بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރޭގެ މިއުފާވެރި ފުރްޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، އެލިއާ ޙައްޖު ގްރޫޕްގެ އިސްވެރިންނަށް، ޚާއްޞަކޮށް އަލްފާޟިލް ޢަލީ ޢަބްދުﷲ އަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޙައްޖުވެރިންނާ ބައްދަލުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. މީގެކުރީގެ ބައެއް އަހަރުތަކުގައި އަޅުގަނޑު ވާނެ ރާއްޖެއިން އެ އަހަރުތަކުގައި ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކޮށް ވާހަކަދައްކާ ހަދާލާފައި. އާދެ، އޭރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު މިހާގިނައެއް ނޫން. އެހެންވީމާ، އެފަހަރުތަކުގައި އެއްރެއެއްގެ މަތިން ހުރިހާ ބޭފުޅުންނާ އެއްތަނެއްގައި ބައްދަލުކޮށްލެވޭ ގޮތަށް ހަމަޖެހިފައި އޮތުމާ އެކީގައި، އެކަންތައް ކުރަމުން އަޅުގަނޑުމެން ދިޔައީ. އެހެން ނަމަވެސް، ފަހަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް ވަރަށްބޮޑުތަން އިތުރުވަމުންގޮސް، މިހާރު އަޅުގަނޑުމެންނަށް އެއްތަނަކަށް އެއްވެވޭވަރަށްވުރެވެސް އަޅުގަނޑުމެންގެ ޙައްޖުވެރިންގެ ޢަދަދު ގިނަ. އެކަން އެހެން ދިމާވުމުގެ ސަބަބުން މިދޭތެރެއިން އަހަރުތަކެއް ހިނގައްޖެ، އަޅުގަނޑަށް މިމަތިވެރި އުފާ ޙާޞިލްނުވެ.

އާދެ، ކޮންމެއަކަސް މިއަހަރު އެ އުފާ އަނެއްކާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި އެންމެ ފުރަތަމަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެއަށްފަހުގައި، ޙައްޖަށް ފޮނުވުމުގެ އިންތިޒާމުތައް ރާއްޖެއިން ހަމަޖައްސަވައިދެއްވާ ޖަމާޢަތްތަކަށް ޝުކުރު ދަންނަވަން. އެހެން މިދެންނެވީ މިރޭ އަޅުގަނޑު މި ބައްދަލުކޮށްލަނީ އެލިއާ ޙައްޖު ގްރޫޕުން މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ކަމަށްވެފައި، އަދި އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އަތަމާ ގްރޫޕުން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާވެސް ބައްދަލުކޮށްލުމަށް ހަމަޖެހިފައިވާތީ.

އާދެ، ކޮންމެއަކަސް ކުރިންވެސް ދެންނެވި ފަދައިން، ޙައްޖުވެރިންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ޚާއްޞަ އުފަލެއް. މި އުފާ އަޅުގަނޑަށް މިރޭ މި މެދުވެރިކޮށްދެއްވި ފަރާތަކީ، އެލިއާ ގްރޫޕްގެ އިސްވެރިން ކަމަށްވާތީ، އެ ހުރިހާ ބޭފުޅުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، ޙައްޖުގެ އަޅުކަމާ ބެހޭގޮތުން ދެންމެ ވަރަށް އަގުހުރި ވާހަކަކޮޅެއް، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ޑިރެކްޓަރ ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު ދައްކަވައިދެއްވައިފި. އޭނާގެ ވާހަކަފުޅުގައި، ޙައްޖުގެ އަޅުކަމާބެހޭ ވަރަށްގިނަ ތަފްޞީލް ދެއްވި. އޭގައި ހިމެނޭ ތަފާތު ކަންކަމާ ދޭތެރޭގައި ބައްލަވައިލައްވައި، އެއިން އަޅުގަނޑުމެން ލިބިގަންނަންވީ ޢިބްރަތްތައްވެސް ވިދާޅުވެދެއްވި. އެހެންވީމާ، ކޮންމެހެން ޙައްޖުގެ އަޅުކަމާ ބެހޭގޮތުން އަޅުގަނޑު އިތުރަށް އެއްޗެއް ދެންނެވުމުގެ ބޭނުމެއް މިރޭ އޮތް ކަމަކަށް ނުދެކެން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ބިނާކުރަން ޤަޞްދުކުރަނީ އެހެން ރޮނގެއްގެ މައްޗަށް.

އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ޙައްޖުގެ ކަންތައްތައް ހަމަޖެހިފައި މިއޮތްގޮތަކީ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވަރަށްވެސް ފައިދާހުރި ގޮތެކޭ. އާދެ، އެހެން މިދެންނެވީ، މިހާރު ރާއްޖެއިން ޙައްޖަށް ދާން ބޭނުންވާ މީހުންގެ ކަންތައްތައް ހަމަޖައްސައިދީ، އެ ހުރިހާ ކަމެއް އިންތިޒާމުކޮށް ރާވައި ހިންގާ ފަރާތްތަކެއް އެބަހުރި. ނުވަތަ މިހާރުގެ ޢިބާރާތުން ދަންނަވަންޏާ، ޙައްޖު ގްރޫޕްތަކެއް އެބަހުރި. އެއިން ކޮންމެ ގްރޫޕަކުން ވަރަށް މަތިވެރި ޚިދުމަތްތަކެއް ޙައްޖުވެރިންނަށް އެބަ ހަމަޖައްސަވައި ދެއްވާ. އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑު ދެކޭގޮތުގައި، ޚަރަދުކުޑަގޮތަކަށް ޙައްޖުވެވޭގޮތް އެފަރާތުން ހަމަޖައްސަވައިދެއްވާކަން. އެހެން މިދެންނެވީ، މީހަކު އެކަނި ޙައްޖަށްދާނަމަ، މާލެއިން ފުރައިގެން މައްކާއަށް ގޮސް، ޙައްޖުގެ އަޅުކަން އަދާކޮށްފައި އެނބުރި މާލެ އައުމާ ދޭތެރޭގައި، އެމީހެއްގެ އަތުން ވަރަށްގިނަ ޚަރަދުތަކެއް ހިނގާނެ. އެކަމަކު މިހާރު ހަމަޖެހިފައި މިއޮންނަ ގޮތުން، ތަންކޮޅެއް ކުރިން ޙައްޖަށް ދާން އެދޭ މީހުން އެގްރޫޕްތަކަށް ފައިސާ ދެއްކުމުން، ވަރަށް އަގުހެޔޮކޮށް، ވަރަށް ޚަރަދު ކުޑަކޮށް ޙައްޖުގެ އަޅުކަން އަދާވެވޭގޮތަށް މިއޮންނަނީ ހަމަޖެހިފައި. އެއީ، އަޅުގަނޑު ހިތުން މި ގްރޫޕްތަކުން ޙައްޖުވެރިންނަށް ދެއްވާ ވަރަށްވެސް ބޮޑު، އެހާމެ ރަނގަޅު ޚިދުމަތެއް.

އަނެއް ޚިދުމަތަކީ ޙައްޖަށް ދާން ފަސޭހަ އަމާން ގޮތެއް ހަމަޖައްސަވައިދެއްވާކަން. އާދެ، ތަންކޮޅެއް ކުރިން ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރުން ފްލައިޓްތަކެއް ހަމަޖައްސައިދެމުން ގެންދިޔައީ. އެކަންތައް ސަރުކާރުން ކުރަމުން ގެންދިޔައީ، އެކަމުގެ ޤާބިލިއްޔަތު އޭރު ރާއްޖެއިން ޙައްޖަށްދާ މީހުންގައި ނެތީމާ. އަދި ބައެއް ފަރާތްތަކުން އެގޮތަށް އެދޭތީ. ސަރުކާރުން ޙައްޖުވެރިންނަށް ވެދޭ އެހީއެއްގެ ގޮތުން. އެހެން ނަމަވެސް، ފަހަކަށްއައިސް މިހާރު ޙައްޖުގެ ގްރޫޕްތައް ބޮޑުވެ، އެބޭފުޅުންގެ ޤާބިލިއްޔަތު މިކަންކަމަށް އިތުރުވެ، އެހުރިހާ ކަމެއް ކުރެއްވޭވަރުގެ ފެންވަރަށް އެބޭފުޅުންގެ ޚިދުމަތްތައް ދިޔުމާ އެކުގައި، އެފަރާތްތަކުންވެސް އެދިވަޑައިގަނެގެން، މިހާރު ފްލައިޓްތައް ހަމަޖެއްސުމުގެ ކަންތައް މިއޮންނަނީ އެގްރޫޕްތަކަށް ދޫކޮށްލެވިފައި. އެކަން އެގޮތަށް ހިނގާތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑަށް ދެންނެވެން އަންނަނީ، އެހުރިހާ ގްރޫޕްތަކަކުންވެސް އެކަންތައް ކުރައްވަނީ ވަރަށް ފުރިހަމަކޮށޭ. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑުވެސް އަދި ސަރުކާރުވެސް އަދި އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް ވަރަށް އުފާކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަންޖެހޭނެ.

އާދެ، މިދެންނެވި މުހިންމު ދެ ކަންތަކުގެ އިތުރަށް، ޙައްޖުވެރިން ބެލެހެއްޓުން. މާލެއިން ޙައްޖުވެރިން ފުރީއްސުރެ، އެމީހުން އެނބުރި މާލެއަށް އަންނަންދެން އެމީހުންނާބެހޭ ހުރިހާ ކަމެއް ބަލަހައްޓަވައިދެއްވަނީ ޙައްޖު ގްރޫޕްގެ ފަރާތުން. މީހަކު ބަލިވިޔަސް އެމީހަކަށް ބޭސްކޮށްދެއްވާ. އެހެން ދައްޗެއް ދިމާވިޔަސް އެދަތި ފިލުއްވައިދެއްވާ. އަދި އެނޫންވެސް ގޮތްގޮތުން ޙައްޖުވެރިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް، އެގްރޫޕްތަކުގެ ފަރާތުން ޙައްޖުވެރިންނަށް އެބަ ދެއްވާ. އެއީވެސް އަޅުގަނޑު ހިތުން އެފަރާތްތަކުން ކޮށްދެއްވާ ވަރަށް މަތިވެރި ޚިދުމަތެއް.

އާދެ، ސަރުކާރުންވެސް މިހާރުވެސް ބައެއް ކަންތައްތައް އެބަ ކޮށްދޭ. އާދެ، އެންމެ ފުރަތަމަ ރަސްމީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އަދިވެސް ކުރަނީ ސަރުކާރުން. އެއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ފަރާތްތަކާ ގުޅައިގެން. ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖައްސައިދެނީ އަދިވެސް ސަރުކާރުން. އެއީ އެކަން އޮންނާނެވެސް ގޮތް. ހަމައެއާއެކުގައި، ޙައްޖުވެރިންގެ ޞިއްޙީ ކަންތައްތައް ބެލެހެއްޓުމަށް ވަރަށް ކުރިއްސުރެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން، އެގޮތުގެ މަތިން ޢަމަލުކުރަމުން އައީ. އަދި މިހާރުވެސް ހަމަ އެގޮތަށް ޢަމަލުކުރަނީ. ޙައްޖުވެރިންނަށް ބޭނުންވާ ބޭހުގެ ވަރަށްބޮޑު ބައެއް ސަރުކާރުން ޚަރަދުކުރަނީ. ހަމައެއާއެކުގައި، ކުރިން ހަމަޖެހިފައި އޮތީ ޙައްޖުވެރިންނާ އެކުގައި ސަރުކާރުގެ ޚަރަދުގައި ޑަކްޓަރުން ފޮނުވާގޮތަކަށް. އެހެން ނަމަވެސް، މިހާރު ގްރޫޕްތަކުން އެދިވަޑައިގަންނަވަނީ، ޑަކްޓަރުން ފޮނުވުމުގެ ބަދަލުގައި، ޞިއްޙީ ޚިދުމަތް އަދާކުރާނެ ކޮންމެވެސް މީހަކު، ކޮންމެ ގްރޫޕެއްގެ ޙަވާލުގައި ސަރުކާރުގެ ޚަރަދުގައި ފޮނުވައިދިނުމަށް. އެހެންވީމާ، އެގޮތަށްވެސް މިހާރު މިއޮތީ ހަމަޖެހިފައި. ޑަކްޓަރުން ވަޑައިގަންނަވަނީ އެ ގްރޫޕްގެ ފަރާތުން. އިތުރަށް ގްރޫޕުން ގެންދަވާ ޞިއްޙީ އެހީތެރިޔާ ފޮނުވަނީ ސަރުކާރުގެ ޚަރަދުގައި. އެގޮތް މާމޮޅުވާނެ ކަމަށް އެފަރާތްތަކަށް ފެނިވަޑައިގަންނަވައިގެން އެގޮތަށް އެދިވަޑައިގަތުމުން، ސަރުކާރުން އެގޮތަށް ހަމަޖެއްސީ.

މީގެއިތުރުން، ޞިއްޙީ ޚިދުމަތްތަކަކީ ޙައްޖުގެ ދުވަސްވަރު ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް. އާދެ، މިހެން ދެންނެވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ރާއްޖެފަދަ ޤައުމަކުން ޙައްޖަށް މީހުން ގޮސްލާފައި އަންނައިރު، އެދޭތެރޭގައި ވަރަށްގިނަ މީހުން ބަލިވާގޮތް ދިމާވޭ. އެއީ، އަޅުގަނޑުމެންގެ ޖައްވާއި އެތާނގެ ޖައްވާ ނުގުޅޭތީއާއި އަދި އެނޫންވެސް ކަންތައްތައް ދިމާވާގޮތުން އަޅުގަނޑުމެންގެ ޞިއްޙަތަށް އުނިކަމެއް އަންނަގޮތް ދިމާވަނީ. އެހެންވީމާ، ޙައްޖުގެ ދުވަސްވަރު ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތްތަކެއް އެދެވޭގޮތެއްގައި އަދާކޮށްދިނުން އޮންނަނީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމަކަށްވެފައި. އެހެންވީމާ، މިހާރު ސަޢޫދީ ޢަރަބިއްޔާގައި ރާއްޖޭގެ ޞިއްޙީ މިޝަނެއް، މެޑިކަލް މިޝަނެއް ރަޖިސްޓަރީ ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައި. އެކަމާ ބެހޭ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އެކަން އެގޮތަށް ހަމަޖެއްސީމާވެސް ޙައްޖުވެރިންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުވާނެ ކަމުގެ އުންމީދު ވަރަށްވެސް ބޮޑު.

އާދެ، މިކަހަލަ ކަންތައްތައް ސަރުކާރުން މިހާރު މިކޮށްދެނީ ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން. އެއީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއް ކަމަށް ފެންނާތީ. އާދެ، ޙައްޖަށްދާ މީހުންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުން ގޮސްފައި ވަނީ ވަރަށްވެސް މަތިވެރި ދަރަޖައަކަށް. އެހެންވީމާ، މި ދެންނެވި ޚިދުމަތްތައް ކޮށްދޭ ފަރާތްތަކުން ވަރަށްބުރަ މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދަންޖެހޭ. ހަމައެފަދައިން، ޚަރަދުތަކެއްވެސް ކުރަމުން ގެންދަންޖެހޭ. ސަރުކާރުގެ ފަރާތުންވެސް ޚަރަދުތަކެއް މިހާރުވެސް ކުރަމުން އެބަގެންދޭ.

އާދެ! މީގެ 10 އަހަރު ކުރިން، ހިޖުރީގޮތުން 1400 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދިޔަ ކަމަށް ލިޔުންތަކުން ފެންނަން އޮތީ 130 މީހުން. 130 މީހުން، މީގެ 10 އަހަރު ކުރިން ރާއްޖެއިން ޙައްޖަށް ދިޔައީ. މިއަހަރު މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ޢަދަދު ދައްކާގޮތުން، މިއަހަރު ރާއްޖެއިން ޙައްޖަށް އެބަދޭ 1298 މީހުން. ގާތްގަނޑަކަށް 1300 މީހުން. އެއީ، 130 ދިހަގުނަޔަށް ބަދަލުވެގެން އެދިޔައީ، 10 އަހަރު ދުވަހުގެ ތެރޭގައި. ޝައްކެއްނެތް، އެއިން ދައްކައިދޭ ވަރަށް މުހިންމު ދެކަމެއް އެބައޮތް. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވެގެންދިޔަ މިންވަރު. އަޅުގަނޑުމެންގެ ހިތްތަކުގައި އިސްލާމްދީނުގެ ރޫޙު އާލާވެގެންދިޔަ މިންވަރު. އިސްލާމީ ޢަޤީދާއަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތާ މިންވަރު. ދީނީ ކަންތައްތަކަށް އަޅުގަނޑުމެން ބަހައްޓާ ޝައުޤުވެރިކަން ބޮޑުވެގެންދިޔަ މިންވަރު. އާދެ، އޭގެ ތާރީފް ރައްދުވާ ފަރާތްތަކެއްވެސް ވާނެ. އެންމެ ފުރަތަމަ ހަމަ އަޅުގަނޑުމެންގެ ދިވެހިން. އަޅުގަނޑުމެންގެ ހިތުގައި އެ ރޫޙު އޮތީތީ. އެގޮތަށް އަޅުގަނޑުމެން އެ ހޭލުންތެރިކަން އިތުރުކުރުމަށް އަޅުގަނޑުމެންވެސް ތަރުޙީބު ދިނީތީ.

އަނެއްފަރާތަކީ އެކި ތަންތަނުން ތަޢުލީމު ޙާޞިލް ކުރައްވައިގެން ވަޑައިގެން ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން. އެބޭފުޅުންގެ މަސައްކަތްޕުޅުތަކުން މި ހޭލުންތެރިކަން މިހާބޮޑަށް އިތުރުވެގެން މިދިޔައީ. އާދެ، އެބޭފުޅުން މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެބަ މަސައްކަތް ކުރައްވާ. މާލޭގައިވެސް، ރާއްޖެތެރޭގައިވެސް ދީނުގެ ކަންތައްތައް އޮތްގޮތް އަޅުގަނޑުމެންނަށް އެބަ އޮޅުންފިލުއްވަވައިދެއްވާ. ރޭޑިޔޯގެ ޛަރީޢާއިން، ޓެލެވިޜަންގެ ޛަރީޢާއިން، ނޫސްތަކުގެ ޛަރީޢާއިން އަދި ތަޤްރީރުތަކާއި އަދި އެނޫންވެސް ގޮތްގޮތުން މީހުންނާ ބައްދަލުކުރައްވައިގެން ދައްކަވާ ވާހަކަފުޅުތަކުންވެސް ދީނީ ހޭލުންތެރިކަން އަޅުގަނޑުމެންގެ ތެރެއަށް އިތުރުކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، ރާއްޖެއިން ޙައްޖަށްދާ މީހުން އިތުރުވުމަށް ދިމާވި އެންމެބޮޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ދީނީ ހޭލުންތެރިކަން އިތުރުވެގެންދިޔުން. އަޅުގަނޑުމެންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮތް ލޯބި އިތުރުވެގެންދިޔުން.

އާދެ، ދެވަނަ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންގެ ފުދުންތެރިކަންވެސް އިތުރުވެގެންދިޔުން. އެހެން މި ދަންނަވަނީ، އަދި ކޮންމެ ގޮތެއްގައިވެސް މިހާރު ގްރޫޕްތަކުން އަޅުގަނޑުމެން ޙައްޖަށް ގެންދަވާއިރު، އަޅުގަނޑުމެންގެ އަތުން ކުރަންޖެހޭނެ ޚަރަދު ތަންކޮޅެއް ކުޑަވިކަމުގައިވިޔަސް، ނުވަތަ ވަރަށްބޮޑުތަން ކުޑަވެގެންދިޔަ ކަމުގައިވިޔަސް، އަދިވެސް އަޅުގަނޑުމެންގެ އަތުން ޚަރަދުތަކެއް ކުރަން އެބަޖެހޭ. އެތައް ހާސް ރުފިޔާއެއް ޚަރަދުކުރަން އެބަޖެހޭ. ތަންކޮޅެއް ކުރީގައި އެކަން އޮންނަނީ އަޅުގަނޑުމެންނަށް ދަތިކަމަކަށްވެފައި، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ކުޑަކަމާއެކުގައި. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކަށް އެވަރުގެ މާލީ ފައިސާއާބެހޭ ޤާބިލިއްޔަތެއް ލިބިފައެއްނުވޭ. އެހެން ނަމަވެސް، މިހާރު ރާއްޖޭގެ ކަންތައްތައް ބަދަލުވަމުން، ތަރައްޤީވަމުން އައި އައުމެއްގެ ސަބަބުން އަޅުގަނޑުމެންގެ ފުދުންތެރިކަންވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަޅުގަނޑުމެންގެ އަތުގައި ކުރިއަށްވުރެ ތަންކޮޅެއް ގިނަ ޢަދަދަކަށް މިހާރު ލާރި އެބަހުރޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް ޚަރަދު ކުރުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ކުރިއަށްވުރެ މާބޮޑަށް މިހާރުވަނީ ލިބިފައި. މި ދެކަންތައް މެދުވެރިވެގެންހެން އަޅުގަނޑަށް ހީވަނީ ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު އެހާގިނަވެގެން މިހާރު އެދިޔައީ. ކުރިންވެސް ދެންނެވި ފަދައިން، 1400 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދިޔަ ކަމަށް ވަނީ އެންމެ 130 މީހުން. މި އަހަރު އިރާދަކުރެއްވިއްޔާ، ގާތްގަނޑަކަށް 1300 މީހުން ޙައްޖަށް އެބަދޭ.

އާދެ! ޙައްޖުގެ މަޤްޞަދާ ދޭތެރޭގައި ކުޑަކުޑަ އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާތްވެގެންވާ އިސްލާމްދީނަކީ ހަމައެކަނި އެހެން ދީންތައް ފަދަ ދީނެއް ނޫން. އިސްލާމްދީނަކީ ޢަޤީދާއެއް. އިސްލާމްދީނަކީ ދިރިއުޅުމުގެ ނިޡާމެއް. އެހެން އަޅުގަނޑު މިދަންނަވަނީ ބައެއް އެހެން ދީންތަކުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށްވާތީ. އާދެ، މިޒަމާނުގައި އެންމެ މަޝްހޫރުކޮށް ފެތުރިފައިވާ އެހެން ދީންތަކަކީ ނަޞާރާ ދީނާއި ޔަހޫދީ ދީން. ނަޞާރާއިންގެ ޢަދަދު ވަރަށްގިނަ. ބައެއް ލިޔުންތަކުން ދައްކާގޮތުގައި، މުޅި ދުނިޔޭގައިވެސް އެންމެ ގިނައީ ނަޞާރާއިންގެ މީހުން. އެހެން ނަމަވެސް، އެއީކީ ޔަޤީންކަމެއް ނޫން. ބައެއް އެހެން ލިޔުންތަކުން ފެންނަގޮތުގައި، މުޅި ދުނިޔޭގައި އެންމެ ގިނައީ މުސްލިމުން. ކޮންމެ ގޮތެއްވިޔަސް، ނަޞާރާއިންނަކީވެސް މިއަދުގެ ދުނިޔޭގައި ވަރަށްގިނަ ބައެއް. އެމީހުންގެ ދީން ބިނާވެފައި އޮންނަނީ ހަމައެކަނި ބައެއް އަޅުކަންތައް ކުރުމުގެ މައްޗަށް. އެމީހުން ހަފްތާއަކު އެއްފަހަރު ފައްޅިއަށް ގޮސް، އެކުރާ އަޅުކަމެއް ކުރުމުން އެކަން އެނިމުނީ. ނޫނީ އެދީނުގައިވެސް ތަފާތު މަޛްހަބުތައް ހުންނާތީ، ބައެއްކަހަލަ ކަންތައްތައް ކުދިކުދިކޮށް ތަފާތުވެދާނެ. އެހެން ނަމަވެސް، އެމީހުންގެ ދީނަކީ މުޅި ޙަޔާތަށް އޮތް މަންހަޖެއް ނޫން. މުޅި ޙަޔާތުގެ ނިޡާމެއް ނޫން. ޙަޔާތުގެ އެއްބައި ޢަޤީދާއަކީ. އެބަޔާބެހޭ ކަންތައްތައް އެ ދީންތަކުގައި ހުންނަނީ. އެއާޚިލާފަށް، މާތްވެގެންވާ އިސްލާމްދީނުގައި މިއޮންނަނީ ޙަޔާތާބެހޭ ހުރިހާ ކަމެއްވެސް އޭގައި ޝާމިލްވެފައި. އިސްލާމްދީނަކީ ޢަޤީދާއެއް. އިސްލާމްދީނަކީ މުޢާމަލާތު. އިސްލާމްދީނަކީ ދުނިޔޭގައި އިންސާނާ ދިރިއުޅެން އޮތް ހުރިހާ ގޮތެއް އޭގައި ޝާމިލްވެގެންވާ ދީނެއް.

އާދެ، ހަމައެކަނި އަޅުކަންކުރުމެއް ނޫން. އަޅުކަންކުރުމުގެ އިތުރަށް، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް ކުރިއަށް ދިޔުމަށްޓަކައި ބޭނުންވާ ހުރިހާ އުޞޫލުތަކެއް މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައި އެބައޮތް. ވިޔަފާރި ހިންގާނެ ގޮތްތައްވެސް އެބައޮތް. މީހުން ޝަރީޢަތަށް ދާނެގޮތްވެސް އެބައޮތް. ހަނގުރާމަޔާއި ޞުލްޙައިގެ ކަންތައްތައްވެސް އެބައޮތް. އިޖުތިމާޢީ ކަންތައްތައް ތަރައްޤީ ކުރާނެގޮތް އެބައޮތް. އިޤްތިޞާދީ ކަންތައްތައް، ވިޔަފާރި ހިންގާނެގޮތް އެބައޮތް. އިޤްތިޞާދީ ކަންތައްތައް ތަރައްޤީކޮށް ކުރިއަރުވާނެގޮތް އެބައޮތް. ބައިނަލްއަޤްވާމީ ގޮތުން ކަންތައްތައް ކުރަންވީ އުޞޫލުތައްވެސް އެބައޮތް. މިހެންގޮސް މާތްވެގެންވާ އިސްލާމްދީނުގައި ނެތް ހަމަ އެންމެ ކަމެއްވެސް ނެތް.

