بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި މިއަދު ދެކެނީ ހަނިމާދޫ ވައިގެ ބަނދަރު ހުޅުވައިދިނުމަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މިރަށަށް އައުމުން، މި އަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، މި އަތޮޅުގެ ރަށްރަށުގެ ވެރިންގެ ފަރާތްޕުޅުންނާއި، ޢާންމުކޮށް މި އަތޮޅުގެ ރައްޔިތުންގެ ފަރާތުންނާއި، ޚާއްޞަކޮށް ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު ހޫނު މަރްޙަބާއަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

ރާއްޖެތެރެއަށް ޒިޔާރަތް ކުރުމަކީ އަބަދުވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިދޭ ކަމެއް. މިދޭތެރެއިން އަޅުގަނޑުގެ މަސައްކަތްތައް ހުރިގޮތުން ރާއްޖެތެރެއަށް ޒިޔާރަތް ނުކުރެވި ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެ. އެހެންނަމަވެސް، މިފަދަ ކޮންމެ ފުރުޞަތެއް ލިބުމަކީ އަޅުގަނޑު އަބަދުވެސް އެދިއެދި ހުންނަ ކަމެއް. އެހެންކަމާއެކު، މިއަދު މާލެއިން، ޚާއްޞަ މުނާސަބަތެއް ފާހަގަކުރުމުގެ ގޮތުން ނަމަވެސް، ތިލަދުންމަތީ ދެކުނުބުރިއަށް ޒިޔާރަތް ކުރުމަށް މިލިބުނު ފުރުޞަތަކީ، ޝުކުރުވެރިކަމާއެކު އަޅުގަނޑު ޤަބޫލުކުރި ފުރުޞަތެއް.

އާދެ، މިއަދު މި ހުޅުވުނު ވައިގެ ބަނދަރަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަރައްޤީގެ މަގުގައި ކުރިޔަށް އެޅުނު ފިޔަވަޅެއް. މިއަދުގެ މި ކުރިއެރުން އަޅުގަނޑުމެންނަށް ޙާޞިލްވުމުން ރާއްޖެއަށް ލިބޭނެ ތަރައްޤީއާއި ފައިދާ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުންމެ ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި.

އެހެންވީމާ، އެ ހުރިހާ ފައިދާތަކުގެ ވާހަކަ ކޮންމެހެން އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، ބައެއް ކަންކަމަށް އިޝާރާތްކޮށްލުމަކީ، އަޅުގަނޑު ހިތުން ބޭނުންތެރި ކަމަކަށް ވެދާނެ. އާދެ، އަޅުގަނޑުމެންގެ ރާއްޖެ އޮންނަގޮތުން، ވައިގެ ދަތުރުފަތުރަކީ މިހާރު ވަރަށް މުހިންމު އެއްޗަކަށް ވެއްޖެ. އަޅުގަނޑުމެންގެ ޤައުމު މި އޮންނަނީ، ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިފައި. އެއް ޖަޒީރާއާއި އަނެއް ޖަޒީރާއާ ދޭތެރޭގައި އޮންނަނީ ކަނޑު. ދުނިޔޭގެ ބައެއް އެހެން ޤައުމުތައް ފަދައިން، އަޅުގަނޑުމެންނަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އެއްވެސް ގޮތެއް ނެތް. މީގެ ކުރިން އަޅުގަނޑުމެން ދަތުރުކުރަމުން އައީ ކަނޑުމަގުން. އެއީ، އެކަން ވާނެވެސްގޮތް. ރާއްޖޭގެ ޠަބީޢަތާ އެންމެ ގުޅޭގޮތް. އެހެންނަމަވެސް، މިއަދަކީ ކަނޑުމަގުން ދަތުރުކޮށްގެން، ތަރައްޤީގެ މަގުގައި ކުރިޔަށް ދެވޭނެ ދުވަހެއް ނޫން. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އެ ވިދާޅުވިފަދައިން، ވަގުތަކީ ފައިސާ. ވަގުތަކީ ޚިދުމަތް.

