بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިރެޔަކީ، އަޅުގަނޑުމެންގެ ޤައުމީ ރޭ. މިރެޔަށް އިރުއޮއްސުމުން މި ފެށުނީ އަޅުގަނޑުމެންގެ ޤައުމީދުވަސް. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ޤައުމީދުވަހަކީ، ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް ވަރަށް މުހިންމު ދުވަހެއް. އެ ދުވަހަކީ ޤައުމަށްޓަކައި ކުރެވިފައިވާ ޖިހާދުތަކާއި، ޤައުމަށް ނަޞްރު ލިބިފައިވާ ޙާދިޘާތަކުގެ ޒިކުރާ އާކުރެވޭ ދުވަހެއް. ޤައުމީ އަބްޠާލުން ހޯއްދަވާފައިވާ ފަތަޙައާއި ކާމިޔާބީތަކުގެ ހަނދާންތައް އާކުރެވޭ ދުވަހެއް. ޤައުމީ މަޞްލަޙަތު ކުރިއަށްނެރެ، ޤައުމީ ކަންކަމުގައި ވާންޖެހިއްޖެ ކޮންމެ ޤުރުބާނީއެއްވުމުގެ ޢަޒުމް ކަނޑައަޅަންވީ ދުވަހެއް. އަދި އެއީ، އެކިއެކި ޤައުމީ ކަންކަމާމެދު ވިސްނައި، އެކަންކަމުގައި ހެޔޮގޮތުގައި ކުރިއަށްދިޔުމުގެ ހިތްވަރު ލިބިގަންނަންވީ ދުވަހެއްވެސްމެ.

އެހެންވީމާ، މިރޭ އަޅުގަނޑު ގަސްދުކުރަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑުމެންގެ ކުރިމަތީގައިވާ ވަރަށް މުހިންމު ޤައުމީ ކަމަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ އުމުރު، މި އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހަމަވާނެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ ޢާންމު އިންތިޚާބުގެ މަސައްކަތްތައް މިހާރުދަނީ ހިނގަމުން. މިފަހަރު އިންތިޚާބަށް ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުން މިހާރުވަނީ އިލެކްޝަންސް ޑިވިޜަނަށް ގަވާއިދުން ސިޓީ ފޮނުއްވާފައި. ޤާނޫނީގޮތުން އެފަރާތުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވައި ނިމުމުން، ލަސްތަކެއްނުވެ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނު ކުރައްވާނެ.

ޝައްކެއްވެސްނެތް. ރައްޔިތުންގެ މަޖިލީހަކީ ނުވަތަ ޕާލަމެންޓަކީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ވެރިކަމުގެ ބާރުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބާރު. އެ ވެރިކަމެއްގައި އެތަނެއްގެ ރައްޔިތުން ސީދާ ބައިވެރިވާ ވަސީލަތް. އެހެންކަމާއެކު، ރައްޔިތުންގެ މަޖިލީހަށް ނުވަތަ ޕާލަމެންޓަށް މެންބަރުން ހޮވުމުގައި ރައްޔިތުންނަށް މިނިވަންކަން ލިބިފައި އޮންނަ މިންވަރަކާއި، ރައްޔިތުންގެ މަޖިލީހަށް މިނިވަންކަން ލިބިފައި އޮންނަ މިންވަރެއް ބެލެނީ އެއީ، އެ ޤައުމެއްގައި ދީމުޤްރާޠީ އުޞޫލު ހިނގަމުންދާ މިންވަރު ހާމަކޮށްދޭ މިންގަނޑެއް ކަމުގައި.

ރާއްޖޭގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައިވެސް ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެ ބާރުތައް ހިންގާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކީ، ރައްޔިތުންގެ މަޖިލިސް. އަނެއް ދެ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް. މިގޮތަށް ކަނޑައެޅުމުން، ރާއްޖޭގެ ޤާނޫނުއަސާސީ ވަނީ ރާއްޖޭގައިވެސް ފުރިހަމަ ދީމުޤްރާޠީ ވެރިކަމެއްގެ އުޞޫލުތައް ޤާއިމުކޮށްދީފައި.

ކަންއޮތީ މިހެން ކަމަށްވާއިރު، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށްޓަކައި ޢާންމު އިންތިޚާބު ބާއްވާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ކަށަވަރު. އަދި އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވެސް ހުންނާނެކަން ޔަޤީން.

އެންމެ ފުރަތަމަ އަޅުގަނޑުމެން ވިސްނަންވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމުގައި ރައްޔިތުންގެ ވާޖިބަކީ ކޮބައިތޯ؟ އަދި ޤާނޫނު ރައްޔިތުންނަށް ދީފައިވާ ޙައްޤަކީ ކޮބައިތޯ؟ އާދެ! ރައްޔިތުންގެ ވާޖިބަކީ، ވޯޓު ދިނުމަށް ޝަރުޠު ހަމަވާ ކޮންމެ މީހަކުވެސް، ޢާންމު އިންތިޚާބުގައި ވޯޓު ދިނުން. އަދި މެންބަރުން ހޮވާއިރު އެމީހެއްގެ ނަޒަރުގައި، އެންމެ އެކަށީގެންވާ މީހަކަށް ވޯޓު ދިނުން. ޤާނޫނީގޮތުން ރައްޔިތުންނަށް ލިބިފައިވާ ޙައްޤަކީ، އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އެމީހަކަށް ފެންނަ މީހަކަށް ވޯޓު ދިނުމުގެ ޙައްޤު.

އަޅުގަނޑުމެން ވިސްނާލަންވީ އަނެއް ނުކުތާއަކީ، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ތަފާތު ނަސްލުތަކެއް ނޯންނަކަން. ތަފާތު ދީންތަކަށް އުޅޭ ބައެއް ނެތްކަން. ތަފާތު ބަސްބަހުން ވާހަކަ ދައްކާ އުޅޭ ބަޔަކުވެސް ނެތްކަން. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއްވެސް ނޯވޭ. އެހެންކަމުން، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންނަކީ، އެބޭފުޅުން އަމިއްލަފުޅަށް ރައްޔިތުންނަށްޓަކައި ޚިދުމަތް ކޮށްދެއްވުމަށް ތެދުވެވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި އުޅޭ މީހުންގެ ޢަދަދުގެ މަދުކަން. އެމީހުން އުޅެންޖެހިފައިވާ ރަށްރަށުގެ ކުދިކަން. އަދި އަޅުގަނޑުމެންގެ އެންމެންނަކީ، އާދެ! ގާތްގަނޑަކަށް ހަމަ އެންމެންނަކީ، އެކަކު އަނެކަކު ދަންނަ ނުވަތަ އެކަކު އަނެކަކާ ކޮންމެވެސް މިންވަރަކަށް ގާތް ތިމާގެ ކަމުގެ ގޮތުން، ނޫންނަމަ ރަޙްމަތްތެރިކަމުގެ ގޮތުން ގުޅިފައިވާ ބައެއްކަން.

މިކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ އެންމެ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެނީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައިބައިވުން އުފެދޭގޮތް ވިޔަނުދިނުން. އަޅުގަނޑުމެންގެ ތެރެއިން ދޭދޭ މީހުން ޖެހޭފަދަ ގޮތްތައް މެދުވެރިވިޔަ ނުދިނުން. އަދި ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ޚިޔާލާއި ޝުޢޫރާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ލިބިފައިވާ ވޯޓު ދިނުމުގެ އަސާސީ ޙައްޤު އެމީހުންގެ ކިބައިން ބަޔަކު ނިގުޅައިގަންނަނީ ކަމަށް ބެލިދާފަދަ އެއްވެސް ކަމެއް ނުކުރުން.

މިކަން މިގޮތަށް ކުރެވޭނީ، އިންތިޚާބުގެ ދުވަސްވަރު ދުނިޔޭގެ ބައެއް އެހެން ތަންތާނގައި އެކިއެކި ޕާޓީތަކުން ނުވަތަ އެކިއެކި ބާރުގަދަ ފަރާތްތަކުން ހިންގާފަދަ ނުފޫޒުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގާނެ ގޮތް ވިޔަނުދިނުމުން. މިއަށްވުރެ ޞަރީޙަކޮށް ދަންނަވާނަމަ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެއްވެސް ފަރާތަކުން އެކަށީގެންނުވާފަދަ ގޮތެއްގައި ބާރުއަޅާގޮތް ނުގެންގުޅުމުން.

