بسـم اللّه الرّحـمٰـن الـرّحيـم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلٰـى آلـه وَصَحْبِـهِ أجمعـين.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ޙަމަލާއިން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން.

ޝައްކެއްނެތް، އެ ދުވަހު ދިވެހިރާއްޖެއަށް ލިބުނު ފަތަޙައަކީ އަދި ނަޞްރަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ހެޔޮ ރަޙްމަތްފުޅުން ލިބުނު ފަތަޙައަކާއި ނަޞްރެއް. އެދުވަހު ދިވެހި ރައްޔިތުންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ރަޙްމަތުގެ ހިޔާވަހިކަން ނުލިބުނުނަމަ، އަދި އެކަލާނގެ ވާގިވެރިކަމުގެ ތައުފީޤު ނުލިބުނުނަމަ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިއަދު މިފަދަ އުފާވެރިގޮތެއްގައި މިދުވަހެއް ފާހަގައެއްނުކުރީސް.

އާދެ، ހުރިހާ ނިޢުމަތެއްގެ ވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ ދިވެހި ޤައުމަށް، ނޮވެމްބަރު 3 ގައި އެދެއްވި ފަތަޙައަކީ ޝައްކެއްނެތްގޮތުގައި، މި ޤައުމުގެ އާ ދިރުމެއް ކަމުގައި ވެގެން ހިނގައްޖެ. ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާވެގެންގޮސް، ދިވެހި ރައްޔިތުންނަކީ، ދިވެހިރާއްޖެ އަބަދަށްޓަކައި ސަލާމަތްކުރަން ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި ތިބުމަށް ދިވެހި ރައްޔިތުން ޢަޒުމް ކަނޑައެޅި ޙާދިޘާއަކަށް ނޮވެމްބަރު 3 ވެގެން ހިނގައްޖެ. އެހެންކަމާއެކު، އެ މަތިވެރި ނަޞްރު، އެ މަތިވެރި ކާމިޔާބީ، އެ މަތިވެރި ފަތަޙަ ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމަކީ، އަޅުގަނޑު ހިތުން ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް.

އާދެ، އެއަށްފަހުގައި، މިމުހިންމު މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން. ޝައްކެއްނެތް، ދިވެހި ޤައުމަށް އެދުވަހު އެލިބުނު ނަޞްރަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ރަޙްމަތުން ލިބުނު ނަޞްރެއް ކަމުގައިވިޔަސް، އެކަމުގައި މެދުވެރިވި ބަޔަކީ ދިވެހި ރައްޔިތުން. އެކަމަށްޓަކައި ޖިހާދުކޮށް، އެމީހުންގެ ލޭ އޮހޮރުވާލި ބަޔަކީ ދިވެހި ރައްޔިތުން. އެހެންވީމާ، ދިވެހި ރައްޔިތުންނަށް އެ ޙައްޤުވެގެންވާ ފަޚްރު އެމީހުންނަށް އިޙްސާސްވަމުންދާހިނދު، މިފަދަ މުހިންމު ޤައުމީ މުނާސަބަތެއްގައި އެކަން ފާހަގަކޮށް، ދިވެހި ރައްޔިތުންނަށް ޙައްޤުވެގެންވާ ތަހުނިޔާއާއި، ޝުކުރާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ އެބޭނުމާ ދޭތެރޭގައި މާދިގުކޮށް އަޅުގަނޑަކަށް ވާހަކަ ދައްކާކަށެއް ނުޖެހޭ. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ފަޟީލަތުއްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ ވަރަށް ބަލާޣާތްތެރި ގޮތެއްގައި، އެ ސަބަބު ބަޔާންކޮށްދެއްވައިފި.

އާދެ، އަޅުގަނޑު ހަމައެކަނި އިތުރުކޮށްލާނީ ވަރަށް ކުޑަކުޑަ ޢިބާރާތެއް. އެއީ، އަޅުގަނޑުމެން ނަޞްރުގެ ދުވަސް ފާހަގަކުރަނީ، އޭނާ އެ ވިދާޅުވި ސަބަބުތަކުގެ އިތުރަށް، އަޅުގަނޑުމެންގެ ތެރޭގައި މިއަދުގެ ދުނިޔެއާ ދޭތެރޭގައި ހޭލުންތެރިކަން އުފެއްދުމަށް ކަމުގައިވެސް ދަންނަވާލުން. އާދެ، މިއަދުގެ ދުނިޔެއަކީ އިއްޔެގެ ދުނިޔެއެއް ނޫން. މިއަދު ދުނިޔޭގެ ކަންތައްތައް ހިނގަނީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ކަންބޮޑުވެ ޙައިރާންވާފަދަ ގޮތަކަށް. ދުނިޔޭގެ އެކިއެކި ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތަށް ވިސްނާއިރު، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި، ސިޔާދަތާއި ސަލާމަތަކީ، އެކަމާ ދޭތެރޭގައި އެ ޤައުމެއްގެ ރައްޔިތުން ޣާފިލުވެ ތިބެވޭވަރުގެ އެއްޗަކަށްނުވޭ.

ދާދި މިދާކަށް ދުވަހު، ދުނިޔޭގެ ނިސްބަތުގައި ކުޑަ ޤައުމަކަށް ދިމާވި އަދި މިހާރުވެސް ދިމާވެފައިވާ ނުރައްކާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، ކުވައިތަކީ ދިވެހިރާއްޖެހާ ކުޑަ ޤައުމަކަށް ނުވިޔަސް، ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ޤައުމެއް. އެތާނގެ ރައްޔިތުންގެ ޢަދަދު، އެއް މިލިޔަންވެސް ނުވޭ. އެތާނގެ ފަސްގަނޑުގެ ގޮތުން ބަލައިލިޔަސް އެއީ، ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ތަނެއް. އެތަނަށް މި ދިމާވިގޮތް، ނުރައްކާ އެއިން އަޅުގަނޑުމެން މިއަދުވެސް ފިލާވަޅެއް ލިބިގަންނަންޖެހޭނެ. އެފަދަ ކަންތައްތައް އެއީ، މިއަދުގެ ދުނިޔޭގައި ވަމުންދާ ކަންތައްތަކެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް މީގެ ދެ އަހަރު ކުރިން އެފަދަ ކަމެއް އެދިމާވީ. އެހެން ނަމަވެސް، ﷲގެ ތައުފީޤާއި ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް ސަލާމަތްވެވުނީ. ކުވައިތަށް އަދި އެފަދަ ނަޞީބެއް މެދުވެރިއެއްނުވޭ. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ ކަމަކީ، މިފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ، މިއަދުގެ ދުނިޔޭގައި ކަންތައްތައް ހިނގާގޮތުގެ މައްޗަށް އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރުކުރުން ކަމުގައި. އަދި އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރުކޮށްގެން، ޤައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ބަލަބަލާ ތިބެންޖެހޭނެ ކަމުގައި. މިއީ، އަޅުގަނޑުމެންގެ މިއަދުގެ ޢަޒްމަކަށް ވާންވީ. އެހެންވީމާ، ނަޞްރުގެ ދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ ވަރަށް މުހިންމު ބޭނުންތަކެއް ޙާޞިލްކުރުމަށްޓަކައި.

އާދެ، ނޮވެމްބަރު 3 އެއީ ނަޞްރުގެ ދުވަހަކަށްވީ ކީއްވެތޯ؟ އެއީވެސް އެއާ ދޭތެރޭގައި ކުޑަކޮށް ނަމަވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމެއް. އެހެން މިދެންނެވީ، ބައެއް މީހުން ހިތަށްއަރާފާނެ. އެދުވަހު ރާއްޖެއަށް ލިބުނު ގެއްލުމަކީ ވަރަށްބޮޑު ގެއްލުމެކޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 19 މީހަކު ޝަހީދުވެގެން ހިނގައްޖެއޭ. އަދި އެނޫން ގޮތްގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށް ކުރިމަތިވި ދުވަހެކޭ ނޮވެމްބަރު 3 އަކީ. އެހެންވީމާ، އެ ދުވަސް އެއީ، ނަޞްރުގެ ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ ކީއްވެހޭ؟ މިއީ، ބައެއް މީހުންގެ ހިތަށްއެރުން އެކަށީގެންވާ ސުވާލެއް. އާދެ، އޭގެ ޖަވާބަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކިތަންމެ ބޮޑު ގެއްލުންތަކެއްވި ކަމުގައިވިޔަސް، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ލޮބުވެތި 19 ރައްޔިތެއްގެ ތާޒާ ލޭ، ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ކަމުގައިވިޔަސް، އެދުވަހަކީ، އެދުވަހު ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު އެކުރި މަސައްކަތާއި ޖިހާދުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނު ދުވަހެކޭ. އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަރުވެގެންދިޔަޔަސް، އަޅުގަނޑުމެންގެ ޤައުމު ސަލާމަތުން އޮތް އޮތުން، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތުން އޮތް އޮތުން ހިމެނޭނީ ވަރަށްބޮޑު ނަޞްރެއް ކަމުގައި. އެހެންވީމާ، އަޅުގަނޑުމެން އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި މި ފާހަގަކުރަމުން ގެންދަނީ.

އާދެ، އަޅުގަނޑުމެންގެ ތެރެއިން އެދުވަހު ޝަހީދުވެގެން އެދިޔަ މީހުންނަކީ ދިވެހި ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްލެވޭނެ އަބްޠާލުންތަކެއް. ސިފައިންގެ ތެރެއިން ޝަހީދުވެގެންދިޔަ 8 މީހުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވެގެންދިޔަ 11 މީހުން އެއީ، އެމީހުންގެ ހަނދާން އަބަދުވެސް އަޅުގަނޑުމެން އާކޮށް އާލާކުރަންޖެހޭނެ ބައެއް. އެމީހުން އެދުވަހު އެކުރި ޖިހާދާއި، އެވީ ޤުރްބާނީގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމަށް، އާ ދިރުމެއް ލިބިއްޖެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަދި އެމީހުންނަށްޓަކައި އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭނެ.

އާދެ، އަޅުގަނޑުމެންގެ ތެރެއިން އެ ޝަހީދުވެގެންދިޔަ މީހުން ޝަހީދުވެގެންދިޔައީ އެންމެ މާތްގޮތުގައި. އޭގެތެރެއިން އެއްވެސް މީހަކު ޝަހީދުވެގެންދިޔައީ ބިރުން ފިލަންދަނިކޮށެއް ނޫން. އެމީހެއްގެ މަޤާމުގައި އެމީހަކު ހުރެގެން، އެމީހަކު އަދާކުރަންޖެހުނު ވާޖިބެއް އަދާކުރުންމަތީ ދެމިހުއްޓާ. އެހެންވީމާ، އެމީހުންނަކީ އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭނެ ބައެއް. މިސާލެއްގެ ގޮތުން ދަންނަވަންޏާ، އެދުވަހު ސިފައިންގެ މައިގޭޓް ރައްކާތެރިކޮށް ބަލަހައްޓަން އެތާނގެ ޑިއުޓީގައި ހުރި ނުވަތަ ތިބި މީހުންނަކީ، މީގެކުރިން މިކަހަލަ އެއްވެސް ކަމެއްގެ ތަޖުރިބާ ލިބިފައިނުވާ، ވަރަށް ޒުވާން ކުދިންކޮޅެއް. އެހެން ނަމަވެސް، އެމީހުންނަށް އެއްވެސް ފަރާތަކުން އޯޑަރެއް އައުމުގެ ކުރިން އެމީހުންނަށް އެއައި ނުރައްކާ އިޙްސާސްވެގެން، އެމީހުން އަމިއްލައަށް އެ ނުރައްކަލާ ޙަމަލަދިނީ. ޙަމަލަދީގެން ހަނގުރާމަކޮށް، ޝަހީދުވީ.

އެހެންވީމާ، އެއިންވެސް އެނގޭ އެއްޗަކީ އެ މީހުންނަކީ، އެ މީހުންގެ މަޤާމުގައި ތިބެގެން، އެ މީހުންގެ ވާޖިބު އަދާކުރުންމަތީ ތިއްބާ ޝަހީދުވެގެންދިޔަ ބައެއްކަން. އަދި އެނޫނަސް އެ ދުވަހު ޝަހީދުވި އެންމެންނަކީވެސް، ކޮންމެ މީހަކުވެސް އެ މީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންދަނިކޮށް ޝަހީދުވި މީހެއް. އެހެންވީމާ، އަޅުގަނޑުމެން އެ މީހުންނަށްޓަކައި ފަޚްރުވެރިވާންޖެހޭނެ. އަދި އެ މީހުންގެ ޢާއިލާތަކުގެ އަފްރާދުންވެސް، އެ މީހުންގެ އަނބިދަރިންވެސް އެ މީހުންނަށްޓަކައި ފަޚްރުވެރިވާންޖެހޭނެ. އަޅުގަނޑުމެންގެ ޝަހީދުވީ މީހުންގެ ކުދިންނަށް އަޅުގަނޑުމެން ދަސްކޮށްދޭންވީ، އެމީހުންގެ ބައްޕައިންނަކީ ޤައުމަށްޓަކައި ވަރުގަދަ ޖިހާދެއްކޮށް ޝަހީދުވެގެންދިޔަ ބައެއްކަން. އެހެންވީމާ، އެއީ އެމީހުން ފަޚްރުވެރިވާންޖެހޭނެ ކަމެއްކަން. އެފަދަ ފަޚްރުވެރި މަޤާމުތަކެއް ޙާޞިލްކުރުމަށްޓަކައި އާދެ، ޤައުމު ދިފާޢުކުރުމުގައި، ޤުރްބާންވުމަށް ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި ތިބުމަށްޓަކައި އެ ކުދިންވެސް ތައްޔާރުވާންޖެހޭނެކަން.

ޝައްކެއްނެތް، އެ ދުވަހު ދިވެހިރާއްޖެއަށް އެ ލިބުނު މަތިވެރި ނަޞްރަކީ، ދިވެހި ރައްޔިތުންގެ އެންމެން ކުރި ޖިހާދެއްގެ ނަތީޖާ. ރައްޔިތުންގެ ތެރޭގައި ހިމެނޭ ތަފާތު ފެންވަރުތަކުގެ މީހުން. އެންމެ ފުރަތަމަ ސިފައިންގެ މީހުން. ދިވެހި ސިފައިން އެ ދުވަހު އެ ސާބިތުކޮށްދިނީ، ސިފައިންނަކީ އަބަދުވެސް ޤައުމަށްޓަކައި ޤުރްބާންވާން ތައްޔާރަށް ތިބި ބައެއްކަން. ހަމައެކަނި އެކަމަކީ އެ މީހުންގެ ހުވާގައި އޮންނަ ލަފްޡުތަކެއް ނޫންކަން. ދުލުން ބުނެލާ ބަހެއް ނޫންކަން. އެއީ ކަމެއް ދިމާވެއްޖެނަމަ، ފިސާރި ކެރިގެން ސާބިތުކަމާއެކު މުޅި ދުނިޔެއަށް ހާމަކޮށްދޭން އެމީހުން ތައްޔާރަށް ތިބި ޙަޤީޤަތެއްކަން. އާދެ، ދިވެހި ސިފައިން، ދިވެހި ޤައުމަށްޓަކައި އެ ދުވަހު އެ ކުރި ޖިހާދަކީ އަދި އެވީ ޤުރްބާނީއަކީ ދުވަހަކުވެސް ދިވެހި ތާރީޚުން ފިލައިގެންދާނެ ޖިހާދެއް ނޫން. އަދި ޤުރްބާނީއެއް ނޫން.

ނޮވެމްބަރު 3 ގައި ދިވެހި ޤައުމަށްޓަކައި މަސައްކަތްކުރީ ނުވަތަ ޖިހާދުކުރީ ހަމައެކަނި ސިފައިންނެއް ނޫން. ސިފައިންގެ އިތުރުން، ޢާންމުންގެ ވަރަށްގިނަ ބަޔަކުވެސް އެދުވަހު ވަރަށް އިޚްލާޞްތެރި، ފާހަގަކޮށްލެވޭ ކަހަލަ މަސައްކަތްތަކެއް ކުރި. އާދެ، އެދުވަހުގެ މިނުރައްކާތެރި ޙާދިޘާ ފެށުނީއްސުރެ މެދުކެނޑުމެއްނެތި ޢާންމު ރައްޔިތުންގެ ބައެއް މީހުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅަމުންގެންދިޔަ. އެމީހުންނަށް ކުރެވޭނީ ކޮން ކަމެއްތޯ ސުވާލުކުރަމުން ގެންދިޔަ. ސަރުކާރުން އެންގި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބިކަންވެސް އަންގަމުންގެންދިޔަ. އެމީހުންގެ އަތުގައި ހަތިޔާރެއް ނެތް ކަމުގައިވިޔަސް، އެމީހުން އެތިބީ ޤައުމަށްޓަކައި ޤުރްބާންވާން ތައްޔާރަށް ކަމަށް، ކަމާބެހޭ ފަރާތްތަކުގައި ދަންނަވަމުން ގެންދިޔަ. އެމީހުން ދަންނަވަމުން އެ ގެންދިޔަ ދެންނެވުންތަކަކީ، ހަމަ ޙަޤީޤަތުގައިވެސް އެމީހުންގެ ހިތުގެ ޝުޢޫރު. އެއްގޮތަކަށްވެސް އެމީހުންގެ ހިތުގައި ނެތް އެއްޗެއް ފާޅުކުރުމުގެ ގޮތުން އެންގި އެންގުންތަކެއް ނޫން. މީގެއިތުރުން، ޢާންމުންގެ ތެރެއިން ބައެއް މީހުންނަކީ، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދިން ބައެއް. ދިވެހި ޤައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި. އޭގެތެރޭގައި އެބައެއްގެ ނަންތައް އަޅުގަނޑު މިރޭ އަދި ފާހަގަނުކުރި ކަމުގައިވިޔަސް، އެމީހުން ކުރި ބައެއްކަހަލަ ޚިދުމަތްތަކުގެ ވާހަކަ ދަންނަވާލުމަކީ، އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އިންޑިޔާ ސިފައިން ދިވެހިރާއްޖެއަށް އަންނަން ހަމަޖެހުމާ އެކުގައި، އެފަރާތުން އެންގީ "އިންޑިޔާ ސިފައިން އަންނާނީ ހުޅުލެއަށޭ. ހުޅުލެއަށް ފޭބުމާއެކު، ހުޅުލެއިން މާލެއަށް އެމީހުން ގެންގޮސްދިނުމުގެ އިންތިޒާމުތައް، ކަލޭމެން ވާނޭ ހަމަޖައްސަން." އެކަން އަޅުގަނޑަށް އެނގުމާ އެކުގައި، އަޅުގަނޑު ސިފައިންގެޔަށް އެވާހަކަ އެންގިން. ހުރިހާ އިންތިޒާމުތަކެއް ކުރަން. އެހެން ނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސިފައިންގޭގެ ވަށައިގެން ތިބީ ޓެރަރިސްޓުންގެ މީހުން. ހަތިޔާރު ހިފައިގެން. ސިފައިންގެ މީހުންނަށް، ސިފައިންގެ މައި މަރުކަޒުން ނުކުމެގެން ކަންތައްތައް އިންތިޒާމު ކުރެވޭ ގޮތަކަށް ނޫން އެދުވަހު، އޭރު ކަންތައްތައް ހިނގަމުންދިޔައީކީ. އެހެންކަމުން، ޢާންމު ރައްޔިތުންގެ ބައެއް އަފްރާދުން ސިފައިންގެޔާ ގުޅަމުންދިޔަ ގުޅުމުގެ ތެރޭގައި، އެވާހަކަ ސިފައިންގެއިން އެމީހުން ގާތުގައި ބުނި. ބުނުމާ އެކުގައި، ބައެއް ފަރާތްތަކުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން، ވަރަށްގިނަ ދޯނިފަހަރު ތައްޔާރުކުރައްވައި، ހުޅުލޭގެ ފަޅުތެރެއަށް ގެންދެވި. ފުރަތަމަ، އިންޑިޔާ ސިފައިން އަންނާނެ ކަމަށް ލަފާކުރެވުނު ވަގުތަށްޓަކައި، އެވަގުތު ޖެހުމުގެ ކުރިން، އެ ދޯނިފަހަރު ހުޅުލޭގެ ފަޅުތެރެއަށް ގެންދެވި އެފަރާތުން. އެހެން ނަމަވެސް، ކަން ދިމާވިގޮތުން، އެގަޑީގައި އިންޑިޔާ ސިފައިންނަށް ނާދެވުމުގެ ސަބަބުން، ހުޅުލޭ ފަޅުތެރޭގައި އެކަހަލަ ދޯނިތަކެއް ހުރި ކަމުގައިވަންޏާ، އޭގެ ސަބަބުން ޓެރަރިސްޓުންނަށް ކޮންމެވެސްކަހަލަ އެއްޗެއް އެނގިދާނެ ކަމަށްވާތީ، ހުޅުލޭގެ ފަޅުތެރެއިން އެދޯނިފަހަރު ނެރެ ގެންދިޔައީ. ގެންގޮސްފައި، އަނެއްކާ އެރޭ އިންޑިޔާ ސިފައިން އައި ވަގުތު އެތަނަށް ގެންދިޔައީ. މިހުރިހާ ކަމެއް ރާވައި އިންތިޒާމުކޮށް ހެއްދެވީ، ބައެއް އަމިއްލަ ފަރާތްތަކުން. އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ފާހަގަކޮށްލަންޖެހޭނެ ކަމެއް.

ހަމައެއާއެކުގައި، އެދުވަހު ކަންތައްތައް ހިނގާދިޔަގޮތުގެ މަޢުލޫމާތު، ވަގުތުން ވަގުތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ޢާންމު ރައްޔިތުންގެ ވަރަށްގިނަ ބަޔަކު ދެމުންގެންދިޔަ. ސީދާ އަޅުގަނޑާވެސް ބައެއް މީހުން ގުޅަމުން ގެންދިޔަ. ކަންތައްތައް ވަމުންދާގޮތުގެ މަޢުލޫމާތު ދެމުން ގެންދިޔަ. ސިފައިންގެޔާވެސް ގުޅައި އަދި ދައުލަތުގެ އިސްވެރިންނާ ގުޅައި، އެބޭފުޅުންނަށް ކަންތައްތައް ހިނގަމުންދާގޮތް ދަންނަވައިދީ، އެބޭފުޅުން ބޭނުންފުޅުވާ މަޢުލޫމާތުތައް ހޯދައިދީ، އެމީހުންނަށް ލިބޭ ހުރިހާ މަޢުލޫމާތެއް އެބޭފުޅުންނަށް އަންގަމުން ގެންދިޔަ. މިގޮތުންވެސް ސަރުކާރުން ކަންތައްތައް ރޭވުމުގައި އެއީ، ވަރަށްބޮޑު އެހީއަކަށްވި.

ހަމަ އެއާއެކުގައި، އެދުވަހު ޒަޚަމްވީ މީހުންނަށް އެހީތެރިވުމުގެ ގޮތުން، ޢާންމު ރައްޔިތުންގެ ވަރަށްގިނަ މީހުން މަސައްކަތްކުރި. އެމީހުންގެ ފުރާނައަށް ނުވަތަ ޖާނަށް ލިބިދާނެ ނުރައްކަލަކަށް ނުބަލާ، މަގުމައްޗަށް ނުކުމެ، ޒަޚަމްވެފައި ތިބި މީހުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދިޔަ. ހޮސްޕިޓަލްގެ ޑަކްޓަރުންނާއި، ހޮސްޕިޓަލްގެ އިދާރާގެ ފަރާތުން އެދުވަހު ކަންތައް ކުރެއްވި ގޮތަކީ، ކޮންމެހެން އަޅުގަނޑު މިރޭ އެވާހަކަތަކުގެ ތަފްޞީލު ނުދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް އިޚްލާޞްތެރި، ބުރަ މަސައްކަތްތަކެއް.

މިގޮތުން ޢާންމު ރައްޔިތުންގެ ފަރާތުން އެދުވަހު ސަރުކާރަށް ލިބުނީ ވަރަށްވެސް މަތިވެރި އަދި އިޚްލާޞްތެރި ޚިދުމަތްތަކެއް. އެ ޚިދުމަތްތަކަކީ، ޙަޤީޤަތުގައި ސަރުކާރަށް އެކަނި ލިބުނު ޚިދުމަތްތަކެއް ނޫން. މުޅި ދިވެހި ޤައުމަށް ލިބުނު ޚިދުމަތްތަކެއް.

