بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަކީ ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެއް. އެކަން އެކުރަނީ ބަރަކާތްތެރި ރަމަޟާން މަހަކީ، ކީރިތި ޤުރްއާންގެ މަސް ކަމަށްވާތީ. އިސްލާމްދީނުގެ އެންމެހާ މަތިވެރި އުޞޫލުތަކަށް ރަމްޒުކޮށްދޭ މަސް ކަމަށްވާތީ. މި މައްސަރަކީ ރޫޙާނީ އިޝްރާޤުގެ މައްސަރަކަށްވާތީ. އާދެ، އެގޮތުގެމަތިން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވަމުން އަންނަތާ އެތައް އަހަރެއްވެއްޖެ. މިކަމަކީ ހަމައެކަނި ސަރުކާރުން ކުރަމުން އަންނަ ކަމެއް ނޫން. މިކަމުގައި ރާއްޖޭގެ އަމިއްލަ ފަރާތްތަކުންވެސް ޚިދުމަތް ކުރައްވާ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަސައްކަތް ކުރައްވާ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ކުރައްވާ ފަރާތަކީ ޖަމްޢިއްޔަތުލްފަލާޙް. އާދެ، ޖަމްޢިއްޔަތުލްފަލާޙުގައި މި މަސައްކަތް ކުރައްވަމުން ގެންދަވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ރަސޫލާގެ ސީރަތު ކިޔެވުމާއި، ދީނީ ވަޢުޡް ބުނުމުގެ ޕްރޮގްރާމްތައް ހިންގެވުމާ، މިކަންތައްތައް ކުރައްވަމުން ގެންދަވާތާ އެތައް އަހަރެއް ވެއްޖެ. ހަމައެއާއެކުގައި ދަންނަވަންޖެހެނީ، ރަމަޟާންމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، އެ މަހުގެ ތެރޭގައި ޖަމްޢިއްޔަތުލްފަލާޙުގެ ފަރާތުން ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބާއްވަމުން ގެންދަވާތާވެސް ވަރަށް ގިނަ ދުވަސް ވެއްޖެއޭ.

އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ހިޖްރީގޮތުން 1393 ވަނަ އަހަރުން ފެށިގެން، އެ މުހިންމު ބަރަކާތްތެރި މަސައްކަތް ވަނީ މި ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާފައި. މިއަދާ ޖެހެންދެން މެދުނުކެނޑި އެ މަސައްކަތް އެބަ ކުރައްވާ. އެހެންވީމާ، މިރޭ އަޅުގަނޑަށް މިލިބުނު ފުރުޞަތަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް އުފާވެރި ފުރުޞަތެއް. ސަރުކާރުންވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ރާއްޖޭގެ އަމިއްލަ އިސްލާމީ ޖަމްޢިއްޔާތަކުންވެސް މި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް އުފަލާއެކު ކުރައްވާނެ ކަމެއް.

އާދެ، ޖަމްޢިއްޔަތުލްފަލާޙަކީ މީގެ ތިރީހަކަށް އަހަރު ކުރިއްސުރެ އުފެދިގެން ހިނގަމުން އަންނަ ޖަމްޢިއްޔާއެއް. ހިޖްރީގޮތުން ބަލާއިރު، އެ ޖަމްޢިއްޔާއަށް މިހާރު ތިރީސް އަހަރުވެސް ފުރިއްޖެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ޖަމްޢިއްޔާ އުފެދުނީ ހިޖްރީގޮތުން 1380 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 9 ވަނަ ދުވަހު. މީލާދީގޮތުން ބަލާނަމަ، އިރާދަކުރެއްވިއްޔާ، 1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހަށް މި ޖަމްޢިއްޔާއަށް 30 އަހަރު ފުރޭނެ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މި ޖަމްޢިއްޔާއަކީ މި ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ދީނީގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ޖަމްޢިއްޔާއެކޭ. އެކަން މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ. އެހެންކަމާއެކުގައި، މި ޖަމްޢިއްޔާގެ ފަރާތުން ދިވެހި ރައްޔިތުންނަށް މި ކޮށްދެއްވާ ދީނީ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މި ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް އަބޫބަކުރު އިބްރާހީމަށާއި، ޖަމްޢިއްޔާގެ ހިންގުންތެރިންނަށާއި، ހުރިހާ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ޖަމްޢިއްޔާގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަލްފާޟިލް އިބްރާހީމް ޙަސަން އެ ވިދާޅުވިފަދައިން، އާދެ، މިރެޔަކީ، މި ޖަމްޢިއްޔާގެ ތާރީޚުގައި އަޅުގަނޑު ހިތުން ފާހަގަކޮށްލެވޭނެ ރެއެއް. އެއީ ސަރުކާރުގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ބޭރު ޤައުމުތަކުން ގެނެވޭ ޢިލްމުވެރިންގެ ބޭފުޅުންކޮޅެއް މިރޭ މި ޖަމުޢިއްޔާއަށް ޒިޔާރަތް ކުރައްވައި، އޭގެތެރެއިން އެއްބޭފުޅަކު މިތާނގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ ދެއްވައިފި. އަދި އަނެއް ބޭފުޅަކު، އަޅުގަނޑުމެން އެންމެން ދަންނަ، ވަރަށް މަތިވެރި، ބަލާޣާތްތެރި ޢިލްމުވެރިޔަކު، އޭނާގެ އަގުހުރި ތަޤްރީރެއް އަޅުގަނޑުމެންނަށް އިއްވަވައިދެއްވައިފި. އެގޮތުން، ބައިނަލްއަޤްވާމީ ފެންވަރެއްގައި، މި ޖަމްޢިއްޔާގެ ފަރާތުން އެންމެ ފުރަތަމަ މަސައްކަތެއް ފާހަގަކޮށްލެވޭ ގޮތެއްގައި ކުރެވޭ ރެޔަކީ، މިރޭ ކަމުގައިވުން އެކަށީގެންވާތީ، އަޅުގަނޑު ހިތުން މިރެޔަކީ މި ޖަމްޢިއްޔާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ ރެއެއް

އާދެ، އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަނީ، ދީނުގެ ކަންތައްތައް މީހުންނަށް އޮޅުންފިލުވައިދިނުމަށް. ދީނުގެ ކަންތައްތައް މީހުންނަށް އޮޅުންފިލުވައިދިނުމަކީ، ވަކި މީހެއްގެ މަސްއޫލިއްޔަތެއް ނޫން. އެއީ ހަމައެކަނި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ނޫން. ހަމައެކަނި މުޖްތަމަޢުގެ ވަކި ބައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ނޫން. އެއީ، އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ޢިލްމުވެރިޔާ ވިދާޅުވިފަދައިން، އެންމެންގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންގެ ކުދިބޮޑު އެންމެންގެ މަސްއޫލިއްޔަތެއް. އަންހެން، ފިރިހެން، އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހަކުވެސް އެމީހަކަށް ކެރިކުޅަދާނަވެގެންވީ މިންވަރަކުން އެވާޖިބު ޖެހޭނެ އަދާކުރަން. އެމީހަކީ ޢިލްމުވެރިއެއް ކަމުގައިވާނަމަ، އެމީހަކަށް ލިބޭ ފުރުޞަތުތައް ގިނަވާނެ. ޢިލްމުވެރިއެއް ކަމުގައިނުވިޔަސް، އެމީހަކަށް ދީނުގެ ކަންތައްތައް އޮޅުންފިލާފައިވާ މިންވަރަކުން، އެ މީހެއްގެ ޢާއިލާގެ މީހުންނަށާއި، އަނބިދަރިންނަށާއި، ތިމާގެ މީހުންނަށާއި، ރަޙްމަތްތެރިންނަށާއި، އެކުވެރިންނަށް ދީނުގެ ކަންތައްތައް އަންގައިދިނުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް.

