بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبه أجمـعـين.

ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، މި މިނިވަން އިސްލާމީ ޤައުމުގެ އެންމެ އިސް ވާޖިބަކީ، އަދި އެޤައުމުގެ އެންމެ އިސް ވާޖިބަކަށްވާންވާނީ، ދިވެހިރާއްޖެއަށް ޤައުމީ މިނިވަންކަން މިންވަރު ކުރައްވައި، އެ މިނިވަންކަން ދެމެހެއްޓުމުގެ ޤާބިލިއްޔަތު ދެއްވި ކީރިތިވަންތަ اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން.

މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދެންނެވުން. ތަހުނިޔާ އަދާކުރުން. އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނަށް މި ތާރީޚީ މުނާސަބަތުގައި މި މަރްޙަބާ ކިޔަނީ، އަޅުގަނޑުމެންގެ ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުން އެދި ދުޢާކުރަމުން. މިނިވަންކަމުގެ ފަޚުރާއި ޝަރަފް އަބަދަށްޓަކައި ދިވެހިންނަށް ދެއްވާ ނަޞީބެއް ކަމުގައި ލެއްވުން އެދެމުން.

މިއަދު އަޅުގަނޑުމެންގެ އެންމެ ޚާއްޞަ އުފަލަކީ، އަޅުގަނޑުމެންގެ މި އުފާވެރި ޤައުމީ ތާރީޚީ މުނާސަބަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި އަޅުގަނޑުމެންނާ ހަމަޔަށް ދަތުރުކުރައްވައި ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރި މެހްމާނުންނަށް ދިވެހި ސަރުކާރުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދެންނެވުން. ޝައްކެއްނެތް، އަޅުގަނޑުމެންނަށް މި ލިބޭ އުފަލުގައި، އެޤައުމުތަކުގެ ފަރާތުން ޢިއްޒަތްތެރި މަންދޫބުން ވަޑައިގެން ބައިވެރިވެވަޑައިގެންދެއްވާކަމީ، އެ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ ހިތުގައި އަޅުގަނޑުމެންނަށްޓަކައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކާއި ހެޔޮއެދުންތައް ރަމްޒުކޮށްދޭ އަލިގަދަ ހެތްކެއް. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި، އެޤައުމުތަކުގެ ވެރިންނަށާއި ސަރުކާރަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.

މިފުރުޞަތުގައި އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާހިތްއޮތީ، ސްރީލަންކާގެ ޢިއްޒަތްތެރި ބޮޑުވަޒީރު ހިޒް އެކްސެލަންސީ މިސްޓަރ ޑީ.ބީ. ވިޖޭތުންގަ އަޅުގަނޑުމެންނާ އެކީގައި މިޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވާކަން. އޭނާ ވަޑައިގެން އެ އިންނެވީ، ސްރީލަންކާގެ ޕްރެޒިޑެންޓް ޕްރެމަދާސާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން. އެހެންކަމާއެކު، ސްރީލަންކާގެ ރައީސަށާއި، އެތާނގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރްޙަބާ ދެންނެވުމަކީ، އަދި ޝުކުރު ދެންނެވުމަކީ، މިފުރުޞަތުގައި އަޅުގަނޑު އަދާކުރަންޖެހޭ ވަރަށްވެސް އުފާވެރި ވާޖިބެއް.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި ގުޅުމަކުން ގުޅިފައިވާ ދެޤައުމު. އެއީ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން، ތާރީޚީ ގޮތުންނާއި، ޘަޤާފީ ގޮތުން. އަދި މިނޫންވެސް ކިތަންމެ ގޮތަކުން. މިއަދު އަޅުގަނޑުމެންގެ މިއުފާވެރި އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންދެއްވުމަށްޓަކައި، އެތާނގެ ބޮޑުވަޒީރު ވަޑައިގެން އިންނެވިކަމުން ދޭހަވާ އެއްޗަކީ، އަޅުގަނޑުމެންގެ މި ރަޙްމަތްތެރި ދެޤައުމުގެ މެދުގައިވާ ބަދަހި ގުޅުން މިހާރަށްވުރެވެސް އިތުރުވެގެންދާނެކަން. އަދި އަޅުގަނޑުމެންގެ ގުޅުން އެކި ރޮނގުރޮނގުގައި ބަދަހިކުރުމަށްޓަކައި ސްރީލަންކާގެ ސަރުކާރުން ދެއްވާ މަތިވެރި އަހަންމިއްޔަތު. އެކަމަކީ ޝައްކެއްނެތްގޮތުގައި، ދިވެހި ރައްޔިތުން އުފާކުރާނެ ކަމެއް. އަޅުގަނޑުމެންނާ ސްރީލަންކާއަކީ ވަރަށް ރަޙްމަތްތެރި އަވަށްޓެރި ދެޤައުމު. ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމަކީ، އަޅުގަނޑުމެންގެ ކުރިއެރުމަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ގުޅުމެއް. އަދި މުސްތަޤްބަލުގައިވެސް އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ދެޤައުމުގެ ދޭތެރޭގައި މިއޮންނަ ގުޅުމަކީ، ރާއްޖޭގެ ތަރައްޤީއަށް އެހީވާނެ ކަމެއް. އަދި މިސަރަޙައްދުގައި ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ޤާއިމުވުމަށްވެސް ބާރުއަޅައިދޭނެ ކަމެއް. އެހެންކަމާއެކު، އަދިވެސް އެއްފަހަރު، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ! މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުމުގެ މުނާސަބަތު. ރާއްޖެއަށް މިނިވަންކަން ލިބުނީ، މީގެ 25 އަހަރު ކުރިން. އާދެ! 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު. ހަމަ ގާތްގަނޑަކަށް މިހާކަންހާއިރުއޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދޭތެރޭގައި ސޮއިކުރެވުނު އެގްރީމެންޓްގައި ސޮއިކުރެވުނީ، މިދެންނެވި ދުވަހުގެ ގާތްގަނޑަކަށް މިހާކަންހާއިރު، ސްރީލަންކާގައި ހުރި އިނގިރޭސި ހައިކޮމިޝަނަރުގެ އޮފީހުގައި.

އާދެ! ކޮންމެއަކަސް މިއަހަރު އަޅުގަނޑުމެންގެ މިނިވަންކަން މިފާހަގަކުރަމުން ގެންދަނީ، ވަރަށްވެސް ޚާއްޞަ ގޮތެއްގައި. ވަރަށް ކުލަގަދަ ގޮތެއްގައި. މިހެންވާންޖެހޭ ސަބަބަކީ ކޮބައިތޯ 25 ވަނަ އަހަރަކީ ވަކި ޚާއްޞަ އަހަރެއްތޯ؟ އަޅުގަނޑު ދަންނަވާނީ 25 ވަނަ އަހަރަކީ، ވަކި ޚާއްޞަ އަހަރެއް ނޫނޭ. އެހެން ނަމަވެސް، ޤައުމެއްގެ ޙަޔާތުގައި 25 އަހަރަކީ އެކަށީގެންވާ މުއްދަތެއް. އަދި އަމުދުން އެ 25 އަހަރަކީ އެޤައުމެއް މިނިވަންވީތާ އެންމެ ފުރަތަމަ ހިނގާ 25 އަހަރު ކަމަށްވާނަމަ، އެކަމުގެ މުހިންމުކަން ވަރަށްވެސް ބޮޑުވާނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، 25 އަހަރު ވަންދެން މިނިވަންކަމާއެކު ޤައުމެއް ދެމެހެއްޓުމަކީ، ވަރަށްވެސް ދަތި އުނދަގޫ ކަމެއް. އަދި މިނިވަންކަމާއެކު 25 އަހަރު އަޅުގަނޑުމެން ރާއްޖެފަދަ ކުޑަކުޑަ ޤައުމެއް މިނިވަންކަންމަތީ ދެމެހެއްޓުމަކީ، ވަރަށްބޮޑު ކާމިޔާބީއެއް. އަދި ރަނގަޅަށް ވިސްނާލައިފިނަމަ، އަޅުގަނޑުމެންނަށް ވިސްނޭނެ، އަޅުގަނޑުމެންގެ މިނިވަންކަން މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ހިފެހެއްޓީކީ ނޫން. ތަފާތު ގިނަ ރޮނގުތަކުގައި، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށްވެސް އެޅި. އަދި މިހާރުވެސް މިދަނީ އަޅަމުން.

އާދެ! މީގެ 25 އަހަރު ކުރިން އަޅުގަނޑުމެންގެ ރާއްޖެ އޮތީ ކިހިނެއްތޯ؟ ރާއްޖޭގެ ޙާލަތު އޮތީ ކޮންގޮތަކަށްތޯ؟ ފުރިހަމަ ސިޔާސީ މިނިވަންކަން ނެތުމުގެ ސަބަބުން އަޅުގަނޑުމެން އޮތީ ބޭރު ދުނިޔެއާ ވަކިވެފައި. ބޭރު ދުނިޔޭގެ އެއްވެސް އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބޭފަދަ ގޮތެއްގައެއް ނޫން. އަޅުގަނޑުމެން ފަދަ އިޤްތިޞާދީ ފުދުންތެރިކަން ކުޑަ ޤައުމަކަށް ޝައްކެއްނެތް، ކުރިޔަށް ދެވޭނީ، ބޭރުގެ ޤައުމުތަކާވެސް ގުޅިގެން. ބޭރުގެ އެހީވެސް ލިބިގެން. އެހެން ނަމަވެސް، މިނިވަންކަން ނެތުމުގެ ސަބަބުން އެފަދަ ގުޅުމެއް އަޅުގަނޑުމެންނަށް ގުޅުވިފައި ނުވާތީ، އަޅުގަނޑުމެންގެ ތަރައްޤީއަށް އޭރު އެޅިފައިވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް.

