ސަރުކާރަށް ބޭނުންވާ އެކިއެކި ތަކެތި ގަތުމާއި ބަލައިގަތުމަށް ޕްރޮކިއުމަންޓް އޮފީހެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ޕްރޮކިއުމަންޓް އޮފީހެއް ޤާއިމުކުރުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަން އިތުރަށް ދިރާސާ ކުރެއްވުމަށާއި އަދި މިކަމާބެހޭ ކަރުދާހެއް ހުށަހެޅުއްވުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް އުފެއްދެވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ މުސްތަފާ ލުޠުފީއާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު ހުސްނުއް ސުޢޫދެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި ޑިސެމްބަރ މަހުގެ 13 ން 21 އަށް އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރެއްވި ދަތުރުފުޅުގެ މަޢްލޫމާތު، ވަޒީރުންގެ މަޖިލީހަށް މިއަދު ދެއްވިއެވެ.

މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފު ބަދަލުތަކާ ބެހޭގޮތުން ކޯޕަންހޭގަންގައި ބޭއްވުނު މަޝްވަރާތަކުގެ ހަވާސާގައި، ވަރަށްގިނަ ޤައުމުތަކެއްގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ބައިވެރިންނާ ބައްދަލުކޮށްލެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވިކަން އެއީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާމެދު އެބޭފުޅުންނަށް ބައެއް މަޢުލޫމާތު އެރުވުމަށް ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރުޞަތުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވައި، އެކަންކަމުގެ ތަފްޞީލު ދެއްވިއެވެ.