އާދެ، މިގޮތުން ވިސްނާއިރު، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމަކީ، ދީނަށް ގޮވާލުމުގެ ކަންތައް. އާދެ، ދީނަށް ގޮވާލުމުގައި ބޭނުންކުރަންޖެހޭ އުޞޫލު. ދީނަށް ގޮވާލުމަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މާތް ކަމެއް. اللهُ سُبْحَانَهُ وَتَعَالَى އެކަން ކުރާ ބަޔަކަށް ގިނަގުނަ ދަރުމަޔާއި ޘަވާބު ދެއްވާ ކަމެއް. ދީނަށް ގޮވާލުމުގައި ކޮންމެ ބަޔަކުވެސް ބޭނުންކުރަނީ ބަހުގެ ވަސީލަތް. އާދެ، ވާހަކަދެއްކުމުގެ ވަސީލަތް. އެދައްކާ ވާހަކައަކީ، މިފަދަ ޖަލްސާތަކުގައި، ޢާންމު ތަޤްރީރު ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމުގައިވިޔަސް، ނުވަތަ ކްލާސްރޫމްގައި ދޭ ފިލާވަޅުތަކެއްގެ ގޮތުގައި، މުދައްރިސް ދައްކާ ވާހަކަތަކެއް ކަމުގައިވިޔަސް، ނުވަތަ އެނޫން ގޮތްގޮތުން މިސްކިތްތަކުގައި ނުވަތަ އެނޫން ތަންތާނގައިވެސް ކަމާބެހޭ މީހުން ދައްކާ ވާހަކަ ކަމުގައިވިޔަސް، މިހުރިހާ ކަމެއްގައިވެސް، އިސްލާމްދީނަށް ގޮވާލުމުގައި ބޭނުންކުރެވެނީ ވާހަކަދެއްކުމުގެ ވަސީލަތް. ނުވަތަ ލިޔެކިޔުމުގެ ވަސީލަތް. އެހެންވީމާ، އެ ވަސީލަތަކީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ވަސީލަތެއް. އެކަން ދަސްކޮށް، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އެކަން ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެން އެންމެންވެސް ހަމަ ކުރަންޖެހޭނެ ކަމެއް.

އާދެ، ހެޔޮބަސް ބުނުމުގެ މަސްއޫލިއްޔަތަކީ، ޝައްކެއްނެތްގޮތުގައި، ވަރަށް މަތިވެރި މަސްއޫލިއްޔަތެއް. ހެޔޮބަހަކީ ކޮބައިތޯ؟ ހެޔޮބަހަކީ ﷲ ގެ މަގަށް ގޮވާލުމަށްޓަކައި ބުނާ ކޮންމެ ބަހެއް. ހެޔޮބަހަކީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް މީހުންނަށް އަންގައިދިނުމަށްޓަކައި ބުނާ ކޮންމެ ބަހެއް. ހެޔޮބަހަކީ ﷲ އަށް ތަޤްވާވެރިވުމަށް، ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންވުމަށް، ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ބުނެވޭ ކޮންމެ ބަހެއް. ހެޔޮބަހަކީ މުޖްތަމަޢުގައި ހަމަޖެހުމާއި އެއްބައިވަންތަކަން އުފެއްދުމަށްޓަކައި ބުނެވޭ ކޮންމެ ބަހެއް. މީސްތަކުންނަށް އިޙްސާންތެރިކަން ބަހައްޓައި، އޯގާވެރިވުމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަށް ބުނެވޭ ކޮންމެ ބަހެއް. މިއީ ހެޔޮބަސް. ނުބައިބަހަކީ އޭގެ ދިމާ އިދިކޮޅު. ނުބައި ބަހަކީ އިސްލާމްދީން ފިޔަވައި، އެހެން ދީންތަކަށް ގޮވާލުމަށް ބުނާ ކޮންމެ ބަހެއް. ﷲ ގެ މަގުން މީހުން އެއްކިބާކުރުމަށް ބުނާ ކޮންމެ ބަހެއް. ދީނުގެ ޙަޤީޤަތްތައް އޮޅުވައިލުމަށް ބުނާ ކޮންމެ ބަހެއް. ފިތުނަފަސާދަ އުފެއްދުމަށް، ﷲ އަށް އުރެދުންވުމަށް، އެކަލާނގެ މަނާކުރައްވައިފައިވާ ކަންތައްތަކަށް އަރައިގަތުމަށް ވާގިދިނުމުގެ ގޮތުން ބުނެވޭ ކޮންމެ ބަހެއް. މުޖްތަމަޢުގައި ބައިބައިވުން އުފެއްދުމަށް ބުނާ ކޮންމެ ބަހެއް. މިއިން ކޮންމެ ބަހަކީ ނުބައި ބަހެއް. އަޅުގަނޑުމެން ހެޔޮބަސް ބުނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތެދުވާއިރު، އަޅުގަނޑުމެން އެ އެއްޗަކުން ހިދާޔަތު ހޯދަންވީ އެއްޗަކީ، ﷲ ގެ ކިތާބު. ﷲ ގެ ކަލާމްފުޅު.

