بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.

މިރޭ އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ޛަރީޢާއިން ތިޔަބޭފުޅުންނާ މި ބައްދަލުކުރަނީ، ވަރަށް މުހިންމު މައްސަލައަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް.

އާދެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި، ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު، ހަތިޔާރާއެކު މާލެ އަރައި، ހިންގި ޢުދުވާނީ ޙަމަލާއަކީ، ރާއްޖޭގެ ތާރީޚުގައި، އޭގެ މިސާލެއްވެސް ފެންނަން ނެތްފަދަ ނުރައްކާތެރި ޙަމަލާއެއް. އެ ޙަމަލައިގެ ސަބަބުން، އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ވަނީ ޝަހީދުވެ ގޮސްފައި. އެ ޙަމަލައިގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ސަލާމަތްކަމަށް ވަނީ، ވަރަށްބޮޑު ލޮޅުމެއްއަރާފައި. އަދި މިނޫންވެސް އެތައް ގެއްލުންތަކެއް ވަނީ މުޅި ދިވެހި އުންމަތަށް ލިބިފައި.

އެދުވަހުގެ އެ ޢުދުވާނީ ހަމަލައިގައި، އެ ޣަދަރުވެރި ބާޣީންނަށް ކާމިޔާބުވިނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔައީސްކަން ޔަޤީން. އަދި ރާއްޖޭގެ ވެރިކަމުގެ އާރާއި ބާރު ގެއްލި، ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ވެއްޓުނީސްކަން ކަށަވަރު.

ނަމަވެސް، އެންމެހައި ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ اللهُ سُبْحَانَهُ وَتَعَالَىގެ ޙިކްމަތްވަންތަކަން، އެހެން ހުރިހާ ބާރުތަކަށްވުރެ މާ މަތިވެރި. އެހެންކަމުން، އެމަކަރުވެރި ބާޣީންގެ ހުރިހާ ރޭވުންތަކެއްވެސް ދިޔައީ ފެނަށްވެގެން. އެމީހުންނަށް އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވުނު.

ނޮވެމްބަރު 3ގެ މި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން ހައްޔަރު ކުރެވުނު މީހުންނާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަންތައްތައް ހިންގަވަމުން ގެންދަވާފައިވާ ގޮތް، އެއީ މި ދަނޑިވަޅުގައި އަޅުގަނޑު ވަރަށް ޚާއްޞަ އުފަލަކާއެކު ފާހަގަކުރާ ކަމެއް. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެމީހުން ހައްޔަރު ކުރެވުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެމީހުންގެ ތަޙްޤީޤުތައް ކުރެވި، އެމީހުންނާމެދު ޝަރީޢަތް ހިންގައި، ނިޔާކަނޑައަޅައި އަދި ޙުކުމް ތަންފީޛު ކުރަމުން ގެންދިޔުމުގައި، ސަރުކާރުގެ ފަރާތުންނާއި އަދި ރާއްޖޭގެ ޢާންމު ރައްޔިތުންގެ ފަރާތުން އެމީހުންނާމެދު ކަންތައްތައް ބަހައްޓަވަމުން ގެންދަވާފައިވަނީ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާ އެކުގައި. އިންސާނީ ޙައްޤުތަކަށް ރައްކާތެރިވުމާ އެކުގައި. ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން. މިއީ، މުޅި ދުނިޔެއަށް ރާއްޖެއިން ދެއްކި ވަރަށްވެސް ފުރިހަމަ ނަމޫނާއެއް. އެކަމުގެ ތަޢުރީފް ރާއްޖެއަށް އަބަދުވެސް ލިބޭނޭ މިސާލެއްވެސްމެ.
ކުޑަވެސް ޝައްކެއްނެތް، ދިވެހިރާއްޖޭގެ ހައިކޯޓުން ބާޣީންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމަކީ، އެމީހުން ކުރި ކުށުގެ ބޮޑުކަމާއި، ލިބުނު ގެއްލުންތަކަށް ބަލާއިރު، ޝަރުޢީ ގޮތުންނާއި، ޤާނޫނީގޮތުން އެމީހުންނަށް އެންމެ ޙައްޤު ޙުކުމް. މިކަން އަޅުގަނޑު ގަބޫލުކުރަނީ، ހިތުގެ އެންމެ އަޑިން.

މިހާރު ތިޔަ އެންމެހައި ބޭފުޅުންނަށްވެސް އެނގިވަޑައިގެންފައިވާނޭ ފަދައިން، މިދެންނެވި ބާޣީންގެ ތެރެއިން، އެމީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިފައިވާ ދިވެހީންގެ 4 މީހުންނާއި، ސްރީލަންކާގެ 12 މީހުން ވަނީ، އެމީހުންގެ އަދަބު ލުއިކޮށްދިނުން އެދި އަޅުގަނޑަށް އިލްތިމާސްކޮށްފައި. އެއީ، ރާއްޖޭގެ ޤާނޫނުއަސާސީން ކުށްވެރިންނަށް ލިބިދީފައިވާ ޙައްޤެއް.

