بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކުވެރި ޤައުމުތަކުގެ ސަފީރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި، މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި އަންހެން ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ވަކިވަކި ފަރުދުންނަށާއި، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި، ރުޤިއްޔާ އިބްރާހީމަށާއި، ޙުސްނާ ފަހުމީއަށާއި، އާމިނަތު އިބްރާހީމް އަދި ރަޝީދާ އިބްރާހީމަށާއި، ޒީނާ ޒާހިރަށާއި، ޢާއިޝަތު ޝިމާނީއަށް ވަރަށް ހޫނު ތަހުނިޔާއެއް ދަންނަވަން. މި ބޭފުޅުންގެ ވަނަވަރަށް ބަލާއިރު، މި 6 ބޭފުޅުންނަކީ ވެސް، ރާއްޖޭގެ އަންހެން ބޭފުޅުންނަށް ހުރި ވަރަށް ފުރިހަމަ ނަމޫނާތަކެއް ކަމުގައި އަޅުގަނޑު ދެކެން.

މިރޭ ރެހެންދި އެވޯޑް ޙާޞިލުކުރި އެމް.ޓީ.ސީ.ސީ. އަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން. ޙަޤީޤަތުގައިވެސް އަންހެނުން ބާރުވެރިކުރުމުގައި، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ކުރަމުން އެ އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއް. ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެ ކަމަށް، ކުރިން ޤަބޫލުކުރަމުން އައި ކިތަންމެ ދާއިރާއަކަށް އެތައް އަންހެނުންނެއް ނެރެދީފި.

ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެ ކަމަށް، މީގެ ކުރިން ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ. އަދި ލޯންޗް ކެޕްޓަނުންގެ ވަޒީފާގައި އަންހެނުންނަށް އުޅެވޭނެ ކަމަކަށް ވެސް ގިނަ ބަޔަކު ކުރިއަކުންނެއް ޤަބޫލެއް ނުކުރޭ. ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫންކަން އެމް.ޓީ.ސީ.ސީ. އިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފި. ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީ ތަފާތުތައް ނައްތައިލުމުގައި، އެ ކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް.

އެކަމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް ޢާޒިމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި، ހީވާގި ހިންގުންތެރިންނަށް، އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ރާއްޖޭގައިވެސް އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އަންހެނުންގެ ދުވަހެއް ފާހަގަކުރަނީ ވަރަށް މުހިންމު ބޭނުންތަކެއްގައި. އެއް ބޭނުމަކީ، މުޖުތަމަޢުގައި އަންހެނުންގެ ދައުރާއި ކާމިޔާބީތައް ދެނެގަނެ، އެކަން ފާހަގަކުރުން. އަނެއް ބޭނުމަކީ، އިޤްތިޞާދީ އަދި ސިޔާސީ ގޮންޖެހުންތަކާއި މިންތީ ތަފާތުތައް ކުޑަކުރުމުގެ މުހިންމުކަމުގެ މައްޗަށް މުޅި މުޖްތަމަޢު ހޭލުންތެރިކުރުން.

މުޅި ދުނިޔޭގެ ފެންވަރުގައި، އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ކޮންމެ އަހަރަކަށް ވަކި ޝިޢާރެއް ކަނޑައަޅައިގެން، ގިނަ މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ. މި އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ".

ޒަމާނާ ގުޅޭ މިފަދަ ޝިޢާރެއްގެ ދަށުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އިނޮވޭޓިވް ޓެކްނޮލޮޖީއާއި، ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުން.

މިއަދު އަޅުގަނޑުމެންނާ އަރާ ހަމަކޮށްފައި މިވަނީ ޑިޖިޓަލް ޒަމާނެއް. އަޅުގަނޑުމެން އުޅެމުން މިދަނީ އީޖާދީ ޚިޔާލުތަކާއި، އުފެއްދުންތެރި ވިސްނުންތަކުގެ ހަލަބޮލި މުޖްތަމަޢެއްގައި. މިފަދަ ޒަމާނެއްގައި، އަންހެނުން ބާރުވެރިކޮށް، ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލެވޭނީ، ޑިޖިޓަލް މާޙައުލުގައި ހުރި މިންތީ ތަފާތުތަކުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ނަހަމަކަން ނައްތައިލުމަށް މަސައްކަތް ކޮށްގެން.

