ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ [ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް]ގައިވާ ކަންކަމާ ފުށުއަރާ، އަދި ކޮންވެންޝަންގެ މަޤްޞަދުތަކާއި އަސާސްތަކާވެސް ތަޢާރުޟްވާ ގިނަ ކަންކަން ބިލުގައި ހުރިކަމަށާއި، ކޮންވެންޝަނުން ލިބިދޭ ގިނަ ޙައްޤުތަކެއް ރައްކާތެރިކުރުމާ ގުޅޭ މާއްދާތައް ބިލުގައި ހިމެނިފައިނުވާ ކަމަށް އެޓަރނީ ޖެނެރަލް ލަފާފުޅު ދެއްވާފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި މިކަންކަމުގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކެއް ކުރިމަތިވެދާނެ ގިނަ ކަންތައްތަކެއް ބިލުގައި ހުރިކަމަށާއި، އެބިލް ތަޞްދީޤުކޮށް ޤާނޫނަކަށްވުމުން، އެޤާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ފާހަގަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އަދި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ [ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް]ގައިވާ އެންމެހާ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށް، އެޙައްޤުތައް ލިބިދިނުމަށް މަގުފަހިވާގޮތަށް، އަދި އެބިލް ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމުން ކުރިމަތިވެދާނެ ޤާނޫނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކާއި، އެޤާނޫނު ތަންފީޛު ކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި އެބިލަށް އިތުރު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.