• މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލުތައް ދެންނެވީ، "ހަވީރު" ނޫހުގެ ލިޔުންތެރިޔާ  އަލްފާޟިލް ފާރޫޤު ޙަސަނެވެ.

ސުވާލު 1:

3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދްވާނީ ޙަމަލައިގެ ކަންތައް މަނިކުފާނަށް ފުރަތަމަ އެނގިވަޑައިގަތީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެރޭ ފަތިހު އަޅުގަނޑަށް ހޭލެވުނީ ބަޑީގެ އަޑަށް. އޭރު ހަތަރުގަޑިބައި ނުވެ، ފަސްމިނިޓެއްހާއިރު ހުންނާނެ. ހޭލެވުމަށްފަހުވެސް، ކެނޑިނޭޅި ބަޑީގެ އަޑު އިވެމުން ދިޔުމުން ވަރަށްބޮޑު ނުބައެއް އުޅެނީކަމަށް އަޅުގަނޑަށް ޔަޤީންވި. ސިފައިންގެޔަށް ބަޔަކު ޙަމަލަދެނީކަން އެނގުނީ، އެވަގުތު އިލްޔާސް ފޯނު ކުރައްވާފައި އެކަން އަޅުގަނޑަށް އެންގެވީމާ.

ސުވާލު 2:

އެ ޙަމަލައިގެ ކަންތައް އެނގިވަޑައިގަތުމުން ޢަމަލުކުރެއްވި ގޮތް ވިދާޅުވެދެއްވަފާނުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެންމެ ފުރަތަމަ ސިފައިންގެޔަށް ފޯނުކޮށް، އެތާނގައި ތިއްބެވި އެންމެ އިސް އޮފިސަރުންނާ ވާހަކަދެއްކީ. އަދި އެ ޙަމަލަ އަންނަ ދިމާއަކާއި، ޙަމަލަ ދެނީ ކޮންބަޔަކު، ކޮންކަހަލަ ހަތިޔާރަކުންކަމާއި، އެމީހުންގެ ޢަދަދަކީ ކިހާވަރެއްތޯ ބެލުމަށް އޮފިސަރުންނާ ސުވާލުކުރީ. އަދި ސިފައިންގެއިން، އެމީހުންނަށް ޙަމަލަދިނުމަށާއި، އެމީހުން ސިފައިންގެޔަށް އެއްވެސް ޙާލެއްގައި ވަނަނުދީ ހިފެހެއްޓުމަށް އެންގީ. ރަށުތެރޭގެ ކަންތައްތައް ހުރިގޮތެއް ބައްލަވާފައި، އަވަހަށް އަންގަވައި ދެއްވުމަށްވެސް އެންގިން. އަބަދުވެސް އަޅުގަނޑާ ޓެލެފޯނުން ގުޅުއްވަމުން ގެންދެވުމަށްވެސް އޮފިސަރުންނަށް އެންގިން.

ސުވާލު 3:

ރަށުތެރޭގައި ހިނގަމުންދިޔަ ކަންތައްތަކުގެ ތެދު މަޢުލޫމާތު މަނިކުފާނަށް ވަގުތުން ލިބިވަޑައިގަތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ރަށުތެރޭގައި ހިނގަމުންދިޔަ ކަންތަކުގެ މަޢުލޫމާތު ވަރަށް ގިނައިން އަޅުގަނޑަށް ލިބެމުންދިޔަ. އަބަދުވެސް ހުންނަނީ ސިފައިންގެޔާ އަޅުގަނޑާ ޓެލެފޯނުން ގުޅިފައި. އަދި ސިފައިންގެ ވެރިޔާގެ ނާއިބު އިލްޔާސްއާވެސް ގުޅިފައި. ސިފައިންގެޔަށް ލިބެމުންދާ މަޢުލޫމާތުތައް ވަގުތުން އަޅުގަނޑަށް ދެއްވަމުން ގެންދެވި. އަދި އިލްޔާސްއަށާއި، ސަރުކާރުގެ މަތީ ފެންވަރުގެ އެހެން ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މަޢުލޫމާތުވެސް އަޅުގަނޑަށް ދެއްވަމުން ގެންދެވި. އަދި ވަރަށްގިނަ އަމިއްލަ ފަރާތްތަކުންވެސް އަޅުގަނޑަށް ވަގުތުން ވަގުތަށް މަޢުލޫމާތު ދެމުން ގެންދިޔަ. އެހެންވީމާ، ހުރިހާ ކަމެއްވެސް، ހަމަ އެކަމެއް ހިނގާ ވަގުތު އަޅުގަނޑަށް އެނގެމުންދިޔަ.