އޭރު ރާއްޖޭގެ މީހުންގެ ޢަދަދު ގުނާލެވެނީ އެންމެ ލައްކައަކާ ހަމަޔަށް. ރާއްޖޭގައި ދުނިޔެ ޤަބޫލުކުރާ ފެންވަރަށް ކިޔަވައިގެން ތިބީ، އެއްއަތުގެ އިނގިލިތަކުން ގުނާލެވޭފަދަ މަދު ބަޔެއް. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އިބްތިދާއީ ތަޢްލީމު ޙާޞިލުކޮށްގެން ތިބީވެސް ވަރަށްވެސް މަދު ބަޔެއް. ޞިއްޙީ ދާއިރާއަށް ވިސްނާލާއިރު، އަޅުގަނޑުމެންގެ ރާއްޖެ އޮތީ ވަރަށް ދަށް ފެންވަރެއްގައި. ރޯގާތަކާއި ބަލިމަޑުކަންވަނީ މުޅި ރާއްޖެއަށް ޢާންމުވެފައި. ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދުވެސް ވަރަށްގިނަ. އޭގެތެރޭގައި، ކުޑަކުދިންގެ ޢަދަދު، ހިތާމަކުރަންޖެހޭހާ ގިނަ. މިކަންތައްތައް މިހެން ހުރުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތެއްގެ ޢުމުރުގެ އެވްރެޖް ދިގުމިނަކީވެސް ވަރަށް ކުރު މުއްދަތެއް. އިޤްތިޞާދީ ގޮތުން ނަޒަރު ހިންގާލާއިރު، މީގެ 25 އަހަރުގެ ކުރި ސިފަކުރެވޭނީ، ކިހިނެއްބާވައޭވެސް އަޅުގަނޑު ހިތަށްއަރާ. ރާއްޖޭގެ ވިޔަފާރީގެ ބޮޑު ބައެއް އޮތީ ބޭރު ބަޔެއްގެ އަތްމަތީގައި. އާދެ! ވޯރާ ވިޔަފާރިވެރިންގެ އަތްމަތީގައި. މަސްވެރިކަން ފިޔަވައި އޭރު އިޤްތިޞާދީ ގޮތުން ރާއްޖޭގައި ކުރާ ދެވަނަ މަސައްކަތެއް ނެތޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެ. މުޅި ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް، މީހެއްގެ މައްޗަށް ޖެހޭ ވަރަކީ 100 ޑޮލަރަށްވުރެވެސް މަދު ޢަދަދެއް.

މިދެންނެވުނީ، މީގެ 25 އަހަރު ކުރިން ރާއްޖޭގެ ޙާލަތު އޮތްގޮތް ދައްކައިދޭ ވަރަށް މަދު މިސާލެއް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ހަރު ބޭކަލުންނާއި ހަރުބޭކަނބަލުންނަށް އެދުވަސްވަރު ރާއްޖޭގެ ކަންތައްތައް އޮތްގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެބޭފުޅުން ހަނދުމަފުޅުވެސް ހުންނާނެ. އަދި ތެދުތެދަށް ދަންނަވަންޏާ، އޭރު ރާއްޖޭގައި ކަންތައްތައް އޮތްގޮތް އަޅުގަނޑަށްވުރެ މާބޮޑަށް، އެބޭފުޅުންނަށް ފިލާވަޑައިގެންފައި އޮންނާނެ. ކަންތައްތައް ދިމާވިގޮތުން އެދުވަސްވަރަކީ އަޅުގަނޑު ރާއްޖެއިން ބޭރުގައި ހޭދަކުރި ދުވަސްވަރެއް. މިއަދު މާތްﷲގެ ރަޙްމަތްފުޅާއި އަޅުގަނޑުމެންގެ ހިންމަތްތެރި މުވާޠިނުންގެ މަސައްކަތުން އަޅުގަނޑުމެންގެ ޙާލަތު ވަނީ އެތައް ތަނެއް ރަނގަޅުވެފައި.

އާދެ! މިއަދު އަޅުގަނޑުމެންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޔުނިވަރސިޓީ ގްރެޖްއޭޓުން އެބަ ތިއްބެވި. ޑޮކްޓަރުންނާއި އިންޖިނޭރުން އެބަ ތިއްބެވި. ޓީޗަރުން އެބަ ތިއްބެވި. ރާއްޖޭގެ ކިޔަވާ ޢުމުރުގެ ކުދިންގެ ސަތޭކައަކުން އަށްޑިހައަށްވުރެ ގިނަ ކުދިންނަށް ކިޔެވޭނެ ފުރުޞަތު ރާއްޖޭގައި ވަނީ ލިބިފައި. ޞިއްޙީ ކަންތައްތަކަށް ބަލާއިރުވެސް، މީގެ 25 އަހަރު ކުރިއަށްވުރެ މިހާރު އަޅުގަނޑުމެންގެ ކަންތައްތައް ވަނީ އެތައް ތަނެއް ތަރައްޤީވެފައި. މާލޭގައި ހޮސްޕިޓަލެއް އެބަހުރި. ރާއްޖެތެރޭގެ 4 ތަނެއްގައި 4 ހޮސްޕިޓަލް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ރޯގާތަކާއި ބަލިމަޑުކަން ކުރިއަށްވުރެ ވަރަށްބޮޑުތަން މިހާރުވަނީ މަދުވެފައި. ކުޑަކުދިން މަރުވާ ޢަދަދު މާތްﷲގެ ރަޙްމަތްފުޅުން މިހާރުވަނީ ކުރިޔާ އަޅައިބަލާއިރު ވަރަށްބޮޑުތަން ތިރިއަށް ޖެހިލާފައި. ރާއްޖޭގެ ރައްޔިތެއްގެ ޢުމުރުގެ އެވްރެޖް ދިގުމިންވެސް މިހާރުވަނީ ކުރިއަށްވުރެ މާބޮޑުތަން އިތުރުވެފައި.

އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކަށް ވިސްނާލާއިރުވެސް މިއަދުގެ ރާއްޖެވަނީ މީގެކުރީގެ ރާއްޖެއަށްވުރެ، އާދެ! މީގެ 25 އަހަރު ކުރީގެ ރާއްޖެއަށްވުރެ އެތައް ތަނެއް ކުރިއަށް ގޮސްފައި. އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ، އަޅުގަނޑު ދަންނަވާލަންޖެހޭ ވަރަށްވުރެ މާ ފާޅުކަންބޮޑު ބަދަލުތަކެއް. ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ވެފައިވާ މިންވަރާއި އަދި އޭރު ރާއްޖޭގައި އެއްގޮތަކަށްވެސް ތަޢާރުފުނުވާ އެހެން ބޮޑު އިޤްތިޞާދީ މަސައްކަތެއް، އާދެ! ޓޫރިޒަމް، އޭގެފަހުން ރާއްޖެއަށް ގެނެސްދީފައިވާ މުއްސަނދިކަމާ، މިކަންތައްތަކަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ ކަންތައްތަކެއް. އަދި އަޅުގަނޑުމެންގެ ވެރިކަން ކުރާ ރަށް މާލެއަށް ވިސްނާލިޔަސް، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ އެހެން ރަށްރަށަށް ވިސްނާލިޔަސް، ރާއްޖެއަށް މިއަދު އައިސްފައިމިވާ ބޮޑު ބަދަލު އެއީ، އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ ބަދަލެއްނޫން. ދަތުރުފަތުރުކޮށް އުޅުމާއި، ޓެލެފޯނާއި، ރޭޑިޔޯއާއި، ޓެލެވިޜަންގެ ކަންތައްތައް ކުރިއަށް ގޮސްފައިވާވަރާއި، ބައިނަލްއަޤްވާމީ ގުޅުންތައް ތަރައްޤީވެފައިވާ މިންވަރާ، މިކަންތައްތަކަކީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަންތައްތަކެއް. އަދި އެކަންތައްތަކަކީ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން އެކަންތައްތަކަށްޓަކައި ފަޚުރުވެރިވުންވެސް ޙައްޤު ކަންތައްތަކެއް.

އާދެ! އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރުން މިހާ ކުލަގަދަ ގޮތެއްގައި، މިފާހަގަކުރަނީ މިހެންވެގެން. އަޅުގަނޑުމެން ވޭތުވެދިޔަ 25 އަހަރު ޙާޞިލްކުރި ކާމިޔާބީތަކާމެދު އުފާފާޅުކުރުމަށް. އަދި މިކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި ޢަޒުމް ކަނޑައެޅުމަށް. އާދެ! މިދެންނެވި ކާމިޔާބީތަކަކީ ހަމައެކަނި މި ސަރުކާރަށްވީ ފަހުން ހޯދުނު ކާމިޔާބީތަކެއް ނޫން. އަޅުގަނޑުމެން މިހާރު މިވާހަކަ ދައްކަމުން ގެންދަނީ، 25 އަހަރުގެ ދިގު މުއްދަތަކާ ދޭތެރޭގައި. އޭގެ ތެރޭގައި، ސަރުކާރަށް ތަފާތު ބަދަލުތައްވަނީ އައިސްފައި. އަޅުގަނޑު މި ފާހަގަކުރާ ނުކުތާއަކީ، އޭރަކު އޮންނަ ސަރުކާރަކުން އެކުރައްވާ މަސައްކަތަކުން އަދި ދިވެހިރާއްޖޭގެ މަސައްކަތްތެރި، ހީވާގި މުވާޠިނުންގެ މަސައްކަތުން، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ގެނެސްދީފައިވާ ތަރައްޤީތަކަކީ، އެކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ތަރައްޤީތަކެކޭ ދަންނަވާލުން.

