بسم اللّـه الرحمن الرحيم

الحمد للّـه رب العالمين، والصلاة والسّلام على سيدنا محمد، وعلى آله وصحبه أجمعين.

ރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!

السّلام عليكم ورحمة اللّـه وبركاته.

މިރޭ އާދެ! އަޅުގަނޑުމެންގެ ޤައުމީ ރޭގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާއާއި ތަހުނިޔާ މިދަންނަވަނީ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކުގައި.

ކޮންމެ ޤައުމެއްގެވެސް ޤައުމީ ދުވަހަކީ، އެޤައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ވަރަށްގިނަ ޤައުމީ ޝުޢޫރުތަކެއް އާކޮށް ދިރުވައިދޭ ދުވަހެއް. އެބަޔެއްގެ މިނިވަންކަމާއި ސިޔާދަތު، އެބަޔެއްގެ ތާރީޚާއި ސަގާފަތު، އެބަޔެއްގެ އެއްބައެއްވަންތަކަމާއި އެކުވެރިކަން، އެބައެއްގެ ކެރިފޯރުންތެރިކަމާއި އަމިއްލަ ފުދުންތެރިކަން، މިހެންގޮސް ކިތަންމެ ކިތަންމެ ކަމެއް.

މިގޮތުން އަޅުގަނޑުމެން ޤައުމީދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ހިތްތަކުގައިވެސް ތަފާތު ޤައުމީ ޝުޢޫރުތައް އުފެދޭ. ޚާއްޞަކޮށް، ރާއްޖޭގެ ޤައުމީދުވަހުގެ ގޮތުގައި މިފާހަގަކުރާ ދުވަހަކީ، އަޅުގަނޑުމެންގެ މިނިވަންކަމާ ގުޅިފައިވާ ދުވަހަކަށްވީކަން. އަދި ރާއްޖޭގެ ނަސީބުކަމުގައި ވެފައިވާ އަޅުގަނޑުމެންގެ ދީނާ ގުޅިފައިވާ ދުވަހަކަށްވީކަން. އެއީ ރާއްޖޭގެ ޤައުމީދުވަސް އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދާ ޝުޢޫރުތަކަށް ވަރަށް ޚާއްޞަ އިތުރު ދިރުމެއް ގެނެސްދޭ ކަމެއް. އެއާއެކު މިއަހަރަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު ކަމަށްވީކަން އެއީ އަދި ވަކިން ޚާއްޞަ ގޮތެއްގައި މިއަހަރުގެ ޤައުމީ ދުވަސް އަޅުގަނޑުމެންގެ ހިތްތަކުގެ ޝުޢޫރުތަކަށް އަސަރު ފޯރުވާނޭ ކަމެއް.

އާދެ! އަޅުގަނޑުމެންގެ ޤައުމީދުވަސް، އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަޅުގަނޑުމެންގެ މިނިވަންކަން. އެމިނިވަންކަމަށްޓަކައި އަޅުގަނޑުމެންގެ މާޒީގެ އަބްޠާލުން ކުރެއްވި ޖިހާދާއި، ދެއްކެވި ހިތްވަރާއި ފަންވަރު. އަޅުގަނޑުމެންގެ ޤައުމީދުވަސް، އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވެފައިވާ ޤުރުބާނީ. އަޅުގަނޑުމެންގެ ޤައުމީދުވަސް، އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައެއްވަންތަކަމާއި އެއްބާރުލުމުގެ މަތިވެރިކަން. އެއިން ކަމަކަށް އުނިކަމެއް އައި ކޮންމެ ހިނދެއްގައި، އެ އުނިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަން. މިކަންތައްތަކުގެ ހަނދާން އާކޮށްދެމުން އަޅުގަނޑުމެންގެ ޤައުމީދުވަސް، އަޅުގަނޑުމެންނަށް އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤުރުބާންވާން ކެރޭ ބަޔަކަށް އަޅުގަނޑުމެންވުމަށް. އަޅުގަނޑުމެންގެ ޤައުމީދުވަސް، އަޅުގަނޑުމެންނަށް ގޮވާލަނީ، ޤައުމުގެ ސަލާމަތަށްޓަކައި އަދި ދީނުގެ ޙިމާޔަތަށްޓަކައި އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދެމިތިބުމަށް. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދިނުމަށް.

