ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކޯޕަންހޭގަންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނު މާލެ ވަޑައިގެންނެވުމާއެކު، އެމަނިކުފާނަށް ތާއީދު ކުރައްވާ ނިސްބަތުން ގިނައަދަދެއްގެ ދިވެހިން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފައެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްތިޤްބާލުގައި، ނައިބު ރައީސާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓާއި، ވަޒީރުން ތިއްބެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމާއެކު، މާލޭ ރަސްމީ ފާލަމުންވެސް ވަރަށް ކުލަގަދަ މަރްޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. މާލޭ ރަސްމީ ފާލަމަށް ފައިބާވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިޤްބާލުގައި ރައްޔިތުންގެ މަޖިލީހުގެ މާލޭ ބައެއް މެންބަރުން ތިއްބެވިއެވެ. އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، ޢާންމުންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަމުން ގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ކޯޕަންހޭގަންގައި ކޯޕަންހޭގަން އެކޯޑް ނިމިގެންދިޔަގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ކޯޕަންހޭގަންގައި އެއްބަސްވުމަކަށް ނާދެވުނުނަމަ، "ވަރަށް ގިނަ ކަންކަން ޚަރާބުވީސް" ކަމުގައި ވިދާޅުވިއެވެ.

މިގޮތުން، އެއްބަސްވުމަކަށް ނާދެވުނުނަމަ، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ޤައުމުތަކުން ކުރަމުންއައި މަސައްކަތްތައް އަލުން އަނބުރާ ފަށަންޖެހުމާއި، ޤައުމުތަކުގެ މެދުގައި މިކަމާ އެއްވެސް ގޮތަކަށް އެއްބަސްވެވެން ނެތް ކަމުގައި ދުނިޔޭގެ ގިނަބަޔަކު ދެކެން ފެށުމާއި، އ.ދ.ގެ ބޭނުންތެރިކަން ކުޑަވެގެން ދިޔުންފަދަ ކަންތައްތަކެއް ކުރިމަތިވީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، މިއެއްބަސްވުމަކީ މުޅިން ފުރިހަމަ އެއްބަސްވުމަކަށް ނުވިކަމުގައިވިޔަސް، މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި އަދި ހިމާޔަތް ވުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ކުރެވޭގޮތަށް ހަމަޖެހުމާއި، ޤާނޫނީ ގޮތުން ލާޒިމްކުރާ އެއްބަސްވުމަކަށް އައުމަށް އިތުރަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މިބައްދަލުވުމުގެ ސަބަބުން ރާއްޖެއަށް އިތުރު ފައިދާތަކެއްވެސް ކޮށްފައިވާ ކަމަށާއި. އޭގެތެރޭގައި، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ މީޑިއާތަކުގައި ދިވެހިރާއްޖޭގެ ވާހަކަތައް ދެކެވި، ރާއްޖެއަށް ވަރަށްބޮޑު މަޝްހޫރުކަމެއް ލިބުމާއި، މީގެއިތުރުން، ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ވަރަށް ގިނަ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ވަރަށް ޚާއްޞަ ގުޅުމެއް އުފެދިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދުގައި ތިރީސް ބިލިއަން ޑޮލަރުގެ އެހީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިނުމަށާއި، 2013 ވަނަ އަހަރުން ފެށިގެން އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ، ތަރައްޤީވެފައިވާ ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯޜުކޮށްދިނުމަށް ޤައުމުތަކުން އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޚަބަރުފަތުރާ ވަސީލަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. މިގޮތުން، ދަތުރުފުޅުގެ ކާމިޔާބީތަކާ ބެހޭގޮތުންނާއި، ޤައުމުތަކުގެ އިސްވެރިންނާ ކުރެއްވި މަޝްވަރާތަކާ ބެހޭގޮތުންނާއި، އަދި މިނޫންވެސް މިދަތުރުފުޅުގެ އެހެން ބައެއް ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާ އަރިހު ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.