އާދެ! މީގެ 25 އަހަރު ކުރިން އަޅުގަނޑުމެންގެ ޤައުމަށް މިނިވަންކަން ލިބުނީ، އެހެން ޤައުމުތަކަށް މިނިވަންކަން ލިބޭގޮތާ ތަފާތުގޮތަކަށޭވެސް ދެންނެވިދާނެ. އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާމެދު ކުރެވުނު އެގްރީމެންޓެއްގެ ދަށުން. އެގްރީމެންޓް ކުރެވުނީ، ކުރިންވެސް އަޅުގަނޑު ދަންނަވާލި ފަދައިން، އޭރު ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރުގެ އޮފީހުގައި. އާދެ! މިނިވަންކަން އިޢްލާނު ކުރުމުގެ ބޮޑު އިޙްތިފާލެއް އޭރަކު ނުބޭއްވޭ. އަޅުގަނޑުމެން، އެޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޭރު އޮތް ޤައުމުގެ ދިދަ ތިރިކޮށް، އަޅުގަނޑުމެންގެ މިނިވަން ދިދަ އުފުލާލުމުގެ ރަސްމިއްޔާތެއްވެސް ނުބޭއްވޭ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް، އެ މިނިވަންކަމުގެ ސަބަބުން އައި ބަދަލެއް އެވަގުތު ރަނގަޅަށް އިޙްސާސްވެސް ނުކުރެވެޔޭވެސް ދެންނެވިދާނެ. ސަބަބަކީ އޭގެ ކުރިންވެސް އަޅުގަނޑުމެންނަކީ މިނިވަން ބަޔަކަށްވާކަން. އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތައް އަޅުގަނޑުމެން ބޭނުންވާގޮތަށް ފުރިހަމަ މިނިވަންކަމާއެކު ކުރަމުން ގެންގޮސްފައިވާ ބަޔަކަށްވާކަން. އިނގިރޭސި ދައުލަތުގެ ޙިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރުވެސް، ދެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި އިނގިރޭސި ދައުލަތުގެ އެއްވެސް މަންދޫބަކު ނެތް. އެމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލަފާދޭނެ މުޝީރަކުވެސް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ކުރަމުން ގެންދިޔައީ އަޅުގަނޑުމެންނަށް ފެންނަ ގޮތެއްގެ މަތިން. އަޅުގަނޑުމެންގެ އޭރަކު ރަސްކަމުގައި އިންނެވި ރަސްކަލެއްގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން ނުވަތަ އޭރަކު ވެރިކަން ކުރައްވަން ހުންނެވި ބޮޑުވަޒީރެއްގެ ނިންމެވުމުގެ މަތިން. ކޮންމެއަކަސް ބޭރު ދައުލަތެއްގެ ނުފޫޒެއް އަޅުގަނޑުމެންގެ ރާއްޖެއަކަށް އޭރަކު ހިނގާފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މިލިބުނު މިނިވަންކަން އެއީ، އަޅުގަނޑު މިދަންނަވަނީ އޭރު އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެއީ ކޮން އެއްޗެއްކަން ރަނގަޅަށް އިޙްސާސްވެސް ނުކުރެވޭ ކަހަލަ މިނިވަންކަމަކަށޭވީ.

އާދެ! ކަންއޮތީ މިހެން ކަމުގައިވިޔަސް، އަދި އަޅުގަނޑުމެންނަށް މިނިވަންކަން ދިނުމުގެ ކުލަގަދަ އިޙްތިފާލެއް ނުބޭއްވުނު ކަމުގައިވިޔަސް، އަޅުގަނޑުމެން އަޅުވެތިކޮށްފައިވާ ޤައުމުގެ ދިދަ ތިރިކޮށް، އަޅުގަނޑުމެންގެ ދިދަ އުފުލުމުގެ މާބޮޑު ރަސްމިއްޔާތެއް ނުބޭއްވުނު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ މި ދިވެހި ޤައުމަށް މިނިވަންކަން ލިބުން ހިމެނިގެންދިޔައީ، ބައިނަލްއަޤްވާމީ ގޮތުން ވަރަށް މުހިންމު އިންޤިލާބެއް އައުމުގެ ފެށުން ކަމުގައި. ބައިނަލްއަޤްވާމީ މަސްރަޙުގައި ޤައުމެއްގެ ޙައިޘިއްޔަތާމެދު އައު ނަޒަރަކުން ބަލަން ފެށުނު ކަމެއް ކަމުގައި.

ރާއްޖެއަށް މިނިވަންކަން ލިބުނު ވާހަކަ، ބޭރުގެ މަޝްހޫރު މަޖައްލާއެއްގައި އޭރު ޖަހާފައި އޮތީ މިހާ ކުޑަކުޑަ ޤައުމަކަށް މިނިވަންކަން ލިބުނަކަސް އެއަކުން އަންނާނެ މާބޮޑު ބަދަލެއް ނޯންނާނެއޭ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަކުން ކޮޅުނބުގެ ރެކްލަމޭޝަން ރޯޑުގައި ފިހާރައެއް ހުޅުވާލައިގެން މުދަލާލިއެއް ބޭންދުމަށްވުރެ ބޮޑުކަމެއް ރާއްޖެއަށް ކުރެވޭނެ ކަމަކަށް ނުފެނެއޭ. ނަމަވެސް ކަންތައްތައްވީ އެހެންނެއް ނޫން. މިނިވަންކަން ލިބުމާއެކު، ދިވެހިރާއްޖެ އ.ދ.ގެ މެންބަރަކަށްވުމަށް އެދުނީ. އެކަންވީ ދުނިޔެ ޙައިރާންކޮށްލި ކަމަކަށް. އޭގެކުރިން އ.ދ. މަޖިލީހުގައި މިފަދަ ކުޑަ ޤައުމެއް ބައިވެރިވެފައެއް ނެތް. ވަރަށްގިނަ މީހުން ޚިޔާލުކުރަން ފެށި. އެތަނެއްގެ ރައްޔިތުންގެ ޢަދަދު ކިރިޔާ އެއްލައްކަ ހަމަވާ ތަނެއް އެއީ، އ.ދ. މަޖިލީހުގައި ބައިވެރިކުރެވިދާނެ ޤައުމެއްބާވައޭ. އެހާ ކުޑަކުޑަ ޤައުމަކާ، އެމެރިކާ ނުވަތަ ރޫސީވިލާތްފަދަ ބޮޑެތި ޤައުމުތަކާ އެއްހަމައަކުން އ.ދ. މަޖިލީހުގައި ވޯޓު ދެވެމުން ގެންދެވިދާނެބާވައޭ. އެދުވަސްކޮޅު ވަރަށް ތަފާތު ޚިޔާލުތަކެއް ބައިނަލްއަޤްވާމީ ދާއިރާގައި ކުރެވުނު. އަޅުގަނޑުމެން ފަދަ ކުދިކުދި ޤައުމުތަކަށް މައިކްރޯ ސްޓޭޓްގެ ނަމުން ނުވަތަ މިނީ ސްޓޭޓްގެ ނަމުން ނަންދީ، އަޅުގަނޑުމެންނަކީ ޙަޤީޤަތުގައި މިނިވަންބަޔަކަށް ނުވާނެ ކަމުގެ ވާހަކަތައް ދެކެވެމުންދިޔަ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުން އެކަށީގެންވާ ވަރަށްވުރެ މާ މީސްކޮޅު މަދު، އިޤްތިޞާދީ ފުދުންތެރިކަން ކުޑަ ޤައުމެއް ކަމުގައި ވަކާލާތު ކުރެވެމުންދިޔަ. އެހެން ނަމަވެސް، އ.ދ. މަޖިލީހުގެ ޗާޓަރު ބުނާގޮތުން، ޤައުމެއްގެ މިނިވަންކަމަކީ، ނުވަތަ ޤައުމެއްގެ ސިޔާދަތަކީ، އެތާނގައި ދިރިއުޅޭ މީހުންގެ ޢަދަދުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫން. ތަނުގެ މުއްސަނދި ކަމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫން. އެކަންތައް ބިނާވެފައި އޮންނަނީ، ތަނަށް ލިބިފައިވާ މިނިވަންކަމާއި އިސްތިޤްލާލުގެ މައްޗަށް. އެތަނެއްގައި ވެރިވެފައިވާ ސިޔާދަތުގެ މައްޗަށް. އެހެންވީމާ، އެގޮތުން ބަލާއިރު ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ ތަފާތުކުރެވޭނެ އެއްވެސް ގޮތެއްނެތް. ކޮންމެއަކަސް ނަތީޖާއަކަށްވީ، ދިވެހިރާއްޖެ އ.ދ.ގެ މެންބަރަކަށްވުން. އޭގެފަހުން ރާއްޖެފަދަ ކުދިކުދި އެތައް ޤައުމެއް، ޔޫ.އެން.ގެ ފުރިހަމަ މެންބަރު ކަމުގައި މިހާރުވަނީ ވެފައި. އަދި ކުދި ޤައުމުތަކަކީ ދުނިޔޭގެ ޤައުމުތަކުގެ ސަފުގައި އެހެން ޤައުމުތަކާއެކު ފައިހަމަކުރަމުންދާ އަދި ދެވިދާނެ ބައެއް ކަމުގައި މިހާރުވަނީ ހާމަވެގެން ގޮސްފައި.

އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަން ލިބި، ޔުނައިޓެޑް ނޭޝަންސްގެ މެންބަރަކަށްވީ ދުވަހުން ފެށިގެން، އަޅުގަނޑުމެން އެނބުރި ފަސްބަލައެއްނުލަން. އަޅުގަނޑުމެން ދިޔައީ ކުރިއަށް. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަބަދުވެސް ދާނީ ކުރިއަށް.

އާދެ! މީގެ 25 އަހަރު ކުރިން އަޅުގަނޑުމެން ދުނިޔެއަށް ހާމަކޮށްދިނީ، އަދި ﷲގެ ވާގިފުޅާއެކު މިހާރުވެސް ހާމަކޮށްދެމުން މިގެންދަނީ، ކުޑަ ޤައުމަކަށްވެސް މިނިވަންކަމާއެކު، ދިރިއުޅުމުގެ ޙައްޤު އޮންނަންވާނެކަން. އަދި ކުޑަ ޤައުމަކަށްވެސް މިނިވަންކަމާއެކު ދިރިއުޅެމުން ދެވިދާނެކަން. އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައިވަނީ، ކުރިންވެސް ދެންނެވި ފަދައިން، އެހެން ބައެއް ޤައުމުތަކާ ތަފާތުގޮތަކަށް. އާދެ! އަޅުގަނޑުމެންނަކަށް މާދިގު ޖިހާދުތަކެއް ކުރާކަށް ނުޖެހުނު. ލޭތަކެއް އޮހޮރުވާލާކަށް ނުޖެހުނު. ޖަންގަލީގައި ފިލައިގެން ތިބެ ހަނގުރާމަކުރާކަށް ނުޖެހުނު. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ލިބުނު މިނިވަންކަމުގެ އަގު އެއްވެސް ހާލެއްގައި، އެހެން ޤައުމަކަށް ލިބޭ މިނިވަންކަމަށްވުރެ ކުޑައެއްނޫން. އާދެ! އަޅުގަނޑުމެން މިކަންކަން ޙާޞިލްކުރީ، ސިޔާސީ ޙިކްމަތުން. ޞުލްޙަވެރިކަމާއި ކެތްތެރިކަމުން. މިކަމުގައިވެސް އަޅުގަނޑު ހިތުން ރާއްޖެ ހިމެނޭނީ، ދުނިޔޭގައި ވަރަށް ތަފާތުގޮތަކަށް ޢަމަލުކުރި ރާއްޖެއެއް ކަމުގައި.

