ސަރުކާރުގެ ސިޔާސަތަކީ، އަންހެނުންގެ ތަރައްޤީއަށް މަގުފަހިވާގޮތަށް ސަރުކާރުގެ ހުރިހާ ދާއިރާއެއް ހިންގަވަމުން ގެންދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ތަރައްޤީގެ ކުރިމަގުގައި އަންހެނުންގެ ޙިއްޞާ" މިނަމުގައި ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ބާއްވަވާ ފޯރަމް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަގުފަހިވާނެ ގޮތެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވަނީ، އަންހެނުންގެ ތަރައްޤީގެ ކަންކަން ކުރެއްވުމަށް ސަރުކާރުން ވަކި ވުޒާރާއެއް ޤާއިމް ކުރެއްވުމުގެ ބަދަލުގައި، ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގައިވެސް ތަރައްޤީގެ ސިޔާސަތު އެކަށައެޅުއްވުމާއި، ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، އަންހެނުންގެ ތަރައްޤީއާ ގުޅޭ ކަންކަން ފާހަގަކުރައްވައި، އެކަންކަން މުޅި ތަރައްޤީގެ ސިޔާސަތުގައި ހިމެނުއްވުން ކަމުގައެވެ.

ޙަޤީޤީ ތަރައްޤީއާމެދު އެކި ފަރާތްތަކުން ދެކޭގޮތުގެ މައްޗަށް ބައްލަވާލައްވަމުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަންހެނުންގެ ތަރައްޤީގައި ޙަރަކާތްތެރިވެވިދާނެ ގޮތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހޯލުގައި ކުރިއަށްދާ މިބައްދަލުވުމުގެ މަޤްޞަދަކީ، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުމުގެ އޮނިގަނޑަށް ގެންނަން ޖެހިފައިވާ ބަދަލުތައް ދެނެގަނެ، ކުރިއަށް އޮތްތާނގައި އެކޮމިޓީތައް ހިންގާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވުމެވެ. ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މީގެކުރީގައި ކުރެވެމުން އައި މަސައްކަތުގެ އަލީގައި، ކުރިއަށް ދިއުމުގައި ޢަމަލު ކުރާނެ ގޮތަކާމެދު މި ފޯރަމްގައި މަޝްވަރާ ކުރެވޭނެއެވެ.

ރާއްޖޭގައި އެކުލަވާލެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަންދޫބުން މި ފޯރަމްގައި ބައިވެރިވެއެވެ.