އެހެންވީމާ، އަޅުގަނޑުމެން ބަލަންޖެހޭނީ ވަގުތު ސަލާމަތްކުރެވޭތޯ. މިގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގެ ދަތުރުފަތުރަށްވެސް ކޮންމެހެން ނައިސްނުދާނެ ބަދަލެއް މިހާރު އަންނަމުން މިދަނީ. އެއީ، ވައިގެ ދަތުރުކުރުމުގެ މަގު ހުޅުވިގެން ދިޔުން. މީގެކުރިން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ތިން ވައިގެ ބަނދަރު އޮތް. އެންމެ ފުރަތަމަ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. ދެން ގަމުގެ އެއަރޕޯޓް. ދެން ކައްދޫގެ އެއަރޕޯޓް. މިއަދު މި ހުޅުވުނީ އަޅުގަނޑުމެންގެ ރާއްޖޭގައި ހުޅުވޭ ހަތަރުވަނަ އެއަރޕޯޓް ނުވަތަ ވައިގެ ބަނދަރު. އާދެ، ހަނިމާދޫ ވައިގެ ބަނދަރު.

ވައިގެ ދަތުރުފަތުރު ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ތަރައްޤީގައި ހާމަކޮށްދޭ ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލަފާނަން. އެއީ، އަޅުގަނޑުމެންގެ ޓޫރިޒަމް ތަރައްޤީވަމުން މިދަނީ ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި އޮތް ގުޅުން ވަރަށް ހަރުދަނާވެގެން. ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި ދަތުރުފަތުރުގެ ވަސީލަތް ވަރަށްބޮޑަށް ތަރައްޤީވެގެން. 1981 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުނުއިރު، ހަމަ އެކެއްގެވެސް ހިތަށްނާރާފަދަ ހަލުވިކަމަކާއެކު، އަޅުގަނޑުމެންގެ ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި އޮންނަ ވައިގެ ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސްވެގެން ހިނގައްޖެ. މިހާރު ޤަވާޢިދުން ފަސް އެއަރލައިނެއް ރާއްޖެއަށް ދަތުރުކުރަމުން އެބަދޭ. ގާތްގަނޑަކަށް ތިރީހަކަށް ފްލައިޓް، ހަފްތާއެއްގެ ތެރޭގައި ހުޅުލެއަށް ޖައްސައި އަދި ހުޅުލެއިން ފުރާ. މި ދެންނެވި ފްލައިޓްތަކުގެ އިތުރަށް، ޗާޓަރ ފްލައިޓްތައްވެސް، ވަރަށް ގިނަ ޢަދަދަކަށް މިހާރު ރާއްޖެއަށް އާދޭ، ޓޫރިސްޓުން ގޮވައިގެން. އެ ދަތުރުތައް އެގޮތަށް ހަމަޖެހިފައި އޮތުމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަށް ޓޫރިޒަމުން ލިބޭ ތަރައްޤީ ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަދޭ.

އާދެ، މިދިޔަ އަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް އެއްލައްކަ ފަންސާސް އަށްހާސް ޓޫރިސްޓުން އައި. ވަރަށްބޮޑު ޢަދަދެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ޢަދަދަކީ ދެލައްކަ ސާދަހާސް ކަމަށް ވިސްނާލައިފިނަމަ، އެއްލައްކަ ފަންސާސްހާސް ހިމެނިގެންދާނީ ވަރަށް ބޮޑު ޢަދަދެއް ކަމުގައި. އަދި އިރާދަކުރެއްވިއްޔާ، މިއަހަރު ނިމޭއިރު އެއަށްވުރެ މާގިނަ ޢަދަދަކަށް އަޅުގަނޑުމެންގެ ރާއްޖެއަށް ޓޫރިސްޓުން އަންނާނެ. އާދެ، މިހާރުވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލާއިރު، އެއްލައްކަ ސާޅީސް ދެހާސް މީހުން އަތުވެއްޖެ. މާނައަކީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަސް ދުވަހަށްވުރެ، މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި، ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ސަތޭކައަކުން ފަންސަވީސް އިތުރުވެގެން ހިނގައްޖެ. ވަރަށްބޮޑު އިތުރުވުމެއް. އޭގެ ފައިދާ ލިބޭނީ މުޅި ރާއްޖެއަށް.

އާދެ، އަޅުގަނޑު މި ދަންނަވާލީ ވަރަށް ކުޑަކުޑަ މިސާލެއް، ވައިގެ ދަތުރުފަތުރު ކުރުމުގެ މުހިންމުކަން ދައްކައިދޭ. މި ދެންނެވި މިސާލަކީ، ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި އޮތް މިސާލެއް ކަމުގައިވިޔަސް، ހަމަ އެގޮތުގެ މަތިން އަޅުގަނޑުމެންގެ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށްވެސް މިއީ ހަމަ ރަނގަޅު މިސާލެއް ކަމުގައި ފުދޭނެ. އެއީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، ރާއްޖެތެރޭގައި ތަފާތު ދިމަދިމާގައި ވައިގެ ބަނދަރުތައް ހުޅުވިގެން ދިޔުމުން، އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމަށް ވަރަށްބޮޑު ހަލުވިކަމެއް އަންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ.