އާދެ! މިނިވަންކަމަށްޓަކައި އަޅުގަނޑުމެންގެ ލޭތަކެއް އޮހޮރުވާލާފައި ނެތް ނަމަވެސް، އަދި މިނިވަންކަމަށްޓަކައި ހަނގުރާމަތަކެއް ކޮށްފައި ނެތް ނަމަވެސް، އަޅުގަނޑުމެންގެ މިނިވަންކަމުގެ އަގު އަޅުގަނޑުމެން ރަނގަޅަށް ވަޒަންކުރަންޖެހޭނެ. މިނިވަންކަމުގެ އަގަކީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ކުޑަ އެއްޗެއް ނޫން. އެއީ، ވަރަށްބޮޑު އެއްޗެއް. އަޅުގަނޑުމެންގެ މިނިވަންކަމާމެދު ދުވަހަކުވެސް އަޅުގަނޑުމެން ޣާފިލުވެގެނެއް ނުވާނެ.

އާދެ! ދެން އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، ޤައުމީ މިނިވަންކަމުގެ މާނައަކީ ކޮބައިތޯ؟ މިނުކުތާއާ ދޭތެރޭގައި. މިއަދުގެ ދުނިޔޭގައި ޤައުމީ މިނިވަންކަމާ ދޭތެރޭގައި ވިސްނާލާއިރު، ބައެއް މީހުންނަށް ހީކުރެވިދާނެ، މިނިވަންކަމޭ ބުނުމުގެ މާނައަކީ، ހުރިހާ ކަމެއް އަމިއްލައަށް ކުރެވޭގޮތަށް ހަމަޖެހިފައި އޮތުމޭ. މިނިވަން ޤައުމަކަށްވުމަކީ، އެޤައުމެއް ބޭނުންވާހާ ގޮތަކަށް ޢަމަލުކުރަމުން ގެންދިޔުމުގެ އިޚްތިޔާރު އެޤައުމަކަށް ލިބިފައި އޮތުމޭ. އެހެން ނަމަވެސް، ދަންނަވާލަން ޖެހެނީ، މިއީ ޙަޤީޤަތެއް ނޫން ކަމުގައި. މިއަދުގެ ދުނިޔޭގައި އުފެދެމުންދާ ރޫޙަކީ އެއް ޤައުމެއް އަނެއް ޤައުމަކާ ގުޅި، އެއްޤައުމެއް އަނެއް ޤައުމަކާ ބައިވެރިވެގެން ކަންތައްތައް ކުރުމުގެ ރޫޙު. އާދެ! އިންޓަރ ޑިޕެންޑެންސީގެ ރޫޙު. އިޤްތިޞާދީ ގޮތުންވެސް، ސިޔާސީ ގޮތުންވެސް އެއްބަޔަކު އަނެއްބަޔަކާ ގުޅި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުވައިގެން އެންމެން އެކުގައި ތަރައްޤީއަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔުމުގެ ރޫޙު. މީގެ ކިތަންމެ މިސާލުތަކެއް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ދުނިޔޭގެ އެތަން މިތާނގައި އުފެދިފައިވާ ޖަމާޢަތްތަކަށް ބަލާލިޔަސް، އޭގެ ހެކި އަޅުގަނޑުމެންނަށް އެބަ ފެނޭ. އާސިއަން ޖަމާޢަތަކީ އަދި އީ.އީ.ސީ. އަކީ އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސަކީވެސް އަދި އަޅުގަނޑުމެންގެ ރާއްޖެ ބައިވެރިވާ ސަރަޙައްދީ ޖަމާޢަތެއް ކަމުގައިވާ ސާރކަކީވެސް މިދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭނެ.

އެހެންވީމާ، ނަތީޖާއަކީ މިއަދު އެއްވެސް ޤައުމަކަށް އެކަނިމާއެކަނި އެޤައުމު ބޭނުންހާގޮތަކަށް ކަންތައްތައް ކުރަމުން ގެންދިޔުމުގެ މަގު ތަނަވަސްވެފައެއް ނެތޭ މިއަދުގެ ދުނިޔޭގައި. އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ މާބޮޑެތި ޤައުމުތަކުގެ ކަންތައްތައްވެސް އޮތީ އެހެން. މިދެންނެވީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަން، މިހުރިހާ ތަނެއްގައިވެސް އަދި އެނޫން ޤައުމުތަކުގައިވެސް އަދި އެތަންތާނގެ ވެރިންވެސް، ސަރުކާރުތަކުންވެސް ޢަމަލުކުރަމުން ގެންދަނީ މިދެންނެވި އުޞޫލުގެ މަތިން. އެހެން ޤައުމުތަކާ ގުޅިގެން، އެހެން ޤައުމުތަކާ ބައިވެރިވެގެން. ސަރަޙައްދުގެ އަމަންއަމާންކަން ހިފަހައްޓައި، ސަރަޙައްދުގެ ތަރައްޤީއަށް މަސައްކަތް ކޮށްގެން. އެހެންވީމާ، މިއަދު ތަރައްޤީއަށް މަސައްކަތްކުރާ ޤައުމުތަކުން، ކަން ކުރަންޖެހޭނެ އުޞޫލަކީ މިދެންނެވީ. ޚާއްޞަކޮށް، އެޤައުމަކީ ކުޑަ ޤައުމަކަށް ވެއްޖެނަމަ، މިގޮތުން އެކަންތައްތައް ގެންދަންޖެހުން އޮންނާނީ، މާބޮޑަށް އެކަމަށްޓަކައި ސަމާލުވާންޖެހޭކަހަލަ ކަމަކަށްވެފައި.

އެހެންވީމާ، އަޅުގަނޑަށް ދަންނަވާލަން ޖެހެނީ، ޙަޤީޤަތުގައި ޤައުމެއްގެ މިނިވަންކަމަކީ އެހެން ޤައުމުތަކާ ގުޅިގެން ކުރިއަށްދިޔުމުގައި، އެޤައުމެއްގެ އަމިއްލަ ޝަޚްޞިއްޔަތު ގެއްލުނަނުދީ ދެމެހެއްޓުމުގެ ލިޔާޤަތާއި ޤާބިލިއްޔަތު އެޤައުމަކަށް ލިބިފައިވުމޭ. ހަމައެހެންމެ، ޤައުމީ މިނިވަންކަމަކީ ހުރިހާ ކަމެއްގައިވެސް އެޤައުމަކަށް އެކަނި ފެންނަ ގޮތަކަށް، އެޤައުމެއްގެ ހުރިހާ ކަމެއް ކުރަމުން ގެންދިޔުމެއްވެސް ނޫނޭ. ކިތަންމެ މިނިވަން ޤައުމަކަށްވެސް ތަބަޢަވާންޖެހޭ ބައިނަލްއަޤްވާމީ އުޞޫލުތަކެއް ހުރޭ. އަދި ސަރަޙައްދީ ފެންވަރުގައި އެއްބަސްވެވިފައިވާ ޤަވާޢިދުތަކެއްވެސް ހުރޭ. އެ އުޞޫލުތަކަށާއި އެ ޤަވާޢިދުތަކަށް ކޮންމެ ޤައުމަކުންވެސް ތަބަޢަވާންޖެހޭނެ. އެ ކަންތައްތަކަށް އިޙްތިރާމް ކުރަންޖެހޭނެ.

މިނިވަންކަން ދެމެހެއްޓުމުގައި ކުދި ޤައުމުތަކަށް މެދުވެރިވާ މައްސަލަތަކަކީ، ބޮޑެތި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށްވުރެ މާ ދަތި، މާ އުނދަގޫ މައްސަލަތަކެއް. މިހާރުވެސް ދުނިޔޭގެ މަސްރަޙުގައި ކުދި ޤައުމުތަކުގެ މިނިވަންކަމަށް އެޅޭ ހުރަސްތައް އެޅެމުންދޭ. ކުދި ޤައުމުތަކުގެ މިނިވަންކަމަށް ތަފާތު ނުރައްކާތައް ކުރިމަތިވަމުންދޭ. މިކަންކަން މިދިމާވަނީ، ބައެއްފަހަރަށް ދިމާވާގޮތުން އެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުން ނުވަތަ ބޭރުގެ ބާރުގަދަ ނުފޫޒެއްގެ ސަބަބުން. މީގެ މިސާލުތައްވެސް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ދުނިޔޭގެ ކިތަންމެ ޤައުމެއްގައި، ތަނުގައި އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުން، އެޤައުމު ބައިބައިވެ، ދެޤައުމަކަށްވެ، ނުވަތަ އެނޫން ގޮތްތައްވެސް ވެފައި އެބަހުރި. އަދި އެގޮތަށް މަސައްކަތް ކުރަމުންވެސް ބައެއް ތަންތާނގައި އެބަގެންދޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް އެގޮތަށް އެތައް ބަޔަކު އެބަ މަސައްކަތް ކުރޭ. ޤައުމު ދެބައިކޮށްލަން ނުވަތަ ތިންބައިކޮށްލަން ނުވަތަ އެނޫން ގޮތްގޮތުންވެސް ފުރިހަމަ، އެއް ޤައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެހެން ގޮތަކަށް ކަންތައްތައް ގެންދަން. މިކަހަލަ ކަންތައްތައް މިހެންވާން ދިމާވުމުގެ އެންމެބޮޑު އެއްސަބަބެއް ކަމުގައިވެސްވޭ، ބޭރުގެ ފަރާތްތަކުގެ ނުފޫޒު، އެޤައުމަކަށް ފެތުރިފައި އޮތުން. ބޭރުގެ ބައެއް ޤައުމުތަކުން ބޭނުންވެދާނެ، އެޤައުމުތަކުގެ ނުފޫޒު، ދުނިޔޭގެ އެހެން ތަންތަނަށް ފަތުރަން. ޚާއްޞަކޮށް، ކުދި ޤައުމުތަކުގެ މައްޗަށް، އެބައިމީހުންގެ ނުފޫޒު ފަތުރަން. އެއީ، އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި. އެކަން އެހެންވުމުގެ ސަބަބުންވެސް ޤައުމުގެ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދި، މިދެންނެވިފަދަ ކަންތައްތައް ކުރިއަށްދާތަން އެބަ ފެނޭ.

ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ދިމާވާ ނުރައްކާތައް އޮޅުންފިލުވުމުގައި، އަޅުގަނޑުމެން މާދުރަކަށް ދާކަށް ނުޖެހޭ. ހިތާމައާއެކު ދަންނަވަން ޖެހެނީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިފަދަ ވަރަށްބޮޑު ޙާދިޘާއެއް ވަރަށްފަހުން ވަނީ ކުރިމަތިވެފައޭ. ތިޔަ ހުރިހާ ބޭފުޅުންވެސް ރަނގަޅަށް ހަނދުމަފުޅު ހުންނާނެ. އަދި އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހިން ދުވަހަކުވެސް ހަނދާން ނުނެތޭނެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް. އަޅުގަނޑުމެންނަށް އެ ކުރިމަތިވި ކަންތައްތައް. ބޭރުގެ ޓެރަރިސްޓުންގެ ބައެއް ނުވަތަ ކުލީ ސިފައިންގެ ބައެއް، ހަތިޔާރާއެކު ރާއްޖެއަށް ޙަމަލާދީ، ރާއްޖޭގެ ރައްޔިތުން އަޅުވެތިކުރަން މަސައްކަތްކުރި. ރާއްޖޭގެ ސަރުކާރު އިންޤިލާބު ކޮށްލައި، ރާއްޖޭގައި ބޭރުގެ ބަޔަކަށް ކިޔަމަންވާނެ ސަރުކާރެއް ޤާއިމުކުރުމަށް މަސައްކަތްކުރި. އެކަން އެހެންވެގެންދިޔަނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނޯތީސްކަން، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެ. ބޭރުގެ ބަޔެއްގެ ނުފޫޒު ހިނގާގޮތަށް ރާއްޖޭގައި ސަރުކާރެއް ޤާއިމުވެފައި އޮތުމަކީ، ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ މިނިވަންކަމަށާއި، އިސްތިޤްލާލަށާއި، ސިޔާދަތަށް ލިބޭ ވަރަށްބޮޑު ގެއްލުމަކަށްވާނެ.

އާދެ! އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވީ، ރާއްޖޭގެ ރައްޔިތުންނަކީ، މިނިވަންކަމަށް ލޯބިކުރާ، ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި، އެމީހުންނަށް ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާން ތައްޔާރަށް ތިބި ބަޔެއްކަން. އާދެ! އަޅުގަނޑުމެންގެ ތެރެއިން ޝަހީދުވެގެންދިޔަ މީހުންގެ ލެއިން އެ ހާމަކޮށްދެނީ، މިދެންނެވި ފާޅުކަންބޮޑު ޙަޤީޤަތް. އެހެންވީމާ، މިމުނާސަބަތުގައިވެސް އަޅުގަނޑުމެންގެ ރާއްޖެ އެދުވަހު ދިފާޢުކޮށްދެއްވި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މަރްޙަބާ ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް. އަދި އެދުވަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އަޅުގަނޑުމެންގެ ތެރެއިން ޝަހީދުވެގެންދިޔަ އަބްޠާލުންގެ ޛިކްރާވެސް މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އާކުރަންޖެހޭނެ. އޭގެތެރޭގައި، ޢާންމު ރައްޔިތުންގެ ވަރަށްގިނަ ބަޔަކާއި، އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންގެ އެތައް ބަޔަކު ހިމެނިގެންދިޔަ. އެ އެންމެންގެ ލޭތައް އޮހޮރިގެން އެދިޔައީ، ފަހަރެއްގައިވެސް އަގެއްނެތް ގޮތުގައެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން ޖެހޭނެ. އެމީހުންގެ ލެއިން އެ ދިރުވާލަދިނީ، އަޅުގަނޑުމެންގެ މިނިވަންކަމުގެ ރޫޙު. އެހެންވީމާ، އެ ރޫޙު އިތުރަށް ދިރުވައި، އަޅުގަނޑުމެންގެ ރާއްޖޭގެ ފަސްގަނޑާއި، ރާއްޖޭގެ ރައްޔިތުން، ބޭރުގެ ބާރުތަކުން އަދި ބޭރުގެ ޢުދުވާނީ ޙަމަލަތަކުން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު ޤައުމީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތަކީ، ކުރިއަށް އޮތް ތާނގައި، އަންނަން އޮތް ޖީލުތަކުގެ ކޮނޑުގައިވެސް އެޅިގެންދާނެ މަސްއޫލިއްޔަތެއް.

އާދެ! ކަންތައްތައް ހުރީ މިހެން ކަމަށްވާތީ، ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމަކީ، ޤައުމުތަކުގެ ނިސްބަތުން ބައިނަލްއަޤްވާމީ ގޮތުން އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ރާއްޖެ ދެކޭ. އެހެން މިދެންނެވީ، ރާއްޖެފަދަ ކުދިކުދި ޤައުމުތަކަކީ، މާބޮޑެތި ލަޝްކަރުތަކެއް އުފެއްދޭނެ ޤައުމުތަކަކަށް ނުވާތީ. މާބޮޑެތި ހޭދަތަކެއް، ޤައުމުގެ ދިފާޢަށްޓަކައި ކުރެވޭނެ ޤައުމުތަކަކަށް ނުވާތީ. އެހެން ނަމަވެސް، އެ ކުދިކުދި ޤައުމުތަކަކީވެސް މުސްތަޤިއްލު މިނިވަން ޤައުމުތަކެއް. ބައިނަލްއަޤްވާމީ ޖަމާޢަތް ގަބޫލުކުރާ ޤައުމުތަކެއް. އެ ޖަމާޢަތްތަކުގެ މެންބަރުކަން ލިބިދީފައިވާ ޤައުމުތަކެއް.

އެހެންވީމާ، އަޅުގަނޑުމެން ދެކޭގޮތުގައި، މިއަދު ދުނިޔޭގައި މިއޮތް ޙަޤީޤަތަކީ، މީގެކުރިން ދުނިޔެއަށް ހާމަވެފައި އޮތް ޙަޤީޤަތެއް ނޫން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މީގެ 25 އަހަރު ކުރިން ބައިނަލްއަޤްވާމީ ޖަމާޢަތުގައި މިފަދަ ކުދިކުދި ޤައުމުތައް ހިމެނިފައެއްނުވޭ. އެހެން ނަމަވެސް، މިއަދު މިއޮތީ އަޅުގަނޑުމެންގެ ރާއްޖެފަދަ އެތައް އެތައް ކުދި ޤައުމެއް، އ.ދ. މަޖިލީހުގަޔާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ހިމެނިފައި. އަދި އެ ޤައުމުތަކަކީ މުސްތަޤިއްލު އަމިއްލަކަން ލިބިގެންވާ، އަމިއްލަ ވެރިކަމެއް ޤާއިމުކޮށްފައިވާ ޤައުމުތަކެއްކަން މުޅި ދުނިޔެވެސް ޤަބޫލުކުރޭ. މުޅި ދުނިޔެ އެގޮތް ޤަބޫލުކުރާ ކަމުގައިވަނީނަމަ، އަޅުގަނޑުމެން ދެކެނީ، އެ ޤައުމުތަކުގެ ސަލާމަތާއި މިނިވަންކަން ދިފާޢުކުރުމަށް އެހީވެދިނުމަކީވެސް ބައިނަލްއަޤްވާމީ މަސްއޫލިއްޔަތެއް ކަމުގައި.

އާދެ! މިއުޞޫލަކީ މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އުޞޫލަކަށްވާތީ، ދިވެހިރާއްޖޭގެ ފަރާތުން އ.ދ. މަޖިލީހަށް ހުށަހެޅި، ކުދި ޤައުމުތަކުގެ ސަލާމަތާއި ޙިމާޔަތާބެހޭ ޤަރާރު ފާސްވިކަމުން ދޭހަވަނީ، ބައިނަލްއަޤްވާމީ ގޮތުންވެސް އަޅުގަނޑުމެން މި ވަކާލާތު ކުރާ އުޞޫލަށް ޙުރްމަތްތެރިކޮށްހިތާކަން. އާދެ! އެ ޤަރާރުގައި ބުނެފައި އެވަނީ، ކުދި ޤައުމުތަކުގެ ސަލާމަތާއި މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ގޮތުން އެހީވެދޭނެ ކަމުގައި. އެޤައުމުތަކަށް ބޭނުންވާ އެހީތައް، ދޭދޭ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމުގެ ގޮތުން ނުވަތަ ސަރަޙައްދީ ކޮންމެވެސް ޖަމާޢަތެއްގެ ތެރެއިންލާފައި، ނުވަތަ ޔޫ.އެން.ގެ ދާއިރާއިން ނަމަވެސް، އެ އެހީތައް ލިބެންޖެހޭނެ ކަމުގައި. އެހެންވީމާ، މިއަދު ކުދި ޤައުމުތަކުގެ ސަލާމަތާއި، މިނިވަންކަމާއި، އެ ސަލާމަތާއި މިނިވަންކަން ޙިމާޔަތް ކުރުމަކީ، ބައިނަލްއަޤްވާމީ ޒިންމާއެއް ކަމުގައިވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން ގަބޫލުކުރޭ.

އާދެ! ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ. އޭގެތެރޭގައި، އެންމެ ފާޅުކަންބޮޑު އެއްކަމަކީ، އިޤްތިޞާދީ ފުދުންތެރިކަން. އަނެއްކަމަކީ، ކޮންމެވެސްވަރެއްގެ ޢަސްކަރީ ކެރުންތެރިކަމެއް. އަނެއްކަމަކީ ޢިލްމީ ފޯރުންތެރިކަން. މިކަންކަމަކީ، އެކަންކަމާނުލައި ޤައުމަކަށް މިނިވަން ޤައުމެއްގެ ގޮތުގައި ދެމިނޯވެވޭނެ ކަންތައްތަކެއް. އެހެން ނަމަވެސް، މިއިން ކޮންމެ ކަމެއްވެސް ކުރެވޭނީ، ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ނިސްބަތުގައި. އިޤްތިޞާދީ ފުދުންތެރިކަން ޙާޞިލްކުރެވޭނީވެސް އެޤައުމެއްގެ ރައްޔިތުންނަށް އެކަން ކުރެވެން އޮތް ފެންވަރަކަށް، އޮތް މިންވަރަކަށް. ޤައުމުގައި ހުރި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި، ޤައުމުގެ މުވާޠިނުންގެ ހިންމަތާއި މަސައްކަތުން ކުރިއަށް ދެވެން އޮތް މިންވަރަކަށް ދެވޭނީ. ޢަސްކަރީ ކެރުންތެރިކަންވެސް، ކުރިން ދެންނެވި ފަދައިން އެކި ޤައުމުތަކަށް އޮތީ އެކި މިންވަރަށް. ޢިލްމީ ފޯރުންތެރިކަންވެސް އޮތީ، ހަމަ މިދެންނެވި ގޮތުގެ މަތިން. އަޅުގަނޑުމެންގެ ކުދިން ކިތަންމެވަރަކަށް ތަޢްލީމު ޙާޞިލްކުރަން ބޭނުންވި ކަމުގައިވިޔަސް، އަދި އަޅުގަނޑުމެން އެކުދިންނަށް ތަޢްލީމު ޙާޞިލްކޮށްދޭން ބޭނުންވި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، އަޅުގަނޑުމެންގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން.