                 ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު އަހަރެއް. އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު. މި މުނާސަބަތަށްޓަކައި ބޭއްވުނު އެންމެ ކުލަގަދަ އިޙުތިފާލުތައް މާލޭގައި ނިމިގެންދިޔައީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން. ރާއްޖޭގެ އެކިއެކި އަތޮޅުގައި، އަދި އެކި ރަށްރަށުގައި މިއުފާވެރި މުނާސަބަތާ ގުޅިގެން ބާއްވަމުން ގެންދާ ޕްރޮގްރާމްތައް މިހާރުވެސް ހިނގަމުން އެބަދޭ. މިނިވަން 25ގެ އުފާވެރިކަން އަޅުގަނޑުމެން އެންމެންވެސް މިގެންދަނީ ޙިއްޞާ ކުރަމުން. މިނިވަންކަމާއެކީ މިއުފާވެރި ދުވަސްތަކުގެ ތެރެއިން ވަރަށް މަތިވެރި އުންމީދުތަކަކާއެކު މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ، ވަރަށް މުހިންމު މުނާސަބަތަކަށް. އާދެ! މިއަންނަ ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާރކް ސަމިޓުގެ ޖަލްސާއަށް. މި ސަރަޙައްދުގެ 6 ޤައުމުގެ ވެރިން އެއްފަހަރާ ރާއްޖެއަށް ވަޑައިގެން، ސަރަޙައްދީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ބާއްވާ ޖަލްސާއަކީ، ރާއްޖޭގެ ތާރީޚުގައި އަދި މިހާތަނަށް ބޭއްވިފައި ނުވާފަދަ މުހިންމު ޖަލްސާއެއް ކަމުގައި ވެގެންދާނެ. އަދި އިރާދަކުރެއްވިއްޔާ ރާއްޖެއަށް ރީތިނަމާއި މަތިވެރި ޤަދަރެއް ލިބިގެންދާނެ ކަމެއް ކަމުގައިވާނެ.

މިފަދަ އުފާވެރި ދުވަސްތަކެއްގެ ތެރޭގައި، މިފަދަ މަތިވެރި އުންމީދުތަކެއް ކުރެވެމުންދާ ވަގުތެއްގައި، މިރޭ އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނާ މުޚާޠަބުކޮށް، އެހެން ރޮނގަކުންވެސް އެއްޗެއް ދަންނަވާލަން ބޭނުން. އެއީ މިވަގުތު އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންތައްތަކާ ބެހޭގޮތުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އޮޅުންފިލުވާލަދޭން ޖެހިފައިވާ ކަންތައްތަކެއް އޮޅުންފިލުވާލަ ދިނުމަށްޓަކައި. އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގައި ހިނގަމުންދާ އެކިއެކި ބޮޑެތި ކަންތައްތައް، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ ކަމެއް. އަދި ދައުލަތުގެ ކަންތައްތައް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިޞްލާޙުކޮށް ރަނގަޅު ކުރުމަކީވެސް، މި މަޤާމުގައި ހުންނަ މީހަކު އަދާކުރަންޖެހޭނެ ވާޖިބެއް.

އާދެ! އަޅުގަނޑުމެންގެ ތެރޭގައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށްހިތުން ކުޑަވަމުން އަންނަކަން ދަނީ މިހާރަކަށްއައިސް ފާހަގަކުރެވެމުން. މަގުމަތީގައި ހިނގާއުޅުމުގައި އަދި އެއްޗެތި ދުއްވާއުޅުމުގައި، އަދި މިނޫނަސް ދިރިއުޅުމުގެ ޢާންމު ކަންތައްތަކުގައިވެސް އެކަމަކަށް އޮންނަ ޤާނޫނަކާއި ނުވަތަ ޤަވާޢިދަކާ ޚިލާފަށް ކަންތައް ކުރުން ދަނީ ގިނަވަމުން. މީގެ އިތުރަށް، ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މާލޭގައި ހިނގި ބައެއް ނޭދެވޭ ކަންތައްތަކުގެ ވާހަކަ މިހާރު ތިޔަބޭފުޅުން ވާނީ އައްސަވާފައި. އެފަދަ ކަންތައްތަކަކީ، އަޅުގަނޑުމެންގެ ރާއްޖެފަދަ އަމާން ޞުލްޙަވެރި ތަނެއްގައި އެއްގޮތަކަށްވެސް ހިނގުން، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނެ ކަންތައްތަކެއް ނޫން. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން އެއްވެސް ބަޔަކަށް ފައިދާއެއް ނުމެ ލިބި، އޭގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ގެއްލުން ލިބޭނެ ކަންތައްތަކެއް.