އާދެ، މި މަސައްކަތް މިއީ ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ވިދާޅުވިފަދައިން، ކުޑަ މަސައްކަތެއް ނޫން. ވަރަށް ބޮޑު މަސައްކަތެއް. އެންމެ ފުރަތަމަ، ހަނިމާދޫގެ މަސައްކަތް ފެށުނީ 1982 ވަނަ އަހަރު. އެތައް ދުވަހެއް ވަންދެން އެމަސައްކަތް ހިނގާފައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އެ ވިދާޅުވި ސަބަބުތަކަށްޓަކައި އެ މަސައްކަތް މެދުކެނޑުނީ. އެހެންނަމަވެސް، އާ ހިތްވަރަކާއެކު 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެން، ވަރަށް ބާރުމިނެއްގައި މިހާތަނަށް މި މަސައްކަތް ކުރެވިގެން މިދިޔައީ. މި މަސައްކަތަކީ ދިވެހިންގެ އަމިއްލަ މަސައްކަތެއް. އެއީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް. މި ޚިޔާލުކުރީވެސް ދިވެހިން. މި މަސައްކަތް ރާވައި ހިންގީވެސް ދިވެހިން. މީގެ ހުރިހާ ފަޚްރެއް ޙާޞިލްކުރަން ތިބީ ހަމަ ދިވެހިން.

އާދެ، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީ ލިބުނު. އެހެންނަމަވެސް، ކަންތައް ހިންގުމުގައި އިސްވެ ތިބީ އަދި ޢަމަލީގޮތުން އެކަންތައްތައް ހިންގީ ދިވެހިން. ޝައްކެއްނެތް، މިއިން ދައްކައިދޭ އެއްޗަކީ، އަޅުގަނޑުމެން ދިވެހިންނަކީވެސް މުސްތަޤްބަލްގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރުމުގެ ލިޔާޤަތާއި ޤާބިލިއްޔަތު ﷲ ދެއްވާފައިވާ ބައެއްކަން. އަޅުގަނޑުމެންނަށް އެކަށީގެންވާ ތަޢުލީމެއް ލިބިއްޖެނަމަ އަދި އަޅުގަނޑުމެންނަށް ކުރިއެރުމަށްޓަކައި ބޭނުންވާ އެހެނިހެން ވަސީލަތްތައް މެދުވެރިވެއްޖެނަމަ، އަޅުގަނޑުމެން ދިވެހިންނަކީ ދުވަހަކުވެސް ފަހަށްޖެހޭނެ ބައެއް ނޫންކަން. އާދެ، މިއީ އަޅުގަނޑު ހިތުން މިއަދު ވަރަށް އުފަލާއެކު އަޅުގަނޑުމެން އެންމެން ފާހަގަކޮށްލަންޖެހޭ ކަހަލަ ކަމެއް.

އާދެ، މި ބުރަ މަސައްކަތް ކުރައްވައި ނިންމެވި ފަރާތްތަކަށް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ޝުކުރު އަދާކުރައްވައިފި. އެހެންނަމަވެސް، އަޅުގަނޑުވެސް އޭގެތެރެއިން ބައެއް ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވޭ. އާދެ، އެންމެ ފުރަތަމަ، މި މަސައްކަތް ފެށުނީއްސުރެ ހަމަ ނިމެންދެން، ވަރަށް އިޚްލާޞްތެރިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށްދެއްވި ކުރީގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި އެސް.ޓީ.އޯ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އޭނާއަށް ޝުކުރު ދެންނެވުމަކީ، އެއްގޮތަކަށްވެސް ކޮންމެހެން މާފަށުވި ޢިބާރަތްތަކަކުން ކުރަންޖެހޭނެ ކަމެއްނޫން. އޭނާ އެކުރެއްވި ބުރަ މަސައްކަތް، މި ވައިގެ ބަނދަރުގެ އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން އެހެރީ ފެންނަން، ވަރަށް ޞަރީޙަކޮށް.

އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ އޭނާ މި މަސައްކަތް ކޮށްދެއްވީވެސް މީގެކުރިން އޭނަޔާ ޙަވާލުކުރެވުނު ކޮންމެ މަސައްކަތެއްވެސް ކޮށްދެއްވިހާ އިޚްލާޞްތެރިކަމަކާ އެކީގައޭ. އެހާ ލިޔާޤަތްތެރިކަމަކާ އެކީގައޭ. އަދި އެހާ މުރާލިކަމަކާ އެކީގައޭ. އާދެ، އެހެންވީމާ، އެންމެ ފުރަތަމަ މިއަދު އެބޭފުޅަކަށް ޝުކުރު ދެންނެވުމުގެ އުފާ އަޅުގަނޑު ހާޞިލްކުރާ ބޭފުޅަކީ، އަލްފާޟިލް އިލްޔާސް އިބްރާހީމް. އާދެ، އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ގިނަ ފަރާތްތަކެއް، މި ވައިގެ ބަނދަރުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވި. އޭގެތެރޭގައި، ސަރުކާރުގެ ވަރަށް މުހިންމު ދެ ފަރާތެއް ހިމެނޭ. އެއީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އަދި އެ މިނިސްޓްރީގެ ދަށުގައިވާ ނޭޝަނަލް ސެކިއުރިޓީ ސަރވިސް. ހަމަ އެއާއެކުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ޢަމަލީގޮތުން ހުރިހާ މަސައްކަތެއް ކުރެއްވީ އަދި ހިންގެވީ މި ދެ ފަރާތުން. އެހެންވީމާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސްވެރިންނަށާއި އަދި އެން.އެސް.އެސް.ގެ ފަރާތުން ޙަރަކާތްތެރިވެވަޑައިގެންނެވި އޮފިސަރުންނަށް އާދެ، ލެފްޓިނަންޓް ކާނަލް ޝައުކަތު އިބްރާހީމް، ކެޕްޓަން އަޙްމަދު ޒާހިރު، އަދި ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު. މި ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، ވައިގެ ބަނދަރުތަކަކީ ވައިގެ ދަތުރުފަތުރާ ބެހޭ، ސަރުކާރުގެ ދާއިރާތަކުން ކުރައްވަންޖެހޭނެ ކަމެއް. އެހެންނަމަވެސް، ކަމުގެ ބާވަތުން އަޅުގަނޑު ކުރިން މި ދެންނެވި ފަރާތްތަކާ މި މަސައްކަތް ޙަވާލުކޮށްގެން ކުރިޔަށް ގެންދެވުނީ. އެހެންނަމަވެސް، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ފަރާތުންވެސް މިކަމަށް ބެހެއްޓެވި އަހަންމިއްޔަތަށް އަދި އެ އޮތޯރިޓީގެ އެސިސްޓެންޓް މެއިންޓެނަންސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު މަހްރީން، މި މަސައްކަތް ފެށުނީއްސުރެ މިހާތަނާ ޖެހެންދެން ކުރައްވާފައިވާ ބުރަ މަސައްކަތްތައް އަޅުގަނޑު ޤަބޫލުކޮށް، އެ އޮތޯރިޓީއަށާއި އަދި އަލްފާޟިލް އަޙްމަދު މަހްރީނަށްވެސް ޝުކުރު ދަންނަވަން.

ރާއްޖެތެރެއާބެހޭ ވުޒާރާއިންވެސް މިކަމުގައި ވަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވި. އެހެންވީމާ، ކުރީގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުﷲ ޙަމީދަށް އަދި މިހާރުގެ އެ މިނިސްޓްރީގެ އިސްވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، އެ މިނިސްޓްރީގެ ސްޕެޝަލް ޑިއުޓީ އޮފިސަރުގެ މަގާމުގައި ހުންނެވި އަލްފާޟިލް ކުނޑި ޢަލީ ސަލީމުގެ ނަން، ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު އިބްރާހީމް އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން މިއަދު ހަނދާންނައްތާލައިގެންވާނެ ބޭފުޅެއް ނޫން. އޭނާގެ ޚިދުމަތްވެސް މި އެއަރޕޯޓުގެ މަސައްކަތުގައި ވަރަށް އެކަށީގެންވާ ގޮތަކަށް ވަނީ ލިބިފައި. އަދި މި އެއަރޕޯޓް ހުޅުވުނީމާ ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކަކީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ދަށުން ހިނގަމުންދާނެ ތަންތަން ކަމަށްވާތީއާވެސްއެކު، އަލްފާޟިލް މުޙަންމަދު އިބްރާހީމަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް.

