ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ މައްޗަންގޮޅީ ބޯގަންވިލާ އަލްފާޟިލް އިސްމާޢީލް ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަރްޙޫމްގެ ޢާއިލާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަލްމަރްޙޫމް އިސްމާޢީލް ނަޞީރުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވީ، އެމަރްޙޫމްގެ މޫނު ދެކެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ، މައްޗަންގޮޅީ ބޯގަންވިލާއަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައެވެ.

އަލްފާޟިލް އިސްމާޢީލް ނަޞީރު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ވަރަށްގިނަ ދުވަސްތަކެއް ވުމަށްފަހު، ރޭގެ ވަގުތެއްގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 77 އަހަރެވެ.

އަލްމަރްޙޫމް އިސްމާޢީލް ނަޞީރަކީ ދައުލަތުގެ ޕެންޝަނަރެކެވެ. ސަރުކާރަށް އޭނާ ޚިދްމަތް ކުރައްވާފައިވާ ދިގު މުއްދަތުގެ ތެރޭގައި، 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރައްވާފައިވެއެވެ. މިގޮތުން، ފ. އަތޮޅު އަތޮޅުވެރިކަމާއި، ސ. އަތޮޅު އަތޮޅުވެރިކަމާއި، ހދ. އަތޮޅު އަތޮޅުވެރިކަމާއި، ތ.އަތޮޅު އަތޮޅުވެރިކަމާއި، ލ. އަތޮޅު އަތޮޅުވެރިކަމާއި، ރ. އަތޮޅު އަތޮޅުވެރިކަން ކުރައްވާފައިވެއެވެ. މީގެއިތުރުން، އަލްމަރްޙޫމް އިސްމާޢީލް ނަޞީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ މެންބަރުކަންވެސް ވަރަށްދިގު މުއްދަތެއްގައި ކުރައްވާފައެވެ.

އަލްމަރްޙޫމް އިސްމާޢީލް ނަޞީރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ވަކީލު ކަމާއި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމާއި، ޑިރެކްޓަރ އޮފް ޓްރޭޑް ލައިސަންސިންގ ކަމުގެ މަގާމާއި އަދި އިސްލާމީ މަރްކަޒުގެ މުދީރުކަން ހިމެނެއެވެ. އޭނާ އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

އަލްމަރްޙޫމް އިސްމާޢީލް ނަޞީރު އަވަހާރަވިއިރު، ދުނިޔޭގައި ތިއްބެވީ 9 ބޭފުޅުންނެވެ. އެއީ، ފިރިހެން 6 ބޭފުޅުންނާއި އަންހެން 3 ބޭފުޅުންނެވެ. މަރްޙޫމްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ.