ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޯޕަންހޭގަންއަށް ފުރާވަޑައިގެންނެވީ 13 ޑިސެމްބަރުވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހައްލުކުރަށް ދުނިޔެ ގޮތެއް ނިންމާއިރުގައި، ރާއްޖޭގެ ބައިވެރިވުން ބޮޑުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމުގައިވަނީ ހާމަކުރައްވާފައެވެ.
ދަތުރުފުޅުގެ ފުރަތަމަ ދުވަސް
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ފުރަތަމަ ދުވަހު، ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ އަދި ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު، މިސިޒް ހެލެން ކްލާކް، ކުދި ޖަޒީރާ ޤައުމުތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖައްވުގައި ކާބަން ހުންނަ މިންވަރު 350ޕީ.ޕީ.އެމް.އަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް އެއްބަސްވުމަކަށް ނާދެވިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، ޖައްވުގެ ކާބަން މި މިންވަރުގައި ބެހެއްޓުމަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ހަމައެދުވަހު، ޑެންމާކުގެ ތިމާވެށްޓާބެހޭ ވަޒީރު އަދި ކޮޕް15ގެ ރައީސާ ކޮނީ ހެޑިގާޑާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަކިން ޚާއްޞަކޮށް ކުދިޖަޒީރާ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމާ ބެހޭގޮތުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުން
ޔޫ.އެން.އެފް.ސީ.ސީ ކޮޕް15ގެ ހަވާސާގައި، އ.ދ.ގެ ޖަމްޢިއްޔާތައް ގުޅިގެން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން 14 ޑިސެމްބަރުގައި ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މިބައްދަލުކުރެއްވުމުގައި އ.ދ.ގެ ޖަމްޢިއްޔާތައް ކަމުގައިވާ ޔޫ.އެން.ޑީ.ޕީ، ޔުނެޕް، ޑަބްލިޔު.އެފް.ޕީ.، ޑަބްލިޔު.އެމް.އޯ. އަދި ޔުނިސެފްގެ އިސްބޭފުޅުން ބައިވެރިވަވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑެންމާކުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޯޕަންހޭގަންއަށް ކުރެއްވި ދަތުރުފުޅުގައި ޑެންމާކުގެ ބޮޑުވަޒީރު ލާރސް ރަސްމުސެންއާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި މި ސަމިޓުގައި ޤާނޫނީގޮތުން ލާޒިމުކުރާ އެއްބަސްވުމަކަށް އައުމުގެ އުންމީދުކުޑަވެފައިވާ ދަނޑިވަޅުގައި، ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލައި، ދުނިޔެ ސަލާމަތްކުރުމުގައި ހުރިހާ ޤައުމުތަކަކުންވެސް ބާރުއެޅުމަކީ، މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ރަސްމުސެން ދެއްކެވި ވާހަކަފުޅުގައި، ދުނިޔެއަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިކަމާ ގުޅިގެން އަޑު އުފުއްލަވަމުން ގެންދަވާ މިންވަރަށް އަޑުއުފުއްލަވާނެ އިތުރު ލީޑަރުންތަކެއް ކަމުގައި ވިދާޅުވިއެވެ.
ކްލައިމެޓް ލީޑަރޒް ސަމިޓް
ކްލައިމެޓް ލީޑަރޒް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރެއްވި ތަޤްރީރުގައި، މި ވަގުތަކީ ދުނިޔޭގެ ލީޑަރުން، އެޤައުމުތަކުގެ ރައްޔިތުންނަށް މަގު ދައްކަވައިދެއްވަންވީ ވަގުތު ކަމަށާއި، މިހާރު އެންމެ ބޮޑަށް ބޭނުންވެފައި މިވަނީ މިފަދަ ލީޑަރުންތަކެއް ކަމުގައި ވިދާޅުވިއެވެ.
ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުން އެއްބަސްވަނީ، ޖައްވުގެ ހޫނުމިން އިތުރު ދެ ޑިގްރީއަށްވުރެ މައްޗަށް ނުގެންގޮސް ހިފެހެއްޓުން ކަމަށްވީނަމަވެސް، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުން ބާރު އަޅަމުން މިދަނީ، އެ މިންވަރު އިތުރު 1.5ޑިގްރީއަށްވުރެ މައްޗަށް ނުގެންގޮސް ހިފެހެއްޓުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިއީ ވަރަށް ކުޑަ ތަފާތެއް ކަމުގައިވަނީ ވިދާޅުވެފައެވެ.
