަޢުވަތު އަރުއްވައި، ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މިސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، ބޫޓާންގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު ލިޔޮންޕޯ ޔުގްޔެން ޝެރިންގ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، 16 ވަނަ ސާކް ސަމިޓާ ބެހޭގޮތުންނާއި، ދިވެހިރާއްޖެއާއި ބޫޓާނާ ދެޤައުމުގެ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިދަޢުވަތު ޤަބޫލުފުޅު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 16 ވަނަ ސާކް ސަމިޓަކީ، ރަނގަޅު ނަތީޖާ ނެރެވޭފަދަ ގޮތަކަށް މަސައްކަތް ކުރެވޭނެ ސަމިޓަކަށްވާނެ ކަމަށާއި، ސާކް ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ބޫޓާންގެ ރަސްގެފާނުގެ އިސްނެގުމާއެކު، އެޤައުމުގައި ހިންގަވަމުން ގެންދަވާ އިޞްލާޙީ އެޖެންޑާއަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވިއެވެ.

މިސްޓަރ ޝެރިންގ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބޫޓާނާ ދެޤައުމަކީވެސް ވަރަށް ކުދި ދެޤައުމު ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަކީ ދެޤައުމަށްވެސް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިހާރު އައިސްފައިވާ އިޞްލާޙީ ބަދަލުތަކަށްޓަކައި ބޫޓާންގެ ރަސްގެފާނާއި ބޮޑުވަޒީރާއި، ބޫޓާން ސަރުކާރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް މިސްޓަރ ޝެރިންގ ވިދާޅުވިއެވެ.