އާދެ، މާލޭގެ ރައްޔިތުން ފިޔަވައި، ރާއްޖެތެރޭގެ ރައްޔިތުންވެސް އެދުވަހު ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި. އާދެ، އެމީހުން އެތިބި ތަނުން ވަގުތުން ފުރައިގެން މާލެ އަންނަން ޤަޞްދުކުރި ކިތަންމެ ބަޔަކުވެސް ތިބި. އެހެން ނަމަވެސް، އެއްގޮތަކަށްވެސް އެއީ އެވަގުތު ކުރަންޖެހޭނެ ކަމެއް ނޫންކަމަށް މާލެއިން އެންގުމުން، އެމީހުން އެކަންތައްތައް ހުއްޓާލީ. އަދި އެނޫން ގޮތްގޮތުންވެސް މާލެއާ ގުޅައިގެން ޚަބަރުތައް އޮޅުންފިލުވައި، ސަރުކާރަށް ބޭނުންވެއްޖެ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބިކަން އެމީހުން އަންގަމުން ގެންދިޔަ. އަދި މުސްލިމުންގެ ޙައިޘިއްޔަތުން އެމީހުންނަށް ކުރެވެން އޮތް ވަރަށްބޮޑު މަސައްކަތެއް ކުރަމުންގެންދިޔަ. އާދެ، އެއީ ދުޢާކުރުން. ޝައްކެއްނެތް، ދުޢާއަކީ މުސްލިމުންގެ ހަތިޔާރުތަކުގެ ތެރެއިން އެންމެ ވަރުގަދަ ހަތިޔާރު. ކީރިތި ރަސޫލާ އަންގަވާފައިވަނީ "الدُّعَاءُ سِلَاحُ الْمُؤْمِنْ" "ދުޢާކުރުމަކީ މުއުމިން މީހާގެ ހަތިޔާރޭ." އެއީ، ވަރަށް މުހިންމު ހަތިޔާރެއް. އެހަތިޔާރުގެ ބޭނުން މުސްލިމް ދިވެހި ރައްޔިތުން އެދުވަހު ކުރަމުން ގެންދިޔައީ ވަރަށް މަތިވެރި ދަރަޖައަކަށް. ޝައްކެއްނެތް، اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ރަޙްމަތްފުޅާއި އެކަލާނގެ ނަޞްރު އަޅުގަނޑުމެންނަށް ލިބުމުގައި، އެ ދިވެހި އިޚްލާޞްތެރި މުސްލިމް ރައްޔިތުންގެ ދުޢާތައް، ކޮންމެވެސްވަރެއްގެ ޙިއްޞާއެއް ކުރާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، އެހެންކަމާއެކު، އަޅުގަނޑު ދަންނަވަންޖެހެނީ، އެދުވަހުގެ ޙަޤީޤީ ބަޠަލުންނަކީ ދިވެހި ރައްޔިތުންނޭ. އެދުވަހުގެ ޙަޤީޤީ ބަޠަލުންނަކީ ދިވެހި ރައްޔިތުންނޭ. ދިވެހި ރައްޔިތުންގެ އެންމެންނޭ. ދިވެހި މިނިވަންކަމާއި ސިޔާދަތަށްޓަކައި ފަޚްރުވެރިވާ އެންމެންނޭ. ދިވެހިރާއްޖެއަށް ބޭރުގެ ބަޔަކު އައިސް ވެރިވެގަތަނުދިނުމަށްޓަކައި މަސައްކަތް ކުރަން ތައްޔާރަށް ތިބި އެންމެންނޭ. އެހެން އަޅުގަނޑު މި ދަންނަވަނީ ޝައްކެއްނެތްގޮތުގައި، ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ އެގޮތަށް ތިބި ބައެއް ނޫން. އެއީ، އެދުވަހުގެ އެ ނުރައްކާތެރި ކަންތަކުގައި، ރާއްޖޭގެ މިނިވަންކަމަށް އުނިކަންދިނުމަށްޓަކައި، ރާއްޖޭގެ ސިޔާދަތު ނަގާލުމަށްޓަކައި، މަސައްކަތްކުރި ދިވެހިންތަކެއްވެސް ތިބި. އެހެން ނަމަވެސް، ރާއްޖޭގެ ވަރަށްބޮޑު އަޣްލަބިއްޔަތެއް، ރާއްޖޭގެ ވަރަށްބޮޑު އަޣްލަބިއްޔަތެއް ތިބީ ދިވެހި ޤައުމަށް އިޚްލާޞްތެރިކަންމަތީގައި. ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރަށް އިޚްލާޞްތެރިކަންމަތީގައި. ދިވެހި ޤައުމާއި ދިވެހި ރައްޔިތުން، ބޭރުގެ ނުރައްކާތެރި ޓެރަރިސްޓުންގެ އަތްދަށުން ސަލާމަތްކުރުމަށް ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި.

އާދެ، އެދުވަހު އެ ޓެރަރިސްޓް ޖަމާޢަތުން ދިވެހިންގެ ބަޔަކާ ގުޅިގެން ރާއްޖެއަށް އެ ދިން ޙަމަލާ ކާމިޔާބުވިނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި ރާއްޖޭގެ ޤައުމީ އަބުރާއި ޝަރަފަށް ވަރަށްބޮޑު އުނިކަމެއް އައިސްކަން ކަށަވަރު. اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ހެޔޮ ރަޙްމަތްފުޅުން އެ ނުބައި ރޭވުން ކާމިޔާބުނުވީ. ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން ބޮޑުކަމުން. ދިވެހި ރައްޔިތުންނާއި، ދިވެހި ސިފައިންކުރި ޖިހާދުގެ ނަތީޖާއެއްގެ ގޮތުން، اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ނަޞްރާއި ފަތަޙަ ދެއްވީ.

އާދެ، ދިވެހިންގެ ބަޔަކު ނޮވެމްބަރު 3ގެ ކަންތައްތައް ރާވައި ހިންގުމުގައި ބައިވެރިވި. އެހެންކަމާއެކު، ބައެއް މީހުންގެ ހިތަށްއަރާ ސުވާލެއް، އެއީ، ދިވެހިރާއްޖޭގެ ދާޚިލީ ކަމެއް ނޫންބާވައޭ؟ ހަމައެކަނި ހިތަށްއަރަނީކީ ނޫން. ބައެއް ފަރާތްތަކުން އެހެން ބުނަމުންވެސް ގެންދޭ. އަދި ބޭރުގެ ބައެއް ނޫސްތަކުގައި، އެގޮތަށް ބައެއް ޚިޔާލުތައް ޝާއިޢުކުރެވިފައިވެސްވޭ. އެހެން ނަމަވެސް، އެއީ ޙަޤީޤަތެއްތޯ ބަލައިލަމާ ހިންގަވާ.

އަޅުގަނޑަށް ދަންނަވަންޖެހެނީ، އެއީ ޙަޤީޤަތެއް ނޫނޭ. އެއްވެސް ހަމަޔަކުން ބަލާއިރު، ނޮވެމްބަރު 3ގެ ޙާދިޘާ އެއީ، ރާއްޖޭގެ ދާޚިލީ ކަމެއް ކަމުގައި ބުނެވޭކަށް ނެތޭ. އާދެ، އެހެން މިދަންނަވަނީ، ދިވެހިންގެ ބަޔަކު، ބޭރުން އެއައި ޓެރަރިސްޓުންނާ ގުޅިގެން އުޅުނު ކަމުގައިވިޔަސް، ޙަޤީޤަތުގައި އެދުވަހުގެ ބާރުއޮތީ، އެ ބިދޭސީންގެ އަތްމަތީގައި. ހަތިޔާރަކީ އެމީހުން ގެނައި ހަތިޔާރެއް. ކަންތައް ކުރަން ތިބީ އެމީހުން. ހަމައެކަނި ދިވެހިންގެ ބަޔަކު އެމީހުން ގޮވައިގެން އައީ. އެދުވަހު މާލެއެރުމާ އެކީގައި، އެ ޓެރަރިސްޓް ޖަމާޢަތުގެ ފަރާތުން ކަންތައް ކުރަމުން ގެންދިޔައީ އެމީހުން ބޭނުންވިގޮތަކަށް. އެއްގޮތަކަށްވެސް އެމީހުންނާ އެކުގައި އެ އުޅުނު ދިވެހިން ބުނިގޮތަކަށެއް ނޫން. މިކަން އެނގެނީ، އެމީހުންވެސް އަދި ދިވެހިންވެސް ތަޙުޤީޤަށް ދީފައިވާ ބަޔާންތަކުން. އެމީހުންނާ އެކުގައި އުޅުނު ދިވެހި ޚާއިނުންގެ މީހުން ދީފައިވާ ބަޔާންތަކުގައި ބުނެފައިވަނީ، ތިމަންނާމެން އެއްބަސްވެފައި އޮތީ، އެމީހުން މާލެއައިސް، އަދި އެމީހުންގެ އަތުގައި ހަތިޔާރު ހުރި ކަމުގައިވިޔަސް، އެހަތިޔާރު އެއްގޮތަކަށްވެސް ބޭނުންނުކުރާގޮތަށޭ. އެގޮތަށް އެއްބަސްވެގެން އައީ. އެހެން ނަމަވެސް، ހަމަ މާލެ ފޭބުމާ އެކީގައި، އެމީހުން ފުރަތަމައިންވެސް ފެށީ ބަޑިޖަހަން. އެ ހަތިޔާރުގެ ބޭނުންކުރަން. އެކަމުންވެސް އެނގޭ، ދިވެހިންގެ އަމުރު އެމީހުންގެ މައްޗަކަށް ނުހިނގާކަން. ޙަޤީޤަތުގައި މިކަމުގެ ހުރިހާ ރޭވުމެއްގެ ބޮޑުބައި އޮތީ، އެބިދޭސީންގެ އަތްމަތީގައިކަން.

އެހެންވީމާ، އެދުވަހު އެމީހުން އައިސް، ރާއްޖެއަށް އެ ދިން ޙަމަލާ ކާމިޔާބުވިނަމަ، ރާއްޖެ އޮތީހީ، އެ ބޭރުބައެއްގެ އަތްދަށުގައި. އެއްގޮތަކަށްވެސް އެމީހުން އެ ހީކުރިފަދައިން، ނުވަތަ ދިވެހިންގެ ތެރެއިން މިކަމުގައި ބައިވެރިވި މީހުން ހީކުރިފަދައިން، ދިވެހިންނަކަށް ދިވެހިރާއްޖޭގެ ވެރިކަމެއް ނުލިބުނީސް. ބޭރުގެ މީހުން އާދެ، ތަމަޅަ ޓެރަރިސްޓް ޖަމާޢަތުގެ މީހުން ރާއްޖޭގެ ވެރިކަން ކުރަމުން ގެންދިޔައީހީ އެމީހުން ބޭނުންވިހާގޮތަކަށް. އެމީހުން ބޭނުންވާ ހުރިހާ ކަންތައްތަކެއް ކުރަމުން. އޭގެތެރޭގައި އެމީހުންގެ ޖަމާޢަތަށް ރާއްޖެއިން ހަތިޔާރު ގެންދިޔުމާއި، ރާއްޖެ މެދުވެރިކޮށް، ޝްރީލަންކާއަށް ހަތިޔާރު އެތެރެކުރުމާއި، އެމީހުން އޭރު ޝްރީލަންކާގައި ހިންގަމުން ގެންދިޔަ ހަނގުރާމައަށް ފަހިވާގޮތަށް ކަންތައްތައް ރާވައި ހިންގުމާއި، އަދި ރާއްޖެއަށް ލިބޭ ފައިސާއިން ވަރަށްބޮޑު ބައެއް އެމީހުން ބޭނުންކުރުމާއި، ރާއްޖޭގެ ސަރަޙައްދުންވެސް އެމީހުން ބޭނުންވާ ބައިތައް އެމީހުން ބޭނުންކުރުމާ، މިކަހަލަ އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް، އެމީހުންގެ ރޭވުމުގައި ހިމެނިފައި އޮތީ. އެހެންވީމާ، އެކަމަކީ އެއްގޮތަކަށްވެސް ރާއްޖޭގެ ދާޚިލީ ކަމެކޭ ދެންނެވޭކަށް ނެތް. ހަމަ އެއާއެކުގައި ދަންނަވަންޖެހެނީ، މިހެން މިދަންނަވަނީ ހަމައެކަނި އަޅުގަނޑު ދަންނަވާ ވާހަކައެއްގެ ގޮތުގައެއް ނޫނޭ. މިކަން ދިރާސާކުރި ބޭރުގެ އެންމެންވެސް ބުނާގޮތުގައި، މިކަމަކީ ރާއްޖޭގެ ދާޚިލީ ކަމެއް ނޫން.