އާދެ، މި މަސައްކަތްތައް ކުރެވިގެން މިދިޔައީ ހދ.އަތޮޅުގައި. އެހެންވީމާ، ހދ.އަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުގެ އިސްވެރިން މިކަމަށް ބެހެއްޓެވި އަހަންމިއްޔަތާއި، ޝައުޤުވެރިކަންވެސް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. އަދި ވަކިން ޚާއްޞަކޮށް، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން މިކަމަށް ލިބުނު އެހީއާއި އެއްބާރުލުމަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަނދާންނައްތާލައިގެން ވާނެ ކަމެއްނޫން. އެހެންވީމާ، މިއަތޮޅުގެ އަތޮޅުވެރިންނަށާއި، އަތޮޅުގެ އިސް ބޭފުޅުންނަށާއި އަދި ހަނިމާދޫގެ ވެރިންނަށާއި ރައްޔިތުންނަށްވެސް ވަރަށް އުފަލާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ވައިގެ ބަނދަރު ފުރިހަމަކުރުމުގައި، ވަރަށް ޚާއްޞަ ވައްތަރެއްގެ ސާމާނުތަކެއް އަޅުގަނޑުމެންނަށް ހަދިޔާކުރީ ބޭރުގެ ފަރާތްތަކަކުން. އާދެ، އެއީ ޔޫ.އެން.ޑީ.ޕީ.އާއި އިކާއޯ. އެހެންވީމާ، އެ ދެ ފަރާތަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ. އެއީ، އެފަރާތްތަކުން އެ ވެދެއްވި އެހީތަކާ ނުލައި، އަޅުގަނޑުމެންނަށް މި އެއަރޕޯޓް ނުހިންގޭނެތީ. އެ ފަރާތްތަކުން ދެއްވި އެއް އެހީއަކީ އިންޖީނު. މިތާނގައި މިހިނގާ އިންޖީނުތައް އެއީ، އެފަރާތުގެ އެހީ. އަދި ނިޔަމިކަމަށް އެހީވެދޭ އެކިއެކި ވަސީލަތްތައްވެސް އެފަރާތުން އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވި. އެހެންވީމާ، ޔޫ.އެން.ޑީ.ޕީ.އަށާއި އިކާއޯއަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި މަސައްކަތުގެ ބޮޑުބައި އަދާކުރީ ދިވެހިން. ރަންވޭ ފިޔަވައި، ރަންވޭ ހެދުމަށް ކުރިން ކުރަންޖެހުނު ހުރިހާ މަސައްކަތްތަކެއްވެސް ކުރީ ދިވެހިން. އެހެންނަމަވެސް، އެންމެފަހުގެ މަރްޙަލާގައި ރަންވޭ ނިންމީ ބޭރުގެ ފަރާތަކަށް ކޮންޓްރެކްޓް ދީގެން. އެއީ، ޖަޕާނުގެ ކުންފުންޏެއް. އެހެންވީމާ، އެ ކުންފުންޏަށްވެސް އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ. އެއީ، އެމީހުންނަށް އަޅުގަނޑުމެން ފައިސާދީގެން ކުރުވި މަސައްކަތެއް ކަމުގައިވިޔަސް، އެކުންފުނީގެ ފަރާތުން މިކަމަށް ބެހެއްޓެވި އަހަންމިއްޔަތާއި ޝައުޤުވެރިކަން އެއީ ފާހަގަނުކޮށް ދޫކޮށްލާވަރަށްވުރެ، މާމަތިވެރި އަހަންމިއްޔަތަކާއި ޝައުޤުވެރި ކަމަކަށްވާތީ. އެހެންވީމާ، ޖަޕާނުގެ ''ސޭކީ ޓޯކިޔޯ ކޯމިޔޯ'' ކުންފުންޏަށާއި، އެކުންފުނީގެ އިސްވެރިންނަށާއި އަދި މި މަސައްކަތުގައި ޙަރަކާތްތެރިވި އެކުންފުނީގެ ބޭކަލުންނަށްވެސް އަޅުގަނޑު ޝުކުރު ރައްދުކުރަން.