ހެޔޮބަސް ބުނުމުގެ މިސާލެއް، اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ވަރަށް ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފައި އެބައޮތް. ކީރިތި ޤުރްއާނުގައި ހުންނަ މިސާލުތަކަކީ، ހަމަ ކޮންމެ އިންސާނަކަށްވެސް ވިސްނޭކަހަލަ މިސާލުތަކެއް. އިންސާނުންގެ ތެރެއިން އެންމެ އާދައިގެ މީހާއަށްވެސް، ކުޑަކުދިންނަށްވެސް، ބޮޑެތި މީހުންނަށްވެސް އެ މިސާލުގެ މާނަ، އޭގެ ޢިބްރަތް ވިސްނޭކަހަލަ ސާދާ މިސާލުތަކެއް اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ޖައްސަވައިދެއްވައިފައި ވަނީ. ހެޔޮބަސް ބުނުމާ ބެހޭގޮތުން اللهُ سُبْحَانَهُ وَتَعَالَى އިބްރާހީމް ސޫރަތުގައި ވަޙީކުރައްވާފައިވޭ. "أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ. تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ." اللهُ سُبْحَانَهُ وَتَعَالَى އެ ވަޙީކުރައްވަނީ، ހެޔޮ ބަހުގެ މިސާލު ﷲ ޖައްސަވައިދެއްވާފައިވާ ގޮތް. "ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއޭ؟ ހެޔޮބަހުގެ މިސާލަކީ ހެޔޮ ގަހެއްގެ މިސާލު. އެ ގަހަކީ، އެގަހުގެ މޫތައް ބިމުގެ އަޑިއަށް ފެތުރިފައިވާ ގަހެކޭ. އެގަހުގެ ގޮފިތައް ޖައްވުގެ ތެރެއަށް ފެތުރިފައިވާ ގަހެކޭ. އެގަހުގެ ގޮފިތައް ޖައްވުގެ ތެރެއަށް ފެތުރިފައިވާ ގަހެކޭ. އެ ގަހުގެ މޭވާތައް ﷲ ގެ އިޛްނަފުޅާއެކު ހަމަ ކޮންމެ ހިނދެއްގައިމެ ލިބިލިބި ހުންނަ ގަހެކޭ. މާތްﷲ ތިޔަބައިމީހުންނަށް މިސާލު ޖައްސަވައޭ. އެއީ ތިޔަބައިމީހުން ހަނދުމަކުރޭތޯއޭ." އާދެ، ވަރަށް ސާދާ، ވަރަށް ރީތި މިސާލެއް. އަޅުގަނޑުމެން އެންމެންނަށްވެސް، އަޅުގަނޑުމެންގެ ވަށައިގެން މިވާ ތިމާވެށީގައި މިހުންނަ ގަސްގަހާގެހި ފެނޭ. އަޅުގަނޑުމެންވެސް އޭގެތެރެއިން ވަރަށް ގިނަ ގަސް އިންދާ ހަދަމު. ގަހަށް ފެންދީގެން ގަސްބޮޑުކޮށް ހަދަނީ. ރީތިކޮށް ހެދިފައި ހުންނަ ގަހެއްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ފައިދާތައް، އަޅުގަނޑުމެން އެންމެންވެސް ދަންނަމު. ރީތިކޮށް ހެދިފައި ހުންނަ ގަހަކީ، އޭގެ މޫތައް ބިމުގެ ތެރެއަށް ގޮސްފައި، ބިމުގައި ވަރުގަދަޔަށް ހަރުލާފައި ހުންނަ ގަހެއް. އެގަހުގެ ގޮފިތައް ޖައްވުގެ ތެރެއަށް ފެތުރިފައިވާ ގަހެއް. އެގަހުގެ ފަތްތަކުން ހިޔާ ލިބޭ ގަހެއް. އެގަހުގެ މޭވާ ހަމަ ކޮންމެ ވަގުތެއްގައިވެސް އިންސާނުންނަށް ލިބޭ ގަހެއް. މިފަދަ ފައިދާ ހުރި ގަހެއްގެ މިސާލަކީ، ހެޔޮ ބަސް ބުނުމުގެ މިސާލޭ، اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވަނީ. އެހެންވީމާ، ހެޔޮބަސް ބުނުމުގެވެސް އަޞްލަކީ، ސާބިތު އެއްޗެއް. އެއީ ދީނުގެ އުޞޫލުތައް. އޭގެ ގޮފިތައްވަނީ މުޖްތަމަޢުގެ ތެރެއަށް ފެތުރިފައި. އެބަސް ބުނުމުން، މީހުންނަށް ލިބޭނީ ފައިދާ. އެއީ ﷲ ގެ އިޒްނަފުޅާއެކު ހަމަ ކޮންމެ ހިނދެއްގައިވެސް މުޖްތަމަޢަށް ލިބިލިބި ހުންނާނެ ފައިދާއެއް. އެހެންވީމާ، ހެޔޮބަސް ބުނުމުގެ މިސާލަކީ މޭވާއާއި ހިޔާ ލިބޭ ރަނގަޅު ގަހެއްގެ މިސާލު ކަމުގައި ﷲ އަންގަވާފައިވަނީ.

ހަމަ އެއާއެކުގައި، ﷲ އަންގަވާ ނުބައި ބަހުގެ މިސާލުވެސް. ނުބައި ބަހުގެ މިސާލެއް ކަމުގައި ﷲ އަންގަވާފައިވަނީ، "وَمَثَلُ كَلِمَةٍ خَبِيثَةٍۢ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍۢ" ﷲ ވަޙީކުރައްވަނީ، "އަދި ނުބައި ގަހެއްގެ މިސާލަކީ، ބިންމަތިން އުފުރާލެވުނު ނުބައި ގަހެއްގެ މިސާލޭ. ނުބައި ބަހެއްގެ މިސާލަކީ، ބިންމަތިން އުފުރާލެވުނު ނުބައި ގަހެއްގެ މިސާލޭ. އެ ގަހަކަށް އެއްވެސް ސާބިތުކަމެއް ނެތޭ." އާދެ، ގަސްގަހާގެހީގެ ތެރޭގައިވެސް ހުރޭ، އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން، ރަނގަޅަށް ނެހެދޭ ގަސްގަސް. އެ ގަހުގެ މޫތައް ރަނގަޅަށް ބިމުގައި ހަރުނުލާ ގަސްގަސް. އެ ގަހުގެ ގޮފިތައްވެސް ރަނގަޅަށް ނެހެދޭ ގަސްގަސް. އަދި އެ ގަހުގެ ސަބަބުން އިންސާނުންނަށް އެއްވެސް ފައިދާއެއް ނުކުރާ ގަސްގަސް. އެފަދަ ގަސްގަހުގެ މިސާލޭ، ނުބައިބަހުގެ މިސާލަކީ. އެއީ، ނުބައި ބަހެއްގެ އެއްވެސް އަޞްލެއްވެސް ނޯންނާނެއޭ. އެ ނުބައި ބަހަކުން އިންސާނުންނަށް ކުރާނެ އެއްވެސް ފައިދާއެއްވެސް ނޯންނާނެއޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދީނަށް ގޮވާލުމުގެ މަސްއޫލިއްޔަތު، އެމީހާގެ ކޮނޑުގައި އަޅައިގެން ތެދުވާއިރު، އެމީހާ ބުނަންޖެހޭނީ ހެޔޮބަސް. ހެޔޮބަހަކީ، ﷲ ގެ މަގަށް ގޮވާލާ ބަސް. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ފަޟީލަތުއްޝައިޚް އެވިދާޅުވިފަދައިން، އެންމެ ސީދާ ތެދުމަގަކީ އެންމެ މަގެއް. ގިނަ މަގުތަކެއް ނޫން. އިސްލާމްދީނުގެ މަގަކީ އެއްމަގު. ޙައްޤުގެ މަގަކީ އެއްމަގު. ބާޠިލްގެ މަގުތަކަކީ ބައިވަރު މަގުތަކެއް. އިސްލާމްދީނުގެ ތެދުމަގު ފިޔަވައި، ދެންހުރި ހުރިހާ މަގެއް އެއީ ބާޠިލުގެ މަގުތައް. ﷲ ގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވުމަށް ގޮވާލާ ކޮންމެ މީހަކު އެ ހިނގަނީ އެ ސީދާވެގެންވާ ތެދުމަގުގައި. އެއާ އިދިކޮޅަށް، ﷲ އަށް އުރެދުމަށް، އިސްލާމްދީން ފިޔަވައި އެހެން ދީނެއް ޤަބޫލުކުރުމަށް، ދީނުގެ އުޞޫލުތައް ހަނދާންނައްތާލުމަށް، އަޅުގަނޑުމެންގެ ތެރެއަށް އިސްލާމީ އުޞޫލުތަކާ ޚިލާފުވާ އުޞޫލުތައް ގެނައުމަށް، ހުޅަނގުގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފް ކުރުމަށް، އެ މަސައްކަތް ކުރާ ކޮންމެ މީހަކު އެ ހިނގަނީ، އެ ނުބައި ބާޠިލު މަގުގެތެރެއިން މަގެއްގައި. އެއިން ކޮންމެ މީހަކީ، ތެދުމަގުން އެއްކިބާވެގެންވާ މީހެއް. އެހެންވީމާ، ހެޔޮބަސް އަޅުގަނޑުމެން ބުނަންވާނީ ތެދުމަގަށް މީހުންނަށް މަގު ދެއްކުމަށްޓަކައި.

ކުރިންވެސް ދެންނެވި ފަދައިން، ހެޔޮބަހަކީ ﷲ ގެ މަގަށް ގޮވާލާ ކޮންމެ ބަހެއް. މީސްތަކުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށް ގޮވާލާ ކޮންމެ ބަހެއް. މީސްތަކުންނަށް ޙަޤީޤަތް އޮޅުންފިލުވައިދިނުމަށް ބުނާ ކޮންމެ ބަހެއް. އެއާ ޚިލާފަށް، މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށް، މީސްތަކުން ބައިބައިކުރުމަށް، މީސްތަކުންނަށް ޙަޤީޤަތްތައް އޮޅުވާލުމަށް ބުނާ ކޮންމެ ބަހަކީ، ނުބައި ބަހެއް. އެ ނުބައި ބަހަކީ، އެއަށް އަޅުގަނޑުމެން ހެއްލިގެންވާނެ ބަހެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ދީނަށް ގޮވާލާ މީހުންވެސް، އަދި އެކި ކަންތައްތައް އިޞްލާޙުކުރުމަށް އިސްނަގައިގެން ގޮވާލާ މީހުންވެސް، ބުނަންޖެހޭނީ ހެޔޮބަސް. ކަން އޮތްގޮތުގެ ޙަޤީޤަތް މީހުންނަށް އޮޅުންފިލުވައިދޭންވާނީ. ރަނގަޅު މަގަކީ ކޮބައިކަން، ނުބައި މަގަކީ ކޮބައިކަން، މީހުންނަށް ރަނގަޅަށް ވިސްނައިދޭންވާނީ. އެއްގޮތަކަށްވެސް އެމީހާގެ އަމިއްލަ މަޤްޞަދެއް އޮވެގެން ނުވަތަ މުޖްތަމަޢުގެ ކަންތައްތައް، އެމީހާ ބޭނުންވާ ވަކި މަގަކުން ގެންދިޔުމަށްޓަކައި، ޙަޤީޤަތް އޮޅުވައިލައިގެން މީހުންނަށް ކަންތައްތައް ކިޔައިދޭ މީހާއެއް ނޫން، ހެޔޮބަސް ބުނާ މީހަކީ. އަދި އެގޮތަށް ބުނެވޭ ބަހަކީ، އެއީ، ހެޔޮ ބަހެއްވެސް ނޫން.

އާދެ، ކޮންމެ ކަމެއްގައިވެސް ދެކޮޅު އެބައޮވޭ. ވާހަކަދައްކާ މީހާ ދައްކާވާހަކަ އަޑުއަހާ މީހުން ތިބޭ. އެކިއެކި ލިޔުންތައް ލިޔާ މީހުން، އެލިޔާ ލިޔުންތައް ކިޔާ މީހުންވެސް ތިބޭ. އެހެންވީމާ، ވާހަކަދައްކާ މީހުންނާއި، އޭގެ މުޤާބިލުގައި އެދައްކާ ވާހަކައެއް އަޑުއަހާ މީހުން ތިބޭ. ލިޔުންތައް ލިޔާ މީހުން، އެލިޔާ ލިޔުންތައް ކިޔައި، އެއާ ދޭތެރޭގައި ވިސްނާ މީހުން ތިބޭ. އެ ދެބައިމީހުންގެ މަސްއޫލިއްޔަތުވެސް اللهُ سُبْحَانَهُ وَتَعَالَى ބަޔާންކޮށްދެއްވައިފައިވޭ. އިސްލާމްދީނަކީ އެއްވެސް ކަމެއް އިހްމާލު ކުރައްވައި ދޫކޮށްލައްވައިފައިވާ ދީނެއް ނޫން. އެ ދީނުގައިވަނީ ހަމަ ކޮންމެ ކަމެއްވެސް، އެންމެ ސާފުސީދާ ތެދުބަހުން ބަޔާންކޮށްދެއްވާފައި. އާދެ، ﷲ ވަޙީކުރައްވަނީ، "وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ. ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ."

އާދެ، الزُّمَر ސޫރަތުގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތް. ﷲ ވަޙީކުރައްވަނީ، "ޝައިޠާނާއަށް އަޅުކަންކުރުމުން ދުރުވެގަތް، ﷲގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓޭ. ކަލޭގެފާނު އެބައިމީހުންނަށް، ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށޭ. އެބައިމީހުންނީ ބުނެވޭބަސް އަޑުއަހައި، އޭގެތެރެއިން އެންމެ ހެޔޮބަސް ޤަބޫލުކުރާ މީހުންނޭ. އެމީހުންނަށް ﷲ ތެދުމަގު ދެއްކެވިއޭ. އެބައިމީހުންނަކީ، ﷲ އެބަޔަކަށް ތެދުމަގު ދެއްކެވި މީހުންނޭ. އަދި ބުއްދީގެ އަހުލުވެރިންނަކީވެސް، ހަމަ އެބައިމީހުންނޭ." އާދެ، ކުރިން ދެންނެވި އާޔަތުގައި ވާހަކަދައްކާ މީހުން، އެއްޗެތި ލިޔާ މީހުން ކަންކުރަންވީ ގޮތް ﷲ ބަޔާންކުރައްވާފައިވަނީ. އެއީ ހެޔޮބަސް ބުނުން. މި އާޔަތުގައި އެބަޔާންކުރައްވަނީ، އަޅުގަނޑުމެންނަށް އިވޭ އަޑުތަކުގެ ތެރެއިން، އަޅުގަނޑުމެން ބަލައިގަންނަންވީ އަޑުތަކަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް އިވޭ ވާހަކަތަކުގެ ތެރެއިން، އަޅުގަނޑުމެން ޤަބޫލުކުރަންވީ ވާހަކަތަކަކީ ކޮބައިތޯ.