ނޮވެމްބަރު 3ގެ ޙާދިޘާގެ ފަހުން އ.ދ. މަޖިލީހަށް ރާއްޖެއިން ހުށަހެޅި ޤަރާރު، ކުދި ޤައުމުތަކުގެ ޙިމާޔަތާއި ސަލާމަތާބެހޭ ޤަރާރު. އެ ޤަރާރު ތައްޔާރުކުރުމުގައި އަޅުގަނޑުމެން ބޭރުގެ ބައެއް މާހިރުންގެ ޚިދުމަތް ބޭނުންކުރިން. އޭގެތެރެއިން ރާއްޖެއަށް ވަޑައިގެންނެވި އެއްބޭފުޅަކީ، ޑޮކްޓަރ ލިންޓަން ކިޔާ ބޭފުޅެއް. އޭނާ އެއީ، ކޮމަންވެލްތް ސެކްރެޓޭރިއަޓްގެ އިންޓަރނޭޝަނަލް އެފެއާޒް ޑިވިޜަންގެ އެސިސްޓެންޓް ޑިރެކްޓަރ. އޭނާއަކީ މަޝްހޫރު ޤާނޫނީ މާހިރެއް. އޭނާ މާލެ ވަޑައިގެން، މިކަންތައް ހިނގާދިޔަގޮތް ބައްލަވައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި، އަދި އެނޫންވެސް ފަރާތްތަކާ މަޝްވަރާ ކުރައްވައި ތައްޔާރުކުރެއްވި ރިޕޯޓުގައި ވިދާޅުވެފައި އޮތީ، ދިވެހިރާއްޖެއަކީ ވަރަށް އާދަޔާޚިލާފު ގޮތެއްގައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް ތަނެކޭ. އެއީ، ރައްޔިތުން އައިސްތިބި އަޞްލަށް ބެލިކަމުގައިވިޔަސް، އަދި އެމީހުންގެ ދީނީ ކަންތައްތައް ހުރިގޮތަށް ބެލިކަމުގައިވިޔަސް، އަދި އެމީހުން ގަބޫލުކުރާ އުޞޫލުތަކަށް ބެލިކަމުގައިވިޔަސް، ޙަޤީޤަތެކޭ. ރާއްޖޭގެ ރައްޔިތުންނަކީ އެކަތިގަނޑަކަށް ތިބި ބައެކޭ. އެމީހުންގެ މެދުގައި، އެމީހުން އައިސްތިބި އަޞްލާ ބެހޭގޮތުންވެސް އެއްވެސް ތަފާތެއް ނެތޭ. ހުރިހާ އެންމެންނަކީ އެއް އަޞްލަކުން އައިސްތިބި ބައެކޭ. އެމީހުން ޤަބޫލުކުރަނީ އެއް ދީނެކޭ. އެމީހުން ފަލްސަފާއެއްގެ ގޮތުގައި ނުވަތަ ޢާންމު އުޞޫލުތަކެއްގެ ގޮތުގައިވެސް ޤަބޫލުކުރަނީ އެއް ފަލްސަފާއަކާއި، އެއް އުޞޫލުތަކެކޭ. މިކަހަލަ ޤައުމެއްގައި މިފަދަ ބޮޑު ދާޚިލީ ހަމަނުޖެހުމެއް ހިނގާނެ ކަމަކަށް ނުފެނެއޭ. އަދި ދިވެހިރާއްޖޭގެ ތާރީޚުގައި މިކަހަލަ ދާޚިލީ ބައިބައިވުމެއް މީގެކުރިއަކުން ހިނގާފައެއް ނެތޭ. ރާއްޖެއަށް ކުރިމަތިވާނެ ނުރައްކަލަކީ، މިނޫން އެހެން ކުދިކުދި ޖަޒީރާ ޤައުމުތަކުގެވެސް ޒަހަރަކަށްވެފައިވާ މައްސަލައެއް. އެއީ، ބައެއް ރަށްތައް ވަކިވެގަތުމަށް މަސައްކަތް ކުރުން. އެޔޭ ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ނުރައްކަލަކީ. އެނޫން ގޮތެއްގައި ރާއްޖޭގެ ރައްޔިތުން ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ހަނގުރާމަކޮށް، ވެރިކަން ބަދަލުކޮށްލަން، މިހެން މަސައްކަތްކުރާ ޒާތުގެ އެއްވެސް ސަބަބެއް ރާއްޖެއަކުން ފެންނާކަށެއް ނެތޭ.

ހަމައެފަދައިން، މިކަމާ ބެހޭގޮތުން، ނޮވެމްބަރު 3ގެ ޙާދިޘާއާ ބެހޭގޮތުން އ.ދ.ގެ މަޖިލީހުން ކަނޑައެޅި ޤަރާރާ ގުޅިގެން، އ.ދ. މަޖިލީހުގައި ހިމެނޭ "ހިއުމަން ރައިޓްސް ކޮމިޝަން"، އާދެ، އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަން، އެތާނގެ ޚާއްޞަ މުޤައްރިރު ރާއްޖެ ވަޑައިގެންނެވި. ރާއްޖެ ވަޑައިގެން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަދި މިހާރު ޖަލުގައި ހައްޔަރު ކުރެވިފައި ތިބި، އެޙަމަލާގައި ބައިވެރިވި ބައެއް މީހުންނާވެސް ބައްދަލުކުރައްވައި، ވާހަކަ ދައްކަވައި ހައްދަވާފައި ވަޑައިގެން، ހުށަހެޅުއްވި ރިޕޯޓެއް މިހާރުވަނީ އ.ދ.މަޖިލީހަށް ހުށަހެޅިފައި.

އެ ރިޕޯޓުގައިވެސް އޭނާ ފާހަގަކުރައްވާ، މިކަމަކީ ރާއްޖޭގެ ދާޚިލީ ކަމެއް ނޫން ކަމުގައި. މިކަމަކީ އަވަށްޓެރި ޤައުމެއްގައި ހިނގަމުންދިޔަ ސިޔާސީ ހަނގުރާމައެއްގެ ނަތީޖާއެއްކަން. އާދެ، ޝްރީލަންކާގައި ހިނގަމުންދާ ނަސްލީ ހަމަނުޖެހުމުގެ ތެރެއިން ނުކުތް ކަމެއް ކަމުގައި. އެހެންވީމާ، މި ހުރިހާ އުޞޫލުތަކަކުން ބަލާއިރުވެސް އަދި މިހުރިހާ ބޭފުޅުންގެ ދިރާސާތަކަށް ވިސްނާއިރުވެސް، މިކަމަކީ ރާއްޖޭގެ ދާޚިލީ ކަމެއް ނޫން. ރާއްޖޭގެ ދާޚިލިއްޔަތުގައި މިކަހަލަ ކަމެއް އުފެދޭނެ އެއްވެސް ސަބަބެއް ނެތް. ދުނިޔޭގެ އެހެން ތަންތާނގައި މިކަހަލަ ބޮޑެތި މައްސަލަތައް ދިމާވަނީ، މީހުންގެ މެދުގައި ކުރިންވެސް ދެންނެވިފަދަ ބޮޑެތި ތަފާތުތައް ހުރެގެން. ތަފާތު އަޞްލުތަކުން މީހުން އައިސްފައި ތިބީމާ ނުވަތަ ތަފާތު ބަސްބަހުން ވާހަކަދައްކާ ޖަމާޢަތްތައް، އެ ޤައުމުގެ ރައްޔިތުންގެ ތެރޭގައި ތިބީމާ. ނޫނީ ތަފާތު ދީންތަކުގެ އަހުލުވެރިން ތިބީމާ. އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށް ވިސްނާލިޔަސް، މިކަން ވަރަށް ރަނގަޅަށް އެނގޭނެ. އޮޅުދޫކަރައިގެ ކަންތައް އޮތްގޮތް. އެއީ، ނަސްލީ ހަމަނުޖެހުމެއް. ދެން މިހާރު އުތުރުކަރައިގައި ހިނގަމުންދާ ކަންތައްތަކަށް ވިސްނަވައިލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ. އޭގެތެރޭގައި، ދީނީ ހަމަނުޖެހުންތައްވެސް އެބައުޅޭކަން. އަދި ބައެއް އެހެން ޤައުމުތަކުގައި ވާހަކަދައްކާ ބަހުގެ ސަބަބުންވެސް މިކަހަލަ ބޮޑެތި ސިޔާސީ ހަމަނުޖެހުން އުފެދިފައި އެބަހުރި. މިކަހަލަ އެއްވެސް ކަމެއް ދިވެހިރާއްޖެއަކު ނެތް. އެހެންވީމާ، ދިވެހިރާއްޖޭގައި މި ހިނގި ޙާދިޘާއަކީ، ފަހަރެއްގައިވެސް ރާއްޖޭގެ އެތެރެއިން ނުކުމެގެންދިޔަ ޙާދިޘާއެއް ކަމުގައި ދެންނެވޭކަށެއް ނެތް.

އާދެ، ކޮންމެއަކަސް ނޮވެމްބަރު 3ގެ ޙާދިޘާ ރާއްޖެއަށް ކުރިމަތިވެގެން، ރާއްޖެ އެކަމާ ދޭތެރޭގައި ޢަމަލުކުރިގޮތުން، ރާއްޖެއަށް ލިބިފައިވަނީ ރީތި ނަމާއި ތާރީފް. ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް އިތުރު މުހިންމު ކަމެއް ލިބިގެން ހިނގައްޖެ. ކުރިންވެސް ދެންނެވި ފަދައިން، ކުދި ޤައުމުތަކުގެ ސަލާމަތާއި ޙިމާޔަތާބެހޭ ޤަރާރެއް، ދިވެހިރާއްޖެއިން އ.ދ. މަޖިލީހަށް ހުށަހަޅައި، އެޤަރާރު މިހާރުވަނީ އ.ދ. މަޖިލީހުގެ އިއްތިފާޤުން ފާސްވެފައި. އަދި އެޤަރާރު އެންމެ ފުރަތަމަ ބަޙުޘްކުރީ، އ.ދ.ގެ ޚާއްޞަ ސިޔާސީ ކޮމިޓީން. އާދެ، ސްޕެޝަލް ޕޮލިޓިކަލް ކޮމިޓީގައި އެބަޙުޘް ހިނގަމުންދިޔައީ. ހިނގަމުންދިޔައިރު، އެބަޙުޘްގައި ބައިވެރިވި ހުރިހާ މަންދޫބުންވެސް މިކަން ދިވެހި ސަރުކާރުން ގެންދިޔަގޮތާ ދޭތެރޭގައި ހިތްހަމަޖެހިގެން، އެކަމަށް ތާރީފުކޮށް، އެވާހަކަ ދައްކާފައިވޭ. އަދި އެހުރިހާ އެންމެން މިޤަރާރަށް ތާއީދުކޮށް ވޯޓުވެސް ދީފައިވޭ. އާދެ، އެޤަރާރާ ދޭތެރޭގައި، އ.ދ. މަޖިލީހުގެ މިދެންނެވި ސިޔާސީ ޚާއްޞަ ކޮމިޓީން ވާހަކަ ދައްކައި، އެޤަރާރު ފާސްކުރީ 1989 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު. ހަމަ އެދުވަހު، ދުނިޔޭގެ ނޫސްތަކުގައި ޖެހި ޚަބަރެއް އަޅުގަނޑުގެ އަތުގައި މިތާ އެބައޮތް. ކޮންމެހެން އެޚަބަރު އޮތްގޮތަށް ދަންނަވާލާކަށެއް ނޫން. އެހެން ނަމަވެސް، އޭގައި މިބުނަނީ "ކުދިޤައުމުތަކުގެ ސަލާމަތާއި ޙިމާޔަތާ ބެހޭގޮތުން އ.ދ.ގެ ޢާންމު ޖަލްސާއަށް ދިވެހިރާއްޖެއިން ހުށަހެޅި ޤަރާރު، އ.ދ.ގެ ޚާއްޞަ ސިޔާސީ ކޮމިޓީން މިއަދު އިއްތިފާޤުން ފާސްވެއްޖެއޭ. މިޤަރާރު ރާއްޖެއާ އެކުގައި ކޯ ސްޕޮންސަރ ކުރި 55 ޤައުމުވެއޭ. އަދި މިޤަރާރާ ދޭތެރޭގައި ވާހަކަ ދެއްކުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކުން، ދިވެހިރާއްޖެ މިކަމުގައި އިސްނެގި އިސްނެގުމަށް މަރުޙަބާ ކިޔައި، ތާރީފް ކޮށްފައިވެއޭ. ހަމަ އެއާއެކުގައި، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ހަތިޔާރުއެޅި ޙަމަލަ، އެ ހުރިހާ ފަރާތްތަކަކުން ކުށްވެރިކުރިއޭ."