ސުވާލު 4:

ބޭރުގެ އެހީއަށް އެދިވަޑައިގަތީ، ގާތްގަނޑަކަށް ކިހާއިރަކު، ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ބޭރުގެ އެހީއަށް އެދުނީ، ސިފައިންގެޔާ ޙަމަލަދޭ މީހުންނަކީ، ބިދޭސީ ބައެއްކަމާއި، އަދި އެއީ ވަރަށްގިނަ ޢަދަދެއްގެ ބަޔެއްކަމާއި، އަދި އެކި ވައްތަރުގެ ވަރަށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުން ގެންދާކަން އެނގުމުން. އެފިޔަވަޅު އަޅުގަނޑު އެޅީ ޤައުމާއި ޢާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި. އެންމެ ފުރަތަމަ ބޭރުގެ އެހީއަކަށް އެދުނުއިރު، އަދި އިރެއްނާރާ. އޭރު އެހީއަށް އެދުނީ. އަޅުގަނޑު އިތުބާރުކުރާ ބޭފުޅަކު މެދުވެރިކޮށް، ރަޙްމަތްތެރި ޤައުމެއްގެ އެމްބެސެޑަރާ ގުޅައިގެން. އޭގެފަހުން ފަތުޙުﷲ ޖަމީލަށް ދަންނަވައިގެން އިބްރާހީމް ޙުސައިން ޒަކީ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގެ ޢަސްކަރީ އެހީއަށް އެދުނިން. އަދި އޭރު ރާއްޖެއިން ބޭރުގައި ތިއްބެވި އޮނަރަބްލް ޢަލީމަނިކާއި، އަޙްމަދު ޢަބްދުﷲއާއި، އާދަމް ޙަސަނާއި، ސިއްކަގޭ ޙުސައިން މަނިކުފާނު، އެބޭބޭފުޅުން ތިއްބެވި ޤައުމުތަކުގެ ސަރުކާރާ ގުޅުއްވައިގެން އެހީ ލިބޭތޯ މަސައްކަތް ކުރެއްވި.

ސުވާލު 5:

އެދުވަހު އެންމެ އަޅުއްވަން ދަތިފުޅުވި ފިޔަވަޅަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެދުވަހު އަޅަން އެންމެ ދަތިވި ފިޔަވަޅަކީ، ޓެރެރިސްޓުންގެ މީހުން ކިތަންމެ ގަދަޔަކަށް ޙަމަލަދެމުން ގެންދިޔަ ކަމުގައިވިޔަސް، އެއްވެސް ޙާލެއްގައި އެމީހުން ސިފައިންގެޔަށް ވަނަދީގެން ނުވާނެކަމަށް ސިފައިންނަށް ތަކުރާރުކޮށް އަންގަމުން ދިޔުން. މިއީ ދަތިކަމަކަށްވީ، ސިފައިންގެއިން އެމީހުންނަށް ދެމުންގެންދިޔަ ޙަމަލަތައް ހުއްޓާނުލާ ހިފެހެއްޓީމާ، ސިފައިންގެ ތެރެއިން ބަޔަކު ޝަހީދުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވާތީ. އެހެންނަމަވެސް، އެހެން އަންގަންޖެހުނީ، އެހެން ނަހަދައިފިނަމަ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، ޢާންމު ރައްޔިތުންގެ ވަރަށްގިނަ ބަޔެއްގެ ފުރާނައަށް ގެއްލުން ވެދާނެތީ. ވީމާ، އެގޮތަށް އަންގަންޖެހުނީވެސް ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި.

ސުވާލު 6:

އެދުވަހު އެންމެބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަތް ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެންމެބޮޑަށް ވިސްނަންޖެހުނީ ޢާންމު ރައްޔިތުންގެ ސަލާމަތަށް. އެއީ ޙަމަލަދެމުން ގެންދިޔައީ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކަށްވެފައި، އެއްވެސް ރަޙްމެއްނެތި އެމީހުން ނުރައްކާތެރި ހަތިޔާރުގެ ބޭނުންކުރަމުން ގެންދާތީ. އެހެންވީމާ، ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން، ޢާންމު ރައްޔިތުންނަށް އިތުރު ނުރައްކާތަކެއް ދިމާވެދާނެތީ ވަރަށްބޮޑަށް ވިސްނަންޖެހުނު.

