بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وَصَحْبِـهِ أجمـعـين.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އަޅުގަނޑުމެންގެ މިއުފާވެރި މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މާލެއަށް ވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުން، އަދި އެހެނިހެން ޢިއްޒަތްތެރިން، މިޖަލްސާއަށް ވަޑައިގެން ތިއްބެވި ދިވެހިރާއްޖޭގެ އެންމެހާ އަޚުންނާއި އުޚްތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުމެން މިއަދު މިފާހަގަކުރަނީ، 1986 ވަނަ އަހަރުގެ މިނިވަންދުވަސް. މިދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އަޅުގަނޑުމެންގެ މި ޤައުމީ މިނިވަންކަން ދެމެހެއްޓެވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަން.

އާދެ! ޤައުމީ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްފަހު، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތް. ރާއްޖޭގެ ޤައުމީ މިނިވަންކަމަކީ، އަޅުގަނޑުމެންގެ ފަޚުރު. އެއީ އަޅުގަނޑުމެންގެ ޝަރަފް. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށްޓަކައި ވެފައިވާ ޤުރްބާނީތަކުގެ ފޮނި މޭވާ. މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ މަސްއޫލިއްޔަތު. އަންނަން އޮތް ޖީލުތަކަށް އެ މިނިވަންކަން ރައްދުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތިވެރި ޤައުމީ ވާޖިބު.

އާދެ! މިނިވަންކަން ދެމެހެއްޓުމަކީ، މިނިވަންކަން ޙާޞިލް ކުރުމަށްވުރެ ވަކި ފަސޭހަ ކަމެއް ނޫން. ގިނަ ގޮތްގޮތުން ބަލާއިރު، މިނިވަންކަން ރައްކާތެރިކޮށް، ތަނުގެ ސިޔާދަތު ދެމެހެއްޓުމަކީ، މިނިވަންކަން ޙާޞިލް ކުރުމަށްވުރެ އުނދަގޫ ކަމެއް. މިނިވަންކަން ޙާޞިލް ކުރުމަކީ، ޤައުމުގެ ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ކުރާ ޖިހާދަކުން ލިބިދާނެ ނަތީޖާއެއް. އާދެ! އަޅުގަނޑުމެންގެ ތާރީޚަށް ކިތަންމެ ކުޑަކޮށް ބަލައިލި ކަމުގައިވިޔަސް، މީގެ ހެކި ވަރަށް ފުރިހަމަކޮށް ފެންނަން އެބަހުރި. އެހެން ނަމަވެސް، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން އެކަމުގައި އެއްބާރުލައިގެން ނޫނީ ވެވޭނެ ކަމެއް ނޫން. ރާއްޖޭގެ ތާރީޚަށް އަނެއްކާވެސް ވިސްނާއިރު، ރާއްޖޭގެ މިނިވަންކަން ގެއްލިފައިވި ކޮންމެ ފަހަރަކު މިނިވަންކަން ގެއްލިފައިވަނީ، ޤައުމުގެ ވަރަށްމަދު ޢަދަދެއްގެ ބަޔަކު ކުރި ޚިޔާނާތްތެރި ޢަމަލަކުން. އެހެންވީމާ، މިނިވަންކަން ރައްކާތެރިކޮށް، ތަނުގެ ސިޔާދަތު ޙިމާޔަތް ކުރުމަކީ، ޤައުމުގެ އެންމެން، އުންމަތުގެ އެންމެން އެއްބާރުލައިގެން ނޫނީ ވެވޭނެ ކަމެއް ނޫން.

އާދެ! ޤައުމެއްގެ މިނިވަންކަން ގެއްލި، ބޭރު ބަޔެއްގެ ނުފޫޒުގެ ދަށަށް ދަނީ، ބައެއްފަހަރަށް ކުރެވޭ ހަނގުރާމައެއްގެ ނަތީޖާއެއްގެ ގޮތުން. އަނެއްބައިފަހަރަށް، ޢާންމުކޮށް ހަނގުރާމައެއް ނުކުރެވުނު ކަމުގައިވިޔަސް، ހިންގާ ހަނގުރާމަވެރި ޢަމަލުތަކެއްގެ ސަބަބުން. އަނެއްބައިފަހަރަށް ޤައުމުގެ ދާޚިލީ ކަންތައްތަކުގައި ހަމަނުޖެހުންތަކެއް އުފެދި، ޤައުމުގެ ރައްޔިތުން ބައިބައިވެ، ތަނުގެ އެއްބައިވަންތަކަން ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން. އާދެ! މިކަންތައްތަކުގެ ހެކި މިއަދުގެ ދުނިޔެއިންވެސް ފެންނަން އެބަހުރި. އަޅުގަނޑުމެންގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން ފަލަސްޠީނާ ދޭތެރޭގައި ވިސްނާލިޔަސް، އަފްޣާނިސްތާނާ ދޭތެރޭގައި ވިސްނާލިޔަސް، އަދި މިހާރު ލުބްނާނާ ދޭތެރޭގައި ވިސްނާލިޔަސް، އަޅުގަނޑު މިދެންނެވި ބަހުގެ ހެކިތައް ފެންނަން އެބަހުރި.

އާދެ! އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ދެ ޢިއްޒަތްތެރިން ވިދާޅުވިފަދައިން، ރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ ޤައުމެއް. ރާއްޖޭގެ ތާރީޚު ލިޔެވެން ފެށީއްސުރެ ނުވަތަ ރާއްޖޭގެ ތާރީޚާބެހޭ މަޢުލޫމާތު އެނގެން ފެށީއްސުރެ ރާއްޖެއަކީ މިނިވަން ޤައުމެއް. އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއެރީ ހަމައެކަނި ދެފަހަރަކު. އެވާހަކަތައްވެސް މިތާނގައި ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އަދި އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަންނަ ޙާދިޘާތަކެއް. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ރާއްޖޭގެ މިނިވަންކަން މިހާގިނަ ސަތޭކަ އަހަރުތަކެއް ވަންދެން ޙިމާޔަތް ކުރެވި ދެމެހެއްޓިފައި އޮންނާނީ، ދިވެހި ޤައުމުގައި ހަރުދަނާ ގޮތްތަކެއް ހުރެގެންނޭ. ޝައްކެއްނެތް، މިނިވަންކަން ރައްކާތެރި ކުރެވޭނީ، މިނިވަންކަން ވަރުގަދަކުރެވޭނީ، ބޭރުގެ ފަރާތްތަކުން މިނިވަންކަމަށް އަންނަ އެކިއެކި ޙަމަލާތައް ރައްދުކުރެވޭނީ، އެޤައުމެއްގެ ރައްޔިތުންގައި ކޮންމެވެސްކަހަލަ ޚާއްޞަ ހަރުދަނާ އުޞޫލުތަކެއް ހުރެގެން. އެހެން ނޫންކަމުގައިވަނީނަމަ، އެ މިނިވަންކަމަކީ ވަރަށް ފަސޭހައިން ގެއްލިދާނޭ އެއްޗަކަށް ނުވެނުދާނެ.

އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަ ގަބޫލުކުރަންވީ ޙަޤީޤަތަކީ، މިނިވަންކަމަކީ އެ މިނިވަންކަން ދިފާޢު ކުރުމަށްޓަކައި މަސައްކަތްތަކެއް ނުކުރެވި ދިފާޢު ކުރެވޭނެ އެއްޗެއް ނޫންކަން. މިނިވަންކަމަކީ ބަޔަކު އަޅުގަނޑުމެންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައި އޮތް އެއްޗެއް ނޫންކަން. އެއީ އަޅުގަނޑުމެންގެ ޖިހާދުން އަޅުގަނޑުމެން ޙާޞިލްކޮށްފައިވާ މޭވާއެއްކަން. އެހެންވީމާ، އެ މޭވާ އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ، އެކަން ދެމެހެއްޓުމަށް އަޅުގަނޑުމެން ބުރަ މަސައްކަތްތަކެއް ކޮށްގެންކަން.

ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ މިނިވަންކަން އެހާގިނަ ޒަމާންތަކަކަށް ދެމެހެއްޓުމުގައި، އެމީހުންނަށް އެހީވެދިން ކަންތައްތަކެއް ހުންނާނެ. އާދެ! އެއީ ދިވެހި ޤައުމުގައި ހުރި ހަރުދަނާ ކަންތައްތަކެކޭ އަޅުގަނޑަށް ދެންނެވޭނީ. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން ވަރުގަދަކޮށް، މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަޅުގަނޑުމެންގެ ކާބަފައިން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެކުރި މަސައްކަތުގައި، އެމީހުންނަށް އެހީވެދިން އުޞޫލުތަކަކީ ކޮބައިތޯ ހޯދައި، އެ އުޞޫލުތައް އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކޮށް ދިރުވުން.

އާދެ! މިގޮތުން ވިސްނާއިރު، އެންމެ ފުރަތަމަވެސް ދަންނަވަންޖެހެނީ، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް، މިނިވަންކަން ވަރުގަދަކުރުމަށް އެހީވެދިން އެންމެބޮޑު ކަމަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމޭ. ދިވެހި ރައްޔިތުންގެ ވަޙްދަތޭ. އާދެ! އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކު އެވާހަކަ ވަރަށް ސާފުކޮށް ވިދާޅުވެއްޖެ. އަޅުގަނޑުމެންނަކީ، އެއްދީނެއްގެ އަހުލުވެރިންކަން އޭނާ ބަޔާންކުރެއްވި. އަޅުގަނޑުމެންނަކީ އެއްއަޞްލަކުން އައިސްފައިވާ ބަޔެއްކަން އޭނާ ހާމަކުރެއްވި. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ ބަޔެއްކަން އޭނާ ބަޔާންކޮށްދެއްވި. މިކަންކަމަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ލިބިފައިވާ ވަރަށް ބޮޑެތި ބާރުތަކެއް. ދެވަނައަށް އަޅުގަނޑު ފާހަގަކޮށްލާނީ، ދިވެހިރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ، ދިވެހިންގައި ހުރި ވިސްނުމާއި، ދިވެހިންގެ ވިސްނުމުގައި ހުރި ހަރުދަނާ ގޮތްތަކެއްގެ ސަބަބުންނާއި، ދިވެހިންގެ ސުލޫކުގައި ހުރި ހަރުދަނާ ގޮތްތަކެއްގެ ސަބަބުންނޭ.

އާދެ! އެންމެ ފުރަތަމަ ފާހަގަކޮށްލާނީ، ވިސްނުމުގެ ގޮތުން ބަލާއިރު، ދިވެހިންނަކީ ޒަމާނުއްސުރެ އާދެ! ދިވެހިރާއްޖެ އިސްލާމްވީއްސުރެ ދީނަށްޓަކައި ފަޚުރުވެރިވެފައިވާ ބަޔެއް. ދީނަށްޓަކައި ފަޚުރުވެރިވުމަކީ، ދިވެހިވަންތަކަމަށްވުރެވެސް އަޅުގަނޑުމެންގެ ކާބަފައިން އިސްކޮށްފައިވާ ކަމެއް. ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ، ޕޯޗްގީޒް މީހުން ރާއްޖެ އައިސް، ރާއްޖެއާ ހަނގުރާމަކޮށް، ރާއްޖެއަށް ވެރިވެގަތް ޙާދިޘާ. މުއައްރިޚުން ލިޔުއްވާފައިވާއިރު ލިޔުއްވާފައިވަނީ، ބިދޭސީންގެ ބަޔަކު ރާއްޖެއަށް އައިސް ރާއްޖެ ހިފި ވާހަކައެއް ނޫން. ކާފަރުންގެ ބަޔަކު ރާއްޖެ އައިސް ރާއްޖެ ހިފި ވާހަކަ. އޭގެފަހުން، މަލާބާރީންގެ މީހުން ރާއްޖެ އައިސް، އެމީހުންގެ ނުފޫޒުގެ ދަށަށް، ކިތަންމެ ކުޑަދުވަސްކޮޅަކަށް ނަމަވެސް، ރާއްޖެ ގެންދިޔަ ވާހަކަ، މުއައްރިޚުން ލިޔުއްވާފައިވަނީ، ބިދޭސީންގެ ބަޔަކު އައިސް ރާއްޖެއަށް ވެރިވެގަތް ވާހަކައެއްގެ ގޮތުގައެއް ނޫން. ކާފަރުންގެ ބަޔަކު ރާއްޖެ އައިސް، ރާއްޖެއަށް ވެރިވެގަތް ދުވަސްވަރެއްގެ ގޮތުގައި. އަދި ދިވެހިންގެ ތެރެއިން ޖިހާދުކުރަން ނުކުތް މީހުންގެ ވާހަކަ، މުއައްރިޚުން ލިޔުއްވާފައިވަނީ، ފަހަރެއްގައިވެސް ދިވެހިންގެ ބަޔަކު ހަނގުރާމަ ކުރަން ނުކުތް ވާހަކައެއްގެ ގޮތުގައެއް ނޫން. މުސްލިމުންގެ ބަޔަކު ހަނގުރާމަ ކުރަން ނުކުތް ގޮތުގެ ވާހަކައެއްގެ ގޮތުގައި.

އެހެންވީމާ، ޒަމާނުއްސުރެ ތާރީޚުގައި އަޅުގަނޑުމެން ފާހަގަކުރަނީ، އަޅުގަނޑުމެންނަކީ މުސްލިމުންކަން. އެހެން ކަމަށްވުމާއެކު، ހުރިހާ ޖިހާދެއްވެސް އަޅުގަނޑުމެންގެ ކާބަފައިން ކޮށްފައިވަނީ އިސްލާމްދީނުގެ ނަމުގައި އިސްލާމްދީނަށްޓަކައި. އެހެންވީމާ، ދީނަށްޓަކައި ފަޚުރުވެރިވުން އެއީ، އަޅުގަނޑުމެންގެ ކާބަފައިންގައި ހުރި ވަރަށް ހަރުދަނާ އުޞޫލެއް. އެ އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާކޮށްގެން ނޫނީ އަޅުގަނޑުމެންގެ މިއަދުގެ މިނިވަންކަންވެސް ދެމެހެއްޓޭނެ ކަމަކަށް އަޅުގަނޑު ނުދެކެން.

އާދެ! ދިވެހިންގެ ވިސްނުމުގައި ހުރި ހަރުދަނާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާ އަނެއްކަމަކީ، ދިވެހިންނަކީ ބޭރު ބަޔެއްގެ ނުފޫޒުގެ ދަށަށް ދިޔުން ޤަބޫލުކުރާ ބަޔެއް ނޫންކަން. މިކަމުގެ ހެކިތައްވެސް ތާރީޚުގެ ފަތްފުށްތަކުން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. އާދެ! ތިންވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ، ދިވެހިންނަކީ ކިތަންމެ ކުޑަ ޤައުމެއްގެ ރައްޔިތުން ކަމުގައިވިޔަސް، ދުނިޔޭގެ ޙަޟާރަތުގެ މުހިންމު މަރްކަޒުތަކާ ކިތަންމެ ދުރުގައި ދިވެހިރާއްޖެ އޮތް ކަމުގައިވިޔަސް، ދިވެހިންނަކީ ހަރުދަނާ އަޚްލާޤެއް އެބައިމީހުންގައި އަށަގެންފައިވާ ބަޔަކު ކަމުގައިވާކަން. ޝައްކެއްނެތް، ޤައުމުގެ އަޚްލާޤަކީ އެ ޤައުމެއް ކުރިއެރުވުމުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމެއް. ޤައުމެއްގައި އަޚްލާޤީ ފެންވަރު ދަށްވެއްޖެނަމަ، އެޤައުމެއް ހަލާކާ ކުރިމަތިލުން އޮންނާނީ ވަރަށް ކައިރީގައި. ޢަރަބިންގެ މަޝްހޫރު ޅެންވެރިޔަކު ވިދާޅުވެފައިވޭ. "وَاِنَّمَااْلأُمَمُ اْلأَخْلاَقُ مَابَقِيَتْ وَإِنْهُمُو ذَهَبَتْ أَخْلاَقُهُمْ ذَهَبُوْا." އޭނާ އެވިދާޅުވަނީ، "އުންމަތްތައް ދެމިއޮންނަނީ، އެ އުންމަތްތަކުގެ އަޚްލާޤު ދެމިއޮތްހާ ހިނދަކުއޭ. އެބައިމީހުންގެ އަޚްލާޤު ހިނގައްޖެނަމަ، އެބަޔަކުވެސް ދުނިޔެމަތިން ވިއްސިވިހާލިވެގެން ހިނގައިދާނޭ."

އާދެ! މިތާނގައި އަޚްލާޤޭ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން އާދައިގެ ވާހަކަ ދެއްކުމުގައި އަޚްލާޤޭ ކިޔާ ލަފްޡުން އެ ދޭހަވާ މާނައަށްވުރެ ފުޅާ މާނައެއްގައި. އެއީ ޤައުމުގެ ރައްޔިތުން ގަބޫލުކުރާ ދީނީ އުޞޫލުތަކާއި، ތަނުގެ ހަރުދަނާ އާދަކާދަތަކާއި، ތަނުގެ މީހުންނަށް ރީތިވާ ކަންތައްތަކާ، މިހުރިހާ ކަންތައްތަކެއްގެ ދާއިރާ ހިމެނޭ ގޮތުގެ މަތިން. މިދެންނެވި ޤައުމީ ދާއިރާއަކީ، ޤައުމުގެ އަޚްލާޤުގެ ދާއިރާ. މިދާއިރާއިން ބޭރުވެއްޖެނަމަ، ޤައުމު އޮންނާނީ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައި.

އާދެ! އެހެންވީމާ އަޅުގަނޑު ދަންނަވާ ވާހަކައަކީ، ނުވަތަ ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ވަރުގަދަކޮށް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާއިރު، އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަންވީ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަވައި ޙިމާޔަތް ކުރެއްވިއިރު، އެ ކާބަފައިން ގެންގުޅުއްވި މަތިވެރި އުޞޫލުތަކުގައި އަޅުގަނޑުމެން ހިފެހެއްޓޭތޯ ބެލުމޭ. އެ އުޞޫލުތައް އަޅުގަނޑުމެންގެ ޅަދަރިންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް ދަސްކޮށްދިނުމޭ.