އެހެންވީމާ، ޔޫ.އެން.ގެ ދާއިރާގައި، އާދެ، އ.ދ. މަޖިލީހުގެ ދާއިރާގައިވެސް ރާއްޖޭގެ މި އިސްނެގުމަށް ވަރަށްބޮޑު ތަރުޙީބެއް ލިބުނު. ވަރަށްގިނަ ޤައުމުތަކުން އެކަން ފާހަގަކޮށް، އެކަމަށް ދިވެހިރާއްޖެއަށް ތަހުނިޔާ ކިޔައި ހެދި. ޚާއްޞަކޮށް، މިކަހަލަ ކަންތައްތައް މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ކަންތައްތައް ނޫން ކަމުގައިވާތީ. މުސްތަޤްބަލުގައިވެސް ކުދި ޤައުމުތަކަށް ކުރިމަތިވެދާނެ ކަމެއް މިއީ. އަޅުގަނޑުމެންގެ މި ޤަރާރު ފާސްވިފަހުން ކުވައިތުގެ މައްސަލަވެސް އެދިމާވީ. މިހާރު އަޅުގަނޑުމެން މި ހުށަހެޅި ޤަރާރުގައި ގޮވާލާފައި ވަނީ، ބައިނަލްއަޤްވާމީ ޖަމާޢަތަށް ގޮވާލާފައިވަނީ ކުދި ޤައުމުތަކުގެ ސަލާމަތާއި ޙިމާޔަތާ ބެހޭގޮތުން، އ.ދ.މަޖިލީހުން ގޮތްތަކެއް ނިންމަން. އެ ނިންމާ ގޮތްތައް ނިންމުމުގެ ކުރިން، ހުރިހާ ޤައުމުތަކުގެ ސަރުކާރުތަކާ މަޝްވަރާ ކުރަން. އ.ދ. މަޖިލީހުގެ ސެކްރެޓެރީ ޖެނެރަލް މިހާރު އެ މަޝްވަރާތައް ކުރައްވަމުން ގެންދަވަނީ. ދުނިޔޭގެ ޤައުމުތަކާ މަޝްވަރާ ކުރައްވައިގެން، ކޮންކަހަލަ އުޞޫލުތަކެއްތޯ، އ.ދ. މަޖިލީހުން ކަނޑައަޅަންވީ. އަޅުގަނޑުމެން ފަދަ ކުޑަ ޤައުމަކަށް މުސްތަޤްބަލުގައިވެސް މިފަދަ ނުރައްކާތެރި ކަމެއް ދިމާވެއްޖިއްޔާ، އެޤައުމަކަށް އ.ދ. އިން ވެވޭނެ އެހީއާ ބެހޭގޮތުން. ކޮންކަހަލަ އެހީއެއްތޯ ވެވޭނީ. ކޮންކަހަލަ ގޮތްތަކެއްތޯ ރާވާނީ. މިކަމާ ބެހޭގޮތުން މިހާރު އ.ދ. މަޖިލީހުގެ ސެކްރެޓެރީ ޖެނެރަލް، ދުނިޔޭގެ ޤައުމުތަކާ މަޝްވަރާ ކުރައްވަމުން ގެންދަވަނީ. އޭނާ މަޝްވަރާ ކުރައްވާފައި، ފެނިވަޑައިގެންނެވި ގޮތް، މި އަންނަ އަހަރުގެ ޢާންމު ޖަލްސާއަށް ހުށަހަޅުއްވާ ގޮތަށް، މިދެންނެވި ޤަރާރުގައި ފާސްވެފައިވޭ.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އެދުވަހު އަޅުގަނޑުމެންނަށް ކިތަންމެ ނުރައްކާތެރި ޙަމަލައެއް ދިމާވި ކަމުގައިވިޔަސް، އެކަން ﷲގެ ވާގިފުޅާއެކު، ދިވެހިރާއްޖެ ގެންދިޔަގޮތުން، ދިވެހިރާއްޖެއަށް ރީތި ނަމާއި ފަޚްރު، ބައިނަލްއަޤްވާމީ މަސްރަޙުގައި މިހާރު ލިބެމުން އެބަދެއޭ.

އާދެ، އ.ދ. މަޖިލީހުގެ ދާއިރާގައި، ބައެއް ޢިއްޒަތްތެރިން ދައްކަވާ ވާހަކަފުޅުތަކުގައިވެސް އަދި އަޅުގަނޑުމެންގެ ދިވެހި ވަފްދާ ގުޅުއްވާފައި، ބައެއް ޤައުމުތަކުގެ މަންދޫބުން ދައްކަވާފައި ހުރި ވާހަކަތަކުންވެސް، މިކަން ވަރަށް ރަނގަޅަށް ދޭހަވޭ.

އާދެ، ޝްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރާ، މިހާރުގެ އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިން އެ ޙަމަލަ ދިން ޖަމާޢަތުގެ ސިޔާސީ ބައިގެ ވެރިޔާ ދާދިފަހުން ބައްދަލުކުރި. އާދެ، އެއީ ޕްލޮޓް ޖަމާޢަތް. މިހާރު އެމީހުން ހަތިޔާރު ބަހައްޓާފައި، އޮޅުދޫކަރައިގެ ސިޔާސީ މަސްރަޙުގެ ތެރެއަށް ވަދެއްޖެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި، އެމީހުންގެ ޕާޓީއެއް މިހާރުވަނީ ރަޖިސްޓަރީ ކޮށްފައި. އެބައިގެ ޒަޢީމް، މިދޭތެރެއަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ހައިކޮމިޝަނަރާ ބައްދަލުކޮށް، ދިވެހި ސަރުކާރަށް އަންގައިދޭން އޭނާ އަރިހުގައި ވާހަކަތަކެއް ދެންނެވި. އެވާހަކަތަކުގެ ޚުލާޞާއަކީ، އޭރު ޕްލޮޓް ޖަމާޢަތުގެ ފަރާތުން ދިވެހިރާއްޖެއަށް ޙަމަލަދިންއިރު، އެޖަމާޢަތުގެ ލީޑަރޝިޕްގައި ހުރި އެއްވެސް މީހަކު މިހާރު އެޖަމާޢަތުގެ ލީޑަރޝިޕްގައެއް ނެތޭ. އެ އެންމެންވަނީ ވަކިވެގޮސްފައޭ. އެހެންވީމާ، މިހާރު އެޖަމާޢަތުގެ ލީޑަރުންގެ ގޮތުގައި ތިބި މީހުންގެ ސީދާ މަސްއޫލިއްޔަތެއް، ދިވެހިރާއްޖެއަށް މިކުރިމަތިވި ޢުދުވާނީ ޙަމަލާގައި ނެތް ކަމުގައިވިޔަސް، މިކަމުގެ މޯރަލް ރެސްޕޮންސިބިލިޓީ، އާދެ، އެކަމުގައި އެމީހުން ނުސީދާގޮތުން ވާންޖެހޭ ޒިންމާދާރީވުން ތިމަންނާމެން ވަމޭ. އަދި މިކަން ތިމަންމެންގެ ޖަމާޢަތުގެ ބަޔަކު ރާއްޖޭގައި ހިންގި ކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރަމޭ. ދިވެހި ސަރުކާރުން އެކަންތައް ގެންދެވިގޮތް ކިތަންމެހާވެސް ރަނގަޅޭ. އެއީ، އެހެން ތަންތާނގައިވިއްޔާ، މިފަދަ ކަމެއް ކުރާ ބަޔަކާ ދޭތެރޭގައި، އެތަންތާނގެ ރައްޔިތުންނާއި ސަރުކާރުން ކަންތައް ކުރާގޮތް ވަރަށް ތަފާތޭ. އެއީ، އެހެން ތަންތާނގައި މިކަހަލަ ކަމެއް ހިނގައިގެން، އެ ކުށްވެރިވާ ބަޔަކު ހިފައި ހައްޔަރު ކުރެވޭއިރު، އޭގެތެރެއިން އެތައް ބަޔަކު މަރުވެގެންދާނެ. އެތައް ބަޔަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ. ރާއްޖޭގައި އެހެނެއްނުވި. ރާއްޖޭގައި އެ އެންމެން ހައްޔަރުކޮށް، އެ އެންމެންނާމެދު ތަޙުޤީޤު ހިންގައި، ޝަރީޢަތް ހިންގައި ނިމިދިޔައިރުވެސް، އެއިން މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބޭ. އަދި އެމީހުންނަށް އެއްވެސްކަހަލަ އަނިޔާއެއްވެސް ނުކުރޭ. ތެދުފުޅެއް، ބިޑިއަޅާ، މިކަހަލަ ކަންތައް ކުރަންޖެހުނު. އެހެން ހަދަންޖެހޭނެ، ރާއްޖޭގެ ސަލާމަތަށްޓަކައި. ރާއްޖޭގެ ސަލާމަތް ޙިމާޔަތް ކުރުމަކީ، އޭރު ސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެބޮޑު މައްސަލަ. އެކަހަލަ ބޮޑު މައްސަލައެއް ތަޙުޤީޤު ކުރާއިރު، ބިޑިއަޅާ، މިކަހަލަ ކަންތައް ކުރަންޖެހޭނެ. މީހުން ހައްޔަރުކުރަންޖެހޭނެ. އެހެން ނަމަވެސް، ޖިސްމާނީ ގޮތުން އެއްވެސްކަހަލަ އަނިޔާއެއް އެމީހުންނަކަށް ނުކުރޭ، ސަރުކާރުގެ އެއްވެސް ފަރާތަކުން. މިކަން އ.ދ.ގެ ރިޕޯޓުތަކުންވެސް މިހާރު ރަނގަޅަށް ސާބިތުވޭ.

ކޮންމެއަކަސް، މިހާރު އަޅުގަނޑު މިދަންނަވާ ސިޔާސީ ޕާޓީގެ ލީޑަރު އެދެއްކި ވާހަކައިގައި އޭނާ ބުނަނީ، މިކަން ތިމަންނަމެން ފާހަގަކުރަމޭ. އަދި ތިމަންމެންގެ ތެރެއިން މެރުމަށް ނިޔާކަނޑައެޅުނު މީހުންގެ މަރުގެ އަދަބު ލުއިކޮށްދިން ކަމަށްޓަކައިވެސް ސަރުކާރަށް ތިމަންނަމެން ވަރަށް ބޮޑަށް ޝުކުރުވެރިވަމޭ. ތިމަންމެންގެ ކުރީގެ ލީޑަރު، އާދެ، މަޝްހޫރު އުމާ މަހޭޝްވަރަމް، އޭނަ މަރުވެގެން އެދިޔައީވެސް، ދިވެހިރާއްޖެއަށް ދިން ޙަމަލާގެ ނަތީޖާއެއްގެ ގޮތުންނޭ. އެކަމުގެ ސަބަބުން އެމީހުންގެ ތެރޭގައި ވަރަށްބޮޑު ހަމަނުޖެހުންތަކެއް އުފެދި، އެޖަމާޢަތުގެ ތެރޭގައި ވަރަށްބޮޑު ހަމަނުޖެހުންތަކެއް އުފެދި، އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއްބަޔަކު މަރާހެދީ. އެހެންގޮސް އޭގެ އެކަންތައްގަނޑުގެ ތެރޭގައި، އުމާ މަހޭޝްވަރަމްވެސް މަރުވެދިޔައީ. އަދި ރާއްޖެއިން އޭރު ފިލައިގެންދިޔަ، އެދުވަހު އަޅުގަނޑުމެންނަށް ނުހިފި ފިލައިގެންދިޔަ ހަތަރު މީހުން، އެ ހަތަރު މީހުންވެސް މިހާރު މަރުވެ ހިނގައްޖެ. އޭގެތެރެއިން ދެމީހަކު މަރުވެދިޔައީ ޝްރީލަންކާގައި. އެއީ، އެލް.ޓީ.ޓީ.އީ.އާއި މި ޕްލޮޓް ޖަމާޢަތާ ދޭތެރޭ ކުރެވުނު ހަނގުރާމައެއްގައި. އަނެއް ދެމީހުން މަރުވެދިޔައީ އިންޑިޔާގައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އޭގެ މީހުން އިންޑިޔާގައިވެސް އުޅޭކަން. އެމީހުންގެ ޙަރަކާތްތަކެއް ހިނގާ.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، ﷲގެ ވާގިފުޅާއެކު، ﷲ އަޅުގަނޑުމެންނަށް ދެއްވި ނަޞްރުގެ ސަބަބުން، އެދުވަހު ރާއްޖެއަށް މިނުރައްކާތެރި ޙަމަލަ މެދުވެރިކުރި ހުރިހާ އެންމެންނަށް ވަރަށް ބޮޑެތި ބަދުނަޞީބުތަކެއް ކުރިމަތިވެގެން ހިނގައްޖެއޭ. އެއިން އެއްވެސް މީހަކު ސަލާމަތަކުން ނެތޭ. އަދި އެމީހުންވެސް، އެމީހުންނަށް އެކުރެވުނީ ވަރަށްބޮޑު ކުށެއްކަން މިހާރު ޤަބޫލުކޮށް، އެކަމަށްޓަކައި މާފަށް އެބަ އެދެއޭ.

އާދެ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް ވިސްނާލާއިރު، ދެންމެ ފަޟީލަތުއްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ އެދެއްކެވި ވާހަކަފުޅަށް އަޅުގަނޑަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ ކަމަށް ދަންނަވާލަންޖެހޭ. އާދެ، އަޅުގަނޑުމެންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރި ކަމުގައިވިޔަސް، އެޚިޔާލުތަފާތުވުންތައް އޮންނަންޖެހޭނީ އަޅުގަނޑުމެންގެ ތެރޭގައި އެކަނި. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ކިތަންމެ ޞަރީޙަކޮށް ނަމަވެސް ވާހަކަ ދައްކައި، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ އެކަށީގެންވާ، އެންމެ ފައިދާހުރި ގޮތްތައް ޚިޔާރުކުރާނީ އަޅުގަނޑުމެން. ދިވެހި ރައްޔިތުން. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން. މިކަން މިއީ ބޭރުގެ ފަރާތަކަށް ދާންވީ ކަމެއް ނޫން.