އެހެންވީމާ، ﷲ އެ ވަޙީކުރައްވަނީ "ތިޔަބައިމީހުންނަށް އިވޭ އަޑުތަކުގެ ތެރެއިން، ތިޔަބައިމީހުންނަށް އިވޭ ވާހަކަތަކުގެ ތެރެއިން، އެންމެ ހެޔޮ ވާހަކަ، އެންމެ ރަނގަޅު ވާހަކަ ޤަބޫލުކުރާ މީހުންނަށް ތިމަންރަސްކަލާނގެ އުފާވެރިކަމުގެ ޚަބަރު، ރަސޫލާ މެދުވެރިކުރައްވައި ދެއްވަމޭ. އެބައިމީހުންނަށް ޘަވާބު ހުއްޓޭ. އަދި އެބައިމީހުންނަކީ، ﷲ ތެދުމަގު ދެއްކެވި މީހުންނޭ. އެބައިމީހުންނަކީ ބުއްދީގެ އަހުލުވެރިންނޭ." އާދެ، މި އާޔަތުންވެސް އެބަ އިޝާރާތް ކުރައްވާ، އަޅުގަނޑުމެން މުސްލިމުންނަކީ ބުއްދީގެ އަހުލުވެރިން ކަމުގައި ވާންޖެހޭނެ ކަމަށް. މުސްލިމުންނަކީ ބުއްދީގެ ބޭނުންކުރާ ބައެއް. ސިކުނޑީގެ ބޭނުންކުރާ ބައެއް. އެމީހުންނަށް ފެންނަ ކޮންމެ މަންޒަރެއްވެސް ރަނގަޅަށް ބަލައި ތަޙްލީލު ކުރާނެ. އޭގެ އެކޮޅުމިކޮޅު ބަލާނެ. އިވޭ ކޮންމެ އަޑެއްގެވެސް ޙަޤީޤަތަކީ ކޮބައިތޯ ވިސްނާނެ. އިވޭ ކޮންމެ ވާހަކައެއްގެވެސް ތެދަކީ ކޮބައިތޯ، ޙަޤީޤަތަކީ ކޮބައިތޯ ބަލާނެ. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންގެ ވިސްނުމުގެ ބޭނުންކުރަން. މީހަކު ދައްކާ ކޮންމެ ވާހަކައެއް އަޅުގަނޑުމެން ޤަބޫލުކުރާކަށް ނުޖެހޭ. އިސްލާމްދީނާ ދެކޮޅަށް، ވަރަށް ގިނަ މީހުން ވާހަކަދައްކާ. އަޅުގަނޑުމެންނަށް ނޭނގިވެސް، އަޅުގަނޑުމެންގެ ތެރެއަށް އިސްލާމްދީނާ ޚިލާފް ޚިޔާލުތައް އާދޭ. އެކިއެކި ނޫހުގެ ޛަރީޢާއިން، މަޖައްލާތަކުގެ ޛަރީޢާއިން، ބޭރުގެ ރޭޑިޔޯތަކުގެ ޛަރީޢާއިން، އަޅުގަނޑުމެންނަށް ފެންނަ ފިލްމުތަކުގެ ޛަރީޢާއިން. މި ހުރިހާ ދިމާއަކުން މިހުރިހާ ވަސީލަތްތަކެއް މެދުވެރިކޮށް، އަޅުގަނޑުމެންގެ ދީނުގެ އުޞޫލުތަކާ ޚިލާފު ވާހަކަތަކާއި، ޚިލާފު ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް އެބަ އާދޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް އިވޭ ކޮންމެ އަޑަކީ، ފެންނަ ކޮންމެ މަންޒަރަކީ އެއީ ތެދުކަމުގައި، އެއީ ރަނގަޅު އެއްޗެއް ކަމުގައި އަޅުގަނޑުމެން ބަލައިގަނެގެނެއް ނުވާނެ. އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންގެ ސިކުނޑީގެ ބޭނުންކުރަން. އަޅުގަނޑުމެންނަށް ﷲ ސިކުނޑި ދެއްވާފައި ވަނީ، ވަކިކަމަކަށް، ވަކިބޭނުމަކަށް. ޚާއްޞަކޮށް، މުސްލިމުންނަކީ އެމީހުންގެ ސިކުނޑީގެ ބޭނުންކުރާ ބައެއް ކަމުގައި ތަކުރާރުކޮށް اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވޭ. އަޅުގަނޑުމެން މުސްލިމުންނަކީ ސިކުނޑީގެ އަހުލުވެރިން، ބުއްދީގެ އަހުލުވެރިން. އަޅުގަނޑުމެންގެ އިސްވެދިޔަ ބައެއް ޤައުމުތަކަކީ ބުއްދީގެ އަހުލުވެރިންނެއް ނޫން. އެހެން ދަންނަވަން ޖެހެނީ، ބުދަށް އަޅުކަންކުރާ މީހުން، ގަސްގަހާގެއްސަށް އަޅުކަންކުރާ މީހުން، އިރާއި ހަނދާއި ތަރިތަކަށް އަޅުކަންކުރާ މީހުން. އެމީހުންނަކީ ބުއްދީގެ ބޭނުންކުރާ ބަޔަކު ކަމުގައިވިނަމަ، ޝައްކެއްނެތް، އެބައިމީހުން އެތަކެއްޗަކަށް އަޅުކަމެއް ނުކުރީސް، އެހެން ނަމަވެސް، އެމީހުން އެތަކެއްޗަށް އަޅުކަން ކޮށްފައިވަނީ.

އެހެންވީމާ، އެނގެނީ އެމީހުން އެއީ ބުއްދީގެ އަހުލުވެރިން ނޫން ކަމުގައި. އެމީހުންނަކީ ބުއްދީގެ ބޭނުންކުރި ބަޔަކު ނޫން ކަމުގައި. އެކަމަކު އަޅުގަނޑުމެން މުސްލިމުން، އަޅުގަނޑުމެން މުސްލިމުންނަކީ، ބުއްދީގެ އަހުލުވެރިން. ބުއްދީގެ ބޭނުންކުރާ ބައެއް. މީހަކު ބުނާހާ އެއްޗެއް އަހާ ބައެއް ނޫން. އަޅުގަނޑުމެންނަށް ހެކިތައް ޤުރްއާނުގައި ދައްކަވައިފައިވޭ. ﷲ ވޮޑިގެންވާކަމުގެ ހެކިތައް، ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް، އިސްލާމްދީނުގައިވާ އުޞޫލުތަކުގެ މާތްކަމުގެ ހެކިތައް. އެ ހެކިތައް އެއީ، ކީއްކުރަންތޯ ﷲ ހެކި ދައްކަވަނީ، ﷲ އެންގެވިއްޔާ އަޅުގަނޑުމެން ޖެހޭނެތާ އެކަމެއް ޤަބޫލުކުރަން. އެހެންނަމަވެސް، އެހެނެއް ނަހައްދަވައޭ. މިވެނިގޮތަކަށް ކަލޭމެން އުޅޭށޭ، އެހެން ﷲ ވަޙީކުރައްވާފައި، ދޫކޮށްލާފައެއް ނެތް. މިހެން އުޅޭށޭ އަންގަވާފައި، އެހެން އުޅެންވީ ސަބަބުވެސް ބަޔާންކޮށްދެއްވި. ރޯދަހިފާށޭ. އެއީ، ރޯދަ ހިފުމުން ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައޭ. ނަމާދުކުރާށޭ. އެއީ، ނަމާދުކުރުމުން ތިޔަބައިމީހުން ނުބައި ކަންތައްތަކުން ދުރުހެލިވުމަށްޓަކައޭ. ޒަކާތްދޭށޭ. އެއީ، ޒަކާތްދިނުމުން ތިޔަބައިމީހުން ނަފްސުތަކާއި މުދާތައް ޠާހިރުކުރުމަށްޓަކައޭ.