އެހެންވީމާ، އިސްލާމްދީނާ އެހެން ދީންތަކާ ތަފާތު. އިސްލާމްދީނުގެ އެންމެބޮޑު މަޤްޞަދަކީ ނުވަތަ އެންމެބޮޑު ބިންގަލަކީ ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުން. އިސްލާމްދީނުގެ މައިގަނޑު ބިންގަލަކީ އެއީ. އެހެންވީމާ، އަޅުގަނޑުމެން ކަލިމަތުއް ތައުޙީދު "لا إلــــٓه إلّا الله" އެހެން ކިޔަން މިޖެހެނީ. ކޮންމެ ނިޡާމެއްގެވެސް މައިގަނޑު ކަމެއް އޮންނާނެ. ކޮންމެ ނިޡާމެއްގެ، ކޮންމެ ދީނެއްގެ، ކޮންމެ ޢަޤީދާއެއްގެ އެންމެބޮޑު މައިގަނޑު ކަމުގައި ބެލޭ އެއްކަމެއް އޮންނާނެ. އެގޮތުން، މާތްވެގެންވާ އިސްލާމްދީނުގައި އޮތް އެންމެބޮޑު މައިގަނޑަކީ، އެންމެ ވަރުގަދަ އަސާސަކީ، ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުން. "لا إلــــٓه إلّا الله" ގެ މަތިވެރި ބަސްފުޅު އަޅުގަނޑުމެން ހިތުގެއަޑިން ގަބޫލުކޮށް އެކަމަށް އީމާންވުން.

އާދެ، އޭގެއިތުރުން މިދެންނެވި މައިގަނޑުގެ މައްޗަށް ބިނާވެ އަޅުގަނޑުމެންގެ އުންމަތް އެއީވެސް އެއް އުންމަތެއް ކަމުގައި ﷲ ވަނީ އަންގަވާފައި. ފުރަތަމަ މިދެންނެވި ބިންގަލުގެ މައްޗަށް ބިނާވާ ކަމެއް އުންމަތުގެ އެއްބައެއްވަންތަކަން. އުންމަތުގެ އެއްބައެއްވަންތަކަން. އާދެ، އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަމާ މިއީ ދެ އެއްޗެއް ކަމުގައި ބައެއް ބޭފުޅުން ވިދާޅުވާތީ، އެ ވާހަކަ މިދަންނަވާލަނީ. އެއްބައެއްވަންތަކަމަކީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އުންމަތަކީ އެއް އުންމަތެއް ކަމުގައިވުން. އެއްބައިވަންތަކަމަކީ އުންމަތުގެ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުން. އެހެންވީމާ، މިދެގޮތަށް ވިސްނިޔަސް، އިސްލާމްދީނަކީ އެއްބައެއްވަންތަ އުންމަތެއްގެ މައްޗަށް އެކުލެވިގެންވާ ދީނެއް. ﷲ ވަޙީކުރައްވަނީ، "إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً." ހަމަކަށަވަރުން ތިޔަބައިމީހުންގެ މިއުންމަތަކީ އެއް އުންމަތެކޭ.

އެހެންވީމާ، އެއިން އެބަ އެނގޭ، އެއްކައުވަންތަ ﷲ އަޅުގަނޑުމެންނަށް އިރާދަކުރައްވާފައިވާ ގޮތަކީ، އެއްބައެއްވަންތަ އުންމަތެއްގެ އަހުލުވެރިންގެ ގޮތުގައި އަޅުގަނޑުމެން ދިރިއުޅުންކަން. މިއީ އަޅުގަނޑުމެންގެ ދީނުގެ މައިގަނޑު ދެވަނަ ކަމަކީ. އެހެންވީމާ، މިދެކަންތައް ގުޅިގެން ލާމެހިފައި އޮތްވަރު ޙައްޖުގެ އަޅުކަމުންވެސް އަޅުގަނޑުމެންނަށް އެނގޭ. މުސްލިމުން ކަމުގައި ހިމެނިފައިވާ އެންމެން ދުނިޔޭގެ ކަންކޮޅުތަކުން ޙައްޖަށް އެދަނީ. ތަފާތު ކުލަކުލައިގެ މީހުން، ތަފާތު ޤައުމުތަކުން އައިސްފައި ތިބޭ މީހުން، ތަފާތު ބަސްބަހުން ވާހަކަ ދައްކާ މީހުން. އެ އެންމެން އެއްބައެއް ކަމުގައި ހަދާ އެއްޗަކީ މާތްވެގެންވާ އިސްލާމްދީން. އެދީނުގެ ޢަޤީދާ. އެދީނުގެ ޢަޤީދާގެ ކުރިމަތީގައި ކުލައެއްގެ ތަފާތެއް ނެތް، ބަހެއްގެ ތަފާތެއް ނެތް، އަޞްލެއްގެ ނުވަތަ ނަސްލެއްގެ ތަފާތެއް ނެތް.

އެހެންވީމާ، މި އެއްބައިވަންތަކަން މިއީ ޙައްޖުންވެސް އެންމެ ބޮޑަށް ދައްކައިދޭ ކަމަކީ. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ޑިރެކްޓަރއެ ވިދާޅުވި ފަދައިން، އެންމެންގެ އެއްބައިވަންތަކަމާއި ހަމަހަމަކަން ވަރަށްފާޅު ގޮތެއްގައި ޙައްޖުން ދައްކައިދޭ. އެންމެން ތިބެންޖެހެނީ އެއްވައްތަރެއްގެ ހެދުމެއް ލައިގެން. ﷲގެ ކުރިފުޅުމަތީގައި، ﷲގެ ޙަޟްރަތުގައި އެންމެންނަކީ ހަމަހަމަ ބައެއްކަން އެނގޭ ގޮތެއްގައި ތިބެންޖެހެނީ. މުއްސަންޖަކާއި ފަޤީރަކާ ދޭތެރޭގައި ތަފާތެއް ނެތް. ކުޑަކުއްޖަކާއި ބޮޑުމީހަކާ ދޭތެރޭގައި ތަފާތެއް ނެތް. މަތީ މަޤާމެއްގައި ހުންނަ މީހަކާއި ނިކަމެއްޗަކާ ދޭތެރޭގައިވެސް ތަފާތެއް ނެތް. އެންމެންނަކީ ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްގެ ގޮތުގައި އެ އަޅުކަން އަދާކުރަމުން އެގެންދަނީ.

އާދެ، ހަމައެކަނި ޙައްޖުގެ އަޅުކަމެއް ނޫން އިނގޭތޯ. އިސްލާމްދީނުގެ ހުރިހާ އަޅުކަމެއްގައިވެސް މިދެންނެވި ކަންތައް އާދެ، އުންމަތުގެ އެއްބައެއްވަންތަކަން ފެނިގެންދޭ. ނަމާދުކުރާއިރުވެސް އެންމެން މިތިބެނީ އެއް ޤިބްލައަކަށް ކުރިމަތިލައިގެން، އެއް އިމާމެއްގެ ފަހަތުގައި. އާދެ، އެއީ ވަރަށް މުހިންމު ތަންކޮޅެއް އިނގޭތޯ. އެއް އިމާމެއްގެ ފަހަތުގައި އެންމެން ތިބެނީ. އެއް ޤިބްލައަކަށް ކުރިމަތިލައިގެން. އެންމެން ހަމަހަމަކޮށް، ސަފު ހަމަކޮށްގެން ތިބެން މިޖެހެނީ. އެއިންވެސް ދައްކައިދެނީ އުންމަތުގެ އެއްބައެއްވަންތަކަން. ހަމައެފަދައިން، ރޯދަ. ރޯދަ ހިފާއިރުވެސް ތަފާތު މީހުންނަށް ތަފާތު ގޮތްތަކެއް ނެތް. ރޯދަ ހިފުމުގެ ޝަރުޠު ފުރިހަމަވާ މީހަކުނަމަ، އެ ރޯދަ ވާޖިބުވުމުގެ ޝަރުޠުތައް ފުރިހަމަވާ މީހަކުނަމަ، އެންމެންވެސް ތިބެންޖެހޭނީ އެއްގޮތުގައި. ރޯދަހިފަން ފަށާ ގަޑިއެއް، ނިންމާ ގަޑިއެއް ތަފާތެއް ނުވޭ. އެންމެންނަށް އޮންނަނީ އެއް ޙުކުމް. ޒަކާތް ދިނުމުގައިވެސް ހަމަ އެފަދަ އުޞޫލެއް އޮންނަނީ.

އެހެންވީމާ، އިސްލާމްދީނުގެ ހުރިހާ އަޅުކަމެއްގެވެސް ބިންގަލަކީ، މުސްލިމުންނަކީ އެއް އުންމަތެއްކަން ދައްކައިދިނުން. އެއް އުންމަތެއްގެ ޝުޢޫރު އަޅުގަނޑުމެންގެ ހިތަށްގެނެސްދިނުން. އެހެންވީމާ، މިއީ ވަރަށް މުހިންމު ކަމެއް. ވަރަށް މުހިންމު ފިލާވަޅެއް. ވަރަށް ޚާއްޞަ ގޮތެއްގައި ޙައްޖުގެ އަޅުކަމުން އަޅުގަނޑުމެންނަށް ދަސްވާ އެ ފިލާވަޅާ ދޭތެރޭގައި އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެހެން އަޅުގަނޑު ދަންނަވަން ބޭނުންވާ ސަބަބަކީ، ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދޭތީ. ޚާއްޞަކޮށް، ދީނީ ކަންތައްތަކާ ދޭތެރޭގައިވެސް ބައިބައިވުން އުފެދޭގޮތް އެބަ ދިމާވޭ. އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ނުރައްކާތެރި ކަމެއް.