އަޅުގަނޑުމެންގެ ރާއްޖެއަށް ނޮވެމްބަރު 3 ގައި މިދިމާވި ޢުދުވާނީ ޙަމަލަ ދިމާވި ސަބަބަކީވެސް މިކަހަލަ ކަންތައް ބޭރުގެ ފަރާތްތަކަށް ދާތީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމިއްލަ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ބޭރުމީހުން އަޅުގަނޑުމެންގެ ރާއްޖެއަށް ގެނެވޭތީ. ބޭރުމީހުން އަޅުގަނޑުމެންގެ ދާޚިލިއްޔަތާ ބެއްސޭތީ. އެއީ، ވަރަށްބޮޑު ނުރައްކަލެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރާއްޖޭގެ ތާރީޚުގައި، ކުރިންވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރެއްގައި، އެކަން ދިމާވެފައި އޮންނަނީ، ރާއްޖޭގެ މީހުން ބިދޭސީންގެ ކައިރިއަށް ގޮސް، އެމީހުންގެ އެހީއަށް އެދި، ރާއްޖޭގެ ދާޚިލީ ސިޔާސަތާ ބޭރުމީހުން ބެއްސުމުގެ ސަބަބުން. އަޅުގަނޑުމެންގެ ދާޚިލިއްޔަތާ ބޭރު ބަޔަކު ބެއްސުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އެކަމަކީ އެއްވެސް ޙާލެއްގައި، އެއްވެސް ދިވެހި ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން. ދިވެހި ސަރުކާރުންވެސް މިކަމުގައި ގެންގުޅެންޖެހޭނީ ވަރަށް ހަރުދަނާ ރަނގަޅު ސިޔާސަތެއް.

ދިވެހި ސަރުކާރުން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކާ އޮތީ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައި. 101 ޤައުމާ ދިވެހިރާއްޖެއާ ދޭތެރޭގައި ސިޔާސީ ގުޅުން އެބައޮތް. އެ އޮތްއިރު، އަޅުގަނޑުމެންގެ އުޞޫލުތައް، އެ އެންމެންނަށް ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭ. އަޅުގަނޑުމެން ގެންގުޅެނީ ވަކިފަރާތަކަށް ނުޖެހުމުގެ އުޞޫލުކަން. އަޅުގަނޑުމެންނަކީ ޙައްޤަށް ލޯބިކުރާ ބައެއްކަން. ދުނިޔޭގައި މިނިވަންކަމާއި، އެބައިމީހުންގެ އަމިއްލަ ޙައްޤުތައް ހޯދަން މަސައްކަތްކުރާ މީހުންނަށް ދިވެހިރާއްޖެ ތާއީދުކުރާކަމާއި، ދިވެހިރާއްޖެއަކީ އެހެން އެއްވެސް ބައެއްގެ ދާޚިލިއްޔަތާ ނުބެހޭނެ ތަނެއްކަމާއި، މި ހުރިހާ ކަމެއް އަޅުގަނޑުމެންގެ އެކުވެރި މި 101 ޤައުމަށް އެނގޭ. އަދި މުޅި އ.ދ. މަޖިލީހަށްވެސް އެނގޭ. އެހެންވީމާ، ސަރުކާރުން މިގެންގުޅެނީ، އަޅުގަނޑު ހިތުން ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކުން ގެންގުޅެންޖެހޭނެ ސިޔާސަތު.

އެހެންވީމާ، އެގޮތުން ރާއްޖެއަށް ލިބިފައިވާ ޙިމާޔަތާއި ސަލާމަތްތެރިކަން ވަރަށްވެސް ބޮޑު. އަޅުގަނޑުމެން ރައްޔިތުން ވިސްނަންވީ، މިހާރުގެ ދުނިޔެ އޮތްގޮތުން، އަޅުގަނޑުމެންނާ ދުނިޔޭގެ އެހެން ތަންތަނާ ކިތަންމެ ފަސޭހައިން ގުޅުނު ކަމުގައިވިޔަސް، އަދި އަޅުގަނޑުމެންގެ ރައްޓެހިންގެ ގޮތުގައި، ބޭރު ޤައުމުތަކުގެ މީހުން ތިބި ކަމުގައިވިޔަސް، އަދި ބޭރު ޤައުމުތަކުގެ މީހުންގެ އިތުރަށް، އެތަންތާނގެ ވެރިން ނުވަތަ އެތަންތާނގެ ޢިއްޒަތްތެރިން ތިބި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގެ ދާޚިލިއްޔަތާ އެމީހުން ބައްސައިގެން ނުވާނެކަމަށް. އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭނެ އެކަންތައް. އެހެން ނޫނީ ވަރަށްދެރަ ގޮތްތަކެއް މުސްތަޤްބަލުގައި ރާއްޖެއަށް ވެގެން ހިނގައިދާނެ.

އަޅުގަނޑު އެހެން މިދަންނަވަނީ، މިހާރަކަށްއައިސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެކަންތައް އެގޮތަށް ހިންގަމުން ގެންދާތީ. ސަރުކާރަށް އެނގޭ. ދިވެހިންގެ ބައެއް މީހުން، އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލްކުރުމުގެ ގޮތުން، ބޭރު ތަންތަނަށް ގޮސް، ބޭރު ތަންތާނގައި ރާއްޖޭގެ ވާހަކަ ދައްކައި، އެކިގޮތްގޮތުން ބޭރުގެ ބާރުތައް ރާއްޖެއަށް ވައްދަން އެބަ މަސައްކަތްކުރޭ. މީގެކުރިން ދުވަހަކުވެސް ނުވާކަހަލަ ކަންތައްތަކެއް މިހާރު އެބަވޭ. ބޭރުގެ ބައެއް ފަރާތްތަކުން ދިވެހި ސަރުކާރާ ސުވާލު އެބަކުރޭ، މިވެނި ކަމެއް ހިނގަމުންދަނީ ކިހިނެއްހޭ. ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހޭގޮތުން އެބަ ސުވާލުކުރޭ. އަޅުގަނޑު ހިތުން އެއީ، ވަރަށް ދެރަ ކަމެއް. އެއްވެސް ތަނެއްގެ ދާޚިލިއްޔަތާ ބެހުމުގެ ޙައްޤެއް، އެހެން އެއްވެސް ސަރުކާރަކަށް ނޯންނާނެ. އަދި އެއީ، ކިތަންމެ ބޮޑު، ކިތަންމެ ބާރުގަދަ، ކިތަންމެ މުއްސަނދި ސަރުކާރަކަށްވިޔަސް، އެހެން ތަންތާނގެ ދާޚިލިއްޔަތާ ބެހުމަކީ، އ.ދ. މަޖިލީހުގެ ޗާޓަރ ހުއްދަކުރާ ކަމެއް ނޫން. އަދި ބައިނަލްއަޤްވާމީ ޤާނޫނުވެސް ހުއްދަކުރާ ކަމެއް ނޫން.

އެހެން ނަމަވެސް، މިހާރު މިވަނީ ކިހިނެއްތޯ؟ މިހާރު އެބަ އަޅުގަނޑުމެން ކުރެން ސުވާލުކުރޭ، މިވެނި ކަމެއް ކިހިނެއްހޭ ވަނީ. ކީއްވެހޭ މިވެނިކަމެއް، މިހެން ހަދަނީ. 38 ވަނަ މާއްދާއަށް މިހާރުވަނީ ކިހިނެއްހޭ؟ އެ ވާންޖެހޭނީ މިހެންނޫންހޭ؟ މިއީ، އަޅުގަނޑު ހިތުން އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ގޮތެއް ނޫން. އަދި އަޅުގަނޑު ކުރިން ދެންނެވި، އ.ދ. މަޖިލީހުގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންގެ ޚާއްޞަ މުޤައްރިރު ސްޕެޝަލް ރެޕަޓަރ މާލެ ވަޑައިގެން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، އަދި އޭގެއިތުރަށް، އޭނާ ވަޑައިގެން، މި މައްސަލައިގައި ހައްޔަރުވެފައި ތިބި ބައެއް މީހުންނާވެސް ބައްދަލުކުރައްވައި، ވާހަކަ ދައްކަވައި ހައްދަވާފައި، އަޅުގަނޑު ކުރިން ދެންނެވި ރިޕޯޓް އޭނާ ޝާއިޢު ކުރެއްވީ. އެ ރިޕޯޓްގައި އޭނާ ފާހަގަކުރައްވާ، އެމީހުންނާ ދޭތެރޭގައި ސަރުކާރުން ކަން ހިންގަމުން އައިސްފައިވާލެއް ރަނގަޅުކަން. އޭނާ ވިދާޅުވޭ، މިހާރު ހައްޔަރު ކުރެވިފައި ތިބި މީހުންނަށް، އެމީހުންގެ ޢާއިލާތަކާ ބައްދަލުވުމުގެ ފުރުޞަތު ސަރުކާރުން ދެޔޭ. އަދި އެމީހުންނަށް ސަރުކާރުން ބޭސްފަރުވާގެ އެހީވެސްވެއޭ. އެމީހުން ކިޔާނެ އެއްޗެތި، ނޫސް މަޖައްލާފަދަ އެއްޗެތި ނުވަތަ ފޮތް، އެމީހުންނަށް ސަރުކާރުން ދެޔޭ. އެމީހުންނަށް ރޭޑިޔޯ އެހުމުގެ ކަންތައްވެސް އޮތީ ސަރުކާރުން ފަހިކޮށްދީފައޭ. އަދި އޭގެތެރެއިން ބައެއް މީހުން ބޭސްފަރުވާ ކުރުމަށްޓަކައި ރާއްޖެއިން ބޭރަށްވެސް ފޮނުވަޔޭ. އަދި އެމީހުން ބުނާކަމަށް، ތަޙުޤީޤުގެ އެއްވެސްއިރެއްގައި އެމީހުންނަކަށް އެއްވެސްކަހަލަ އަނިޔާއެއް، ދިވެހިރާއްޖޭގެ ފަރާތަކުން ނުލިބެއޭ. ތަޙުޤީޤު ކުރުމުގެ ތެރޭގައި، އެއްވެސް އަނިޔާއެއް ނުކުރެއޭ. އަދި އެހެން ނަމަވެސް، ތިމަންމެން ތިބީ ބިޑިއަޅާފައޭ. ކުރިންވެސް ދެންނެވިން. ބިޑި އަޅާފައި ތިބީ. އެއީކީ އާދަޔާޚިލާފު ކަމެއްވެސް ނޫން. އެއީ، އެކަން ކުރަންވެސްޖެހޭނެގޮތް.

މިދެންނެވި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންގެ ޚާއްޞަ މުޤައްރިރު މިހެން ވިދާޅުވެފައި އަދި އޭގެފަހުން އެބަ ވިދާޅުވޭ، ވަރަށް މުހިންމު ނުކުތާއެއް. މުހިންމު އެކަންޏެއް ނޫން. ނުރައްކާތެރިވެސް ނުކުތާއެއް. އޭނާ މި ވިދާޅުވަނީ، ތިމަންނާއަށް މި ހުރިހާ ކަމެއް އެނގިވަޑައިގެން، މިރިޕޯޓް ލިޔުއްވި ފަހުން، ތިމަންނަޔާ ބައްދަލުކުރިޔޭ، ދިވެހިންގެ ދެމީހުން. ދެފަހަރަކު އައިސް، ބައްދަލުކޮށްފައި ބުންޏޭ، ތިމަންނަމެންގެ ނަން ނުބުނައްޗޭ، އެއްވެސް ފަރާތެއް ކައިރީގައި. ނަން ނުބުނާށޭ ކިޔާފައި، މިބުނި ވާހަކައަކީ، ދިވެހި ސަރުކާރުން، އެ ނޮވެމްބަރު 3ގެ ޙާދިޘާގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް އަނިޔާކުރަނިއްޔޭ. އަދި އަނިޔާކުރުމުގެ ތެރޭގައި، އެއިން އެކަކު ވަނީ މަރުވެފައޭ. ކަނޑައެޅިގެން ދޮގު. އެހެން މިދަންނަވަނީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މި މައްސަލައިގައި ސަރުކާރުން ހައްޔަރުކުރީ ޖުމްލަ 75 މީހުން. ހިންގީ، 75 މީހުންގެ ޝަރީޢަތް. އޭގެތެރެއިން 68 މީހުންނަކީ ތަމަޅައިންގެ މީހުން. ދެންތިބި 7 މީހުންނަކީ ދިވެހިން. އެ 75 މީހުން އިރާދަކުރެއްވީތީ އަދިވެސް ދުނިޔޭގައި އެބަތިބި. ގަދަވެ ހެޔޮޙާލުގައި. އެކަމަކު ދިވެހިންގެ ދެމީހަކު ގޮސް އޭނާ އަރިހުގައި މިދަންނަވަނީ، ދިވެހި ސިފައިން އަނިޔާކޮށްގެން މީހަކު ވަނީ މަރުވެފައޭ. އެއީ ކޮންތާކުން އެމީހާ އީޖާދުކުރި މީހެއްކަން އަޅުގަނޑަކަށް ނޭނގެ.