އެހެންވީމާ، ކޮންމެ ކަމެއްވެސް އަންގަވާފައި، ކޮންމެ އަމުރެއް ކުރައްވާފައި، އެއީ، އެ އަމުރު ކުރައްވަނީ ކީއްވެގެންކަން އެބަ އަންގަވާ. އެއީ، ކީއްވެތޯ؟ އެއީ އަޅުގަނޑުމެން ބުއްދީގެ ބޭނުންކުރުމަށްޓަކައި. ހަމަ އަޅުގަނޑުމެންނަށް އިވޭ ކޮންމެ އަޑެއް، ކޮންމެ ވާހަކައެއް ޤަބޫލުކުރުމަށްޓަކައެއް ނޫން. މީހުން ނުމަރާށޭ. ކީއްވެގެންކަން މީހުން ނުމަރަންވީ އެބަ އަންގަވާ. ރާ ނުބޯށޭ. ރާ ބުއިމާ ވާގޮތް އެބަ އަންގަވާ. ޒިނޭ ނުކުރާށޭ. ޒިނޭ ނުކުރަންވީ ސަބަބު އެބަ އަންގަވާ. އެހެންވީމާ، ކޮންމެ އަމުރެއް، ކޮންމެ ނަހީއެއް ޤުރްއާނުގައި ނުވަތަ އިސްލާމްދީނުގައި އައިސްފައިވަނީ، އޭގެ މަޤްބޫލު ސަބަބާއެކު. ވިސްނުން ހުރި ކޮންމެ މީހަކުވެސް، ޤަބޫލުކުރާނެ ސަބަބު ދައްކަވާފައި. އެއީ، ވަރަށް ބޮޑު ތަރުބިއްޔަތެއް އިސްލާމްދީން އަޅުގަނޑުމެންނަށް ދެއްވާ. ކީރި ޤުރްއާން އަޅުގަނޑުމެންނަށް ދޭ ވަރަށް ބޮޑު ތަރުބިއްޔަތެއް. އެއީ، އަޅުގަނޑުމެން ސިކުނޑި ތަރުބިއްޔަތު ކުރުން. ސިކުނޑި، އެއީ ވިސްނުމަކީ ބޭނުންކުރާ އެއްޗެއް ކަމުގައި ހެދުން.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ވާހަކަދައްކާ މީހުން ދައްކާ ވާހަކަތައްވެސް، އަޑުއަހާ މީހުން ޖެހޭނެއޭ، އެއަށް ކަނުލައި ވިސްނައި ތިބެން. އެބުނަނީ ކީކޭތޯ ރަނގަޅަށް ވިސްނަން. އެބުނަނީ ކީކޭތޯ، އެބުނާ މީހާގެ މަޤްޞަދަކީ ކޮބައިތޯ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ދަންނަން ޖެހޭނެ އެއްޗެއް. އެއީ މި ޒަމާނަކަށް އައިސް، އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ތެރެއަށް ތަފާތު ޚިޔާލުތަކާއި، ތަފާތު ކަންތައްތައް އާދޭ. ބޭރުގެ އިސްތިޢުމާރުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް އެބަ އާދޭ. އަޅުގަނޑުމެންނޭ މިދެންނެވީ، ހަމައެކަނި ދިވެހިރާއްޖޭގެ ވާހަކައެއް ނޫން. އިސްލާމީ ޤައުމުތަކުގެ ތެރެއަށް، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރެއަށް، ބޭރު ޤައުމުތަކުގެ ނުފޫޒާއި، އެމީހުންގެ ޚިޔާލުތައް އެބަ އާދޭ. އެ އަންނަނީ މިހާރު ކުރިން އައިގޮތަކަށް ނޫން. ކުރީ ޒަމާނުގައި އެމީހުން ކަމެއް ފަތުރަން ބޭނުންވެއްޖިއްޔާ، އެމީހުންގެ ނުފޫޒު ދުނިޔެއަށް ފަތުރަން ބޭނުންވެއްޖިއްޔާ، ބޭނުންކުރަނީ ހަތިޔާރުގެ ވަސީލަތް. އެމީހުން ކުރަނީ ހަނގުރާމަ. ހަނގުރާމަކޮށްގެން ތަންތަން ހިފަނީ. ތަންތަން ހިފާފައި ތިބެގެން، ދެން އެމީހުން ބޭނުންވާގޮތަކަށް އެތަންތާނގެ ކަންތައް ގެންދަނީ. މިހާރު މިއީ އެ ޒަމާނެއް ނޫން. މިހާރު ހަނގުރާމަކޮށްގެނެއް ނޫން އިސްތިޢުމާރުގެ ނުފޫޒު ފަތުރަނީކީ. މިހާރު އެމީހުން ބޭނުންކުރަނީ ފިކުރުގެ ވަސީލަތް. ވިސްނުމުގެ ވަސީލަތް. ވާހަކަދެއްކުމުގެ ވަސީލަތް.