އާދެ! ޝައްކެއްނެތް، ޤައުމެއްގެ އަޚްލާޤު ހިފެހެއްޓޭނީ، ބޮޑެތިވަމުން އަންނަ ކުދިންނަށް އެ އަޚްލާޤު ދަސްކޮށްދެވިގެން. ކުދިންގައި އެފަދަ ހަރުދަނާކަމެއް ހަރުލައިގެން. އެހެންވީމާ، ކުދިން ތަރުބިއްޔަތު ކުރުމުގައި، އެކުދިންގެ ޤައުމީ އަޚްލާޤު ނުވަތަ އެކުދިންގައި ތަނުގެ ޤައުމީ އަޚްލާޤު އަށަގެންނެވުމަށް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަން ކަށަވަރު.

އާދެ! އަޅުގަނޑު މިވާހަކަ ދަންނަވާއިރު، ވަރަށް ހިތާމަޔާއެކު ދަންނަވަންޖެހެނީ، މިހާރަކަށްއައިސް ރާއްޖޭގެ ވަރަށް ޒުވާން ޅަކުދިންގެ ފަރާތުން ކުށް ކުރުން ގިނަވަމުންދާ ވާހަކަ. ވަރަށް ހިތާމަހުރި ކަމެއް. އެހެން ނަމަވެސް، 14، 15 އަހަރުގެ ކުދިން ނުވަތަ 16، 17 އަހަރުގެ ކުދިން ކުށްކުރަނީ ވަރަށް ގިނައިން. އެކަމުގައި އެންމެ ހިތާމަކުރަންޖެހެނީ، އެކުދިން ކުށްކުރާތީއަކީ ނޫން. ހަމައެކަނި އެއެއްނޫން. އެކުދިން ކުށްކުރަން ޖެހިލުންނުވާތީ. އާދެ! އަދި އެކުދިން އެކުރާ ކުށަކީ މައިންބަފައިންގެ ގާތުގައި ކުށަކަށްނުވާކަން.

އާދެ! އަޅުގަނޑު ބަލައިލި ބަލައިލުމުން އެނގުނީ، 1985 ވަނަ އަހަރު ފެށުނީއްސުރެ މިއަދާ ހަމައަށް، އާދެ! ގާތްގަނޑަކަށް 1 އަހަރާ 7 މަސްދުވަހުގެ ތެރޭގައި، 15 އަހަރުން ދަށުގެ ދިވެހި ކުދިން، އަންހެން ކުދިންނާއި ފިރިހެން ކުދިން، އެކުދިންގެ ތެރެއިން ޝަރީޢަތަށް ހުށަހެޅި، ޝަރީޢަތުން ކުށް ސާބިތުވެފައިވާ 92 ކުދިން އެބަތިބިކަން. 15 އަހަރުން ދަށުގެ 92 ކުދިން، އެކުދިންގެ ކުށް ޝަރީޢަތަށް ސާބިތުވެގެން އެކިއެކި ބަންދުގައި އެބަތިބި. އޭގެތެރޭގައި ވައްކަމާއި ޚިޔާނަތާ، މިބާވަތުގެ ޢަމަލުތަކުގައި މިދެންނެވި ޢަދަދުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަކުދިން އެބަތިބި. އެކިއެކި ކުށްތައް، އާދެ! ޖިންސީ ކުށްތައް، ޤަވާޢިދާ ޚިލާފުވުން، އަމުރަށް ނުކިޔަމަންތެރިވުން. މިކަހަލަ ކަންތައްތަކުގައި ދެން ތިބި ކުދިން ތިބީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށްމަތީ ޢަދަދެކޭ، ރާއްޖޭގެ ނިސްބަތުގައި. މިހާގިނަ އަދަދެއްގެ ޅަކުދިން ކުށްކުރުމަށް ކުރިމަތިލާކަން އެއީ، ޝައްކެއްނެތްގޮތުގައި، އެކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެވިގެން ނޫނީ ވާނެ ކަމެއް ނޫނޭ.