މިހިރީ މިހާރު އަޅުގަނޑުމެންގެ ކަންތައް ހުރިގޮތް. މިކަހަލަ ވާހަކަ ދޮގުހަދައިގެން، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެކަހަލަ ޢިއްޒަތްތެރި ބޭފުޅެއްގެ އަރިހުގައި ދެންނެވުން އެއީ، ކޮންކަހަލަ ކަމެއްތޯ؟ އަނެއްކާ އެހެން ދެންނެވީމާ، އޭނާ އެރިޕޯޓުގައި އެ ލިޔުއްވި. ލިޔުއްވާނެ ނޫންތޯ؟ ބަޔަކު އޭނާއަށް ދިން މަޢުލޫމާތު ލިޔުއްވާނެ. ލިޔުއްވާފައި މިއޮތީ. ދެން އެރިޕޯޓު އެ ރެކޯޑުވީ އިނގޭތޯ. ދެން އެ ފޮހެނުލެވޭނެ. ރާއްޖެއަށް ލިބޭ ކިހާބޮޑު ހުތުރެއްތޯ؟ ދެން މިގޮތަށް ކަންތައް ކުރީމާ، އެބުނާ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން، ކުއްލިއަކަށް ކަންތައްތައް ކުރަން ފަށާފާނެ. ދިވެހި ސަރުކާރުން ހައްޔަރުކޮށްފައި ތިބި މީހުންނަށް އަނިޔާކޮށް، އެމީހުން މަރަނިއްޔޭ. މިއީ ކިހާބޮޑު ކަމެއްހޭ ކިޔައިގެން. އައްސަވާނެ އެމް.އެސް.ޓީ. އިންޓަރނޭޝަނަލް. މިހެން ގޮސް ތަފާތު ޖަމާޢަތްތަކެއް ދުނިޔޭގައި އުޅޭނެ. އެމީހުން ދުނިޔޭގެ ނޫސްތަކުގައި ޖަހަން ފަށާފާނެ. މިތަނަށް އަންނަން ފަށާފާނެ. މިހެން ހެދީމާ، ދިވެހިރާއްޖެއަށް ހުތުރު ނަން ލިބުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުވާނެ.

އެއިން އެއްވެސް ކަމަކީ ޙަޤީޤަތެއް ނޫން. އަޅުގަނޑު ކުރިން މިދެންނެވީ، ރާއްޖެ ނޫން އެހެން ތަނެއްގައި މިކަހަލަ ކަމެއް ދިމާވެއްޖިއްޔާ، އެ 75 މީހުން ސަލާމަތުން ތިބޭނެތޯ؟ ނުތިބޭނެކަން ކަށަވަރު. އެކި ގޮތްގޮތްވެފައި ތިބޭނީ. އެކަމަކު ރާއްޖޭގައިވީމާ އިރާދަކުރެއްވީތީ އަޅުގަނޑުމެންނަކީ އިސްލާމް ބަޔަކަށްވީތީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުރުހެމު، އަޅުގަނޑުމެންގެ އަތްދަށުވާ މީހުންނަށް އަނިޔާކުރާކަށް. އަޅުގަނޑުމެން އެދެނީ، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެމީހުން ޝަރީޢަތަށް ހުށަހަޅައި، ކުށްވެރިވާ ބަޔަކަށް ޝަރީޢަތުން ކަނޑައަޅާ އަދަބެއް ދޭން. އެނޫން އިތުރު އެހެން އެއްވެސް ކަމެއް، އެއްވެސް ކުށްވެރިޔަކާ ބެހޭގޮތުން ދިވެހި ސަރުކާރަކުން ނުކުރޭ. ނުވެސް ކުރާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވެރިކަމުގައި ހުރިހާ ދުވަހަކު. އެހާ ރަނގަޅަށް ކަންތައް ކުރެވޭތޯ ބަލަނީ. އެހެން ނަމަވެސް، މި މީހުން ގޮސް އެބޭފުޅުންގެ އަރިހުގައި ދަންނަވަނީ، މުޅިން އެހެން ވާހަކައެއް.

ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ކުރިންވެސް ދެންނެވި ފަދައިން، މިކަހަލަ ބައެއް ދިވެހިން މިހާރު ގޮސް، ބޭރުގެ ނޫސްތަކުގައިވެސް އެކަހަލަ ވާހަކަ ދައްކާ. ނޫސްވެރިންނާ، ޚާއްޞަކޮށް، އޮޅުދޫކަރައިގެ ނޫސްވެރިންނާ ބައްދަލުކޮށް، މިކަހަލަ ވާހަކަ ދައްކައި، އެމީހުން ލައްވައި އެވާހަކަތައް ނޫސްތަކުގައި އެބަ ޖައްސުވާ. ކަނޑައެޅިގެން ދޮގު، ޙަޤީޤަތާ ޚިލާފު ވާހަކަތައް، ހަމަ ހަދަހަދައިގެން ޖަހަނީ، އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި. އޭގެ ނަތީޖާއަކަށްވާނީ، ބޭރު ދުނިޔެ، ރާއްޖެއަށް އެހެން ގޮތަކަށް ބަލަން ފެށުން. ރާއްޖޭގައި ހަމަނުޖެހުން އުޅޭކަމަށް ބަލަން ފެށުން. އަނެއްކާ ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖޭގެ ދާޚިލިއްޔަތާ ބެހުމަށް އޭރުން މަގުތަނަވަސްވެގެންދާނެ. ކުރިންވެސް ދެންނެވި ފަދައިން، މިހާރު ބައެއް ފަރާތްތަކުން އެބަ ސުވާލުކުރޭ. މިވެނި ކަމެއް ވަނީ ކިހިނެއްހޭ. އެއީ އަދި އޭގެ ކޮޅުމަތި އިނގޭތޯ. ފުރަތަމަ ފެށުން އެއީ. ދެން މުސްތަޤްބަލުގައި ވާނީ ކިހިނެއްތޯ؟ މިހުންނަނީ ވަރަށް ނުރައްކާތެރި ކަންތައްތައް.

އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންގެ ތެރެއިން އެކަކުވެސް، އަޅުގަނޑު ހިތުން ދިވެހި ޤައުމަށް އިޚްލާޞްތެރި އެކަކުވެސް، މިކަހަލަ ކަމެއް ނުކުރާނެ. ބޭރުގެ އެމްބަސީތަކަކަށް ނުދާނެ. ގޮސްފައި، ދޮގު ވާހަކަތަކެއް ނުދައްކާނެ. އަދި އެމީހުން ލައްވައި ރާއްޖެއާ ބައްސާކަށްވެސް މަސައްކަތެއް ނުކުރާނެ. ބޭރުގެ ނޫސްތަކަކަށްވެސް ދޮގު ޚަބަރުތަކެއް ނުދޭނެ. އަދި މިހެން ވަޑައިގަންނަވާ ޢިއްޒަތްތެރި ބޭފުޅުންގެ އަރިހުގައިވެސް، މިކަހަލަ ދޮގު ވާހަކަތަކެއް ނުދައްކާނެ، ދިވެހި ޤައުމަށް އިޚްލާޞްތެރި އެއްވެސް ރައްޔިތަކު.

އަޅުގަނޑުމެންގެ މެދުގައި ޚިޔާލުތަފާތުވުން އުޅެންޏާ، ކުރިންވެސް ދެންނެވިހެން، އަޅުގަނޑުމެން ދިވެހިން ވާހަކަ ދައްކައިގެން އެކަން ޙައްލުކުރަންވީ. ޙައްލުކުރެވޭނެ. އަޅުގަނޑުމެންގެ އެވަރު ވިސްނުން އެބަހުރި. އެވަރުގެ ލިޔާޤަތްތެރިކަން ދިވެހިންގައި އެބަހުރި. ދިވެހިންނަށް އެކަން ކުރެވޭނެ. އެންމެ މައްސަލަގަނޑު ބޮޑުވި 38 ވެސް އިޞްލާޙް ކުރެވުނީ ނޫންތޯ؟ އޭރު ވަރަށް ކަންތައް ބޮޑުވި. އެހެން ނަމަވެސް، ހަމަ ދިވެހިންގެ މީހުން، އެއްތަނެއްގައި ތިބެގެން، ވާހަކަ ދައްކައިގެން، ޞުލްޙަވެރިކަމާއެކު އިޞްލާޙްކޮށް ނިންމީ. ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމުގައި އަޅުގަނޑު އެ ދެކެނީ. އެގޮތަށް ހުރިހާ މައްސަލައެއްވެސް ޙައްލުކުރެވޭނެ. އެއްގޮތަކަށްވެސް ނުޖެހޭނެ، އަޅުގަނޑުމެން ބޭރުތަންތާކަށް ދާކަށް. ބޭރުމީހުންގެ އެހީ ހޯދާކަށް. ބޭރުބަޔަކު ގޮވައިގެން ރާއްޖެއަށް އައިސް، ރާއްޖޭގެ ކަންތައްތައް ބަދަލުކުރާކަށް އުޅޭކަށް ނުޖެހޭނެ.

އެހެންވީމާ، އަޅުގަނޑު މިރޭ މިދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި، އަޅުގަނޑުމެންގެ އަމިއްލަ އަބުރާއި ޢިއްޒަތުގެ ރައްކާތެރިކަން ބޭނުމިއްޔާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ބިދޭސީން ގާތަށް ގޮސް، އެމީހުން ރާއްޖޭގެ ކަންތައްތަކާ ބައްސުވައިގެން ނުވާނެއޭ. އެއީ، ވަރަށް ނުރައްކާތެރި ކަމެއް. މުސްތަޤްބަލުގައި ވަރަށް ބޮޑެތި ނުރައްކާތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިދާނެއޭ.

އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެގެން ހިނގައްޖެ. އެހެން ނަމަވެސް، އަޅުގަނޑު މިވާހަކަތައް ދަންނަވާލާހިތްވީ، ދިވެހި ރައްޔިތުންނަށް ހުރިހާ ކަމެއް ސާފުކޮށް އޮޅުންފިލަންޖެހޭނެ ކަމަށް އަޅުގަނޑު ދެކޭތީ. ސަރުކާރަކުން އެއްވެސް ކަމެއް ފޮރުވާކަށެއް ނޫޅޭ. ނުވެސް އުޅޭނަން އިރާދަކުރެއްވިއްޔާ. ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދޭނީ. ރައްޔިތުން، ސަރުކާރުން މިކުރާ ކަންތައްތައް އެއީ، ރަނގަޅު ކަންތައްތައް ކަމުގައި ދެކެވަޑައިގަންނަވަންޏާ، ރައްޔިތުން ސަރުކާރަށް ތާއީދު ކުރައްވަން ޖެހޭނެ. ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި، ރަނގަޅު ނޫން ކަންތައްތަކެއް ހުރިނަމަ، އެކަން އިޞްލާޙް ކުރެއްވުމަށްވެސް ރައްޔިތުން މަސައްކަތް ކުރައްވަންޖެހޭނެ. އެހެން ނަމަވެސް، އެ އިޞްލާޙް ކުރަންވީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ފަޟީލަތުއްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ އެ ވިދާޅުވި އުޞޫލުގެ މަތިން. އެމަސައްކަތް ޞުލްޙަވެރިކަމާ އެކީގައި، އެކުވެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޯސް ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަންވީ. އެއްގޮތަކަށްވެސް އެވިދާޅުވިހެން، ހައިޖާނުތައް އުފައްދައިގެން، މަގުމައްޗަށް ނުކުމެގެން ހަޅޭއްފަޅޭއްލަވައިގެން، ނޫނީވިއްޔާ އެނޫންވެސް ނުބައި ކަންތައްތައް ކޮށްގެންނެއް ނޫން. ތަންތަނަށް ގެއްލުންދީ، މިކަހަލަ ކަންތައްތައް، ރާއްޖޭގައި ފެށިއްޖިއްޔާ ވަރަށް ހިތާމަހުރި. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދުވަހެއް ދެކޭކަށެއް ބޭނުމެއްނުވާނެ. ދުނިޔޭގެ އެހެން ތަންތާނގައި އެވާހެން މީހުންގަނޑު މަގުމައްޗަށް ނުކުމެ، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅައި، ލޭއޮހޮރުވައި، ތަންތަން ހަލާކުކޮށް، މިހެން ހަދާކަށް އަޅުގަނޑު ހިތުން ދިވެހިންގެ ތެރެއިން ހަމަ އެކަކުވެސް ބޭނުމެއްނުވާނެ. އަދި އެފަދަ މަންޒަރެއް ދެކޭކަށެއްވެސް ބޭނުމެއްނުވާނެ. އެހެން ކަމަށްވަންޏާ، މިހާރުއްސުރެ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙް ކުރަންވީ. އެގޮތަށް ޢަމަލުނުކޮށް، މަޑުމައިތިރިކަމާ އެކީގައި ވާހަކަ ދައްކައިގެން، ކަންތައްތައް ޙައްލުކުރަންވީ.

