ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ފޮރިން މިނިސްޓަރ މިސްޓަރ ޔަން ޖީޗީއާ މިއަދު ބައްދަލުކުރައްވައފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރްޞަތުތަކާ ބެހޭގޮތުން ޗައިނާގެ ފޮރިން މިނިސްޓަރަށް މަޢުލޫމާތު ދެއްވިއެވެ. ޚާއްޞަކޮށް، ފަރުމަހުގެ މަސްވެރިކަމާއި، ފެނުގައި މަސްދިރުވުމުގެ ދާއިރާގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރަނގަޅު ފުރުޞަތުތަކެއް އެބަހުރި ކަމަށް ދެކެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ޗައިނާ އިންވެސްޓަރުންނަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތައް ޙައްލު ކުރުމަށާއި، މިކަމުގައި ޤާނޫނީގޮތުން ލާޒިމުކުރާ އެއްބަސްވުމަކަށް އައުމުގައި، ޗައިނާއިން ވަރަށް ރަނގަޅު ދައުރެއް އަދާކުރެއްވިދާނެކަން ފާހަގަކުރެއްވިއެވެ.

މިސްޓަރ ޖީޗީ ވިދާޅުވިގޮތުގައި، ކޯޕަންހޭގަން ސަމިޓުގައި، އެޤައުމުން އެއްބަސްވި ކަންތައްތަކަށް ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމަށާއި، މިކަމާ ބެހޭގޮތުން ފުރިހަމަ އެއްބަސްވުމަކަށް އައުމަށް ދިވެހިރާއްޖެއާއެކު އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.