ސުވާލު 7:

މާލޭގެ ކޮންޓްރޯލް ދިވެހިންގެ އަތްމައްޗަށް މުޅިން އަތުވެއްޖެކަން ޔަޤީންވެވަޑައިގަތީ ކިހާއިރަކުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މާލޭގެ ކޮންޓްރޯލް އަބަދުވެސް އޮތީ ދިވެހިންގެ އަތްމަތީގައި. އެއްވެސްއިރެއްގައި ދިވެހިންގެ އަތްމަތިން ނެއްޓިގެނެއް ނުދޭ. މިހެން މިދެންނެވީ އަޅުގަނޑާ ސިފައިންގެޔާއި، އަދި ސިފައިންގެ ވެރިޔާގެ ނާއިބާ އަބަދު ގުޅިފައި ހުރުމާއި، އަދި އޭގެއިތުރަށް، އަޅުގަނޑާ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ސަލާމަތްކަންމަތީ ތިބުމާއި، ސިފައިންގެވެސް ޙިމާޔަތް ކުރެވިފައިވާތީ. ރަށުތެރޭގައި ޓެރަރިސްޓުންނާ ދެކޮޅަށް، ސަރުކާރުން އިތުރު ޙަރަކާތްތަކެއް ނުހިންގީ، އެފަދަ ކަންތައްތަކެއް ހިންގައިފިނަމަ، އެކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އިތުރު ނުރައްކާތަކެއް މެދުވެރިވެދާނެތީ. މާލެ، ސަރުކާރުގެ ކޮންޓްރޯލުން ނެއްޓިފައި އޮތް ވަގުތެއް ނުދޭ.

ސުވާލު 8:

ރާއްޖެއިން އ.ދ.އަށް ހުށަހަޅާފައިވާ ކުދި ޤައުމުތަކުގެ ސަލާމަތާ ބެހޭ މަޝްރޫޢު ފާސްވެއްޖެނަމަ، ކުދި ޤައުމުތަކުގެ ސަލާމަތީ ކަންތައް އޮންނާނީ އަދި ޢަމަލީގޮތުން އެކަން ހިނގަމުންދާނެ ގޮތަކީ، ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑުމެން ހުށަހެޅި ޤަރާރު ވަނީ މިހާރު އ.ދ.ގެ ސްޕެޝަލް ޕޮލިޓިކަލް ކޮމިޓީގެ އިއްތިފާޤުން ފާސްވެފައި. ލަހެއްނުވެ މި ޤަރާރު އ.ދ.ގެ ޢާންމު ޖަލްސާއަށް ހުށަހެޅޭނެ. އިރާދަކުރެއްވިއްޔާ އެތަނުންވެސް މި ޤަރާރު ފާސްވާނެ. މިކަމުން ލިބޭނެ ފައިދާއަކީ، ކުދި ޤައުމުތަކުގެ ސަލާމަތަކީ، ބައިނަލްއަޤްވާމީ ޖަމާޢަތުގެ މަސްއޫލިއްޔަތެއްކަން ކަނޑައެޅިގެން ދިޔުން. އަދި ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކި ޤައުމުތަކުގެ އެހީ ލިބެމުންދާނެ ގޮތް މެދުވެރިވެގެން ދިޔުން. މިކަމުގެ މުހިންމު ބައި ޢަމަލީގޮތުން ހިނގަން ފަށާނީ ތަންކޮޅެއް ފަހުން. އެއީ، ކުޑަ ޤައުމެއްގެ ސަލާމަތަށް ނުރައްކަލެއް ދިމާވެއްޖެ ހިނދެއްގައި، ސީދާ އ.ދ.ގެ ފަރާތުން އަވަސް އެހީއެއް ފޯރުވިދާނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް، ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ ސަރުކާރާއި އަދި އެހެން ޤައުމުތަކުގެ ސަރުކާރާ ވާހަކަ ދައްކަވައިގެން، ފެނިވަޑައިގެންނެވި ގޮތެއް އ.ދ.ގެ 46 ވަނަ ދައުރަށް ހުށަހެޅުއްވުމަށް ގޮވާލާފައިވާތީ. ވީމާ، އެގޮތުން، ހަމަޖެހޭ އިންތިޒާމެއްގެ ދަށުން، ސީދާ އެފަދަ ކުދި ޤައުމުތަކަށް އ.ދ.ގެ އެހީ މުސްތަޤްބަލުގައި ލިބެމުންދާނެ ގޮތެއް ހަމަޖެހޭނެ.

ސުވާލު 9:

ރާއްޖެއަށް މި ކުރިމަތިވި ޢުދުވާނީ ޙަމަލައާ ގުޅިގެން ރާއްޖޭގެ ދިފާޢީ ކަންތައް ހަރުދަނާ ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ހިސާބެއްގެ ނަމަވެސް ތަފްޞީލެއް ދެއްވަފާނުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށްގިނަ ފިޔަވަޅުތައް އަޅަމުން އެބަގެންދެވޭ. އޭގެތެރޭގައި ސިފައިންގެ ތެރެއަށް އިތުރު މީހުން ވެއްދުމާއި، ސިފައިންނަށް އިތުރު ތަމްރީން ދިނުމާއި، އިތުރު ހަތިޔާރު ހޯދުން ހިމެނޭ. އަދި މީގެއިތުރަށް، ކުރިއަށްވުރެ ބޮޑަށް މުޅި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުންފަދަ ކަންތައްތައްވެސް ހިމެނޭ.