އާދެ، މިއަދު މި ހުޅުވުނު ހަނިމާދޫ ވައިގެ ބަނދަރަކީ ވަސީލަތެއް. އޭގެ ޒާތުގައި އަމާޒުފަތްގަނޑެއް ނޫން. ހަނިމާދޫގެ ވައިގެ ބަނދަރު އަޅުގަނޑުމެން ބޭނުންކުރަންޖެހޭނީ، އެ ވަސީލަތް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ރާއްޖޭގައި އިތުރު ޚިދުމަތްތަކާއި، އިތުރު ކުރިއެރުން ހޯދޭތޯ. މި އެއަރޕޯޓުގެ ބޭނުން ފުރިހަމަގޮތުގައި ކޮށްގެން ނޫނީ އަޅުގަނޑުމެންނަކަށް އެ މަޤްޞަދެއް ޙާޞިލެއް ނުކުރެވޭނެ. ވަރަށްބޮޑު ޚަރަދެއް ސަރުކާރުން ކޮށްގެން، އާދެ، ސަރުކާރުގެ ބަޖެޓުން މިހާތަނަށް ޚަރަދު ހިނގާފައި އޮތްގޮތަށް ބަލާއިރުވެސް، 25 މިލިއަން ރުފިޔާ މިކަމަށް ޚަރަދުވެގެން ހިނގައްޖެ. އެއީ، ވަރަށްބޮޑު ޢަދަދެއް. އެ ޢަދަދުގެ ބޮޑުކަން ތިޔަބޭފުޅުންނަށް ވިސްނިވަޑައިގެންނަވާނެކަންނޭނގެ، އަޅުގަނޑު އެހެން ވާހަކައެއް ދަންނަވާލިއްޔާ.

އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށް ކުރީކޮޅު، 1979 ވަނަ އަހަރުގެ ކުރީކޮޅު، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ހިންގަން ސަރުކާރުން ޤަޞްދުކުރި. އެ މަޝްރޫޢަށް އޭރު ސަރުކާރުން ކަނޑައެޅި ޢަދަދަކީ 24 މިލިޔަން ރުފިޔާ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޚަރަދުކުރަން އޭރު ކަނޑައެޅި ޢަދަދަކީ 24 މިލިޔަން ރުފިޔާ. އެހެންނަމަވެސް، އޭގެފަހުން އެފައިސާ ޚަރަދުވެ ނިމުނީމާ، އިތުރަށް އެތައް ފައިސާތަކެއް މިހާރު ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢަށް ޚަރަދުވެގެން ހިނގައްޖެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ކަނޑައެޅުނު ޢަދަދަކީ 24 މިލިޔަން ރުފިޔާ. މި އެއަރޕޯޓަށް މިހާރުވެސް އެއަށްވުރެ ގިނަ ޢަދަދަކަށް ފައިސާ ޚަރަދުވެއްޖެ. 25.5 މިލިޔަން ރުފިޔާ މިހާރުވެސް ޚަރަދުވެއްޖެ.

އެހެންވީމާ، އެއިންވެސް އެނގިވަޑައިގަންނަވާނެ، މިކަމަށް ހިނގާ ޚަރަދުގެ ބޮޑުކަން. މި ޚަރަދު މިކުރީ ހަމަ ސަރުކާރުގެ ބަޖެޓުން. ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއެއް ހޯދައިގެންނެއް ނޫން. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ ކަމެއް. އެހެންކަމާއެކު، މިވައިގެ ބަނދަރުގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެ ވަރަށް ފުރިހަމަގޮތުގައި. އެއަރޕޯޓް ބަލަހައްޓަންޖެހޭނެ. ރަންވޭ ބަލަހައްޓަންޖެހޭނެ. ޓާރމިނަލް ބިލްޑިންގ ބަލަހައްޓަންޖެހޭނެ. މިތާހުރި، އެއަރޕޯޓަށް އެހީވެދިނުމަށް ހެދިފައި ހުރި އެހެން ޢިމާރާތްތައް ބަލަހައްޓަންޖެހޭނެ. އަނެއްކާ މި އެއަރޕޯރޓުގެ ވައިގެ ދަތުރުފަތުރު ކުރުމުގެ ޚިދުމަތްވެސް އެކަށީގެންވާ ގޮތަކަށް އަޅުގަނޑުމެން ދޭންޖެހޭނެ. އަދި އެ ޚިދުމަތް ދިވެހި ރައްޔިތުން ބޭނުންކުރަންވެސްޖެހޭނެ. މިގޮތަށް ކަންތައްތައް ނުކޮށްފިނަމަ، އަޅުގަނޑުމެން މިކުރި ޚަރަދު ބޭކާރު އެއްޗަކަށް ވެގެންދާނެ. އަޅުގަނޑަށްވެސް އެނގޭ، ވައިގެ ދަތުރުފަތުރަކީ ކަނޑު ދަތުރުފަތުރަށްވުރެ އަގުބޮޑު އެއްޗެއް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންވީ ހަމައެކަނި އަގަކަށް ނޫން. ކުރިންވެސް ދެންނެވި ފަދައިން، ވަގުތު ސަލާމަތްވުން އެއީ ވަރަށްބޮޑު ކަމެއް. އެހެންވީމާ، އެކަމަށްވެސް ވިސްނައިގެން، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެވެސް ހަލުވިކޮށް ކުރުމަށްޓަކައި އަޅުގަނޑުމެން މި ވަސީލަތުގެ ބޭނުންހިފަންޖެހެނީ. އަޅުގަނޑު ޝައްކެއްނުކުރަން، މި ވަސީލަތުގެ ބޭނުން އަޅުގަނޑުމެން ހިފާނީ އެންމެ ފުރިހަމަގޮތުގައި ކަމަކާމެދަކު.