އެހެންކަމުން، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިރޭ އަޅުގަނޑު މިގޮވާލަނީ، އިންތިޚާބުގައި ވޯޓު ދިނުމާ ބެހޭގޮތުން ރައްޔިތުންނަށް ޤާނޫނު ލިބިދީފައިވާ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެއްވުމަށް. އަދި ވަކި މީހަކު ހޮވުމަށް އެއްވެސް ފަރާތަކުން އެކަށީގެންނުވާގޮތެއްގައި ބާރުއަޅައި މަސައްކަތް ކުރަމުން ނުގެންދިޔުމަށް. އެއީ، ސަރުކާރުގެ ވަޒީފާއެއްގައި ހުންނަ މީހަކު، އެމީހަކު ހުންނަ މަގާމެއްގެ ބާރު ބޭނުންކުރުންކަމުގައިވިޔަސް، ނުވަތަ ބާރުގަދަ މީހަކު، އޭނާގެ ނުފޫޒުގެ ބޭނުންކުރުންކަމުގައިވިޔަސް، ނުވަތަ ފައިސާގެ ތަނަވަސްކަންހުރި މީހަކު، ފައިސާގެ ބޭނުންކުރުންކަމުގައިވިޔަސް، އިންތިޚާބާ ބެހޭގޮތުން މިފަދަ އެއްވެސް ނޭދެވޭ ޢަމަލެއް ނުކުރުން. ޢާންމު އިންތިޚާބާބެހޭ ޤާނޫނުގައިވާ ގޮތުން އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒު ހިންގުމަކީ ކުށެއް. އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން، މިފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގައިގެނެއްނުވާނެ.

އަޅުގަނޑުގެ މިގޮވާލުމުގައި މާލެއާއި ރާއްޖެތެރޭގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމަނަން. ސަބަބަކީ، ރައްޔިތުންގެ މަޖިލީހަށް ވަކި ބަޔަކު ހޮވުމަށް ސަރުކާރުން މަސައްކަތްކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަން. އެހެންވީމާ، އަޅުގަނޑު އެދެނީ، އިންތިޚާބުގައި ވޯޓު ދިނުމުގައި ރައްޔިތުންނަށް ލިބިފައިވާ އަސާސީ މިނިވަންކަން، އޭގެ އެންމެ ފުރިހަމަ މާނައިގައި އެމީހުންނަށް ބޭނުންކުރެވޭނެގޮތް ހުރިހާ ފަރާތްތަކުންވެސް ހައްދަވައިދެއްވުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

ރާއްޖޭގައި މިއޮތީ ވަރަށް އާދަޔާ ޚިލާފު ދީމުޤްރާޠީ އުޞޫލުތަކެއް. ދުނިޔޭގެ ގިނަ ތަންތާނގައި އޮންނަނީ، ޕާލަމެންޓުގެ އިންތިޚާބުގައި އެމީހަކު ރުހޭ، ނުވަތަ އެމީހަކު ތާއީދުކުރާ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދޭ އުޞޫލު. އެއާ ޚިލާފަށް ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުން މިއޮންނަނީ ރައްޔިތުން ދަންނަ، އެމީހުން އިތުބާރު ކުރާ، އެމީހުން ދެކޭގޮތުގައި އެކަމަށް އެންމެ ލާއިޤް ބަޔަކު ހޮވާގޮތަށް. ރާއްޖޭގައި މިއޮންނަ ހަމަޖެހޭ އުޞޫލަށް އޭގެ އެންމެ ފުރިހަމަގޮތުގައި ޢަމަލު ކުރެވިއްޖެނަމަ، އެއީ އަޅުގަނޑުމެންގެ ރާއްޖެއިން ދުނިޔެއަށް ދައްކައިދޭ ރީތި ނަމޫނާއެއް ކަމުގައި ވާނެ. އަދި އޭގެ ސަބަބުން، ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގައި އޮންނަ ދީމުޤްރާޠީ އުޞޫލުގެ ހަރުދަނާކަން ޤަބޫލު ކުރެވިގެންދާނެ ކަމެއްކަމުގައިވާނެ.

އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ޤާނޫނުތަކަށް ލޯ ހުޅުވޭ، ސިޔާސީ ކަންތައްތަކުގައި ތަޞައްރުފު ފުދޭ ބައެއް. އެމީހުން ވަކިގޮތަކަށް ލެންބުމަށް ނުވަތަ އެމީހުން ލައްވާ ވަކިކަމެއް ކުރުވުމަށް ވަކި ފަރާތަކުން މަސައްކަތް ކުރުމަކީ، އެމީހުން ރުހޭނެ ކަމެއް ނޫން. އެމީހުންނަށް އެންމެ ރަނގަޅުވާނެގޮތް، އެމީހުން ޚިޔާރު ކުރާނީ، އެމީހުން އަމިއްލައަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި އުފާ ފާގަތިކަންމަތީގައި ދިރިއުޅުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމުން. ރާއްޖޭގައި މާތްވެގެންވާ އިސްލާމީ ޢަޤީދާގެ ހިޔާވަހިކަމުގެ ދަށުން، ޞުލްޙަވެރިކަމާއި އަމާންކަން އަބަދުގެ އަބަދަށް ވެރިކަން ކުރަމުން ދިޔުމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.