ޙަޤީޤަތުގައި މަޛްހަބީ ޚިލާފަކީ ނުވަތަ ދީނީގޮތުން މީހުން ބައިބައިވާ ބައިބައިވުމަކީ އެހެން ހުރިހާ ކަމަކަށްވުރެ މާނުރައްކާތެރި ކަމެއް. އެއީ، ދީނުގެ ޝުޢޫރަކީ މީހާގެ ހިތުގެ އެންމެ އަޑީގައި އޮންނަ އެއްޗެއް. އެޝުޢޫރު އޭނާ ޤަބޫލުކުރާނީ ވަރަށް ވަރުގަދަ އީމާނަކާ އެކީގައި. އެހެންވީމާ، އެ ޝުޢޫރު އެގޮތަށް އިޙްސާސްވާއިރު، އަޅުގަނޑުމެންގެ މެދުގައި އެކަމާ ބެހޭގޮތުން ބައިބައިވުން އުފެދިއްޖިއްޔާ، އެ ވާނެ ވަރަށް ނުރައްކާތެރި ކަމަކަށް. ޤައުމުގެ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ނަގާލާ ކަމަކަށް ވާނެ. އެކަމަށް އަޅުގަނޑުމެން ވާނެ ވަރަށް ބޮޑަށް ރައްކާތެރިވާން. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އިސްލާމްދީނުގެ ކޮންމެ ރުކުނެއްވެސް، ކޮންމެ އަޅުކަމެއްވެސް ބިނާވެފައި މިއޮންނަނީ އެއްބައެއްވަންތަކަމުގެ މައްޗަށޭ. އެކަމުގެ ހެކިތައް ކޮންމެވެސްވަރަކަށް އަޅުގަނޑު މިދަންނަވާލީ. އެއަށްވުރެ އަދި މާގިނަ ހެކިތައް ތިޔަބޭފުޅުން ވިސްނާވަޑައިގެންފިއްޔާ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އާދެ، އިސްލާމްދީން އަޅުގަނޑުމެންނަށް ގެނެސްދެނީ ވަރަށްބޮޑު ރައްކާތެރިކަމެއް. އެރައްކާތެރިކަމުގެ މައްޗަށް ބައްލަވާލައްވައި ﷲ ވަޙީކުރައްވާ، "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًۭا وَلَا تَفَرَّقُوا۟." "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًۭا وَلَا تَفَرَّقُوا۟." "ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓައި، އެދީނުގެ ރައްކާތެރިކަން ލިބިގަންނާށެވެ." ހަމައެކަނި ތިޔަބައިމީހުން އެންމެން އެކަތިގަނޑަކަށްވެގެން ﷲގެ ދީނުގައި ހިފަހައްޓާށެކޭ ނޫން. ތިޔަބައިމީހުން އެންމެން އެކަތިގަނޑަކަށްވެގެން ﷲގެ ދީނުގައި ހިފަހައްޓައި، އޭގެ ރައްކާތެރިކަން ލިބިގަންނާށޭ. ކޮބައިތޯ އެ ރައްކާތެރިކަމަކީ. އެ ރައްކާތެރިކަމަކީ، ބައިބައިވުމުންނާއި ދެކޮޅުވެރިވުމުން ސަލާމަތްވުން. އެކަން އެނގެނީ އޭގެފަހުން އަންނަ އާޔަތުން. "وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءًۭ فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًۭا." ﷲ ވަޙީކުރައްވަނީ، "ތިޔަބައިމީހުން ހަނދާންކުރާށޭ، ތިޔަބައިމީހުންގެ މައްޗަށް ﷲ ލެއްވި ނިޢްމަތް. އެ ނިޢްމަތަކީ ތިޔަބައިމީހުން ޢަދުއްވުންގެ ގޮތުގައި ތިބި ހިނދު ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ އެކުވެރިކުރެއްވިއޭ. އަދި ﷲގެ ނިޢްމަތުގެ ސަބަބުން ތިޔަބައިމީހުންނަކީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއޭ." އެހެންވީމާ، އަޅުގަނޑުމެން މި ރައްކާތެރިވާންޖެހޭ ކަމަކީ ކޮބައިކަން މިއާޔަތުގައި އަންގަވާފައި އެއޮތީ. އެއީ ބައިބައިވުން. އަޅުގަނޑުމެންނަކީ ޢަދުއްވުންތަކެއް ކަމުގައިވުން. އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ޢަދާވާތްތެރިކަން އަޅުގަނޑުމެންގެ ހިތުގައި ބާއްވައިގެން އުޅޭ ބަޔަކު ކަމުގައިވުން. އެއީ، އެ ނުރައްކަލަކީ. އެނުރައްކަލުން ސަލާމަތްވުމަށްޓަކައި ﷲ މި އަންގަވަނީ، ތިޔަބައިމީހުން ﷲގެ ވާފަށުގައި، ﷲގެ ދީނުގައި ހިފަހައްޓާށޭ. ހަމައެކަނި ހިފަހައްޓާށެކޭ ނޫން. ހިފަހައްޓާ، އެ ވާފަށުގެ ނުވަތަ އެދީނުގެ ރައްކާތެރިކަން ތިޔަބައިމީހުން ލިބިގަންނާށޭ. އަދިވެސް ﷲ ހަމަ އެއާޔަތުގައި ވަޙީކުރައްވާ. "وَكُنتُمْ عَلَىٰ شَفَا حُفْرَةٍۢ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا." އޭގެކުރިން މުސްލިމުން ތިބިގޮތް އިސްލާމްދީން އައުމުގެ ކުރިން، އިސްލާމްދީން އައިސް މުސްލިމުން އެކަތިގަނޑަކަށް ހަދައި، އެމީހުންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގައި ﷲގެ ނިޢްމަތުން ލެއްވުމުގެ ކުރިން، މުސްލިމުން ތިބިގޮތް ބަޔާންކުރައްވަނީ، ތިޔަބައިމީހުން ވީމުއޭ އަލިފާން ވަޅުގަނޑެއްގެ ތުންފަތްމަތީގައި ތިބި ބަޔަކު ކަމުގައި. އަލިފާންގަނޑަކަށް ވެއްޓެން ތައްޔާރުވެފައި ތިބި ބަޔަކު ކަމުގައި ތިޔަބައިމީހުންވީމުއޭ. "فَأَنقَذَكُم مِّنْهَا." اللهُ سُبْحَانَهُ وَتَعَالَى އެ އަލިފާންގަނޑުގެ ނުރައްކަލުން ކަލޭމެން، ތިޔަބައިމީހުން ސަލާމަތް ކުރެއްވިއްޔޭ. "كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ." އެފަދައިންނޭ ﷲ އެކަލާނގެ އެއްކައުވަންތަކަމުގެ އަދި ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ. އެއީ، ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައޭ.

އާދެ، އެހެންވީމާ މިއާޔަތުން ވަރަށް ޞަރީޙަކޮށް އެބަ އެނގޭ، އަޅުގަނޑުމެން ރައްކާތެރިވާންވީ ކޮންކަމަކާ ދޭތެރޭގައިކަން. އެއީ، އަޅުގަނޑުމެން ބައިބައިވުމާ ދޭތެރޭގައި ރައްކާތެރިވާންވީ. ހިފަހައްޓަންވީ ދީނުގައި. އަދި ދީނުގެ ރައްކާތެރިކަން ލިބިގަންނަންވީ. އެރައްކާތެރިކަން ލިބިގަންނަންވީ ހަމައެކަނި އާޚިރަތް ދުވަހަކު ނޫން. މިދުނިޔޭގައިވެސް. ޙަޤީޤަތުގައި މިދުނިޔޭގެ ރައްކާތެރިކަން ލިބިގެން، އާޚިރަތުގެ ރައްކާތެރިކަމަށް ދެވޭނީ. މިދުނިޔޭގައި އަޅުގަނޑުމެން ބައިބައިވެގެން، ފިތުނަވެރިވެގެން، އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ، ދެކޮޅުވެރިވެ، ހަނގުރާމަކޮށް ލޭއޮހޮރުވާ، މިކަހަލަ ކަންތައްތައް ކޮށްފިނަމަ، އާޚިރަތްވެސް އަޅުގަނޑުމެންނަކަށް ނުލިބޭނެ. ޝައްކެއްނެތް، އެކަން އޮންނާނީ އެހެން.