އެހެންކަމުން، މިދެންނެވި 16 މީހުންގެ އިލްތިމާސް އަޅުގަނޑު ބަލަމުން ގެންދިޔައީ، އެކަމާމެދު ވަރަށް ފުންކޮށް ވިސްނަމުން. އެކަމުގައި ހިމެނޭ ތަފާތު މައްސަލަތަކާމެދު ފިކުރު ހިންގަމުން. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދާއިރާގައިވެސް އެކަށީގެންވާ މިންވަރަކަށް މިވަގުތު ޙަރަކާތްތެރިވަމުންދާ ޤައުމަކަށްވާތީ، މި މައްސަލަ ނިންމާއިރު މިކަމަށްވެސް ޚިޔާލުކުރަންޖެހޭ.

އާދެ، ކުށްވެރިންނަށް ޢަފޫކުރުމާއި އަދަބު ލުއިކޮށްދިނުމުގެ ޙައްޤު ޤާނޫނު ލިބިދީފައިވަނީ ޚުދް ރައީސުލްޖުމްހޫރިއްޔާއަށް. މިކަން އޮތީ މިހެން ކަމުގައިވިޔަސް، މިބާވަތުގެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ވިސްނަންޖެހޭނެ ކިތަންމެ ކަމެއް ހުންނާނެ ކަމުގައި ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

އެހެންކަމުން، މިކަމާމެދު އަޅުގަނޑު ވިސްނަމުން ގެންދިޔަ ގެންދިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ހިނގަމުންދާ ޝުޢޫރުތައް ވަޒަންކުރެވޭތޯ އަޅުގަނޑު ވަރަށްބޮޑަށް ބެލިން. އެކަމުން އަޅުގަނޑަށް އެނގުނީ، އެހެން ކޮންމެ ކަމެކޭވެސް އެއްގޮތަށް، މިކަމުގައިވެސް ތަފާތު ޝުޢޫރުތަކާއި، ތަފާތު ޚިޔާލުތައް ހުންނާނެކަން. ނަމަވެސް، އަޅުގަނޑަށް ވިސްނުނުގޮތުގައި، އެތަފާތު ޝުޢޫރުތަކާއި، ޚިޔާލުތަކުގައި އެކުލެވިފައި ވާނީ ހަމަ އެއް މަޤްޞަދެއް. އާދެ، ޤައުމުގެ މަޞްލަޙަތު. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެގޮތް.

މި މައްސަލައިގައި އޮތީ ދެގޮތުންކުރެ އެއްގޮތް. އެއްގޮތަކީ، މެރުމުގެ އަދަބު ދިނުމަށް ޝަރީޢަތުން ޙުކުމް ކުރެއްވި މީހުންގެ ޙުކުމް، އެގޮތުގެ މަތިން ތަންފީޛު ކުރުން. މިއީ، ކުރިއަށް އޮތް ތާނގައި، ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށްޓަކައި ޢަމަލުކުރަންޖެހޭނެ ގޮތް ކަމުގައި އެއްބަޔަކަށް ފެނިދާނެ. އަނެއްގޮތަކީ މަރުގެ އަދަބު ދިނުމަށް ކުރައްވާފައިވާ ޙުކުމް، އެނޫން އަދަބަކަށް ބަދަލުކޮށްދިނުން. މިއީ، މީގެކުރިން ސިޔާސީ ކުށެއްގެ އަދަބެއްގެ ގޮތުން، މެރުމުގެ އަދަބު ދީފައިވާ އެއްވެސް ފަހަރެއް ރާއްޖޭގެ ތާރީޚުން ފެންނަން ނެތުމާއެކު، ޢަމަލުކުރުން އެންމެ އެކަށީގެންވާ ގޮތް ކަމުގައި އަނެއްބަޔަކަށް ފެނިދާނެ. މި ދެގޮތުންކުރެ ކޮންމެ ގޮތަކަށް މައްސަލަ ނިންމިޔަސް، އެ ނިންމާ ގޮތަކާ ދޭތެރޭގައި ނުރުހޭ ކިތަންމެ ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމާއެކު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު މި މައްސަލަ ނިންމާއިރު، ވިސްނަންޖެހޭނީ، އެ ނިންމާ ގޮތަކުން އުފެދިދާނެ ވަގުތީ ޝުޢޫރުތަކަކަށްވުރެ ބޮޑަށް، ދިގު މުއްދަތެއްގައި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އޮތް ގޮތެއްގެ މައްޗަށް ކަމުގައި އަޅުގަނޑު ދެކެން.

ވީމާ، މިރޭ އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނާ މިބައްދަލުކުރަނީ، މި މައްސަލައިގައި ވަރަށްގިނަ ދުވަހު ވިސްނުމަށްފަހު، އަޅުގަނޑު ނިންމިގޮތް ދަންނަވާލުމަށް. އަޅުގަނޑު މި ނިންމީ، ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ބެހޭ ޝަރީޢަތުގައި، އެމީހުންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރެވިފައިވާ ދިވެހީންގެ 4 މީހުންނާއި، ސްރީލަންކާގެ 12 މީހުން، އެމީހުންގެ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިލްތިމާސް އަޅުގަނޑު ގަބޫލުކުރުމަށް. އަދި އެމީހުންގެ އަދަބު، ޢުމުރަށް ޖަލަށްލުމަށް ބަދަލުކުރުމަށް.

އަޅުގަނޑު މިހެން ދަންނަވާއިރު، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދެމުންދާނޭ ޝުޢޫރުތައް އަޅުގަނޑުގެ ހިތަށްގެނެވޭ. ވަކީން ޚާއްޞަކޮށް، ނޮވެމްބަރު 3ގެ އެ އަނިޔާވެރި ބާޣީންގެ ރަޙްމެއް ނެތް ޙަމަލާތަކުން ޝަހީދުވި ހިތްވަރުގަދަ މުޖާހިދުންގެ ޢާއިލާތަކުގެ މެންބަރުންގެ ހިތުގައި ކެކިއުތުރި އަރަމުންދާނެ ޝުޢޫރުތައް އަޅުގަނޑަށް ވަޒަންކުރެވޭ.

ނަމަވެސް މިވަގުތަކީ، ވަކިބައެއްގެ އިޙްސާސްތަކުގެ މައްޗަށް ކަންތައް ނިންމަންވީ ވަގުތެއް ނޫން. މިވަގުތު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަންވީ ޤައުމުގެ މަޞްލަޙަތަށް. މިވަގުތު އަޅުގަނޑުމެން އަޅާ ފިޔަވަޅެއް އަޅަންވީ، ހަމައެކަނި މިއަދަށްޓަކައެއް ނޫން. މާދަމާއަށާއި، އަންނަން އޮތް ދުވަސްތަކަށްޓަކައިވެސްމެ.

އަޅުގަނޑު މިގޮތަށް މިނިންމީ، ކުރީގައިވެސް ދެންނެވި ފަދައިން، ވަރަށް ފުންކޮށް ވިސްނުމަށްފަހު، ހުރިހާ ކަމަކަށްވުރެ އެންމެ އިސްކަންދޭންވީ ކަމަކީ، ޤައުމުގެ މަޞްލަޙަތު ކަމަށް ބަލާފައި. މިކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ހިމެނިފައެއް ނުވާނެ. އަޅުގަނޑު މިހެން މިނިންމީ، ރާއްޖޭގެ ތާރީޚުގައި، މީގެކުރިން ދުވަހަކުވެސް ހިނގާފައި ނެތް ކަމެއް، އާދެ، ސިޔާސީ ކުށެއްގެ ބަދަލުގައި، މީހުންނަށް މަރުގެ އަދަބު ދިނުން، އެއީ މިއަދުގެ ސަރުކާރުން ފަށްޓާ ކަމެއް ކަމުގައި ހަދަން އަޅުގަނޑަށް ނުފެންނާތީ. މި ލޭ އޮހޮރުވުމެއް ނެތް ދިވެހި ފަސްގަނޑަށް، ސިޔާސީ ކަމެއްގައި، އެންމެ ފުރަތަމަ، ސަރުކާރުގެ ފަރާތުން ލޭ އޮހޮރުވާ ބަޔަކީ، މިޖީލުގެ ދިވެހިން ކަމުގައިވާން އަޅުގަނޑަށް ނުރުހެވޭތީ. ވީމާ، އަޅުގަނޑު އެދެނީ،އަޅުގަނޑުގެ މި ނިންމުމަކީ ޤައުމުގެ މަޞްލަޙަތަށްޓަކައި، އިޚްލާޞްތެރިކަމާއެކު ނިންމި ނިންމުމެއް ކަމުގައި ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރެއްވުން.

މާތްﷲ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު، ބޭރުގެ ޢަދާވާތްތެރީންގެ ކިބައިން އަބަދުގެ އަބަދަށް ރައްކާތެރި ކުރައްވާށި! ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތްކޮށް ދެމެހެއްޓުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެން ދިވެހިންނަށް ދެއްވާށި! އަޅުގަނޑުމެންގެ މެދުގައި ލޯތްބާއި އުޚުއްވަތްތެރިކަން އިތުރުކުރައްވާށި! އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ދުވަހަކުވެސް ލޭ އޮހޮރުވުމެއް ނުހިނގާ، އަމާންކަމާއި ޞުލްޙަވެރިކަމުގައި ދެމިއޮންނަ ރާއްޖެއެއް ކަމުގައި ލަހައްޓަވާށި! އާމީން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.