އަޅުގަނޑު މިއިޝާރާތް ކުރިފަދަ ކަންތައްތަކަކީ ކޮބައިތޯ؟ ގެއެއްގައި އަލިފާން ރޯކުރުން، ގޮވާކަހަލަ އެއްޗެއް ތައްޔާރުކޮށްގެން ގޮއްވާލުން، ޣައިރު ޤާނޫނީ އެއްވުންތައް އެއްކުރެވޭތޯ މަސައްކަތް ކުރުން، މީސްމީހުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގުން، ދާދި މިދާކަށް ރެޔަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގައިކޮޅުގައި ދެ މީހަކު ތަޅައިގަތް ވާހަކަ ވާނީ ތިޔަބޭފުޅުން އައްސަވާފައި. މިބާވަތުގެ ކަންތައްތަކަކީ އެއްވެސް މުޖުތަމަޢެއްގައި ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. ކިތަންމެ މިނިވަން ތަނެއްގައި ނަމަވެސް، ހުއްދަ ކުރެވޭނެ ކަންތައްތަކެއް ނޫން. އެއްވެސް ސަބަބަކާހުރެ، އެއްވެސް މީހަކު، އަނެކެއްގެ ގަޔަށް އަތްލައި، ތަޅާފޮޅާ ހެދުމަކީ، އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން. ތަންތާނގައި އަލިފާން ރޯކުރުމާއި، އެނޫންވެސް އަމަންއަމާންކަން ގެއްލޭފަދަ ޢަމަލުތައް ކުރުމުން، ހަމަ އެފަދަ އިތުރު ޢަމަލުތައް އުފެދުން ނޫން ކަމެއް ނުވާނެ. އެފަދަ ޢަމަލުތައް ހިންގާ މީހުންނާމެދު ސަރުކާރުގެ ފަރާތުން އެކަށީގެންވާ އަވަސް ފިޔަވަޅު އަޅަންޖެހޭނެ.

އެހެންވީމާ، އެފަދަ މީހުންގެ ސަބަބުން އެހެން މީހުންނަށް ގެއްލުން ލިބުނަ ނުދިނުމަށްޓަކައި ސަރުކާރުން ޤާނޫނީ ފިޔަވަޅު އަޅަން ޤަޞްދު ކުރާ ވާހަކަ ހިތާމަޔާއެކު ދަންނަވަން. ހަމައެފަދައިން، އެބާވަތުގެ ޢަމަލުތައް ހިންގުމަށް ބާރުދީ، އެފަދަ ކަންތައްތައް ކުރުމުގެ ރޫޙު އުފެއްދުމަށް ވާހަކަ ދައްކައި ހިތްވަރު ދެމުންގެންދާ މީހުންނާމެދުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅަން ޤަޞްދުކުރާ ވާހަކަވެސް ދަންނަވަން.

އެއްވެސް ޝައްކެއްނެތް. ކުރިން ދެންނެވިފަދަ ނޭދެވޭ ޢަމަލުތައް ކުރާ މީހުންނަކީ، ފަހުން މި ދެންނެވި ބާވަތުގެ މީހުންގެ ސަބަބުން އުފެދޭ ބަޔެއް. އަޅުގަނޑު މިދަންނަވަނީ، މީހުންގެ މެދުގައި ނުރަނގަޅު ޚިޔާލުތަކާއި ފިތުނަވެރިކަމާއި ބައިބައިވުމުގެ ރޫޙު އުފެއްދުމަށްޓަކައި ވާހަކަ ދައްކާ މީހުންގެ ވާހަކަ. ތަޢައްޞުބުގެ އަސަރުތައް ފަތުރަމުން ގެންދާ މީހުންގެ ވާހަކަ. އެހެންވީމާ، ޤައުމުގެ ސަލާމަތަށްޓަކައި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި، އެފަދަ މީހުންނާމެދު ސަރުކާރުން ފިޔަވަޅު އެޅުމަކީ ލާޒިމު ކަމެއް.

