26 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓުންނާއި ގައިޑުންނާ ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ލައިލާ ޢަލީ ބައްދަލުކުރައްވައިފިއެވެ.

ރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންގެ ތަރައްޤީގައި ސްކައުޓް އަދި ގައިޑް ޙަރަކާތްތަކުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ސްކައުޓް އަދި ގައިޑް ހަރަކާތަކީ ޒުވާނުން ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިންމު ތަރުބިއްޔަތު ލިބިދޭ ހަރަކާތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުނިޔަވީ ހުރިހާ ކަމަކަށް ލޯ ހުޅުވުމަށް، ސްކައުޓް އަދި ގައިޑް ހަރަކާތަށްވުރެ ވަކި މުހިންމު ޙަރަކާތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުންނާއި ގައިޑުންނަށް، މި ޖަމްބޮރީން ލިބޭ ތަޖުރިބާއަކީ، އެ ކަމުގެ ސަބަބުން އެކުދިންގެ މުޅި ދިރިއުޅުމަށް ފައިދާ ކުރާނެ، އެކަމުގެ ހަނދާންތައް އެކުދިންގެ ހިތުގައި އަބަދަށް ހަރުލާފައި ހުންނާނެ ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ޖަމްބޮރީގައި ބައިވެރިވެ، މިޖަމްބޮރީން އަގުހުރި ތަޖުރިބާތަކެއް ހޯދުމަށް، މިޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާއި ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

26 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓް ޖަމްބޮރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، މި ޑިސެމްބަރ 28ން އަންނަ ޖަނަވަރީ 3 އަށް ފިލިޕީންސްގެ މައުންޓް މެކީލިންގައެވެ. މި ޖަމްބޮރީގައި، ރާއްޖޭގެ ސްކައުޓުންނާއި ގައިޑުންގެ 172 ކުދިން ބައިވެރިވެއެވެ.