އާދެ! ޚާއްޞަކޮށް ދީނީގޮތުން ބައިބައިވުން މިއީ އެންމެ ނުރައްކާތެރި ކަމަކީ، ކުރިން ދެންނެވި ސަބަބަށްޓަކައި. މިހާރު އަޅުގަނޑު މި ވާހަކަ ދަންނަވާލަން މިޖެހޭ ސަބަބަކީ މިއީ. ފަހަރެއްގައި މިޖަލްސާއާ ނުގުޅޭ ކަމެއް ކަމަށްވެސް ބައެއް ބޭފުޅުން ދެކެވަޑައިގެންފާނެ. އެހެން ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ހަމަ ގުޅޭ ކަމެއް. އެއީ، އަޅުގަނޑުމެން މިދައްކަނީ އިސްލާމްދީނުގެ ވާހަކަ. އިސްލާމީ ޢަޤީދާގެ ވާހަކަ. ޙައްޖަށް ދިޔުމުގެ ވާހަކަ. އިސްލާމީ އަޅުކަންތަކުގެ ވާހަކަ.

އެހެން ވާހަކަ ދައްކާއިރު، އަޅުގަނޑު ދެން ދަންނަވަން މިއުޅޭ ވާހަކައަކީވެސް އަޅުގަނޑު ހިތުން ހަމަ މުނާސިބު ވާހަކައެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން މިހާރު ބައެއް މީހުން އެބަ ނަމާދުކުރޭ، އެއްބަޔަކު ނަމާދުކޮށް ނިމުނީމާ، ދުވެފައި މިސްކިތަށް އަރާ އެހެން އިމާމެއްގެ ފަހަތުގައި. އެއީ، އިސްލާމީ އުޞޫލެއް ނޫން. އަޅުގަނޑު ދެންނެވީމެއް ނޫންތޯ، ނަމާދުގައިވެސް އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން އެބަ ދޭހަވާ ކަމެއް އާދެއޭ. އެއީ، އެއް އިމާމެއްގެ ފަހަތުގައޭ އެންމެން ނަމާދުކުރަންޖެހެނީ. އެވަގުތަކު ނަމާދަށް ޙާޟިރުވެ ތިބި ހުރިހާ އެންމެން ނަމާދުކުރަންޖެހެނީ، އެއް އިމާމެއްގެ ފަހަތުގައި. އެއްކައުވަންތަ ﷲ އަށް އީމާންވެ، އެއް ޤިބްލައަކަށް ކުރިމަތިލައިގެން، އެއް ރަސޫލެއް ގެނެސްދެއްވި ހިދާޔަތު ޤަބޫލުކޮށްގެން، އެއްފޮތެއްގައިވާ އުޞޫލަށް ޢަމަލުކުރާ ބަޔަކު ތިބެންޖެހޭނީ، އެއް އިމާމެއްގެ ފަހަތުގައި. އެއީ ދީނުގެ އުޞޫލަކީ. އެއްބަޔަކު ނަމާދުކޮށް ނިމުނީމާ، އެހެން ބަޔަކު ދުވެފައި އަރާ، އެހެން އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން. އެހެނެއް ނޫން، މިސްކިތުގައި ޖާގަ ކުޑަވެގެން އެއްފަހަރާ މީހުންނަށް ނަމާދު ނުކުރެވޭނަމަ، އެންމެ ރަނގަޅު، އެއްބަޔަކު ފޭބީމާ އަނެއްބަޔަކު އަރާފައި ނަމާދުކުރަން. އެހެނެއް ނޫން މިހާރު ކަންތައްވަނީކީ. މިއީ ވަރަށް ނުރައްކާތެރި ކަމެއް.

އާދެ، ދެން އެބަޔަކު އެބުނަނީ، ކަލޭމެން ތިޔަ ނަމާދުކުރަނީ ރަނގަޅަކަށް ނޫނޭ. އެހެން ބުނެވޭނެ އެއްވެސް ޖާގައެއް ނެތް. އެހެން މިދެންނެވީ، އަޅުގަނޑުމެން މި ނަމާދުކުރަނީ، ރާއްޖޭގެ ރައްޔިތުން މި ނަމާދުކުރަނީ ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ގޮތަކަށް. އަޅުގަނޑުމެން އެއްކަމެއްވެސް ނުކުރަމު، ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވެފައި ނެތް ގޮތަކަށް. އާދެ، ބައެއް މީހުން މިސާލު ދައްކަނީ ފަތިސްނަމާދުގައި ޤުނޫތު ކިޔުން އެއީ ދީނުގައި އޮތް ކަމެއް ނޫނޭ. އަޅުގަނޑު މިދަންނަވަނީ ކެރިގެން. އެއީ ދީނުގައި އޮތް ކަމެއް. ރަސޫލާގެ ސުންނަތުން ސާބިތުވާން އޮތް ކަމެއް. ރަސޫލާގެ ޙަދީޘްތައް އެބަހުރި، އެކަލޭގެފާނު ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ޤުނޫތު ވިދާޅުވިކަމަށް ދަލީލުކޮށްދޭ. އެހެންވީމާ، އެއްވެސް މީހަކަށް ނުބުނެވޭނެ، ފަތިސްނަމާދުގައި ޤުނޫތު ކިޔުން އެއީ ބިދްޢައެކޭ، ރަސޫލާ ކުރެއްވި ކަމެއް ނޫނޭ. އެހެން ބުނާ މީހަކު ދެގޮތުން އެއްގޮތެއް އޮތީ. އެއްގޮތަކީ އޭނަޔަށް ނޭނގެނީ. އެހެރީ އޮޅިފައި. އަނެއްގޮތަކީ އެ ހަދަނީ ދޮގު. މިދެގޮތުންކުރެ ގޮތެއް ނޫން ގޮތެއް މިކަމަކު ނެތް. އެއީ ކިތަންމެ ޙަދީޘެއް އެބަހުރި. މިތާނގައި އަޅުގަނޑު ކޮންމެހެން އެހުރިހާ ވާހަކައެއް ދަންނަވާކަށް ނެތިން. އެހެން ނަމަވެސް، ފޮތްފޮތުގައި އެހެރީ ޙަދީޘްތައް ފެންނަން. ރަސޫލާ ފަތިސްނަމާދު ކުރެއްވިއިރު، ޤުނޫތު ވިދާޅުވިކަން ޘާބިތުކޮށްދޭ ޙަދީޘްތައް އެބަހުރި.

ދެން ނަމާދުގައި އަޑުހަރުކޮށް ކިޔަވާއިރު، اَلحَمْـدُ ކިޔުމުގެ ކުރިން ބިސްމި ކިޔުން. ރަސޫލާ އަޑުހަރުކޮށް ބިސްމި ވިދާޅުވިކަން ސާބިތުކޮށްދޭ ދަލީލުތަކެއް އެބަހުރި. ޙަދީޘްތަކެއް އެބަހުރި. ބައެއްފަހަރަށް އެނޫން ގޮތަކަށްވެސް ނަމާދުކުރައްވާފައި އެބަހުރި. ހުރެދާނެ. ކުރިންވެސް އަޅުގަނޑު ދެންނެވިން، ކޮންމެވެސް އެއް މުނާސަބަތެއްގައި ވާހަކަ ދައްކަމުން، ދީނުގެ ލުއިފަސޭހަކަން ދައްކަވައިދެއްވުމަށްޓަކައި ރަސޫލާ އެބަހުއްޓޭ، ދެފަހަރު ދެގޮތަށް ނަމާދުފުޅު ކުރައްވާފައި. އެއީ، މިގޮތްވެސް ޞައްޙައޭ. އަނެއްގޮތްވެސް ޞައްޙައޭ ވިދާޅުވުމަށްޓަކައި. ބައެއްފަހަރަށް އެބަހުރި، އިސްތަށިފުޅުގައި އެއްޗެއް ނާޅުއްވައި ނަމާދުފުޅު ކުރައްވާފައި. އެކަމުން އަޅުގަނޑުމެންނަށް އެނގޭ، ފިރިހެނުން ބޮލުގައި އެއްޗެއް ނާޅާ ނަމާދުކުރުމަކީ އެންމެ ރަނގަޅު ކަމެއްކަން. އަނެއްބައިފަހަރަށް އެބަހުރި، ބޮލުގައި އެއްޗެއް ތުރުކުރައްވައިގެން ނަމާދުފުޅު ކުރައްވާފައި. އެކަމުން އެބަ އެނގޭ، ބޮލުގައި އެއްޗައް އަޅައިގެން ނަމާދުކުރުން އެއީވެސް ހަމަ ޞައްޙަ ގޮތެއްކަން. އެދެގޮތުން ކުރެ އެއްގޮތަކީ ޞައްޙަ ނޫންގޮތެކޭ ބުނެވޭކަށެއް ނޯންނާނެ. އެހެންވީމާ، މި ދެންނެވި ގޮތަށް ފާތިޙާ ސޫރަތް ވިދާޅުވާއިރު، އަޑުހަރުކޮށް ބިސްމި ވިދާޅުވިކަމަށް ސާބިތުކޮށްދޭ ދަލީލުތަކެއް ނުވަތަ ޙަދީޘްތަކެއް ހުރިކަމަށްވަންޏާ، އެއީ ގޯސް ގޮތެކޭ ހަމަ އެކަކަށްވެސް ނުބުނެވޭނެ.