އާދެ، މިއަދު މި ހުޅުވުނު ވައިގެ ބަނދަރުގެ ސަބަބުން އަޅުގަނޑުމެން ޖިސްމާނީ ގޮތުން ކައިރިވެއްޖެ. މާލެއާއި ހަނިމާދުއާ ދޭތެރޭގައި 155 މޭލުގެ ދުރުމިން އެބައޮތް. އެހެންނަމަވެސް، މިހާރު އެ ދުރުމިން 45 މިނިޓަށް ކައިރިވެގެން އެދިޔައީ. އެހެންވީމާ، ޖިސްމާނީގޮތުން އަޅުގަނޑުމެން ވަރަށް ބޮޑުތަން ކައިރިވެގެން އަތުވެއްޖެ. އަޅުގަނޑުމެން ވިސްނާލަންވީ އަޅުގަނޑުމެން ދިވެހި ރައްޔިތުން ކައިރިވާންވީ ހަމައެކަނި ޖިސްމާނީ ގޮތުންތޯ؟ ޖަވާބަކީ ހަމައެކަނި ޖިސްމާނީ ގޮތަކުން ނޫނޭ. އަޅުގަނޑުމެން ހުރިހާ ގޮތަކުންވެސް ކައިރިވާން ވެއްޖެއޭ. ދިވެހި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ، ދިވެހި ރައްޔިތުންގެ އަފްރާދުން އެކަކު އަނެކަކާ، ސަރުކާރާއި ރައްޔިތުންނާ، ރައްޔިތުންނާއި ސަރުކާރާ، މިހާރަށްވުރެވެސް ކައިރިވާން ވެއްޖެ. ކުރިއެރުން އޮތީ ކައިރިވުމުގައި. ކުރިއެރުން އޮތީ އެކުވެރިވުމުގައި. އެއްބާރުލުމުގައި. އެހެންވީމާ، ހަމައެކަނި އަޅުގަނޑުމެން ޖިސްމާނީ ކައިރިވުމުން އެއީ، ފުދުނީކަމަށް ބަލައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ ހިތްތައް މިހާރަށްވުރެ ކައިރިވާން ވެއްޖެ. ހިތްތައް އެކުވެރިވާން ވެއްޖެ. ވިސްނުންވެސް މިހާރަށްވުރެ ކައިރިވާން ވެއްޖެ.