މިހާރުވެސް އަޅުގަނޑު ޔަޤީންކަން އަރުވަން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން. ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިދޭން، ނުލިބިވާ ޙައްޤެއްވާނަމަ. އެހެން މިދަންނަވަންޖެހެނީ، ދުނިޔޭގެ އެހެން ތަންތާނގައި އެބަހުރި، ބައިވަރު ޙައްޤުތައް ރައްޔިތުންނަށް ނުލިބޭ. އެހެންވީމާ، އެމީހުން މަސައްކަތް ކުރަނީ ހޯދަން. މިސާލަކަށް، އެމެރިކާގައި، ކަޅުމީހުންނަށް އޮތީ ކޮން ޙައްޤެއްތޯ؟ ކަޅުމީހުންގެ ދަރިންނަށް ކިޔަވައިދޭން، އެމީހުން ގެންދަންޖެހެނީ ތަފާތު މަދަރުސާތަކަކަށް. އެމީހުން ހޮޓަލަކަށް ދަންޏާ، ދާންޖެހެނީވެސް ތަފާތު ހޮޓަލަކަށް. އަރަންޖެހޭނީ ތަފާތު ބަހަކަށް. ދަތުރުކުރަން.

މިދޭތެރެއިން، އުތުރުކަރައިގައި، އެތާނގެ ސަރުކާރުން ހިންގަވަން ބޭނުންފުޅުވި ޤާނޫނެއް. އޭގައި މި ވިދާޅުވަނީ، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން، ވަކި ނިސްބަތަކުން ވަޒީފާ މީގެފަހުން ދެއްވާނީ، އެންމެ ދަށުދަރަޖައިގެ މީހުންނަށޭ. އެތާ، އެއްކަލަ ކާސްޓް ސިސްޓަމް އޮންނަ ތަނެއް އެއީ. މީހުން ބައިބަޔަށް ބަހާފައި މިތިބީ. އެންމެމަތީ މީހުންނާއި، މެދުމިން މީހުންނާއި، ދެރަމީހުންނާއި، އެންމެދެރަ މީހުންނާ. އެންމެދެރަ މީހުންނަށް މިއީ އެއްވެސް އެއްޗެއް ލިބިފައި ތިބި ބައެއް ނޫން ކުރިން. އެމީހުންނަކަށް އެއްވެސް ވަޒީފާއެއް ނުލިބޭ. ހުރިހާ ޙައްޤުތަކުން މަޙްރޫމްވެފައި ތިބި ބައެއް. އެހެންވީމާ، އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވަން، އެމީހުންނަށް އެޙައްޤުތައް ގެނެސްދެއްވަން ސަރުކާރުން މިހާރު ފަށްޓަވައިގެން އުޅުއްވާ ކަމެއް، އުތުރުކަރައިގެ ސަރުކާރުން ފަށްޓަވައިގެން އެއުޅުއްވަނީ. އެކަމަކު ރާއްޖޭގައި ކޮބައިތޯ؟ ރާއްޖޭގައި ވަކި ޖަމާޢަތަކަށް ވަޒީފާ ނުލިބިފައި އެބަތިބިތޯ؟ އެމީހުން އެއީ، މިވެނި ޖަމާޢަތެކޭ ކިޔާފައި. ރާއްޖޭގެ އެންމެންނަކީ މުސްލިމުން. އެންމެންނަކީ ދިވެހިން.

އެހެންވީމާ، އެކަހަލަ ޖަމާޢަތްތަކެއް ނުވެސް ނެތް. އަދި ޖުޣުރާފީ ގޮތުން ބެލި ނަމަވެސް، ރާއްޖޭގެ އެކި އަތޮޅުތަކާ ދޭތެރޭގައިވެސް ތަފާތެއް ނެތް. މިހާރު ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ނެތް. މާލޭގެ މީހަކަސް، ރާއްޖެތެރޭގެ މީހަކަސް އަދި ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގެ މީހަކަސް، އަންހެނަކަސް، ފިރިހެނަކަސް ތަފާތެއް ނެތް. ހަމައެކަނި ބަލަނީ، އެމަޤާމަށް އެމީހާ އެކަށީގެންވޭތޯ؟ އެމަޤާމަށް ބޭނުންވާ ޝަރުޠު އޭނާގެ ހުރިތޯ. ޢިލްމީ ފާހެއް ބޭނުންވަންޏާ، އެހެން ސަނަދެއް ބޭނުންވަންޏާ އެ ކަންތައް، ސިފައިންގެ ތެރެއަށް ވަންނައިރު، އިސްކޮޅާއި ޢުމުރާ، މިކަހަލަ ކަންތައް މިބަލަނީ. އެހެންވީމާ، އެހެން އެ ޝަރުޠު ހަމަވާ ކޮންމެ ދިވެއްސަކު، އެމީހާއަށް ވަޒީފާ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. އެއްވެސްއިރެއްގައި ނެތް. އަދި މުސާރައިގައިވެސް ތަފާތެއް ނެތް. އެއް މަގާމެއްގައި ތިބޭ، އެއް މަސައްކަތެއް ކުރާ އެންމެންގެ މުސާރަ އެއްވަރު. ފިރިހެނަކަސް، އަންހެނަކަސް. ދުނިޔޭގެ ބައެއް ތަންތާނގައި، އަންހެނުންނަށް މުސާރަދެނީ މަދުން ނޫންތޯ؟ ފިރިހެނަކާއި އަންހެނަކާ، އެއް ވަޒީފާއެއްގައި (އެއް މަސައްކަތެއް ކުރާ) ތިބި ކަމުގައިވިޔަސް، އެ ފިރިހެން މީހާއަށް ލިބޭ މުސާރައަށްވުރެ، މާކުޑަ މުސާރައެއް، ބައެއް ތަންތާނގައި އަންހެނުންނަށް ދެނީ. އެހެނެއް ނޫން، ރާއްޖޭގައި އޮންނަނީކީ. ހަމަ އެއްވަރު މުސާރަ ދެނީ. މިހެންގޮސް އެއްވެސް ކަމެއް. މަދަރުސާއަށް ކުދިން ވެއްދުމުގައި އެއްވެސް ތަފާތެއް އޮވޭތޯ؟ ނޯންނާނެ. ހަމަ އެ މަދަރުސާއަކަށް ވަންނަން ޝަރުޠު ހަމަވާ ހަމަ ކޮންމެ ކުއްޖަކު އެއީ، ކޮންމެ ކުއްޖަކަށްވިޔަސް، ކޮންމެ މީހެއްގެ ދަރިޔަކަށްވިޔަސް، ކޮންމެ ޢާއިލާއަކުން އައިސްހުރި މީހަކަށްވިޔަސް، ކޮންމެ ރަށެއްގެ ކުއްޖަކަށްވިޔަސް، އެއްވެސް ތަފާތެއް ނެތް.

އެހެންވީމާ، އެހެން ތަންތާނގެ މީހުން މި ހަނގުރާމަކުރާ، އެ ޙައްޤުތަކުން ބަޔަކު މީހުން މަޙްރޫމްވެގެން، މި ހަނގުރާމަތައް ކުރާ ކަންތައްތަކެއް ރާއްޖެއަކު ނެތޭ. އިރާދަކުރެއްވިއްޔާ، ނުވެސް އޮންނާނެ. އެހެން ނަމަވެސް، ބޭރުގެ ފަރާތްތަކުންވެސް ބަލަނީ، އަޅުގަނޑުމެންގެވެސް ބުއްދިއަށް ކަންތައްތަކެއް ވައްދައިދީގެން، އެމީހުން ބޭނުންގޮތަކަށް އަޅުގަނޑުމެން ޙަރަކާތް ކުރުވޭތޯ. އިންސާނީ ޙައްޤުތަކޭ ކީމާ، އަޅުގަނޑުމެންވެސް ސިއްސައިގެންދާނެ. އެ ބޭނުންވާނެ ކޮންމެ މީހަކުވެސް. އެކަހަލަ ވިދުވަރު ހުރި ޝިޢާރުތަކެއް ބޭނުންކޮށްގެން، މީހުންގެ ހިތްތައް ދަމައިގަނެގެން، މީހުން ލައްވައި ގޯސް ހައްދުވަން އެއުޅެނީ. އެކަމަކު ޙަޤީޤަތުގައި، ރާއްޖޭގައި އެކަހަލަ ގޯސް ކަންތައްތަކެއް ނުވެސް ނެތް. މަޑުމަޑުން ހުރިހާ ކަމެއް އިޞްލާޙްވަމުން މިދަނީ. ކުރީ ޒަމާނުގައި ކަންތައްތައް އޮތް ގޮތަކަށް ނޫން މިހާރު މިއޮތީކީ. އަޅުގަނޑުވެސް އެއްބަސް، ތަންކޮޅެއް ކުރިން، މާކުރިން، ވަޒީފާ ދިނުމުގައި ރާއްޖޭގައި ތަފާތުތަކެއް ހުރި. ކިޔެވުމުގެ ފުރުޞަތު ލިބުމުގައިވެސް، ރާއްޖޭގައި ތަފާތުތަކެއް ހުރި. އެހެން ނަމަވެސް، މިހާރު އެއިން އެއްވެސް ތަފާތެއް ނެތް. އެހެންވީމާ، އެކަންވެސް މިއޮތީ އިޞްލާޙްވެފައި. މިހާރު އެކަމުން މަޙްރޫމްވާ އެކަކުވެސް ނެތް.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މިކަހަލަ، މީހުން ޝައުޤުވެރިވާ ކަހަލަ ޝިޢާރުތަކެއް ބޭނުންކޮށްގެން، މޮޓޯތަކެއް ބޭނުންކޮށްގެން، ނޫނީ ނަންބޯޑުތަކެއް ނަގައިގެން، އަޅުގަނޑުމެން ލައްވައި ގޯސް ހައްދުވަން، ބޭރުގެ މީހުން އެބައުޅެއޭ، އެކިއެކި ޖަމާޢަތްތަކުން. ބޭރުގެ ފަރާތްތަކުން. އެކަންތައްތަކަށް އަޅުގަނޑުމެން ވާނެއޭ ހޭލާ ތިބެން. އެކަހަލަ ކަމެއް، އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން ފަށައިގެނެއް ނުވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ވަރަށް ބޮޑަށް ދިގުވެއްޖެ. ވަރަށް ބޮޑަށް މަޢާފަށްވެސް އެދެން. އެހެން ނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިވާހަކަތައް މިއީ ކޮންމެހެން ދަންނަވަން ޖެހިފައި ހުރި ވާހަކަތަކެއްވީމާ، އަޅުގަނޑު މިދަންނަވާލީ. އެއީ، އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހޭނެ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލާއި، ސިޔާދަތު ރައްކާތެރިކުރެވޭތޯ. އަޅުގަނޑުމެންގެ ޤައުމީ އަބުރާއި ޝަރަފް ރައްކާތެރިކުރެވޭތޯ. ދިވެހި ފަސްގަނޑަކީ، ސަތޭކައިންސަތޭކަ ދިވެހި ފަސްގަނޑެއްގެ ގޮތުގައި އަބަދުވެސް ބޭއްވޭތޯ އަޅުގަނޑުމެން ވާނެ ބަލަން. އެއީ، އަޅުގަނޑުމެންގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. ތާރީޚުގެ ކުރިމަތީގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. އެހެންވީމާ، އެ މަސްއޫލިއްޔަތަށް އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް އިޚްލާޞްތެރިވާންވާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދެއްކެވުން. ހަމަވިސްނުން ދެއްވުން. އެއްވެސްކަހަލަ ބޭރުގެ ނުފޫޒަކަށް އަޅުގަނޑުމެން ހެއްލުންތެރި ނުވުން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، އަބަދުވެސް އެކުވެރި، އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ލެއްވުން. ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް އަބަދަށްޓަކައި ޙިމާޔަތްކޮށްދެއްވުން.

والسّلام عليـكم ورحمـة اللّـه وبـركاتـه.