އަދި އެ ނަހަމަކަމުގެ ސަބަބުން މުޅި މުޖްތަމަޢަށާއި އަންހެނުންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރުމާއި، އެކަންކަމާ ގުޅޭގޮތުން ވާހަކަދައްކައި، މަޝްވަރާކުރުމަކީ ވެސް، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް. އަދި މަޤްޞަދެއް.

ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިޤްތިޞާދު ސިންދަފާތު ކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިޢާޔަތް ކުރެވިފައިވާނެ. އަދި އެކަންކަމާ ގުޅުވައިގެން، ލާމަރުކަޒުކޮށް މަސައްކަތް ކުރުމަށްވެސް ހިމަނާފައިވާނެ.

އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް، މިދިޔަ އަހަރު އަޅުގަނޑުމެން ކަނޑައެޅިން. އެ ޕްލޭންގެ 5 ލަނޑުދަނޑީގެ ތެރެއިން އެއް ކަމަކީ، ކުރިން މި ދެންނެވި ފަދަ ދާއިރާތަކުގައި، އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުން. އަދި ޒަމާނުއްސުރެ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ގެންގުޅެމުން އައި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ރޭވިފައި އެބަހުރި.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވައިލާފައިވާ މަތީ ފެންވަރުގެ ސްޓިއަރިންގ ކޮމިޓީއެއްވެސް އެބައޮތް. އެ ކޮމިޓީގައި ވަޒީރުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުގެ ވެރިންގެ މަޝްވަރާއާއެކު، އެކްޝަން ޕްލޭންގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ.

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ 3 ވަނަ ލަނޑުދަނޑިއަކީ، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލްގެ ނަމުގައި ނިޒާމެއް އެކުލަވައިލުމަށް، ސްޓިއަރިންގ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފައި.

މި ނިޒާމުގެ މައިގަނޑު މަސައްކަތަކީ، މިންތީ މަޞްލަޙަތުތައް ދެމެހެއްޓޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަށް އިދާރީގޮތުން ކުރާ ކަންތައްތައް ހަރުދަނާކުރުން. އަދި ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި، މިންތީ ހަމަހަމަކަމަށް ވަކާލާތުކުރާނެ ވިއުގައެއް ޤާއިމުކުރުމަށް ވެސް މި ނިޒާމުން އެހީތެރިވެދޭނެ.

އަޅުގަނޑުމެން މިހާތަނަށް ދައްކަމުން މި އަންނަނީ، އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ވާހަކަ. އަންހެނުންނަށް ވަޒީފާތައް ހޯދައިދޭންޖެހޭ ވާހަކަ. އަންހެނުން މަޤާމުތަކަށް އިންތިޚާބު ކުރަންޖެހޭ ވާހަކަ. ނަމަވެސް، ހަމައެކަނި ފުރުޞަތާއި ވަޒީފާގެ ވާހަކައިން، އަޅުގަނޑުމެން ހޯދަން މި އެދޭ މަންޒިލެއް ނުފެންނާނެ.

އަޅުގަނޑުމެން ދެން ދައްކަންވީ، ކަންކަން ނިންމުމުގެ މަރުޙަލާގައި، އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަ. ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް. ސަރުކާރުގެ ތެރެއިންވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަޤާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ޚިޔާލާއި މަޝްވަރާ ބޭނުންކުރުމަށް.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިޢާޔަތް ކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް މިހާރު ވަނީ ކަނޑައެޅިފައި. އަދި އެކިއެކި އިދާރާތަކުން ކުރާ މަސައްކަތްތައް ވަޒަންކުރެވޭނެ މިންގަނޑުތަކެއްވެސް ވަނީ ކަނޑައެޅިފައި. އެހެންކަމުން، މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މިފަދަ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، އީޖާދީ ވަސީލަތްތަކާއި، ޒަމާނީ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، އެކިއެކި ދާއިރާތަކުގައި ޒަމާނުއްސުރެ އޮތް މިންތީ ތަފާތުތައް ކުޑަކުރުމަށް، ސަރުކާރުގެ އިދާރާތައް ގުޅިގެން، މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ.

ކިޔެވެނި ޕޯޓަލް ފަދަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް، ތަޢުލީމީ ފުރުޞަތުތައް ވަނީ ފަހިކޮށްދެވިފައި. ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އެންޑް މެތަމެޓިކްސްގެ ދާއިރާގައި، އަންހެނުންގެ ދައުރު ފުޅާކުރުމަށްވެސް، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައި ޚާއްޞަ އިސްކަމެއް ދީފައިވާނެ.

މިފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށްވެސް، ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ތެރޭގައި ވަރަށް ގިނަ ފުރުޞަތުތައް އެބަހުރި. ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވާ ކުދިންގެ 67 އިންސައްތައަކީ އަންހެނުން. އަދި ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ 58 އިންސައްތައަކީވެސް އަންހެނުން.

އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި، އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަދި ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންނަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ދިނުމަށް ނިންމި ނިންމުމާ އެއްގޮތަށް، މިހާތަނަށް ޖުމްލަ 4619 މީހަކަށް ޗުއްޓީ ދެވިއްޖެ. އަދި މަޔަކަށްވުމަށްފަހު ވެސް ވަޒީފާގައި ދެމިހުރުމަށް ބާރުއެޅުމަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުން މިހާރު އެބަގެންދޭ.

ކުޅިވަރުގެ ދާއިރާގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. އަންހެން ފިރިހެން ތަފާތުނުކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭން ފެށިއްޖެ. އަދި ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްރީނުތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖެއިން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް މިހާރުވާނީ ހަމަޖެހިފައި.

މިކަންކަން ކުރެވުނަސް، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް އެކިއެކި ސަބަބުތަކާހުރެ މިހާރަކުވެސް ލިބެމަކުން ނުދެއޭ ދެންނެވިދާނެ. ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށް ކުރި ސަރވޭއިން ދެއްކި ގޮތުގައި، ރާއްޖޭގެ ޒުވާން އަންހެނުންގެ ތެރެއިން ތަޢުލީމާއި، ވަޒީފާއާއި، ތަމްރީނުގައި މަޝްޣޫލުނުވާ 41 އިންސައްތަ އަންހެނުން އަދިވެސް އެބަ ތިބި.

އެ ނިސްބަތް އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެންނަށް ދަށްކުރެވެން ވާނެ. މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓަކީ މި ދެންނެވި އާބާދީ މަދުކުރުމުގެ ބޭނުމުގައި ފަށާފައިވާ 5 އަހަރުގެ ޕްރޮޖެކްޓެއް. ޒުވާނުންނަށް ޚާއްޞަ އެ ޕްރޮޖެކްޓްގައި، އިޖްތިމާޢީ ޚިދުމަތަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެ. އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެ.

ޑިޖިޓަލް ފައިނޭންސް އަދި އިންޓަރނެޓް ބޭންކިންގއާއި މޮބައިލް ބޭންކިންގ ފަދަ ވަސީލަތްތަކުން މާލީ އެހީތެރިކަން ހޯދުމަށާއި، ވިޔަފާރި ކުރިއެރުވުމަށް ގިނަ ދޮރުތަކެއް އެބަ ހުޅުވޭ. އޮންލައިން ވިޔަފާރި ފުޅާވެ، މީސް މީޑިއާގެ މަޤްބޫލުކަމާއެކު، އިޤްތިޞާދީ ގޮތުން ގިނަ ކުރިއެރުންތަކެއް އަންނަނީ އަންހެނުންނަށް ލިބެމުން.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގައިވެސް، އިޤްތިޞާދު މުޅިން ފަނާނުވެ ހިފެހެއްޓުމުގައި، ޑިޖިޓަލް އިޤްތިޞާދާއި، އޮންލައިން ޕްލެޓްފޯމްތައް ވަރަށް އިސް ދައުރެއް އަދާކުރި. އެ ވަސީލަތްތަކުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ކުރިއަށްދާނެ އިތުރު މަގުތައް އަންހެނުންނަށް ހުޅުވުނު.

ރާއްޖޭގެ މަސައްކަތު އާބާދީގައި އަންހެނުންގެ ނިސްބަތަކީ، 45.6 އިންސައްތަ. މި ނިސްބަތް މަތިކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ ކަމަށް އަޅުގަނޑު ދެކެން.

