ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާގެ ފަރާތުން ފާދިއްޕޮޅު ހިންނަވަރުގައި ހަދާފައިވާ ފުޓްބޯޅަ ސްޓޭޑިއަމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ސްޓޭޑިއަމް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ހިންނަވަރުގައި މިއަދު ހަވީރު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާގެ ފަރާތުން ހިންނަވަރުގައި މި ހައްދަވައިދެއްވި ސްޓޭޑިއަމްގެ ސަބަބުން، ރާއްޖޭގެ ކުޅިވަރުގެ ތަރައްޤީއަށް ވަރަށްބޮޑު ފައިދާއަކާއި މަންފާއެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާގެ ފަރާތުން މި ސްޓޭޑިއަމް ހައްދަވައިދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވި ކަމަށްޓަކައި، ރިޒޯޓްގެ މެނޭޖްމަންޓަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ސްޓޭޑިއަމް ހުޅުއްވައިދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުގެ ކުރިން، ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާއަށް ޒިޔާރަތް ކުރެއްވިއެވެ.

މި ސްޓޭޑިއަމް ހުޅުއްވައިދެއްވުމަށްފަހު، އެ ސްޓޭޑިއަމްގައި ހިންނަވަރުގެ ޓީމަކާއި، ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާގެ ޓީމަކާ ދެމެދު ކުޅެވުނު ޚާއްޞަ ފުޓްބޯޅަ މެޗެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕާމް ބީޗް ރިޒޯޓް އެންޑް ސްޕާއަށާއި ހިންނަވަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.