ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫރަޕިއަން ކޮމިއުނިޓީޒަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް ހެންވޭރު އޭޝަންލޮޖް އާދަމް ޙަސަން ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާދަމް ޙަސަން، ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

އާދަމް ޙަސަނަށް ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕިއަން ކޮމިއުނިޓީޒާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ތިމާވެށީގެ ދާއިރާގައި ރާއްޖެއަށް ޔޫރަޕިއަން ކޮމިއުނިޓީޒްގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.