އެއްބަސްވުމަކަށް އައުމަށްޓަކައި ޤައުމުތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތައް
ގަޔާނާގެ ރައީސް ބަރަތް ޖަގްދިޔޯއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އިންޓަރ ގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީ އިން މިހާރު ނެރެފައިވާ ރިޕޯޓުގައި، ޖައްވު ހޫނުވާ މިންވަރު، އިތުރު ދެޑިގްރީއަށް މައްޗަށްދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އައި.ޕީ.ސީ.ސީ އިން ދެން ނުކުންނަ ރިޕޯޓުގައި ޖައްވު ހޫނުވާ މިންވަރު 1.5 އަށް ތިރިވާނެ ކަމަށް އަންދާޒާ ކުރެވޭތީ، އެ ރިޕޯޓް ނުކުތުމުން، މި މިންވަރާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރެއްވުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
ސްކޮޓްލަންޑްގެ ފަސްޓް މިނިސްޓަރ އެލެކްސް ސެލްމަންޑާ ބައްދަލުކުރައްވައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑާއި، އިތިއޯޕިއާގެ ބޮޑުވަޒީރާއި، ގްރެނާޑާގެ ބޮޑުވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމެއް ބޭއްވެވިއެވެ.
މިބައްދަލުކުރެއްވުމުގައި، ނުރުހުންފާޅުކޮށް، ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކުން ކޯޕަންހޭގަންގައި ހިނގަމުންދާ ވާހަކަތަކުން ވަކިވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މެދުވެރިވެވަޑައިގެން، މަޝްވަރާތަކަށް، އެޤައުމުތައް އެނބުރި ގެނައުމަށް ކުރެއްވި ކާމިޔާބު މަސައްކަތްތަކަށް ބޮޑުވަޒީރު ރަޑް އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރެއްވުމަށްޓަކައި އިނގިރޭސި ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑާއެކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކުގެ އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ޗައިނާގެ ޕްރިމިއަރ ވެން ޖިއަބައޯއާއި، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝެންގ ލޫންގއާއި، ތައިލެންޑްގެ ބޮޑުވަޒީރު އަބީސިތް ވެއްޖެޖިވާއާ ރައީސުލްޖުމްހޫރިއްޔާވަނީ ބައްދަލުކުރައްވާފައެވެ. އަދި، ސޫދާނާއި، ބަންގްލަދޭޝްއާއި، އިތިއޯޕިއާގެ ވެރިންނާވެސް ރައީސް ބައްދަލުކުރެއްވިއެވެ.
މިބައްދަލުވުންތަކުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ކުރިއަށް ހިނގަމުންދިޔަ ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ޙާޞިލް ކުރުމާ ބެހޭގޮތުން ޤައުމުތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.
ޤައުމުތަކުގެ އެންމެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާއި، ނޯވޭގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެރިކް ސޮލެއިމްއާ އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، މާގަރީތާ ވާލްސްޓްރޯމާއި، ޔޫރަޕިއަން ކޮމިޝަންގެ ރައީސް ހޯޒޭ މެނުއަލް ބައްރޯސޯއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ކޯޕަންހޭގަންގައި ހިނގަމުންދިޔަ މަޝްވަރާތައް ކާމިޔާބު ކުރެއްވުމަށް ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ.
އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގައި ތަޤްރީރު ކުރެއްވުން
މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމުގައި ޤައުމުތަކުގެ ވެރިންނަށްވުރެވެސް ބާރުގަދަ ދައުރެއް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް އަދާކުރެއްވޭނެ ކަމަށާއި، ޤައުމުތަކުގެ ވެރިންނަށް ހުރިހާ ކަމެއް ޙައްލު ކުރެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމުގައި އައި.ޕީ.ޔޫ.ގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގައި ވިދާޅުވެފައިވެއެވެ. އަދި، ހަކަތައިގެ ސިޔާސަތުތަކާއި، ދަތުރުފަތުރުކުރުމާއި، ކުނި ރަނގަޅު ގޮތުގައި ބޭނުންކުރުންފަދަ މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅުން ހުރި ސިޔާސަތުތައް ނިންމުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުން ގިނަފަހަރަށް މާ ބާރުގަދަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔޫ.އެން.އެފް.ސީ.ސީ.ސީ.ގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިންގެ ސެގްމެންޓްގައި ކުރެއްވި ތަޤްރީރު
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި މޫސުމާބެހޭ ވާހަކަތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލައި، ވާހަކަތައް ހުއްޓުމަކަށް އަޔަނުދީ ކުރިއަށް ގެންދިޔުމުގައި، ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ޤައުމުތަކުގެ ވެރިންނަށް ގޮވާލެއްވިއެވެ.
ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްކުރުމަށް ތަރައްޤީ ވެފައިވާ ޤައުމުތަކުން ހުށަހަޅާފައިވާ ނިސްބަތް މަތިކޮށް، އެ ހުރިހާ ޤައުމުތައް ގުޅިގެން، 2020ވަނަ އަހަރުގެ ކުރިން މި ނިސްބަތް 20 އިން ސައްތައަށް މަތި ކުރުމަށާއި، އަދި 2050 ވަނަ އަހަރު އަންނަންވާއިރަށް މި ޤައުމުތަކުން ބޭރުކުރާ ކާބަންގެ މިންވަރު 95 އިންސައްތައަށް ތިރިކުރުމަށް ލަނޑުދަނޑިއެއް ކަނޑައެޅުމަށްވެސް އެ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ނާޒުކު ޤައުމުތަކުގެ ސަލާމަތާއި ދެމިއޮތުމަށްޓަކައި، ޖައްވު ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔ ނުދީ ހިފެހެއްޓުމަށާއި، ޖައްވުގައި ކަރބަން އެކުލެވޭ މިންވަރު 350 ޕާޓްސް ޕަރ މިލިއަނަށް ދަށްކުރުމަށް ދުނިޔޭގެ ޤައުމުތަކުން އެއްބަސްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބީ.ބީ.ސީ.އިން ބޭއްވި ބޮޑު ބަޙުޘް
ބީ.ބީ.ސީ.އާއި، ޑެނިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޚާއްޞަ ދަޢުވަތަކަށް، ބީ.ބީ.ސީ. ވާރލްޑްއިން ދެއްކި ބޮޑު ބަޙުޘް "ގްރޭޓަސްޓް ޑިބޭޓް އޮން އަރތް"ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބަޙުޘްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި، ސްވިޑްންގެ ބޮޑުވަޒީރާއި، މެކްސިކޯގެ ރައީސާއި، ސައުތު އެފްރިކާގެ ތިމާވެށްޓާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މިބަޙުޘްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް، ވަރަށްބޮޑު ތަރުޙީބެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.
އެއްބަސްވުމެއް ޤާއިމުކުރެވޭތޯ ރައީސުލްޖުމްހޫރިއްޔާ ކެނޑިނޭޅި މަސައްކަތް ކުރެއްވި
އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުން އެއްބަސްވުމެއް ޤާއިމުކުރެވޭތޯ ޤައުމުތަކުން ކެނޑިނޭޅި ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ދަށުން، މިކަމުގައި އެންމެ މުހިންމު ދައުރެއް ކުޅެމުންދާ ތޭވީހަކަށް ޤައުމުގެ ވެރިން 17 ޑިސެމްބަރގެ ދުވަހުގެރޭ ވަރަށް ދަންވަންދެން ކޯޕަންހޭގަންގެ ބެލާ ސެންޓަރުގައި ބޭއްވެވި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މި މަޝްވަރާތަކުގައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާއި، ޔޫރަޕިއަން ކޮމިޝަނުގެ ރައީސާއި، އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާއާއި، ރަޝިޔާއާއި، ޖަޕާނުގެ ވެރިންނާއި، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންގެ އިތުރުން، ޗައިނާއާއި އިންޑިއާއާއި ބްރެޒިލް ފަދަ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވީ، ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ރަމްޒުކޮށްދޭ މަފްހޫމުތަކުގައި ޤައުމުތައް ގެނބިގެން ދިޔުމުގެ ބަދަލުގައި، ހުރިހާ ޤައުމުތަކުގެ ސަލާމަތާއި ދެމިއޮތުމަށް އިސްކަންދީގެން ކޯޕަންހޭގަންއިން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރެއްވުމަށެވެ.
ކޯޕަންހޭގަން އެއްބަސްވުން
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށް އިސްރޯލެއް އަދާކުރައްވައިގެން މިޙާޞިލްކުރެވުނު އެއްބަސްވުން، ރަސްމީކޮށް ހުރިހާ ޤައުމަކުން ޤަބޫލުކުރިކަން އިޢުލާނު ކުރެވުނީ، 19 ޑިސެމްބަރގައި ޑެންމާކް ގަޑިން ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއެއްބަސްވުމުގައި ހުރިހާ ފަރާތްތަކަކުންވެސް އެދުނުގޮތްތަކާއި، ޤައުމުތަކުގެ މެދުގައިވާ ތަފާތުތައް ނައްތާލައްވަންވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެންމެނަށް އެއްބަސްވެވޭ އެއްބަސްވުމަކަށް އެންމެފަހުން އާދެވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖައްވަށް ވިހަގޭސް ބޭރުކުރުން މަދުކުރުމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އެންމެބޮޑު ޤައުމުތަކަށް މާލީ އެހީދިނުމަށް މިއެއްބަސްވުމުގައި ގޮވާލައްވާފައިވެއެވެ.
"ކޯޕަންހޭގަންގެ ހަޤީގީ ބަޠަލަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު"
ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ މަޝްވަރާތަކަށްފަހު އާދެވުނު އެއްބަސްވުން ނިންމަވާލެއްވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކޯޕަންހޭގަންގެ ހަޤީގީ ބަޠަލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމުގައި ޑެންމާކުގެ ބޮޑުވަޒީރު ލާސް ރަސްމުސެން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު "ވަކާލާތު ކުރައްވާފައިވަނީ ޖުމްލަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ރައްކާތެރިވުމަށް"
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ، މިހާރުގެ ލީޑަރުންނަށް ހުރި ލާމަސީލު މިސާލެއް ކަމަށާއި، ރައީސް ނަޝީދަކީ ޤައުމުތަކުން އެއްބަސްވުމަކާ ހަމައަށް ގެނެއުމުގެ މަޝްވަރާތަކުގައި ވަރަށް ކުޅަދާނަ ރޯލެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ޓެލެވިޜަން މޯލްޑިވްސްއަށް ދެއްވި އިންޓަރވިއުއެއްގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑް ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްވަރާތަކުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެޤައުމުތަކުގެ މަންދޫބެއްގެ ގޮތުން ނަމަވެސް، އެމަނިކުފާނު ވަކާލާތު ކުރައްވާފައިވަނީ ޖުމްލަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ރައްކާތެރިވުމަށް ކަމަށް ރަޑް ވިދާޅުވިއެވެ. މީގެއިތުރުންވެސް، ރައީސް ނަޝީދަކީ "ދިވެހިރާއްޖޭގެ ފައިދާއަށް ވަކާލާތުކުރައްވާ ވަރަށް ވަރުގަދަ ލީޑަރެއް" ކަމުގައިވެސް ބޮޑުވަޒީރު ރަޑް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޯޕންހޭގަންއަށް ކުރެއްވި ދަތުރުފުޅަށް ދުނިޔޭގެ މީޑިއާއިން ދިން ސަމާލުކަން
އ.ދ.ގެ ތާރީޚުގައިވެސް އެންމެ ގިނަ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަދާކުރެއްވި ރޯލަށް ދުނިޔޭގެ މީޑިއާއިން ވަރަށްބޮޑު ސަމާލުކަމެއްވަނީ ދީފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ބެހޭގޮތުން ދިހަހާހަށްވުރެ ގިނަ ޚަބަރު އިންޓަރނެޓްގައި ޝާއިޢުކޮށްފައިވެއެވެ. މީގެ އިތުރުން، ބީ.ބީ.ސީ، ސީ.އެން.އެން، ރޮއިޓަރސްފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އިންޓަރވިއުތައް ގެނެސްދީފައެވެ.