އާދެ! މި ދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ޤައުމުގެ މިނިވަންކަން ދެމިއޮތުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް އެބަހުރި ކަމުގައި އަޅުގަނޑު ދެކެން. މިދެންނެވި ކަންތައްތަކަކީ، މިނިވަންކަން ދެމެހެއްޓުމަށް ޔަޤީންކޮށްދޭ ނުވަތަ ކަށަވަރުކޮށްދޭ ނުވަތަ ގެރެންޓީކޮށްދޭ ކަންތައްތަކެއް ކަމުގައި ދެންނެވިދާނެ. އޭގެތެރެއިން އެންމެ ފުރަތަމަ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ، ޤައުމުގެ އެއްބައެއްވަންތަކަން ދެމެހެއްޓުން. ޝައްކެއްނެތް، ޤައުމުގައި ބައިބައިވުން އުފެދި، ވަކިވަކިވުމުގެ ރޫޙު އުފެދިއްޖެނަމަ، އެޤައުމެއްގެ މިނިވަންކަމަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ. ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި އެފަދަ ކަންތައްތައް އެބަ ހިނގާ. އެ ބައިބައިވުމާއި، ވަކިވަކިވުމާއި، އެ އުފެދޭ ސިޔާސީ ޚިލާފުތަކާއި، އޭގެ ސަބަބުން ނުކުންނަ ހަމަނުޖެހުންތަކާ، މިކަންތައްތަކުން އެޤައުމުގެ ސިޔާދަތަށާއި އިސްތިޤްލާލަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދޭ. އެހެންވީމާ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަން ދެމެހެއްޓުމުގައި، އެ މިނިވަންކަން ޙިމާޔަތް ކުރުމުގައި، އެންމެ ބޮޑަށް އަހަންމިއްޔަތު ދޭންޖެހޭނެ އެއްކަމަކީ ނުވަތަ އެންމެ ފުރަތަމަ ކަމަކީ، އެޤައުމެއްގެ އެއްބައިވަންތަކަން ހިފެހެއްޓުން. ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުން.

އާދެ! ދެން އަޅުގަނޑަށް ދަންނަވާލަން ޖެހެނީ، މިނިވަންކަން ދަމަހައްޓައި، އެކަން ޔަޤީންކޮށްދިނުމަށް ބޭނުންވާ އެންމެ މުހިންމު އަނެއްކަމަކީ، އެޤައުމެއްގެ އަމިއްލަ ޤައުމީ ޝަޚްޞިއްޔަތަށް ރައްކާތެރިވުމޭ. އާދެ! އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވިސްނާލާއިރު، އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ، މާތްވެގެންވާ އިސްލާމްދީން. އިސްލާމީ ޢަޤީދާ. އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތުގެ އަނެއް ރުކުނަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަން. އަޅުގަނޑުމެންގެ ފަޚުރުވެރި ތާރީޚާއި، ޘަޤާފަތާއި، އާދަކާދަތަކާއި ދިވެހިބަހާ، މިހުރިހާ ކަމެއް ގުޅިގެން އުފެދިގެން އައިސްފައިވާ ދިވެހިވަންތަކަމޭ އަޅުގަނޑުމެން މިކިޔާ ކަންތައް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑު ހިތުން މާތްވެގެންވާ އިސްލާމީ ޢަޤީދާއަށާއި ދިވެހިވަންތަކަމަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެ ދެރުކުން ފުރިހަމަގޮތުގައި ރައްކާތެރިކޮށްގެން ނޫނީ، އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތު ރައްކާތެރިއެއް ނުކުރެވޭނެ. އަދި ޤައުމީ ޝަޚްޞިއްޔަތު ރައްކާތެރި ކުރުމަކީ، އެޤައުމެއްގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ބޭނުންވާ، ވަރަށް މުހިންމު ކަމެއް.

މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ އަނެއްކަމަކީ، ޤައުމެއްގެ، ޤައުމުގެ އެއްބަޔެއްގެ ޚިޔާލަށް އަނެއް ބަޔަކުވެސް ތަންދީގެން އުޅެމުން ގެންދިޔުން. އާދެ! ޚިޔާލަކީ ތަފާތު އެއްޗެއް. ކޮންމެ ބަޔަކުވެސް ބޭނުންވާނެ، އެޤައުމެއް އިޞްލާޙު ކުރަން. ތަރައްޤީގެ މަގުގައި ކުރިއަށް ގެންދަން. އެހެން ނަމަވެސް، ދާނެ މިޞްރާބަކާ މެދުގައި ޚިޔާލު ތަފާތުވުމަކީ ޠަބީޢީ ކަމެއް. އަދި އެ މިޞްރާބަކަށް ދިޔުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދުގައިވެސް ޚިޔާލު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގައި ވަމުންދާ ކަމެއް. އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެކަމަށް މަރްޙަބާވެސް ކިޔަންޖެހޭނެ. ކޮންމެހެން ހުރިހާ އެންމެންގެ ޚިޔާލަކީ އެކައްޗަކަށްވުން ލާޒިމެއް ނޫން. އެއީ ވާނެ ކަމެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ، އެޚިޔާލު ތަފާތުވުން އެއީ، އަޅުގަނޑުމެން އެންމެން އެންމެންނަށް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް ކަމުގައި. އަޅުގަނޑުމެން ގެންގުޅެންޖެހޭނީ، އެހެން މީހުންގެ ޚިޔާލަށްވެސް ތަންދޭ އުޞޫލެއްކަން. ހަމައެކަނި ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ ގޮތުގައި، އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި، އެމީހަކަށް ފެންނަ ގޮތުގައި ހިފެހެއްޓުމުގެ ރޫޙު، އަޅުގަނޑުމެންގެ ތެރެއިން ކުޑަކޮށްލަން ވެއްޖެކަން އެއީ، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. މިދެންނެވީ އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އެހެން މީހުންގެ ޚިޔާލު އެކޮމޮޑޭޓް ކުރަންޖެހޭނެ. އެންމެންވެސް މި މަސައްކަތް ކުރަނީ ޤައުމުގެ އިޞްލާޙަށް، ޤައުމުގެ ތަރައްޤީއަށް، ޤައުމުގެ ލާބައާއި މަންފާއަށް. އެހެންވީމާ، އެކަން އަޅުގަނޑުމެން ގަބޫލުކޮށްގެން، އެހެން މީހުން އެބުނާ އެއްޗެއްވެސް އަޑުއަހައި، އޭގައި އޮށްޓަރު ހުރި ކަމެއް ނުވަތަ ވާހަކައެއް އޮތްތޯ ބަލައި، އެހެން ކަމުގައިވަނީނަމަ، އަޅުގަނޑުމެންނަށް ފެންނަ އެއްޗެއްވެސް ކުޑަކޮށް ދޫކޮށްލައިގެން، އެހެން މީހުންނާ ގުޅިގެން ކަންތައްތައް ގެންދެވޭތޯ ބަލަންވެއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެހެންނޫނީވިއްޔާ ވާނެގޮތަކީ، ކޮންމެ މީހަކުވެސް، ކޮންމެ ބަޔަކުވެސް، އެބަޔަކަށް ނުވަތަ އެމީހަކަށް ފެންނަ ގޮތުގައި ހިފަހައްޓައިގެން ހުންނަ ކަމަށްވަންޏާ، ދުވަހަކުވެސް ހަމަޖެހުމަކަށް ނާދެވޭނެ. ޞުލްޙަވެރި ގޮތުގައި ކުރިއަކަށްނުދެވޭނެ. އެހެން ޤައުމުތަކުގެ ކަންތައް އޮންނަނީ މިހެން.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިގޮތަށް ކަންތައްތައް ގެންދިޔުމަށް އަޅުގަނޑު ވަރަށް ބޮޑަށް ބާރުއަޅަން. ކޮންމެ މީހަކުވެސް އެހެން މީހުންގެ ޚިޔާލަށް ދޫދެވެން ހުރިވަރަކަށް ދޫކޮށްގެން، އެންމެންނަށް އެއްބަސްވެވޭ ނުކުތާތަކެއްގައި ހިފަހައްޓައިގެން ކުރިއަށް ގެންދިޔުމުގެ އުޞޫލު، އެކަހަލަ ރޫޙެއް، އަޅުގަނޑުމެންގެ ޤައުމުގައި އުފައްދަންވީ. އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކީ، އެމީހަކަށް އެމީހެއްގެ އަމިއްލަ ޚިޔާލު ގެންގުޅުމުގެ ޙައްޤު އަދި އިޚްތިޔާރު އަދި މިނިވަންކަން ލިބިގެންވާ ރައްޔިތެއްކަން އެހެން މީހުންވެސް ޤަބޫލުކުރަންވީ. އެންމެން އެންމެންނަށް އެގޮތް ޤަބޫލުކޮށްގެން، އެހެން މީހުންގެ ޚިޔާލު އަހައި، ދެބައިމީހުންވެސް ނުވަތަ ތަފާތު ޚިޔާލުތަކުގެ އެންމެންވެސް ގުޅިގެން ވަކިވަކިނުވެ، ބައިބައިނުވެ، ހަމަނުޖެހުމެއް ނުއުފެދި، ކުރިއަށްދެވޭނެ ގޮތްތަކެއް ރޭވުމުގެ އުޞޫލު އަޅުގަނޑުމެން ގެންގުޅެންވީ. އެކަމުގެ ރޫޙު، އަޅުގަނޑުމެންގެ ހިތްތަކުގައި އަށަގަންނަންވީ.