                  ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

ވޭތުވެދިޔަ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެއަށް މިފަދަ ބޮޑު ބަދަލެއް މިއައީ ކީއްވެގެންތޯ ވިސްނާލާކަށް ނުވޭތޯ؟ މި ސަރަޙައްދުގައި އޮތް އަދި ކީއްތޯ! މުޅި ދުނިޔޭގައިވެސް އޮތް އެންމެ ޞުލްޙަވެރި، އެންމެ އަމާންކަންބޮޑު ޤައުމަކީ ދިވެހިރާއްޖެ ކަމަށް ބޭރުގެ އެތައް ބަޔަކުވެސް ޤަބޫލުކުރާ، އަދި އަޅުގަނޑުމެންވެސް އެކަމަށްޓަކައި ފަޚުރުވެރިވާ މި ދިވެހިރާއްޖެ ކުއްލިއަކަށް މިކަހަލަ ތަނަކަށް ބަދަލުވެގެން މިދަނީ ކީއްވެގެންތޯ ބަލައިލާކަށް ނުވޭތޯ؟ ތިލަދުންމަތީގެ އެންމެ އުތުރުކޮޅުން ފެށިގެން އައްޑުއަތޮޅުގެ އެންމެ ދެކުނުކޮޅާ ހަމައަށް އުޅެމުން އަންނަ، ސަތޭކައަކުންސަތޭކަ މުސްލިމް ދިވެހި އަޚުންނާއި އުޚުތުންގެ މެދުގައި ޒަމާނުއްސުރެ ހިނގަމުން އަންނަ އުޚުއްވަތްތެރި ކަމުގެ ލޯތްބަށް ބުރޫއެރުވުމުގެ ވިހަ އަސަރުތަކެއް ފެންނަމުން މިދަނީ ކީއްވެގެންތޯ ވަޒަންކޮށްލާކަށް ނުވޭތޯ؟

މިކަމުގައި އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލާނަން. އަޅުގަނޑަށް ވިސްނޭގޮތުގައި މިހެންވާން ޖެހުނު ސަބަބަކީ، މިނިވަންކަމުގެ ނަމުގައި ބަޔަކު މީހުން، އެ މީހުންގެ އަމިއްލަ މަޤްޞަދުތަކެއް ހާސިލުކުރުމަށް މަސައްކަތްތަކެއް ފެށުން. އަދި މިހާރުވެސް އެމަސައްކަތްތައް ކުރަމުން ގެންދިޔުން. އެމީހުންގެ ކުރިމަތީގައި، ޤައުމުގެ މަޞްލަޙަތަށްވުރެ ނުވަތަ ރައްޔިތުންގެ ސަލާމަތަށްވުރެ މުހިންމުކަން ބޮޑީ އެމީހުންގެ އަމިއްލަ މަޤްޞަދުތައް. އެހެންނަމަވެސް، މި ޙަޤީޤަތް ފޮރުވުމަށްޓަކައި، އެމީހުން އެ މަސައްކަތްތައް ކުރަމުން ގެންދަނީ، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމުގެ ނަން ބޯޑު ޖަހައިގެން. ޤައުމުގެ ކަންތައްތައް އިޞްލާޙު ކުރުމުގެ ޝިޢާރު ބޭނުންކޮށްގެން. އަދި މީގެއިތުރަށް، ބައެއް މީހުން ޙަޤީޤަތެއް ނެތް ޚަބަރުތަކެއް ހަދައިގެން ރައްޔިތުންގެ ތެރޭގައި ފަތުރަމުން އެބަގެންދޭ. ދޮގު ވާހަކަތައް ދައްކަމުން އެބަގެންދޭ. މިފަދަ ޚަބަރުތަކާއި ވާހަކަތައް ފެތުރުމަށް، އެމީހުން ތަފާތު ވަސީލަތްތައް ބޭނުންކުރަމުން އެބަގެންދޭ. އަދި މިހާރަކަށްއައިސް، މިފަދަ ޚަބަރުތައް ހަމައެކަނި ރާއްޖޭގައި ފެތުރުމުގެ އިތުރަށް، ބޭރު ތަންތާނގައިވެސް ފަތުރަމުން އެބަގެންދޭ. ޚާއްޞަކޮށް، ޝްރީލަންކާގެ ބައެއް ނޫސްތަކުގައި މިފަދަ ވާހަކަތަކާއި ޚަބަރުތައް ޝާއިޢުކުރަމުން އެބަގެންދޭ. މިގޮތަށް، އެވާހަކަތައް އެ ނޫސްތަކުގައި ޝާއިޢުކުރަމުން ގެންދަނީ އެ ޚަބަރުތައް ފޮނުވާ މީހުންނާއި އެ ނޫސްތަކުގެ ބައެއް މީސްމީހުންނާ ދެމެދުގައި އޮންނަ ޚާއްޞަ ގުޅުމެއްގެ ޚާއްޞަ ސަބަބުންކަންވެސް މިހާރުވަނީ ސަރުކާރަށް އެނގިފައި.