ސުވާލު 10:

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ހަވީރު މެދުވެރިކުރައްވައި ޤައުމަށް ދެއްވަވަން ބޭނުންފުޅުވާ މެސެޖެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

3 ނޮވެމްބަރ 1988 ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދްވާނީ ޙަމަލައިގައި ސިފައިންނާއި ޢާންމު ރައްޔިތުން ސާބިތުކޮށްދިން ހިތްވަރަށްޓަކައި، އެފަރާތްތަކަށް ޝުކުރާއި ތާރީފް ރައްދުކުރަން. އަޅުގަނޑު ދެކޭގޮތުގައި، އެދުވަހު ސިފައިން އެކުރީ ވަރަށް މަތިވެރި ޤައުމީ ޖިހާދެއް. އެމީހުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެގެންދިޔަ. އެހެންނަމަވެސް، ރާއްޖެއާއި ޢާންމުންގެ ސަލާމަތަށްޓަކައި ސިފައިން ގެންދިޔައީ ސާބިތުކަމާއެކު ކެރިގެން ހަނގުރާމަ ކުރަމުން. ހަމައެފަދައިން، ޢާންމު ރައްޔިތުންވެސް، ޤައުމުގެ މިނިވަންކަމާއި ސަލާމަތަށްޓަކައި، ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރަށް ތެދުވެރިކަމާއި ވަފާތެރިކަންމަތީ ތިބެގެން، ކުރެވުނު ހުރިހާ ކަމެއް ކުރެމުންގެންދިޔަ. ތެދުތެދަށް ދަންނަވަނީނަމަ، ޢާންމު ރައްޔިތުންގެ ވަރަށްގިނަ މީހުން، އެމީހުން ކުރަންވީ ކޮން ކަމެއްތޯ އަންގައިދިނުމަށް އެދެމުންދިޔަ. އެމީހުން ތިބީ ސަރުކާރުން އެންގި ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް. އެހެންނަމަވެސް، ސަރުކާރުން އަންގަންދެން އެއްވެސް ކަމެއް ނުކޮށް، ހަމަހިމޭނުން ތިބުމަށް އެފަރާތްތަކަށް އަޅުގަނޑު އަންގަމުން ގެންދިޔައިން. އެއީ، އެފަދަ ޙަރަކާތެއް ހިންގައިފިނަމަ، ޓެރަރިސްޓުންގެ މީހުން ޢާންމު ރައްޔިތުންނަށް ޙަމަލަދީ، އެތައް ބަޔަކު މަރާފާނެތީ.

ހަމައެއާއެކު ދަންނަވަންޖެހެނީ، އަޅުގަނޑަށާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޢާންމު ރައްޔިތުންގެ އެހީތެރިކަން އެދުވަހު ލިބެމުންދިޔައީ ވަރަށްމަތީ ދަރަޖައަކަށޭ. އެދުވަހު އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ތިބި ގޭގެ މީހުންވެސް އަޅުގަނޑުމެންނަށް ކަންތައް ކޮށްދިނީ، ދުވަހަކުވެސް އަޅުގަނޑުމެން ހަނދާންނުނެތޭފަދަ ގޮތަކަށް. އަދި ސަރުކާރުގެ މަތީ ދަރަޖައިގެ އެހެން ބޭފުޅުންނަށްވެސް، ޢާންމު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވަމުން ދިޔައީ ވަރަށް މަތިވެރި އެހީތެރިކަމެއް. މިކަމަށްޓަކައި ޢާންމު ރައްޔިތުންނަށް އަޅުގަނޑު ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހި ރައްޔިތުން އަބަދުވެސް ޤައުމުގެ ސަލާމަތާއި އަމްނުއަމާންކަމަށް ސަމާލުވެވަޑައިގެން ތިއްބެވުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަތުވެދާނެ ނުރައްކަލަކަށް އަބަދުވެސް ތައްޔާރަށް ތިއްބެވުން. ދިވެހި ފަސްގަނޑުން ކިތަންމެ ކުޑަ ތަންކޮޅެއްވިޔަސް ބޭރު ބައެއްގެ އަތްދަށަށް ދިޔަނުދެއްވުން.