އާދެ! ޤައުމެއްގެ މިނިވަންކަން ދެމެހެއްޓޭނެ އަނެއް ބާރަކީ، އެ ޤައުމެއްގައި ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާ ގޮތެއްގައި ހެދިފައިވުން. އެ ޤައުމެއްގެ ޤާނޫނީ އޮނިގަނޑު ފުރިހަމަވެފައިވުން. އަދި އެހެންވެސް ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތުން. އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީގައި ހުންނަ މީހެއް ކަމުގައިނުވުން. ޝައްކެއްނެތް، ޤައުމެއް، ޤައުމެއްގެ ގޮތުގައި އޮންނާނީ، އެތަނެއްގައި ޤާނޫނުތައް ހިންގޭ ފުރިހަމަ މިންވަރެއްގެ މައްޗަށް. އެންމެންވެސް ޤާނޫނުތަކަށް ބޯލަނބާ މިންވަރެއްގެ މައްޗަށް. ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްނުހިތާނަމަ، މީހުންގެ މެދުގައި މަޞްލަޙަތު ގެއްލި، ޤައުމުގައި ހަމަނުޖެހުން އުފެދޭނެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނީ އޮނިގަނޑު އެއީ، އަދި މާފުރިހަމަކޮށް އޮތް އެއްޗެއް ނޫން. އާދެ! އެކަމުގައިވެސް އަޅުގަނޑުމެންގެ ޢުޛުރެއް އެބައޮތް. ދުނިޔޭގެ ބައެއް އެހެން ތަންތާނގައި، އެޤައުމުތައް މިނިވަންވާއިރު، އެޤައުމެއް އަޅުވެތިކޮށްގެން އޮތް ޤައުމަކުން އެތަންތާނގެ ޤާނޫނުތައް އޮންނަނީ ކޮންމެވެސްވަރަކަށް ހަދާދީފައި. އަޅުގަނޑުމެންގެ އަވަށްޓެރި އޮޅުދޫކަރައަށް ވިސްނާލިޔަސް އެނގޭނެ. އިނގިރޭސިން ފައިބައިގެން ދިޔައިރު، އެތާނގެ ހުރިހާ ޤާނޫނުތަކެއް ހުރީ ހަދާދީފައި. އެހެންވީމާ، މިނިވަންވެގެން، އެމީހުން ކުރަންޖެހުނު ހުރިހާވެސް މަސައްކަތަކީ، އެޤާނޫނަށް އެމީހުންގެ ކަންތައްތަކަށް ފެތޭގޮތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުން. ޤާނޫނީ އޮނިގަނޑު އޮތީ ފުރިހަމަކޮށްދީފައި. އަޅުގަނޑުމެންގެ ރާއްޖެ މިނިވަންވީއިރު، އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑު އޮތީ ފުރިހަމަވެފައެއް ނޫން. އަޅުގަނޑުމެން ޤާނޫނުތައް ހަދަމުން މިގެންދަނީ އަޅުގަނޑުމެން އަމިއްލައަށް. އެފަހަރަކަށް ބޭނުންކަމަށް ފެނުނު ޤާނޫނެއް މަޑުމަޑުން ހަދަމުން މިގެންދަނީ. އެހެން ހަދަމުން ގެންދާއިރުވެސް، އެޤާނޫނުތަކަކީ ފުރިހަމަ ޤާނޫނުތަކަކަށް ނުވޭ. ބައެއް ޤާނޫނުތަކުގައި އެބުނާ އެއްޗެއް ސާފެއްވެސްނުވޭ. އޭގެ ދަތިކަން ސަރުކާރަށްވެސް އިޙްސާސް ކުރަންޖެހޭ. ރައްޔިތުންނަށްވެސް އިޙްސާސް ކުރަންޖެހޭ.

އެހެންވީމާ، އެގޮތަށް ޤާނޫނުގައި ކަނޑައެޅިގެން، މާނަ ނޭނގޭގޮތަށް ހުންނަ ކަންތައްތަކުގެ މާނަ ދެނެގަތުމަކީ، ރައްޔިތުންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްދިނުން. ރައްޔިތުންނަށް ޤާނޫނުގައި ބުނާ އެއްޗެއް އެނގެންވާނެ. އެހެންނޫނީ ކުރާ ކަމަކުން ކުއްލިއަކަށް ކުށްވެރިވާކަހަލަ ކަމަކަށްވެސް ވެދާނެ. ޤާނޫނީ ސަރަޙައްދު އެނގިފައި އޮތުން. ކޮން ހިސާބަކަށްތޯ ދެވޭނީ. ކޮން ހިސާބަކަށްތޯ ނުދެވޭނީ. ކޮބައިތޯ، އެރޮނގެއް ފަހަނަޅައި ހިނގައްޖިއްޔާ ކުށްވެރިވާ ރޮނގަކީ. މި އޮންނަންޖެހޭނެ ވަރަށް ސާފުކޮށް ކަނޑައެޅިފައި. އެހެން ނެތިއްޖިއްޔާ އަޅުގަނޑު މިދަންނަވާގޮތްވާނެ. ކުށްވެރިވާ މީހުން ގިނަވާނީ. އޮޅުންބޮޅުންތައް ގިނަވާނީ. އެއްވެސް މީހަކަށް، ޤާނޫނުގައި ބުނަނީ ކީކޭކަމެއް ނޭނގި އޮންނާނީ. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޤާނޫނު އޮންނަންޖެހޭނީ ފުރިހަމަކޮށޭ. އެ ބުނާ އެއްޗެއް ކަނޑައެޅިގެން އެންމެންނަށްވެސް އެނގޭނެ ގޮތަކަށް ލިޔެވިފައޭ. އޭރުން ވަރަށް މައްސަލަތައް ކުޑަވާނެއޭ. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމައެއް ނޫން. އެހެންވީމާ، ޤާނޫނީ އޮނިގަނޑު ފުރިހަމަކުރަމުންދާ މިފަދަ ވަގުތެއްގައި އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެން ހަދާ ޤާނޫނުތަކަކީ، ޤައުމުގެ އެންމެންނަށް ހަމަހަމަގޮތުގައި އޭގެ މަންފާ ލިބޭނޭ، މުޖްތަމަޢުގައި ޢަދުލު އިންޞާފު ޤާއިމުކުރެވޭނޭ ޤާނޫނުތަކަށްވޭތޯ ބެލުމަށް. އަދި ހަމައެޔާއެކު، އެޤާނޫނުތަކަކީ އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތާ ގުޅޭ ޤާނޫނުތަކަކަށްވޭތޯވެސް ބެލުމަށް.

އާދެ! އަޅުގަނޑުމެން ހަދާ ޤާނޫނުތަކަށް، އަޅުގަނޑުމެންގެ އެންމެން ބޯލަނބަންޖެހޭނެ. ޤާނޫނު ހަދާ މީހުންނެކޭ، ޤާނޫނު ހިންގަން ތިބޭ މީހުންނެކޭ. އަދި ކީއްތޯ؟ ޤާނޫނާ ޚިލާފުވާ މީހުންނާމެދު ޢަމަލުކުރަން ތިބޭ މީހުންނެކޭވެސް ޤާނޫނުގެ ކުރިމަތީގައި ވާނީ އެއްވަރު. ވާންޖެހޭނީވެސް އެއްވަރު. އެ އެންމެންވެސް ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަން ޖެހޭނެ.

އާދެ! މިއަދު އަޅުގަނޑުމެން މިނިވަންކަމުގެ 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މުސްތަޤްބަލާމެދު އާ ޢަޒުމްތަކެއް ކަނޑައަޅަންޖެހޭނެ. އާ އުންމީދުތަކެއްވެސް ކުރަންޖެހޭނެ. ކުޑަވެސް ޝައްކެއްނެތް، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އަޅުގަނޑުމެންވަނީ ވަރަށްގިނަ ކަންތައްތަކެއް ކާމިޔާބުކޮށްފައި. އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ އެތައްތަނެއް ކުރިއަށް ގެންދެވިފައި. އިޤްތިޞާދީ ގޮތުން ތަނަވަސްކަން އިތުރުކުރެވިފައި. އިޖްތިމާޢީ ގޮތުން ޚިދްމަތްތައް އިތުރުކުރެވިފައި. މިދަނޑިވަޅުގައި އަޅުގަނޑުމެންގެ އެންމެ މުޤައްދަސް ޢަޒުމަކަށްވާންވާނީ، އަޅުގަނޑުމެންގެ މިކުރިއެރުން ހުއްޓުނަނުދީ އަދިވެސް ކުރިޔަށް ގެންދިޔުން. އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔުން. ރައްޔިތުންނަށް ލިބެންޖެހޭ ޚިދްމަތްތައް މިހާރަށްވުރެ ފުރިހަމަކުރެވޭތޯ ބެލުން. ރައްޔިތުންނަށް ލިބޭ ތަނަވަސްކަމާއި މުއްސަނދިކަން މިހާރަށްވުރެ އިތުރުކުރެވޭތޯ ބަލަމުން ގެންދިޔުން. އަދި އަޅުގަނޑުމެންގެ ރައްޔިތުންނަކީ، އިޖްތިމާޢީ ގޮތުން ކުރިއަރާފައިވާ، އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ލިބިފައިވާ ރައްޔިތެއް ކަމުގައި ހެދުން.

އަޅުގަނޑުމެން މިއަދު އައުކުރަންޖެހޭނެ އަނެއް ޢަޒުމަކީ، އަޅުގަނޑުމެންގެ ދިވެހި ޤައުމަށް ބައިނަލްއަޤްވާމީ ދަނޑުގައި ލިބިފައިވާ ޤައުމެއްގެ ޙައިޘިއްޔަތު، ހުރިހާ ގޮތަކުންވެސް ހަރުދަނާކޮށް، ކުރިއަށް އޮތް ތާނގައިވެސް އެގޮތަށް ދެމެހެއްޓުން. ބޭރުގެ ނުފޫޒުތަކުން ދިފާޢުވެގެން، އަމިއްލަ ސިޔާދަތާއި މުސްތަޤިއްލު ސިޔާދަތު ރައްކާތެރިކޮށް ބެލެހެއްޓުން.

އާދެ! މިފަދަ އުފާވެރި ދުވަހެއްގައި، އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ބޮޑު ނިޢުމަތެއްގެ އުފާ ފާޅުކުރަމުންދާއިރު، އެނިޢުމަތް އަޅުގަނޑުމެންނަށް ދެއްވުމަށް اللّـه سبحـانـه وتعـالى މެދުވެރިކުރެއްވި ގޮތްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. އެކަންތައްތައް އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭނެ.