މިދެންނެވިފަދަ ދޮގު ޚަބަރުތަކާއި، ސަރުކާރު ބަދުނާމުކުރުމުގެ ގޮތުން ހަދަމުން ގެންދާ ދޮގު ވާހަކަތައް، ހަމައެކަނި ބޭރުގެ ނޫސްތަކުގައި ޖަހާފައި ނިމެނީކީނޫން. އަދި ކީއްތޯ! އެފަދަ ވާހަކަތައް ހަދާ މީހުން، ބައެއް ޑިޕްލޮމެޓިކް މިޝަންތަކަށްވެސް އެކަހަލަ ދޮގު ޚަބަރުތަކާއި ޙަޤީޤަތެއް ނެތް ވާހަކަތައް މިހާރު ފޮނުވަމުން އެބަގެންދޭ. މިއީ ތިޔަ އެންމެ ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނޭ ފަދައިން، އެކަމުގެ ނަތީޖާ ވަރަށް ނުރައްކާތެރި ވެދާނެ ކަމެއް. އެކަމުގެ ސަބަބުން ބޭރުގެ އެކިއެކި ނުފޫޒުތައް، ރާއްޖޭގެ ދާޚިލިއްޔަތާ ބެހުމުގެ ފުރުޞަތު ފަހިކޮށްދީފާނެ ކަމެއް. މިފަދަ ޢަމަލަކީ ޤައުމުގެ އެއްވެސް މުވާޠިނަކު، އެއްވެސް ބޭނުމެއްގައި ކޮށްގެންވާނެ ޢަމަލެއް ނޫން. މިފަދަ ކަންތައްތަކާމެދު ރައްޔިތުން ތިބެންޖެހޭނީ ހޭލާ. ފުރިހަމައަށް ރައްކާތެރިވެގެން. އެފަދަ ޢަމަލަކުން އަތުވެދާނެ ނުރައްކަލަކާމެދު ވިސްނާ ތައްޔާރުވެގެން. ކުރިންވެސް ދެންނެވި ފަދައިން، މިފަދަ ދޮގު ޚަބަރުތަކާއި ޙަޤީޤަތެއް ނެތް ވާހަކަތައް ދައްކަމުން ގެންދާ މީހުން، އެވާހަކަތައް ދައްކަމުން ގެންދަނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭށޭ ކިޔައިގެން. ޙަޤީޤަތުގައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން އޮންނަ އެންމެ އިސްފަރާތަކީ ސަރުކާރު.

އާދެ! ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް ހޮވުމުގެ ބޭނުމަކީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ފަރާތެއް ޢައްޔަން ކުރުން. ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް، އެ ސަރުކާރެއްގެ ވާޖިބު ފުރިހަމައަށް އަދާކުރަމުން ގެންދާކަމުގައިވާނަމަ، އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ. މި ރާއްޖޭގައިވެސް މިކަންކަން ހިނގަމުން މިދަނީ މި އުޞޫލުން. މިހާތަނަށްވެސް ސަރުކާރުން ކަންތައްތައް ކުރަމުން އައިސްފައިވަނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެމުން. ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރަމުން. ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދެމުން.

ކަންއޮތީ މިހެން ކަމަށްވާއިރު، އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބަ ހިސާބުން ޙަޤީޤަތަށް އެނބުރިދާކަށް ނުވޭތޯ؟ އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އަޅުގަނޑުމެންގެ ތެރެއިން އެކިއެކި މީހުން، ޤައުމުގައި ހިންގަމުން ގެންދާ ނޭދެވޭ ޢަމަލުތައް ހުއްޓުވާލައި، އަޅުގަނޑުމެން އަޅުގަނޑުމެންގެ ހަމަވިސްނުމަށް އަލުން ރުޖޫޢަވާކަށް ނުވޭތޯ؟ އާދެ! އަޅުގަނޑު ނުދަންނަވަން، ސަރުކާރުގެ ހުރިހާ ކަމެއް ހުރީ ރަނގަޅަކަށޭ. ނުވަތަ ސަރުކާރުގެ ހިންގުމުގައި އުނިކަމެއް ނުވަތަ ގޯސް ކަމެއް ނެތެކޭ. ސަރުކާރު ހިންގަން ތިބީވެސް އިންސާނުން. އެހެންވީމާ، އޭގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ތިބޭނެ. އޭގެތެރެއިން ނުރަނގަޅު ބަޔެއްގެ ޢަމަލަކުން މުޅި ސަރުކާރު ނުބައިވީކަމަށް ނިންމައިގެނެއް ނުވާނެ. އެފަދަ މީހުން އިޞްލާޙުކުރާނީ. އެމީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ. ސަރުކާރުން މިހާރުވެސް ޢަމަލުކުރަމުން މިގެންދަނީ މިގޮތުގެ މަތީން. އަދި ސަރުކާރުން މިގެންދަނީ އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް، އެމީހުންނާމެދު ޝަރީޢަތް ހިންގަމުން.

