މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ ޕެންގާސީ ރީހެބިލިޓޭޝަން ސެންޓަރަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޒިޔާރަތް ކުރައްވައި، އެތަނުން ލިބެން ހުންނަ ފަރުވާތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ. މި ސެންޓަރަށް ނައިބު ރައީސް މި ޒިޔާރަތް ކުރެއްވީ، ޗުއްޓީއެއް ހޭދަކޮށްލެއްވުމަށް މެލޭޝިޔާގައި މިވަގުތު ހުންނެވި ހުންނެވުމުގައެވެ.

ނައިބު ރައީސް މިކުރެއްވި ޒިޔާރަތުގައި، އެސެންޓަރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެސެންޓަރުން ފަރުވާ ހޯދުމަށް ދިވެހިންނަށް 35 ޖާގަ ދެއްވާނެ ކަމުގައި އެސެންޓަރުގެ އިސްވެރިން ވިދާޅުވިއެވެ.

ޕެންގާސީ ރީހެބިލިޓޭޝަން ސެންޓަރުން މިހާރު ފަރުވާ ހޯދަމުންގެންދަނީ އެންމެ ދިވެއްސެކެވެ. އޭނާއާ ނައިބުރައީސް ބައްދަލުކުރައްވައި، މިސެންޓަރުން ހިންގާ ޕްރޮގްރާމާ އެހެން ޕްރޮގްރާމްތަކާހުރި ތަފާތުތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ޕެންގާސީ ރީހެބިލިޓޭޝަން ސެންޓަރުން މީގެކުރިންވެސް މިދާއިރާގައި މަސައްކަތްކުރާ ބައެއް ދިވެހިންނަށް ތަމްރީނާއި، މަސްތުވާތަކެތި ބޭނުންކުރާ ބައެއް ދިވެހި ކުދިންނަށް ފަރުވާ ދެއްވާފައިވެއެވެ.