އާދެ، އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހި ހުރިހާ ރައްޔިތުންވެސް އެކަކު އަނެކަކާ ކައިރިވެ، އެއްބަޔަކު އަނެއްބަޔަކާ ކުރިޔަށްވުރެ ކައިރިވުމުގެ ފިޔަވަޅުތަކެއް އެޅުއްވުން. ޚިޔާލުވެސް އެއްގޮތް ކުރަންވީ. އަޅުގަނޑުމެން ޤަބޫލުކުރާ އުޞޫލުތައްވެސް އެއްގޮތް ކުރަންވީ. އަޅުގަނޑުމެން ކުރާ މަސައްކަތްތައްވެސް އެއްގޮތް ކުރަންވީ. މި ކަންތައްތައް މިހެން ކޮށްގެން ނޫނީ، އެއްވެސްކަހަލަ ހަމަޖެހުމެއް ރާއްޖެއަކަށްވެސް ނާންނާނެ. އަދި އެއްވެސްކަހަލަ ތަރައްޤީއެއްވެސް ރާއްޖެއަކަށް ނާންނާނެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް މީގެ ސާފު ހެކި ފެންނަން އެބަހުރި. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލި ކަމުގައިވިޔަސް، އެ ޤައުމުތަކުގައި އުފެދިފައި އެ ހުންނަ ހަމަނުޖެހުންތައް، އޭގެ އަޞްލަކީ އެއްބަޔަކު އަނެއްބަޔަކާ ދުރުހެލިވުން. އެއްބަޔަކު އަނެއްބަޔަކާ މަޤްޞަދު ތަފާތުވުން. ޚިޔާލު ތަފާތުވުން. ކުރާ ޢަމަލުތަކުގައި ތަފާތުވުން. އެކަމުގެ ސަބަބުން އެންމެފަހުން ގޮސް ކަންތައްތައް ނިމޭއިރު އޮންނަނީ ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދިފައި. ވަރަށްބޮޑެތި ފިތުނަތަކެއް އުފެދިފައި. ލޭ އޮހޮރުވުމާ ހަމައަށް ގޮސްފައި އޮންނަނީ. އޮޅުދޫކަރަ ބައްލަވައިލައްވާ، އުތުރުކަރަ ބައްލަވައިލައްވާ، ޕާކިސްތާން ބައްލަވައިލައްވާ. އަދި އެނޫން އެހެން ޤައުމުތަކަށް ވިސްނަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ. ޤައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ނެތިއްޖިއްޔާ ދެން ވާނެގޮތް. ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ދިވެހިރާއްޖެއިން އެފަދަ މަންޒަރެއް ދެކޭކަށެއް ބޭނުމެއްނުވޭ. ރާއްޖޭގައި ޚިޔާލުތަފާތުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެކަކު އަނެކަކާ ދެކޮޅުވެރިވެ، ޙަސަދަވެރިވާކަށް އެއްވެސް މީހަކު ބޭނުމެއް ނޫން. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވެ، ޙަސަދަވެރިވާކަށްވެސް ބޭނުމެއްނޫން. އެއީ، އޭގެ އާޚިރު ނަތީޖާ ވާނެގޮތް އަޅުގަނޑުމެންނަށް ފެންނަން ހުރީތީ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުމެން ރޫޙާނީ ގޮތުން ކައިރިވުން. އަޅުގަނޑުމެންގެ ހިތްތައް އެކަކު އަނެކަކާ މިހާރަށްވުރެ ކައިރިވުން. ޚިޔާލުގެގޮތުން ކައިރިވުން. އޭރުން އަޅުގަނޑުމެން ތަރައްޤީގެ މަގުގައި މިކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭނީ.

އާދެ، މިއަދު އަޅުގަނޑު އަދާކުރަންޖެހޭ އަދި ވަރަށް އުފާވެރި އެހެން ވާޖިބެއްވެސް އޮތުމާ އެކުގައި، މިހާހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ކުރިޔަށް ދިޔުމުގެ މަގުތައް ފަހިކޮށްދެއްވުން. އެކަލާނގެ ރުއްސަވާވޮޑިގެންވާ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރުގަދަ ގުޅުމުން އަޅުގަނޑުމެންގެ ހިތްތައް ގުޅުއްވައިދެއްވުން. އަދި އެކަލާނގެ ނިޢުމަތާއި ރަޙްމަތުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ދިވެހި ޤައުމު ކުރިޔަށް ގެންދިއުމަށްޓަކައި އަޅާ ފިޔަވަޅުތައް އެޅުމުގެ ތައުފީޤާއި ވާގިވެރިކަން އަޅުގަނޑުމެންނަށް ދެއްވުން.

އާދެ، މި ދުޢާއާ އެކުގައި، މި ވައިގެ ބަނދަރު ހުޅުވުމުގެ އިތުރުން، އަޅުގަނޑު ކަމެއް ކޮށްލަން އެބަޖެހޭ. އެހެންވީމާ، اللهُ سُبْحَانَهُ وَتَعَالَىގެ އިސްމުފުޅުގެ ބަރަކާތުން، ހަނިމާދޫ ވައިގެ ބަނދަރު ހުޅުވައިދިނުމުގެ ރަމްޒެއްގެ ގޮތުން ނަންބޯޑުގައި ދެމިފައިވާ ފޮތިގަނޑު އަޅުގަނޑު ކަހާލާނަން. ޝުކުރިއްޔާ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.