ސަރުކާރު ހިންގުމުގައި އުނިކަމެއް ނުވަތަ ގޯސްކަމެއް ހުރިނަމަވެސް، އެކަންކަން ހަމަޔަކަށް އަޅުވަންޖެހޭނީ، ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ހެދިފައިވާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ބަޔަކު ނުކުމެ، މީހުންގެ ތެރޭގައި ވާހަކަތައް ދައްކައިގެނެއް ނޫން. މީހުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފައްދައިގެނެއް ނޫން. ބިރުދެއްކުމާއި އަމަނަށް ގެއްލުން ލިބޭފަދަ ޢަމަލުތައް ހިންގައިގެނެއްވެސް ނޫން.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގައި މިފަދަ ނޭދެވޭ ޙަރަކާތްތަކެއް ހިނގަމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެން އެންމެންގެ މައްޗަށްވެސް ވާޖިބުވެގެންވަނީ، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި އެހެނިހެން ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުން. އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައި ހުރި މީހެއް ކަމުގައި ހީނުކުރުން. އެމީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް، ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވިޔަސް، އެމީހަކީ ޤާނޫނަށް ތަބާވާންޖެހޭނެ މީހެއް. ޤާނޫނު ހުއްދަނުކުރާ އެއްވެސް ކަމެއް އެއްވެސް މީހަކަށް ކުރެވިގެނެއް ނުވާނެ.

އާދެ! ޤައުމެއްގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދިފާޢުކުރުމުގެ އެންމެ ވަރުގަދަ އައްޑަނައަކީ، އެ ޤައުމެއްގެ ރައްޔިތުންނަށް ޞުލްޙަވެރި އަމާން ދިރިއުޅުމެއް ލިބިފައިވުން. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިމަތިވެރި ނަސީބު ލިބިފައިވާ ބައެއް. މި މަތިވެރި ނަސީބު ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ އަމާނާތެއް. މި އަގުހުރި އަމާނާތަށް ރައްކާތެރިވުމުގެ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަޅުގަނޑުމެންނަކީ އެއްދީނެއްގެ އަހުލުވެރީން. އެއްބަހަކުން ވާހަކަ ދައްކާ ބަޔެއް. އެއް ނަސްލަކުން އައިސްތިބި ބަޔެއް.

އެހެންވީމާ، މިއަހަރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ، މި މަތިވެރި އަމާނާތް، މިހާރަށާއި އަންނަނިވި ޖީލުތަކަށް ގެންގޮސްދެއްވުމުގެ ޤައުމީ ވާޖިބު އަދާކޮށްދެއްވުމަށް. މިއަދު އަޅުގަނޑު މި ގޮވާލަނީ، ރާއްޖޭގައި މިއޮތް ޞުލްޙަވެރި އަމާން ދިރިއުޅުމަށް ބުރޫއެރުވުމަށް މަސައްކަތްކުރާ މީހުންނާމެދު ހޭލުންތެރިވެވަޑައިގެން ތިއްބެވުމަށް. އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ޤާނޫނަށް ޙުރުމަތްތެރިކޮށްހިތްތަވައި، ޤައުމަށް އިޚްލާޞްތެރި، ވަފާތެރި ބަޔެއްގެ ގޮތުގައި ތިއްބެވުން. ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ރައްޔިތުންނަށާއި ޤައުމަށް ފައިދާހުރިގޮތުގައި ކުރަމުންގެންދާ ކަންތައްތަކުގައި ފުރިހަމައަށް އެއްބާރުލެއްވުން. އަދި ޤައުމުގެ މަޞްލަޙަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަޤީންކަންމަތީގައި ތިއްބެވުން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކޮށްދެއްވާށި! ދިވެހި ޤައުމާއިގެން ޞުލްޙަމަޞްލަޙަތާއި އަމަންއަމާންކަންމަތީ ކުރިއަށްދިޔުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ހަމަނުޖެހުމާއި ފިތުނަތަކުން ދިވެހި ޤައުމު އަބަދަށްޓަކައި ސަލާމަތް ކުރައްވާށި! އާމީން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.