އެންމެ ފުރަތަމަ، އެ އިހުމާލުގެ ޒިންމާ އަޅުގަނޑަށް އަޅުވަންޖެހެނީ، މައިންބަފައިންގެ ބޮލުގައި. މައިންބަފައިންނަށް ކުދިން ނުބެލެހެއްޓޭތީ. ކުދިންނަށް ރަނގަޅު ގޮތްތައް ދަސްކޮށްނުދެވޭތީ. ކުދިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލެވޭތީ، މިފަދަ ކަންކަން މިދިމާވަނީ. އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މައިންބަފައިން ކުދިންނާ ދޭތެރޭގައި މާހަރުކަށި އުޞޫލެއް ގެންގުޅޭށެކޭ ނޫން. ކުދިންނަށް އަދަބުދޭށެކޭ ނޫން. ކުދިންނަށް ރީތި ގޮތްތައް ދަސްކޮށްދޭށޭ. މައިންބަފައިންގެ އަމިއްލަ ޢަމަލުން، އެމީހުންގެ ބަހުން، އެމީހުންގެ އޯގާވެރިކަމުން، އެމީހުންގެ ލޯބިން، އެމީހުން ކުދިންނަށްދޭ އިރްޝާދުން. މިހުރިހާ ގޮތްގޮތުން ކުދިންނަށް ރަނގަޅު އަޚްލާޤު ދަސްކޮށްދެވިދާނެކަމީ ޝައްކެއްހުރި ކަމެއް ނޫން.

އާދެ! އަޚްލާޤުގެ ބޭނުންތެރިކަމާއި އަދި އަޚްލާޤުގެ ތެރެއިންވެސް ތެދުވެރިކަމުގެ ބޭނުންތެރިކަން އަދި ތެދުވެރިކަން، ކުޑަކުދިންނަށް ޅަފަތުގައި އެކަން ދަސްކޮށްދިނުމުގެ ބޭނުންތެރިކަން ބޮޑުކަން ބަޔާންކޮށްދިނުމުގެ ގޮތުން، ހުޅަނގުގެ ފިލޯސަފަރަކު ވިދާޅުވެފައިވޭ. ތެދުވެރިވުމުގެ ލިޔާޤަތު ކުޑަކުދިންނަށް ޅަފަތުގައި ލިބިދިނުމަކީ، ތަޢުލީމުގެ ފެށުމޭ. ޝައްކެއްނެތް، އެއީ ވަރަށް ބޮޑު ތެދެއް. ކުދިންގެ ކިބައިގައި ތެދުވެރިވުމުގެ މާތް ސިފަ އަށަނުގަންނަ ކަމުގައިވަންޏާ، އެކުދިންނަކީ އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ފެންވަރުގައި ޖީ.ސީ.އީ ހޯދާފައިވާ ކަމުގައިވިޔަސް، ނުވަތަ އެއަށްފަހު ބޭރު ޤައުމަކަށް ގޮސް ކިޔަވައިގެން، ކޮންމެވެސް ޔުނިވަރސިޓީއަކުން މަތީ ތަޢުލީމު ޙާޞިލްކޮށްފައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހަކީ ތަޢުލީމު ލިބިފައިވާ މީހަކު ކަމުގައެއް ނުވާނެ. ތަޢުލީމު ލިބިފައިވާ މީހަކުނަމަ، އެމީހަކު އެއީ ތެދުވެރިޔަކަށްވާނެ. ތެދުވެރިނުވެވޭ އެއްވެސް އިންސާނަކީ، ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް އެއީ ތަޢުލީމު ލިބިފައިވާ މީހެއް ނޫން.

އާދެ! އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަވެސް ވިސްނަންވީ، ކުޑަކުދިންނަށް ތެދުވެރިކަން ދަސްކޮށްދިނުން. ތެދުވެރިކަން އާދަކޮށްދިނުން. އަދި ޅަފަތުގައި އެކުދިންނަށް ތެދުވެރިވުމުގެ ލިޔާޤަތު ލިބިދިނުން އެއީ، އެކުދިންގެ ތަޢުލީމުގެ ފެށުންކަން، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ.

އާދެ! މިނުކުތާގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއްކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންގެ މެދުގައި އަދިވެސް އެހެންކަހަލަ ބާވަތެއްގެ ކުށް ގިނަވަމުންދާ ކަންތައް. އާދެ! އެއީ މަސްތުވާތަކެތީގެ ބޭނުންކުރުން. މަސްތުވާތަކެތީގެ ބޭނުންކުރުމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެހެން، ހުރިހާ ގޮތަކުންވެސް ވަރަށް ގެއްލުންހުރި ކަމެއް. އެއީ، އެ ބޭނުންކުރާ މީހާގެ ޞިއްޙަތު އަބަދަށްޓަކައި ހަލާކުވެގެންދާނޭ ކަމެއް. އެމީހެއްގެ ފަރާތުން އެމީހާގެ އަމިއްލަ ދިރިއުޅުން ކުރިޔަށް ގެންދިޔުމަށް ނުވަތަ އެމީހާގެ ޢާއިލާގެ ތަނަވަސްކަމަށް ނުވަތަ މުޖުތަމަޢުގެ ފައިދާއަށް އެއްވެސްކަހަލަ ޚިދްމަތެއް ކުރުމުން، އެމީހަކު އެއްކިބާކުރުވާނެ ކަމެއް.