ދުނިޔޭގެ ރޭޑިޔޯތައް، އެހާ މަތީ ޢަދަދަކަށް ފައިސާ ޚަރަދުކޮށްގެން އެ ހިންގަނީ ކީއްވެގެންތޯ؟ މިހާރު ބީ.ބީ.ސީ. މިއީ ދެން އަޅުގަނޑުމެންނަށް ވަރަށް މަޝްހޫރު ރޭޑިޔޯ ސްޓޭޝަނެއް. ހުރިހާ އެންމެންވެސް އަހާތަނެއް. ބީ.ބީ.ސީ. އިން ކިތައް ބަހުން ޚަބަރު ފޮނުވާތޯ، ރެޔަކާ ދުވާލުގެ ތެރޭގައި. ކިހާ ޚަރަދެއް އެމީހުން ކުރޭތޯ؟ ދުނިޔޭގެ އެތަން މިތާނގައި އެމީހުންގެ ރޭޑިޔޯ ސްޓޭޝަންތައް ބަހައްޓައި އަދި އެހިސާބަށް އަޑު ނުފޯރާ ތަންތާނގައި އިތުރު ސްޓޭޝަންތައް ބަހައްޓައިގެން، އެހިސާބުގަނޑުގެ ޤައުމުތަކަށް އެއަޑުތައް އެބަ ފަތުރައޭ. އެހުރިހާ މަސައްކަތެއް އެކުރަނީ ކީއްވެތޯ؟ ހަމަ ބީ.ބީ.ސީ. ފިޔަވައި ދުނިޔޭގެ އެހެން ބޮޑެތި ރޭޑިޔޯ ސްޓޭޝަންތައްވެސް އެކަން ކުރަނީ އެހެން. އަދި ޓީ.ވީ. ގެ ޒަރީޢާއިން ޚަބަރުތައް ދެއްކުމާއި، ސެޓަލައިޓް ބޭނުންކޮށްގެން، ދުނިޔޭގެ އެތަން މިތަނަށް އެ ޚަބަރުތައް ފޮނުވުމާއި، އެމީހުންގެ ވާހަކަތައް މިފަތުރަނީ ކީއްވެގެންތޯ؟ އެއީ ވަކި ބޭނުމަކުއޭ. އެއީ އެމީހުންގެ ޚިޔާލު ދުނިޔެއަށް ފަތުރަން. އެމީހުންގެ އުޞޫލު އެއީ އެންމެ ރަނގަޅު އުޞޫލު ކަމުގައި ދުނިޔެއަށް ދައްކަން. މީހުން ލައްވައި އެކަން ޤަބޫލުކުރުވަން. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންވެސް ޤަބޫލުކުރަންވީ އެއީކަން އެންމެ މޮޅު ގޮތަކީ. އެމީހުން އެއުޅޭގޮތްކަން އެންމެ ރަނގަޅު ގޮތަކީ.

ދެންމެ ފަޟީލައްތުއްޝައިޚް ޖިލްބާޔާ މިތާނގައި އެވާހަކަފުޅު ދެއްކެވިއިރު، އެ ވިދާޅުވީ އެގޮތަށް އުޅޭ މީހުންނަށް ދިމާވާ ކަންތައްތަކުގެ ވާހަކަ. މިހާރު އޭނާ އެ ވިދާޅުވީ، މި ނުރައްކާތެރި އެއިޑްސް ބަލީގެ ވާހަކަ. އެއީވެސް ޙަޤީޤަތުގައި ދުނިޔޭގެ އެހެން ތަންތާނގައި އެމީހުންގެ އަޚްލާޤީ ފެންވަރު ދަށަށްދިޔަދިޔައިނުން ވެގެން އުޅޭ ކަމެއް. އެމީހުން އެއްވެސްކަހަލަ ހިފެހެއްޓުމެއް ނެތް، ޖިންސީ ކަންތައް ކުރުމުގައި. ﷲ ހުއްދަ ކުރައްވާފައިވާ ގޮތަކަށް ނޫން، ކުރަން ބޭނުންވަނީއެއް. ބޭނުން ކޮންމެ ގޮތަކަށް ކުރަންވީ. އަދި މަސްތުވާތަކެތީގެ ބޭނުންވެސް ހަމަ ކުރަންވީ. އެކަހަލަ އެއްވެސް ހިފެހެއްޓުމެއް ނެތް. އެއްވެސްކަހަލަ ޙައްދެއް ނެތް ގޮތުގައި، އެމީހުންގެ މިނިވަންކަން ބޭނުންހާ ގޮތަކަށް ބޭނުންކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެ ނުރައްކާތެރި ބަލި ފެތުރިގެން އެދަނީ. ދުނިޔޭގެ ހުރިހާ ތަނަކަށް ވަރަށް ބާރު ހަލުވިމިނެއްގައި އެބަލި ފެތުރެމުން އެދަނީ. އޭގެ އެއްވެސް ފަރުވާއެއް އަދި ފެނިފައެއް ނެތް. އަދި ފެންނާނެކަމުގެ މާބޮޑު އުންމީދެއްވެސް އަދިއެއް ނެތް. ޑަކްޓަރުން ވަރަށް ގިނަ ތަޖްރިބާތައް ކުރަމުން ގެންދަނީ. ފަހަރެއްގައި އޭގެ ފަރުވާ ފެނިވެސްދާނެ. ނުފެނިވެސް ހިނގައިދާނެ. އެހެން ނަމަވެސް، އެބަލި ފެތުރެންވެސް ދިމާވި ސަބަބަކީ މިދެންނެވީ. އެއްވެސްކަހަލަ ބެލުމެއްނެތި، ދީނުގެ އުޞޫލުތަކަށް ރައްކާތެރިވުމެއްނެތި، އަޚްލާޤީ އުޞޫލުތަކަށް ރައްކާތެރިވުމެއްނެތި، ތިމާގެ އެދުންތައް ކޮންމެ ގޮތަކަށް ފުދުނަސް ހެޔޮކަމަށް، ފުއްދަމުން ގެންދިޔުން.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މިހާރު ކޮންމެ ކަމަކާ ދޭތެރޭގައިވެސް. އަޅުގަނޑުމެންނަށް އިވޭ ވާހަކަތަކާއި، އިވޭ އަޑުތަކާއި، މީހުން ލިޔާލިޔުންތަކާ، މި ހުރިހާ އެއްޗެއްގައި އެބުނަނީ ކީކޭތޯ. އޭގެ ބޭނުމަކީ ކޮބައިތޯ. އެ އަޅުގަނޑުމެން ރަނގަޅަށް ވިސްނައި ވަޒަންކޮށްފައި، އަޅުގަނޑުމެން މުސްލިމުން ވާނެ، ބުއްދީގެ ބޭނުންކުރަން. ބުއްދީގެ ބޭނުންކޮށްގެން، އޭގެތެރެއިންވެސް އަޅުގަނޑުމެން ފީ ހޮވާލާފައި ހެޔޮބަސް ޤަބޫލުކުރަންވީ. އެ ނޫންތޯ ﷲ އެ ވަޙީކުރައްވަނީ. "ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރި ޚަބަރުދޭށޭ. އެބައިމީހުންނަކީ އެބައިމީހުންނަށް އިވޭ ބަސްތަކުގެ ތެރެއިން ހެޔޮބަސް ޤަބޫލުކޮށް، ހެޔޮބަހަށް ތަބަޢަވާ މީހުންނޭ." އެއީ، އުފާވެރި ޚަބަރު ލިބެންވީ ބަޔަކީ. އެމީހުންނަކީ ﷲ ތެދުމަގު ދެއްކެވި މީހުންނަކީ. އެމީހުންނަކީ އެމީހުންގެ ބުއްދީގެ ބޭނުންކުރާ ބަޔަކީ.