އާދެ! ދެން ނެރޭ ތަންކޮޅަކީ ދައުލަތުން އަންގަނީއޭ ވަކި މަޛްހަބަކަށް ނަމާދުކުރަން. އެއީވެސް އޮޅުމެއް. އެހެނެއް އަންގާފައެއް ނޯންނާނެ. ކޮންމެ މީހަކުވެސް، އެމީހަކަށް ދީނުގެ ކަންތައް އެނގިފައި ހުރިގޮތަކަށް އެމީހަކު އަމިއްލައަށް އެމީހަކު ނަމާދުކުރާއިރު، ނަމާދުކުރުމަކީ އެމީހަކަށް އިޚްތިޔާރު ލިބިފައިވާ ކަމެއް. ގޭގައި ނަމާދުކުރާއިރު އަދި ބޭރުގައި ނަމާދުކުރާއިރުވެސް، އެކަނި ނަމާދުކުރާއިރުވެސް. އެހެނެއް ނޫން، ޖަމާޢަތެއްގައި ނަމާދުކުރާއިރު، އިމާމުވެ ނަމާދުކުރާއިރު، ޖަމާޢަތުގެ ވަޙްދަތު ހިފެހެއްޓުމަށްޓަކައި ޖަމާޢަތުގެ މަޞްލަޙަތު ހިފެހެއްޓުމަށްޓަކައި ވަކިގޮތެއް ޚިޔާރުކޮށް ކުރަން އެންގުމަކީ ދައުލަތަށް ލިބިފައިވާ އިޚްތިޔާރެއް. އެއީ ޙާކިމާއަށް އޮންނަ އިޚްތިޔާރެއް. ދީނުގައި އޮންނަ ކަމެއް. ދީނުގައި ދެއްވާފައި އޮތް އިޚްތިޔާރެއް ޙާކިމާއަށް. އެހެން ނެތޭ އެބުނަނީވެސް ނޭނގިގެން. ނުވަތަ އޮޅުވާލަން.

ކިތަންމެ ދަލީލުތަކެއް އަޅުގަނޑަށް ދެއްކިދާނެ. ވަލިއްޔުލްއަމުރަކަށް ހުންނަ މީހަކަށް މުޖުތަމަޢުގެ ކަންތައްތައް އިޞްލާޙުކޮށް، މަޞްލަޙަތު ހަމަޖެއްސުމަށްޓަކައި މުޖުތަމަޢުގެ ވަޙްދަތު ހިފެހެއްޓުމަށްޓަކައި، އެންމެންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ހިފެހެއްޓުމަށްޓަކައި، އަޅަންޖެހޭ ބައެއް ފިޔަވަޅުތަކުގެ އިޚްތިޔާރު މާތްވެގެންވާ އިސްލާމްދީނުގައި ޙާކިމާއަށް ދެއްވާފައި އެބަހުރި. ފިޤްހު ފޮތްތައް ބައްލަވައިލައްވައިފިއްޔާ، އޭގެ ބައިވަރު ހެކިތައް ފެނިވަޑައިގަންނަވާނެ. އެވާހަކަތައް ކޮންމެހެން މިކަހަލަ ތަނެއްގައި ދެއްކުމުގެ ބޭނުމެއް ނެތް. އެހެން ނަމަވެސް، މިދަންނަވަނީ އެއިޚްތިޔާރު އެއީ އޮންނަ ކަމެކޭ. އެ އިޚްތިޔާރުގެ މަތިން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެކަން އެގޮތަށް އެބަކުރޭ. ބައެއް ޤައުމުތަކުގައި ހަމައެކަނި ކަންތައްތައް ކުރަން އޮންނަނީ، އަލްއިމާމު އަޙްމަދު ބުނު ޙަންބަލްގެ މަޛްހަބުގައިވާ ގޮތަށް. އަނެއްބައި ޤައުމުތަކުގައި، އަލްއިމާމު އަބޫ ޙަނީފާގެ މަޛްހަބުގައިވާ ގޮތަށް ކަންތައްތައް ކުރަން ހަމަޖެހިފައި އޮންނަނީ. ބައެއް ތަންތާނގައި އެބަހުރޭ، ޝާފިޢީގެފާނުގެ މަޛްހަބަށް ކަންތައް ކުރާގޮތަށް ހަމަޖެހިފައި. ހަމައެކަނި ރާއްޖެއެއް ނޫން އިނގޭތޯ. ދުނިޔޭގެ ކިތަންމެ ޤައުމެއް އެހެން އެބަހުރި. މިއަދާ ޖެހެންދެންވެސް އެބަހުރި. އަދި ކުރީގައިވެސް ހުރި.

އެހެންވީމާ، މިއީކީ ބިދްޢައެއް ނޫން. މިއީކީ ހަމައެކަނި ރާއްޖޭގައި އަލަށް އުފައްދައިގެން އުޅޭ ކަމެއް ނޫން. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މުސްލިމުން ކަންތައް ކުރާގޮތް. އަދި އިސްލާމްދީނުގައި އެކަން ހަމަޖައްސަވާފައި އޮންނަ ގޮތް. އެހެންވީމާ، އިމާމުވެ ނަމާދުކުރާ މީހަކު، ދިވެހީންގެ ބަޔަކާއިގެން ރާއްޖޭގެ މިސްކިތެއްގައި އިމާމުވެ ނަމާދުކުރާ މީހަކު ޝާފިޢީ މަޛްހަބްގައި އޮންނަގޮތަށް ނަމާދުކުރާށޭ ބުނުމަކީ ބިދްޢައެއް ނޫން. އެއީ ހަމަ ދީނުގައި ހުއްދަ ކުރައްވާފައި އޮންނަ ކަމެއް. އެއީ ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ރައްޔިތުންނަކީ ޝާފިޢީ މަޛްހަބަށް ޢަމަލުކުރަމުން އައި ބައެއް. އަޅުގަނޑު މި ދަންނަވަނީ ވަކި ޝާފިޢީ މަޛްހަބަކީ އެހެން ހުރިހާ މަޛްހަބަކަށްވުރެ މާތް މަޛްހަބެކޭ ނޫން. ޝާފިޢީ މަޛްހަބުވެސް މިއޮތީ ޤުރްއާނާއި ސުންނަތުގެ މައްޗަށް ބިނާވެފައި. އިބްނި ޙަންބަލްގެ މަޛްހަބުވެސް އޮތީ އެހެން. އަބޫ ޙަނީފާގެ މަޛްހަބުވެސް އެހެން. މާލިކު ބްނި އަނަސްގެ މަޛްހަބުވެސް އެހެން. އެހުރިހާ އިމާމުން، އެބޭފުޅުންގެ މަޛްހަބްތައް ނަންގަވާފައި އެވަނީ، އެބޭފުޅުން މީހުންނަށް ޙުކުމްތައް ދަސްކޮށްދެއްވާފައި ވަނީ ކީރިތި ޤުރްއާނުގެ މައްޗަށް ބައްލަވާފައި.

ކޮންމެ އިމާމަކުވެސް ވިދާޅުވަނީ "اِذَا صَحَّ الْحَدِيْثُ فَهُوَ مَذْهَبِى" "ޞައްޙަ ޙަދީޘެއް ފެނިއްޖިއްޔާ އެއީ ތިމަންނާގެ މަޛްހަބޭ." "އެއާ ޚިލާފަށް ތިމަންނާ އެއްވެސް ވާހަކައެއް ބުނެފައި އޮވެއްޖިއްޔާ އެ ވާހަކަ އެއްލާލާށޭ. އޭގައި ނުހިފާށޭ." އެހެންވީމާ، އެނގޭ އެ ހުރިހާ އިމާމުންވެސް އެބޭފުޅުން އެޙުކުމްތައް މީހުންނަށް އޮޅުންފިލުއްވައިދެއްވާފައި އެއޮތީ ޤުރްއާނާއި ސުންނަތުގައިވާ ގޮތުގެ މަތިންކަން. އެބޭފުޅުންނާ ހަމަޔަށް ވާސިލްވި ސުންނަތް. ސުންނަތުގެ ވާހަކަ އެއީ ވަރަށް ދިގު ވާހަކައެއް އިނގޭތޯ. ޙަދީޘްގެ ވާހަކައަކީ މިކަހަލަ ޖަލްސާއެއްގައި ދެއްކޭވަރަށްވުރެ މާދިގު ވާހަކައެއް. ކިހިނެއްކަން ޙަދީޘްތައް ފެތުރިގެންދިޔައީ. އެޙަދީޘްތައް ރިވާވެފައި އެހުރީ. އެހެންވީމާ، އެއްބޭފުޅަކަށް އިވިވަޑައިގެންފައިވާ ޙަދީޘެއް، އެހެން ބޭފުޅަކަށް އިވިވަޑައިނުގެން އޮތުމަކީ އެކަށީގެންވާ ކަމެއް. ޚާއްޞަކޮށް، އެޒަމާނުގައި ދަތުރުފަތުރުކުރުމުގެ ދަތިކަމާ، އެކަންތައްތައް ހުރިގޮތުން. މިޒަމާނުގައި ނަމަ، ރޭޑިޔޯއިން ގޮވައިލީމާ އެންމެންނަށް އިވޭނެ. އެކަމަކު އެޒަމާނުގައި ރޭޑިޔޯއެއްވެސް ނެތް. އެޒަމާނުގައި ދަތުރުފަތުރުކުރުމުގެ ކަންތައް މިހާރު މިއޮތްގޮތަކަށް ނޫން އޮތީކީ.