އެހެންވީމާ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަންތަކާ ދޭތެރޭގައި ވިސްނައި، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންވެއްޖެ. އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، މިހާރުވެސް ޤާނޫނުގައި އެއީ ވަރަށްބޮޑު ކުށެއްކަން. މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ޤާނޫނުގައި ވަރަށް ހަރުކަށި ޢުޤޫބާތްތަކެއް ކަނޑައެޅިފައިވާކަން. އެހެން ނަމަވެސް، އޭގެއިތުރަށް މަސްތުވާތަކެތީގެ ބޭނުންކުރުމުގައި ހުރި ގެއްލުން ޒުވާނުންނަށް ހާމަކޮށްދީ، އަޅުގަނޑުމެންގެ ދިވެހިން މިކަމަށް ހޭލެއްވުން އަޅުގަނޑު ހިތުން އެއީ އަދި ޢުޤޫބާތް ދިނުމަށްވުރެ މާމުހިންމު ކަމެއް. އެކަން އަދި އަޅުގަނޑުމެންނަށް މިއޮތީ އެކަށީގެންވާ ގޮތަށް ނުކުރެވި. އެކަމާބެހޭ ކޮމިޓީއެއް ސަރުކާރުން ޢައްޔަންކޮށްފައިވޭ. އެކޮމިޓީގެ ބޭފުޅުން ކޮންމެވެސްވަރަކަށް މަސައްކަތް ކުރައްވަމުންވެސް ގެންދަވާ. އެހެން ނަމަވެސް، އަދި އެ މަސައްކަތް ކުރައްވާވަރަކުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު ފެތުރެމުންމިދާ އާދައަށް އަދި އެނގުމެއްވާވަރެއް ނުވޭ. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑު އެންމެ ފުރަތަމަ އިލްތިމާސް ކުރަން ބޭނުންވަނީ، މައިންބަފައިންނަށާއި ބެލެނިވެރިންނަށް. އެމީހުން، އެމީހުންގެ ދަރިން ރަނގަޅު ގޮތެއްގައި ތަރުބިއްޔަތުކޮށް، އެމީހުން އުޅޭ ނޫޅޭގޮތް ބަލަމުން ގެންދާނަމަ، މި އާދަވެސް އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ހާލެއްގައި ފެތުރެމުންނެއް ނުދާނެ ކަމަށް.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށްމަދު މީސްކޮޅެއް އުޅޭ ޤައުމެއް. މި މަދުމީސްކޮޅަށް ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް މަސްތުވާތަކެތީގެ ބޭނުންކޮށްގެން، އޭގެ ކުށް ސާބިތުވެގެން އަދަބު ލިބިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު، އެއީ ވަރަށްމަތީ ނިސްބަތެއް ކަމުގައި ދަންނަވަންޖެހޭ. އާދެ! މިހާތަނަށް 1979 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ތިބި 84 މީހުން އެބަތިބި. އޭގެތެރެއިން 48 މީހުންނަށް، ވަކިމުއްދަތެއް ފާއިތުވުމަށްފަހު މަޢާފްދެވި ވަނީ ދޫކޮށްލެވިފައި. މިހާރުވެސް 36 މީހުން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ބަންދުގައިވޭ. މީގެއިތުރަށް، މިހާރު ކުރެވެމުންދާ ތަޙްޤީޤުތަކަށް ބޭނުންވާތީ، އެކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ އިތުރު 18 މީހުން އެބަތިބި ބަންދުގައި. އޭގެތެރޭގައިވެސް ގިނައީ ޅަކުދިން، ޒުވާނުން. 20 އަހަރަށްވުރެ ދަށުގެ ކުދިން. އަދި 20 އަހަރާ 30 އަހަރާ ދޭތެރޭގެ ޒުވާނުން.

އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެން ވިސްނަންވީ، ރާއްޖޭގެ ޒުވާނުންނަށް މިފަދަ ނުބައި އާދައެއް އާދަވަމުންދަންޏާ، އޭގެ ސަބަބުން ރާއްޖެއަށް ނުލިބިނުދާނެ ގެއްލުން އެއީ އަޅުގަނޑުމެން ވިސްނަންވީ އެއްޗަކީ. އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަންވީ ހަމައެކަނި ކުރިން އަޅުގަނޑު ދެންނެވި ޤާނޫނީ ފިޔަވަޅުތަކެއް ނޫން. އެފަދަ ކުދިން ހިފާ ހައްޔަރުކޮށް، ތަޙުޤީޤުކޮށް ޝަރީޢަތަށް ގެންގޮސް، ޝަރީޢަތުން އެކުދިންނާ ދޭތެރޭގައި ނުވަތަ އެމީހުންނާ ދޭތެރޭގައި ކަނޑައަޅާ ޢުޤޫބާތެއް ކަނޑައެޅީމާ، އެހިސާބުން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ނިމުނީ ކަމަށް ބަލައިފިނަމަ، އެއީ ޤައުމުގެ ހަލާކު. އަޅުގަނޑު ދަންނަވަން މިއުޅެނީ، މި މަސްއޫލިއްޔަތަކީ ޤައުމުގެ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކޭ. އާދެ! ޢަރަބިންގެ މަޝްހޫރު ޝާޢިރަކު އަދި ފައިލަސޫފަކު ވިދާޅުވެފައިވާ ބަސްފުޅެއް، މިތާނގައިވެސް ދަންނަވާލިޔަދެއްވާ. އޭނާ ވިދާޅުވެފައިވަނީ، "ގަހަކުން ފަތެއް ދޮންވެގެން ވެއްޓޭނީ، މުޅި ގަހަށް އެކަން އެނގިގެން ކަމުގައިވާ ފަދައިން، މުޖުތަމަޢުގައި މީހަކު ކުށްކުރާނީ، އެންމެންގެ އެނގުމާއި ރުހުމާ އެކުގައޭ." އަނެއްކާވެސް ދަންނަވަންޖެހެނީ، ވަރަށްބޮޑު ތެދެކޭ. އަޅުގަނޑުމެންގެ ތެރެއިން މީހުން ކުށްކުރަމުން ގެންދަނީ، އަޅުގަނޑުމެންނަށް އެކަން އެނގި، އަޅުގަނޑުމެންނަށް އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގެ ނުބައިކަން އެމީހުންނަށް އިޙްސާސްކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭތީ. އެހެން ބަހަކުން ދަންނަވަންޏާ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެނގުމާއި ރުހުމާ އެކުގައި އެމީހުން ކުށްކުރަމުން އެގެންދަނީ. އަޅުގަނޑުމެން އެކަމަކީ ނުރުހޭ ކަމަކަށްވާނަމަ، އެކަން ހުއްޓުވުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެ. އެފިޔަވަޅުތައް ނޭޅޭތީ ކުށްކުރުން ގިނަވަމުންދަނީ.

އެހެންވީމާ، އަޅުގަނޑުގެ މިއަދުގެ ވާހަކައިގެ މުރާދަކީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ރައްކާތެރިކޮށް، ޤައުމީ ސިޔާދަތު ދަމަހައްޓައި، އެރޮނގުން މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ދިވެހިންގެ އެއްބައެއްވަންތަކަން ހިފަހައްޓައި، ދިވެހިންގެ ހަރުދަނާ އުޞޫލުތައް، އަޅުގަނޑުމެންގެ ޅަދަރިންނަށާއި ޒުވާނުންނަށް ދަސްކޮށްދީ، މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކު ކަމުގައި އެކުދިންނާއި އެމީހުން ހަދަންވެއްޖެޔޭ. އެހެން ނަހަދައިފިނަމަ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން މުސްތަޤްބަލަށްޓަކައި ރައްކާތެރިއެއް ނުކުރެވޭނެޔޭ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، އެމީހުންގެ ކިބައިގައި ތެދުވެރިކަމުގެ މާތް ސިފަ އަށަގެންނެވޭތޯ އަދި އެކިއެކި ވިޔާނުދާ އާދަތަކުން، އެކުދިން ދުރުހެލިވުމަށް އަޅުގަނޑުމެން މައިންބަފައިން ބޮޑެތި މަސައްކަތްތަކެއް ކުރަންވެއްޖެޔޭ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތަށް ދުޢާ ކުރަމުން. މާތްﷲ، ދިވެހިންގެ މިނިވަންކަން ދަމަހައްޓަވާށި! ދިވެހި އުންމަތް އެކުވެރިކަމާއި އެއްބައިވަންތަ ކަމުގައި ލަހައްޓަވާށި! މިކުދިކުދި ޖަޒީރާތަކުގެ އަމަންއަމާންކަމާއި ހަމަހިމޭންކަން ހިފަހައްޓަވާށި! އިންޑިޔާ ކަނޑުގައިވާ މިޖަވާހިރުތަކުގެ އޮޔާއި ވަޔަށް، ބޭރުގެ ނުފޫޒެއް ވެރިނުކުރައްވާށި! އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންނަކީ ދިވެހި އުންމަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭނޭ އަށްޑަނަތަކެއް ކަމުގައި ހެދުމުގެ ތައުފީޤު، އަޅުގަނޑުމެންނަށް ދެއްވާށި! އާމީން.

والسّــلام عليكم ورحمـة اللّـه وبركاته.