ވިޔަފާރި ފެށުމާއި ވިޔަފާރި ފުޅާކުރުމަށް ފަހިކޮށްދޭ ފުރުޞަތުތަކުގައި ވެސް އަންހެނުން އަންނަނީ އެކަށީގެންވާ މިންވަރަކަށް މިހާރު ބައިވެރިވަމުން. އެސް.އެފް.ޑީ.ސީ. މެދުވެރިކޮށް ދޫކުރި ލޯނުތަކުގެ 24 އިންސައްތައަކީ އަންހެނުން ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރެވުނު ލޯނުތައް. އަންހެނުންނަށް އަދި އަންހެނުން ބައިވެރިވާ ވިޔަފާރިތަކަށް، މިދިޔަ ފެބުރުވަރީގެ ނިޔަލަށް 359 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިއްޖެ.

ޑިޖިޓަލް މާޙައުލުގައި، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިކުރުމަކީވެސް، މި އަހަރުގެ އަންހެނުންގެ ދުވަހުގެ އަމާޒެއް. އޮންލައިން އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ވަކި ޖިންސަކަށް އަމާޒުކޮށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ވެސް، އަންހެނުންގެ ދުވަހުގެ އަމާޒެއް.

ޑިޖިޓަލް މާޙައުލުތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް، 2021 ވަނަ އަހަރު ސަރުކާރުން ވާނީ "ސޭފް އޮންލައިން" ޕްރޮގްރާމް އިފްތިތާޙުކޮށްފައި. އަދި 2022 ވަނަ އަހަރު އެން.ސީ.އައި.ޓީ. އިން ހިންގި "ސައިބަރ ސޭފް މޯލްޑިވްސް" ޕްރޮގްރާމަކީ، ދެ ޖިންސުގެ ކުދިންނަށްވެސް އޮންލައިން ސޭފްޓީއާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް.

އެނގިވަޑައިގަންނަވާނެ، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ހުރިހާ ކަމެއްވެސް މިދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުވަމުން. މިފަދަ ވެށްޓެއްގައި އުޅޭ އަންހެނުންނާއި ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނާއި ކުދިން، ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރުވުމަކީ، މި ޑިޖިޓަލް ވެށީގެ ތެރޭގައި ރައްކާތެރިކަމާއި ބާރުވެރިކަމާއެކު އުޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ކަމެއް.

ރާއްޖޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީ މީހުންގެ ނިސްބަތް، އާބާދީގެ 7 އިންސައްތައަށް އަރާނެ. އަދި އޭގެ 24 އަހަރު ފަހުން، 2054 ވަނަ އަހަރު އެ ނިސްބަތް ހުންނާނީ 14 އިންސައްތައަށް މަތިވެފައި ކަމަށް އަންދާޒާތަކުން ދައްކާ.

މި އަންދާޒާތައް ބުނާގޮތުން، މީގެ ތިރީހަކަށް އަހަރު ފަހުން، ރާއްޖޭގެ އާބާދީއަކީ، ނިސްބަތުން މުސްކުޅިން ގިނަ އާބާދީއަކަށް ވާނެ. އެހެންކަމުން، މި އަހަރުގެ ޝިޢާރުގައިވާ "ޑިޖިޓްއޯލް" އާ މެދު ފުންކޮށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަދި ޓެކްނޮލޮޖީ އާއި، އީޖާދީ ވަސީލަތްތަކަކީ، ޢުމުރުން ދުވަސްވީ މީހުންނާ އަހުލުވެރި ގޮތަށް ތައްޔާރުކުރެވޭ ވަސީލަތްތަކަށް ހެދުމަކީ އަޅުގަނޑުމެންގެ މިއަދުގެ ޒިންމާއެއް.

އަޅުގަނޑުގެ އުންމީދަކީ، އަންހެނުންގެ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ސަބަބުން، ކަންކަމާ ކުރިމަތިލުމުގެ ކެރުމާއި ހިތްވަރު، ދިވެހި އަންހެނުންނާއި އަންހެން ކުދިންގެ ކިބައިގައި އިތުރަށް އުފެދިގެން ދިއުން. އަދި އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގައި ވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި، އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުން.

މާތް ﷲގެ ވާގިފުޅާއެކު، ދިވެހި އަންހެނުންނަކީ ހުރިހާ ރޮނގެއްގައި ވެސް އަދި ހުރިހާ ދާއިރާއެއްގައިވެސް، ކާމިޔާބުކަމާއެކު ޙަރަކާތްތެރިވާ ބަޔަކު ކަމުގައި ލައްވައި، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ދިވެހި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.