ޝައްކެއްނެތް، އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމަކީވެސް ވަރަށްގިނަ ބަޔަކު އެކިގޮތްގޮތުން އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން ހޯދާފައިވާ މިނިވަންކަމެއް. އާދެ! ކުރިންވެސް ދެންނެވިފަދައިން، ގިނަ ޖިހާދުތަކެއް ކޮށްފައި ނެތް ނަމަވެސް، ހަނގުރާމަތަކެއް ކޮށްފައި ނެތް ނަމަވެސް، ލޭތަކެއް އޮހޮރިފައި ނެތް ނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިނިވަންކަން ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރުން ހޯދާފައިވަނީ، އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެން. ޙިކްމަތު ޢަމަލީގެ ބޭނުންކޮށްގެން. ވިސްނުންތެރިކަމާއި ކެތްތެރިކަން ބޭނުންކޮށްގެން. އަޅުގަނޑުމެން ކުރި މަސައްކަތެއް ކުރީ ސިޔާސީ ރޮނގުން މޭޒު ކައިރީގައި ތިބެގެން. އަޅުގަނޑުމެން ބޭނުންކުރި ހަތިޔާރަކީ، ކެތްތެރިކަމާއި އިންޞާފަށް ލޯބިކުރުން. ޙައްޤާއި ޢަދުލު އިންޞާފުގެ އަޑު އުފުލުން.

މި މަސައްކަތް ކުރީ ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ކަމަށްވީހިނދު، އެކަމުގައި އިސްނަންގަވައިގެން އެވަގުތު ހުންނެވީ، އޭރު ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރު. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އެދުވަސްވަރު ރެދަލި ކުރައްވަމުން ގެންދެވީ، އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް ކަމުގައިވިޔަސް، ޢަމަލީގޮތުން ދައުލަތް ހިންގެވުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ، ވަޒީރުލްއަޢުޡަމް އަލްފާޟިލް އިބްރާހީމް ނާޞިރު. މިއީ ތާރީޚީ ޙަޤީޤަތެއް. އެހެންކަމާއެކު، އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މިމަތިވެރި ނިޢުމަތް މެދުވެރިކޮށްދެއްވި اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރު ދަންނަވާއިރު، އެ ނިޢުމަތް އަޅުގަނޑުމެންނަށް ލިބިދިނުމަށް އެކަލާނގެ މެދުވެރިކުރެއްވި ފަރާތްތައް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. އެފަރާތްތަކަށް ރައްދުކުރަންޖެހޭ ޙައްޤު ޝުކުރާއި ތަޢުރީފު ރައްދުކުރަން ޖެހޭނެ. އެހެންކަމުން، މިއަދު ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަދި ދިވެހި ރައްޔިތުންގެ ނަމުގައި، އޭރު ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުވެސް އެއްބަސް. މިވަގުތު އޭނާ ހުންނެވީ އަޅުގަނޑުމެންނާ ދުރުގައި. އަދި އޭނާ ރައީސްކަމުން ވަކިވެވަޑައިގަތުމަށްފަހުގައި، އޭނާ ކުރެއްވި ބައެއް ކަންތައްތަކާ މެދުގައި، ރައްޔިތުންގެ މަޖިލީހުން ތަޙުޤީޤު ކުރައްވައި، އެކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި، އިބްރާހީމް ނާޞިރުގެ ކުށްތަކެއް ވަނީ ޝަރީޢަތަށް ސާބިތުވެފައި. އޭނާގެ މައްޗަށް ވަނީ ޝަރުޢީ އަދަބުގެ ޙުކުމެއްވެސް ކަނޑައަޅުއްވާފައި. މިއީވެސް ޙަޤީޤަތެއް.

އެހެން ނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ. މީހަކު ކުރާ ކަމަކުން އެމީހަކު ކޮށްފައިވާ ރަނގަޅު ކަންތައްތައް ފޮހެވިގެންދާކަށް ނުޖެހޭނެ. މީހަކު ކުރި ހެޔޮކަމެއް، އެމީހަކަށް އޮތްކަން އަޅުގަނޑުމެން ދަންނަންޖެހޭނެ. އެމީހަކު ކުރި ނުބައި ކަމެއްވެސް އޮންނާނީ އެމީހަކަށް. އާދެ! އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެވެސް އުޞޫލު. ޞާލިޙު ހެޔޮ ޢަމަލެއް ކޮށްފި މީހާގެ އެކަން އޮތީ އޭނާއަށޭ. ނުބައި ކަމެއް ކޮށްފި މީހާގެ ނުބައިކަންވެސް އޮތީ އޭނާއަށޭ. އެއީ، ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމެއް.

އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑު މި ޤަޞްދުކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުތަކުގެ ދަށުން އަލްފާޟިލް އިބްރާހީމް ނާޞިރުގެ ކުށް މަޢާފްކުރުމަށް.

އާދެ! އަޅުގަނޑުމެންގެ މި ދިވެހި ޤައުމަކީ، ވަރަށް މިނިވަން ބަޔެއް ދިރިއުޅެމުން އައިސްފައިވާ ޤައުމެއް. މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ، ސިޔާސީ މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުން ކަމުގައިވިޔަސް، ދިވެހިންނަކީ ކުރިންވެސް ދެންނެވި ފަދައިން، އަބަދުވެސް މިނިވަންކަންމަތީ އުޅެމުން އައިސްފައިވާ ބަޔެއް. އަޅުގަނޑުމެންގެ ކާބަފައިންނަކީ އަޅުވެތިކަމަށް އެއްވެސް ފުރުޞަތެއް ނުދީ، އަމިއްލަކަމާއި މިނިވަންކަމާއެކު ދިރިއުޅެމުން އައިސްފައިވާ ބަޔެއް. މިކަން ރާއްޖޭގެ ތާރީޚުން ވަރަށް ޞަރީޙަކޮށް ފެންނަން އެބައޮތް. އެހެންކަމަށްވީހިނދު، މިއަދު އަޅުގަނޑުމެންވެސް ސަމާލުވާންޖެހޭ އެންމެބޮޑު ކަމަކީ، އަޅުގަނޑުމެންގެ މިނިވަންކަން، އަންނަނިވި ޖީލުތަކަށް ދެމެހެއްޓުން. އަބަދުގެ އަބަދަށް ދެމެހެއްޓޭތޯ ބެލުން. އެކަން އެގޮތަށް ކުރެވޭނީ، އަޅުގަނޑުމެންގެ ހިތްތަކާއި ނަފްސުތައް މިނިވަންވެގެން. އަޅުގަނޑުމެންގެ ފިކުރާއި ޚިޔާލުތައް މިނިވަންވެގެން. މިތާނގައި އަޅުގަނޑު މިނިވަންވެގެންނޭ މިދަންނަވަނީ، އެމީހަކު ހިތަށްއެރިހާ ގޮތަކަށް އުޅުން މާނަކުރާ ގޮތަކަށް ނޫން. މިތާނގައި މިނިވަންކަމޭ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ހިތްތަކާއި ނަފްސުތައް، އަޅުގަނޑުމެންގެ ފިކުރުތަކާއި ޚިޔާލުތައް، ބޭރުގެ ނުފޫޒުތަކުން މިނިވަންކުރުމަށް، އަޅުގަނޑުމެންގެ ތެރެއަށް ބައިބައިވުމާއި ވަކިވަކިވުމުގެ ޚިޔާލުތައް އަޔަނުދިނުމަށް. އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތަށް އުނިކަން ލިބިދާނޭ ފިކުރުތަކަށް ތަން ނުދިނުމަށް.

މީގެ 25 އަހަރު ކުރިން އަޅުގަނޑުމެންނަށް މިވަނީ ޤައުމީ މިނިވަންކަން ލިބިފައި. އޭރު އަޅުގަނޑުމެންގެ މުސްތަޤްބަލާމެދު ވިސްނިގޮތާއި، މިއަދު އަޅުގަނޑުމެންގެ މުސްތަޤްބަލާމެދު ވިސްނަންޖެހޭގޮތާ ވަރަށްވެސް ތަފާތު. އާދެ! އޭރު ބޭރު ޤައުމުތައް އަޅުގަނޑުމެންނާމެދު ވިސްނަމުންދިޔަގޮތާއި މިއަދު އަޅުގަނޑުމެންނާމެދު ވިސްނަމުންދާގޮތްވެސް ނުހަނު ތަފާތު. އޭރު ދުނިޔޭގެ ކަންތައްތައް ހުރިގޮތާއި މިއަދާވެސް ހަމަ އެހާމެ ތަފާތު. ނަމަވެސް، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމާއި، މިނިވަންކަން ރައްކާތެރި ކުރުމުގެ މައިގަނޑު އުޞޫލުތައް މިއަދުވެސް ބަދަލެއްނުވޭ. ވީމާ، އަޅުގަނޑުމެން މުސްތަޤްބަލާމެދު ޢަޒުމްތަކެއް ކަނޑައަޅާއިރުވެސް، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތް ކުރުމާމެދު ޣާފިލުވެގެންވާކަށް ނޯންނާނެ.

އާދެ! ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، އަޅުގަނޑުމެން މުޅިން އައު ދިވެހި ޤައުމެއް ބިނާކޮށްފީމު. މުޅިން އައު މުޖްތަމަޢުއެއް އުފައްދައިފީމު. މުޅިން އައު ތަޞައްވުރެއް ލިބިގެންފީމު. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ދިވެހި ޤައުމަށް މުޅިން އައު މަޤާމެއް ހޯދައިފީމު. 25 އަހަރުވީ ނަމަވެސް، މިމަސައްކަތަކީ ނިމެން އޮތް މަސައްކަތެއް ނޫން. އަދިވެސް އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތަކުގައި ކުރިއަށް ދިޔުން. އަބަދުވެސް އެކަން އޮންނާނީ އެހެން.

މިނިވަންކަމަކީ އަމާނާތެއް. އެ އަމާނާތް ރައްކާތެރިކަމާއެކު އަންނަނިވި ޖީލުތަކަށް ރައްދުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. އެކަން ކުރެވޭނީ، މަތިވެރި ޤުރްބާނީތަކެއްވެގެން. އެ ޤުރްބާނީތަކަކީ ކޮންމެހެން ހަނގުރާމަ ކުރުން ކަމުގައި ނުވެހިނގައިދާނެ. ނަމަވެސް، އެއީ ވަރަށް ވަރުގަދަ ޖިހާދުތަކެއް އެކުލެވޭ ޤުރްބާނީތަކަކަށްވާނެ.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޖިހާދުކޮށް ޤުރްބާންވުމުގެ ހިތްވަރާއި، ހެޔޮ ތައުފީޤު ދެއްވާށި. އަޅގަނޑުމެންގެ މިލޮބުވެތި ވަޠަން އަބަދަށްޓަކައި މިނިވަންކަންމަތީ ދަމަހައްޓަވާށި! އާމީން.

والسّلام عليـكم ورحمـة اللّـه وبـركاتـه.