އެހެންވީމާ، އިވޭ އަޑުތަކުގެ ތެރެއިންނާއި، ވާހަކަތަކުގެ ތެރެއިންނާއި އަދި ލިޔެފައި ހުންނަ އެއްޗެހިތައްވެސް ބަލާ މީހުންގެ ތެރެއިން، އަޅުގަނޑު މިދެންނެވި އުޞޫލުން ފީ ހޮވާލުމަކާ ނުލައި، ހަމަ އިވޭ ކޮންމެ އަޑެއް ބަލައިގަނެ ޤަބޫލުކޮށް، ދައްކާ ކޮންމެ ވާހަކައެއް ޤަބޫލުކުރާ މީހުންނަކީ، އެއްކަލަ އުފާވެރި ޚަބަރު ﷲ ދެއްވާ ބައެއް ނޫން. އެބައިމީހުންނަކީ ތެދުމަގު ލިބިގެންވާ ބައެއްވެސް ނޫން. އެބައިމީހުންނަކީ، ބުއްދީގެ ބޭނުންކުރާ ބައެއްވެސް ނޫން.

އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވާހަކަދައްކާ މީހުން ދައްކާ ވާހަކަ، އަޑުއަހާ މީހުން ވާނެ، އެމީހުންގެ ބުއްދީގެ ބޭނުންކުރަން. ﷲ ގެ މަގަށް ގޮވާލާ ކޮންމެ ބަހެއް ވާނެ ޤަބޫލުކުރަން. ﷲ އެންގެވި ފަރުޟަކަށް ރައްކާތެރިވުމަށް ބުނާ ކޮންމެ ބަހަކީ ހެޔޮބަހެއް. ﷲ އަށް ކިޔަމަންވުމަށް، ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް، ރީތި އަޚްލާޤުގައި ހިފެހެއްޓުމަށް، އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ އުޞޫލުތައް އަށަގެންނެވުމަށް ދައްކާ ކޮންމެ ވާހަކައެއް، ބުނާ ކޮންމެ ބަހެއް ޖެހޭނެ އަޅުގަނޑުމެން ޤަބޫލުކުރަން. އެއީ ހެޔޮބަސް ކަމަށްވާތީ. އެއާ ޚިލާފަށް، އިސްލާމްދީނާ ޚިލާފަށް ދައްކާ ވާހަކަ، އިސްލާމްދީނުގެ އަޞްލުތަކާ ދޭތެރޭގައި ޒުވާނުންގެ ހިތްތަކުގައި ޝައްކު އުފައްދަން ދައްކާ ވާހަކަތައް. އަޅުގަނޑުމެންގެ ތެރެއަށް އަޅުގަނޑުމެންގެ ދީނުގެ އުޞޫލުތަކާ ނުގުޅޭކަހަލަ، ބޭރުގެ ތަހުޛީބު، އެމީހުން އެކިޔާ ތަހުޛީބު، އެއީކީ ޙަޤީޤަތުގައި ތަހުޛީބެއް ނޫން. ބޭރުގެ ކަންތައްތައް، ބޭރުގެ ތަހުޛީބު އެބަހުރި އިނގޭތޯ. ރަނގަޅު ތަހުޛީބުވެސް އެބަހުރި. އެހެން ނޫނެކޭ ނުދަންނަވަން. މިދެންނެވި ހުޅަނގުގެ ޤައުމުތަކުން ސައިންސްގެ ގޮތުންނާއި، ޓެކްނޯލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވަނީ. އެމީހުން އެ ކުރިއަރާފައިވާ ކުރިއެރުން އެއީ ހަމަ ރަނގަޅު ކަމެއް. ހެޔޮ ކަމެއް. އެކަން ޖެހޭނެ އަޅުގަނޑުމެން ބަލައިގަންނަން. އެކަން ޖެހޭނެ އަޅުގަނޑުމެން ދަސްކުރަން. އަޅުގަނޑުމެން ޖެހޭނެ ކުރިއަރަން. އެވާހަކައެއް ނޫން އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑު މިދަންނަވަނީ، އަޚްލާޤީ ގޮތުންނާއި، ދިރިއުޅުމުގައި ގެންގުޅެންވީ ގޮތްތަކުގެ ގޮތުން، ބޭރު ޤައުމުތަކުގައި އެގެންގުޅޭ އުޞޫލުތައް އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފުވާ އުޞޫލުތަކެކޭ. އެހެންވީމާ، އެކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް ގެންނަން ބަޔަކު ބޭނުންކަމަށްވަންޏާ، އެމީހުން އެދައްކާ ވާހަކަތަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭނެއޭ ވިސްނަން. އެ ރަނގަޅަށް ވިސްނާފައި، އެއީ ހެޔޮބަސް ކަމުގައިނުވަންޏާ، އަޅުގަނޑުމެން އެބަސް ޤަބޫލުކޮށްގެނެއް ނުވާނެ.

އާދެ، އެއީ އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވި ވާހަކައަކީ. އަޅުގަނޑުމެން ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވައި ހަދާއިރު، ދީނީ ވަޢުޡުގެ ޕްރޮގްރާމްތަކެއް އެބަ ހިންގޭ. އަދި މީގެ އިތުރުންވެސް، އަޅުގަނޑުމެންގެ ތެރޭގައި، އެކިއެކި ޖަލްސާތައް ކުރެވޭ. އެކިއެކި ބޭބޭފުޅުން ތަޤްރީރުތައް ކުރައްވައި ހައްދަވާ. އެކިއެކި މީސްމީހުން ވާހަކަދައްކައި، ނޫސްތަކުގައި ލިޔެހަދާ. މި ހުރިހާ ކަމެއް ކުރާއިރުވެސް، އެކަމެއް ކުރާ ބަޔަކުވެސް ވާނީ، އެމީހުންގެ ވަސީލަތަކަށް ހެޔޮބަސް ބަލައިގަންނާށޭ. އެމީހުން ބޭނުންކުރާ ވަސީލަތަކީ، ހެޔޮބަސް ކަމުގައި ހަދަންޖެހޭނެއޭ، އަޅުގަނޑުމެން މުސްލިމުން ކަމުގައިވަންޏާ. ހަމައެފަދައިން، އެ ވާހަކަތައް އަޑުއަހާ މީހުންވެސް އަދި އެވާހަކަތައް ކިޔާ މީހުންވެސް ޖެހޭނެއޭ، އެމީހުންނަށް އެއިވޭ ވާހަކަތަކާއި، އެމީހުން އެކިޔާ ކިޔުންތަކުގައި ހުރީ ކޮންކަހަލަ ވާހަކަތަކެއްތޯ ވިސްނައި، އޭގެތެރެއިންވެސް ހެޔޮބަހޭ ޖެހޭނީ ޤަބޫލުކުރަން. އެއީ، މުސްލިމުންގެ ގޮތަކީ. މުސްލިމުންގެ ގޮތަކީ ހެޔޮބަސް އެހުން. ހެޔޮބަސް ޤަބޫލުކުރުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތް ދެއްވުން. އެކަލާނގެ ފޮނުއްވި މާތް ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންނަކީ ބުއްދީގެ ބޭނުންކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން.

والسَّــلام عليــكم ورحـمــة اللّـه وبـركاتـه.