އެހެންވީމާ، ވާގޮތަކީ ޙަދީޘްތަކުގެ ތެރެއިންވެސް އެއްބައި ޙަދީޘް އެބަހުރޭ، ބައެއް ބޭފުޅުންނަށް އެއްގޮތަކަށްވެސް ލިބިވަޑައިނުގެން. އެހެންވީމާ، މަޛްހަބްގެ ތަފާތު މިގޮތަށް އޮތުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، ރަސޫލާގެ ޙަދީޘެއް އޮތް ކަމެއްގައި، އެގޮތަށް ކަންތައް ކުރުމަކީ ގޯހެކޭ ހަމަ އެކަކަށްވެސް ނުބުނެވޭނެ. ބުނެވިގެން ނުވެސްވާނެ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި އިރާދަކުރެއްވީތީ ކަންތައްތައް ހަމަޖެހިފައި މިވަނީ ވަރަށް ރަނގަޅު ގޮތަކަށޭ. އިސްލާމްދީން ހުއްދަކުރާ ގޮތަކަށޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު، ސަރުކާރުން ހަމަޖައްސާފައި ތިބޭ އިމާމުންގެ ފަހަތުގައި ނަމާދުނުކޮށް، އެމީހުންގެ ނަމާދު ޞައްޙަ ނަމާދެއް ނޫނޭ ކިޔާފައި، ވަކިން އަރާ، އެހެން އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ އެއްގޮތަކަށްވެސް އެކަން ކޮށްގެންވާނެ ގޮތެއްނޫން. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އިސްލާމީ އުޞޫލުތަކާ މުޅިން ޚިލާފުވާ ކަމެއް. މީހުންގެ މެދުގައި ފިތުނަވެރިކަމާއި ބައިބައިވުން އުފެދޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަދި ނަޞޭޙަތަކީ ދިވެހިރާއްޖޭގެ ރައްޔިތުން މިކަން ރަނގަޅަށް ދެނެވަޑައިގަތުން. ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންވެސް، ޙައްޖަށް ވަޑައިނުގެން މާލޭގައި ނުވަތަ ރާއްޖެތެރޭގައި ތިއްބަވާ ބޭފުޅުންވެސް، ދީނުގެ އެންމެ މުހިންމު ކަމަކީ އުންމަތުގެ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ހިފެހެއްޓުންކަން ތެދުހިތުން ޤަބޫލުކުރެއްވުން. އެއާ ޚިލާފްވާ އެއްވެސް ޢަމަލެއް ނުކުރެއްވުން. އާދެ، އަޅުގަނޑު ނުދަންނަވަން، އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ކުރައްވާ ބޭފުޅުން އެކަންތައް އެކުރައްވަނީ ޤަޞްދުގައި ބައިބައިވުން އުފައްދަވާށެކޭ. އެހެން ނަމަވެސް، އެބޭފުޅުންނަށްވެސް ކަންތައްތައް އޮޅިވަޑައިގެންފައި އޮތުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުގެ ވާހަކައަކީ، މީހަކަށް ކަމެއް އޮޅިފައި އޮވެއްޖިއްޔާ، އެކަންވާނެ އެމީހަކު އޮޅުންފިލުވަން. އޮޅުންފިލުވައިގެން ދީނުގައި އޮންނަގޮތަށޭ އެކަންތައް ކުރަންވާނީ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، މިދެންނެވި އުޞޫލުން އަޅުގަނޑުމެން ހުރިހާ ކަމެއް ކުރަމުން ގެންދިޔުން. އާދެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "لَاتَبَا غَضُوْا وَلَا تَحَاسَدُوْا وَلَا تَدَابَرُوْا وَلَا تَقَاطَعُوْا وَكُوْنُوْ عِبَادَاللهِ اِخْوَانًا." "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ރުޅި ނާންނާށޭ. ތިޔަބައިމީހުންކުރެ އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވާށެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭށެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި އޮންނަ ގުޅުން ކަނޑާނުލާށޭ. އަދި ތިޔަ ހުރިހާ އެންމެންނަކީ އަޚުންތަކެއް ކަމުގައި އަދި ﷲގެ އަޅުންތަކެއް ކަމުގައި ވާށެވެ." ތިޔަބައިމީހުންނަކީ ﷲގެ އަޅުންތަކެއް ކަމުގައިވީހިނދު އަޚުންތަކެއް ކަމުގައިވާށެވެ. މިއީ ކީރިތި ރަސޫލާގެ އިރުޝާދުތައް. އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނަޞޭޙަތް. އެހެންވީމާ، މިކަންތައްތައް އަޅުގަނޑުމެން ދަނެގެން އެގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވާނީ.

އާދެ، އަދިވެސް އެއްފަހަރު، މިއުފާވެރި ފުރްޞަތު އަޅުގަނޑަށް ލިބިދެއްވި ކަމަށްޓަކައި އެލިއާ ޙައްޖު ގްރޫޕްގެ ވެރިންނަށް ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށް ލިބުނީތީ، އަދި މިތަނަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ތިޔަބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ތިޔަބޭފުޅުންނަށް ނިޔާމަ ދަތުރެއް މިންވަރު ކުރެއްވުން. އަދި ޙައްޖުގެ އަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ ހެޔޮ ތައުފީޤު ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވުން. އެންމެ ފުރިހަމަގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ސަލާމަތްކަމާއި އަމާންކަންމަތީ ދިވެހިރާއްޖެއަށް ވަޑައިގެން އަދި އަޅުގަނޑުމެންނާ ބައްދަލުކުރެއްވުމުގެ ތައުފީޤުވެސް ތިޔަބޭފުޅުންނަށް އެކަލާނގެ ދެއްވުން. އަދި ތިޔަބޭފުޅުން ތިޔަ އަދާކުރައްވާ މަތިވެރި އަޅުކަމުގެ ސަބަބުން ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައި އީމާންކަން ގަދަވެ، ތިޔަބޭފުޅުންގެ ތަޤްވާވެރިކަން އިތުރުވެ، ތިޔަބޭފުޅުންގެ ނަފްސުތައް ޠާހިރުވާނެ މަގު އެކަލާނގެ ދެއްކެވުން.

އާދެ، ޝައްކެއްނެތް، އެގޮތް ދިމާވާނީ، ޙައްޖުގެ އަޅުކަމަށްފަހުގައިވެސް، ކުރިން އައްޝައިޚް އަޙްމަދު ފާރޫޤު އެވިދާޅުވި ފަދައިން، ތިޔަބޭފުޅުންގެ ޢަމަލުތައް އޭގެފަހުންވެސް އެގޮތުގެ މަތިން ބެހެއްޓެވިއްޔާ. އާދެ، "الحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّة." އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ދަންނާނެ ޙަދީޘެއް. ހެޔޮގޮތުގައި ވެވޭ ޙައްޖުގެ ޖަޒާއެއް ކަމުގައި ސުވަރުގެ ނޫނީ ނުވެއޭ. އެހެން ނަމަވެސް، އެކަން އެހެންވާނީ، ޙައްޖަށްފަހުގައިވެސް އަޅުގަނޑުމެންގެ އީމާންކަމާއި ތަޤްވާވެރިކަމާއި ޢަމަލުތައް އެގޮތުގެ މަތިން ބެހެއްޓިއްޔާ. ޙައްޖަށް ގޮސްފައި އައިސްފައި އެކަން ނިމުނީކަމަށް ހިތަށްއަރައިގެން، ކުރިންވެސް އުޅުނުގޮތަށް އުޅެމުންދާ ކަމަށްވަންޏާ، އެމަތިވެރި ޘަވާބާއި ނިޢްމަތާއި ރަޙްމަތެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ރަނގަޅަށް ހަނދާންކޮށް، މިލިބޭ މަތިވެރި އަޅުކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް މިއަދާކުރެވޭ މަތިވެރި އަޅުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް ޠާހިރުވެ، އަޅުގަނޑުމެންގެ ތަޤްވާވެރިކަން އިތުރުވެ، އަޅުގަނޑުމެންގެ ހިތްތަކުގައި އީމާންކަމުގެ ހުޅުކޮޅު ކުރިއަށްވުރެ ބޮޑަށް ދިއްލޭނެގޮތެއް ވުމަކީ މިކަމުގެ އެންމެމޮޅު ގޮތަކީ. އަޅުގަނޑުގެ ދުޢާއަކީ އެއީ.

اللهُ سُبْحَانَهُ وَتَعَالَى ތިޔަ ހުރިހާ ކަލުންނަށާއި ކަނބަލުންނަށް ފުރިހަމަ ޞިއްޙަތު ދެއްވައި ހެޔޮގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރައްވައި، އޭގެފަހުން ފުރިހަމަ ޞިއްޙަތުގައި އުފާވެރިކަމާއި ބާއްޖަވެރިކަމާއި އަމާންކަމާއެކުގައި ރާއްޖެއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.