بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އާދެ، އެއަށްފަހުގައި، ރައްކާތެރި މައިވަންތަކަމާބެހޭ ޤައުމީ މަޝްވަރާގެ ޖަލްސާ ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.

ޝައްކެއްނެތް، ރައްކާތެރި މައިވަންތަކަމާބެހޭ ޤައުމީ މަޝްވަރާ ޖަލްސާއަކީ، ވަރަށް މުހިންމު ޖަލްސާއެއް. އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގައި ރައްކާތެރި މައިވަންތަކަމުގެ މުހިންމުކަން ވަރަށްވެސް ބޮޑު. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އަޅުގަނޑުމެންނަށް ހާމަކޮށްދެއްވި ގޮތުގައި، ރާއްޖޭގެ މައިންގެތެރެއިން، ވިހެއުމުގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދު ވަރަށްގިނަ. އަދި ވިހެއުމުގެ ތެރޭގައި މަރުނުވިކަމުގައިވިޔަސް، ވިހެއުމުގެ ތެރޭގައި ލިބޭ ގެއްލުން، ވަރަށް ގިނައިން ފެންނަމުންދޭ. ބައެއް މީހުންނަށް ލިބޭ އެފަދަ ގެއްލުންތަކަކީ، ދާއިމީ ގެއްލުންތަކެއް ކަމުގައިވެސް ވަމުންދޭ. އެހެންކަމާއެކު، އަޅުގަނޑުމެން، ރާއްޖެފަދަ ޞިއްޙީގޮތުން އަދި މާކުރިއަރާފައި ނުވާ ޤައުމެއްގައި ރައްކާތެރި މައިވަންތަކަމަށް ދޭންޖެހޭ އަހަންމިއްޔަތަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ އަހަންމިއްޔަތެއް.

އާދެ، މި މައުޟޫޢަކީ، ރައްކާތެރި މައިވަންތަކަމުގެ މައުޟޫޢަކީ، ހަމައެކަނި ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާކޮށް، ޙައްލުތަކެއް ހޯދަން މަސައްކަތްކުރާ މައުޟޫޢެއް ނޫން. މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރގެ ތަޤްރީރުގައި ވިދާޅުވިފަދައިން، މިއީ ބައިނަލްއަޤްވާމީ ޙަރަކާތެއް. ބައިނަލްއަޤްވާމީ ގޮތުން ހިންގޭ ޕްރޮގްރާމެއް. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި، ވިހެއުމުގެ ތެރޭގައި މައިން މަރުވަމުންދަނީ މީހުންގެ ހިތްތަކަށް ވަރަށްވެސް ނުތަނަވަސްކަމެއް ގެނެސްދޭ މިންވަރަކަށް. އާދެ، ދެކުނު އޭޝިޔާގައި، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަހަރަކު ތިންލައްކަ އަންހެނުން، ވިހެއުމުގެ ތެރޭގައި މަރުވޭ. ޢަދަދަކީ ވަރަށްބޮޑު ޢަދަދެއް. އެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ޢަދަދެއް. އަޅުގަނޑުމެންގެ ރާއްޖޭގައި، ދެކުނު އޭޝިޔާގެ ބައެއް އެހެން ޤައުމުތަކަށްވުރެ ޞިއްޙީ ކަންތައްތައް ކޮންމެވެސްވަރަކަށް ރަނގަޅު ކަމަށް ދަންނަވަންޖެހެނީ. އެހެން އެކަން އޮތް ކަމުގައިވިޔަސް، އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހިތްހަމަޖެހޭ ފެންވަރަކަށް ޞިއްޙީ ދާއިރާގެ ކަންތައްތައް އަދި ކުރިއަކަށް ނުގެންދެވޭ. ތަފާތު ގިނަ މައްސަލަތައް ހުރުމާއެކު. އެހެންނަމަވެސް، ޞިއްޙީ ދާއިރާގައި މިވަގުތު އެންމެ މުހިންމުކަން ދޭންޖެހޭ އެއް މައުޟޫޢަކީ ޝައްކެއްނެތްގޮތުގައި، ރައްކާތެރި މައިވަންތަކަމުގެ މައުޟޫޢުކަމާމެދަކު އަޅުގަނޑުމެންގެ ތެރެއިން ދެމީހަކު ދެބަހެއް ނުވާނެ.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ޤައުމީ މަޝްވަރާގެ މި ޖަލްސާއަކީ، ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންގެ އަދި މުސްތަޤްބަލްގެ ޖީލުތަކުގެ ސަލާމަތަށްޓަކައި ބޭއްވޭ، ވަރަށް މުހިންމު ޖަލްސާއެއް. މިޖަލްސާ މިރާއްޖޭގައި އިންތިޒާމު ކުރެއްވީ، މިނިސްޓްރީ އޮފް ހެލްތާއި، އެ މިނިސްޓްރީގެ ދަށުގައިވާ ތަފާތު މަރްކަޒުތަކުގެ ފަރާތުން. އާދެ، އެހެންކަމާއެކު މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށާއި، އެ މިނިސްޓްރީގެ އެހެން ދާއިރާތައް ހިންގަވަން ތިއްބެވި ވެރިންނަށާއި އަދި އެތަންތާނގެ ހީވާގި މުވައްޒަފުންނަށް، މި މުހިންމު ޤައުމީ މަޝްވަރާގެ ޖަލްސާގެ އިންތިޒާމުތައް ހަމަޖައްސަވައި، މިޖަލްސާ ބާއްވަވާ ކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ހަމައެފަދައިން، މިޖަލްސާގެ ކަންތައްތައް އިންތިޒާމު ކުރުމުގައި ވަރަށްބޮޑެތި އެހީތަކެއް ވެދެއްވި ބޭރުގެ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިން އެއްފަރާތަކީ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން ޔުނިސެފް. ޔުނިސެފްގެ އެހީއާއި އެއްބާރުލެއްވުން، މި ޖަލްސާގެ ކަންތައްތައް އިންތިޒާމުކޮށް ކުރިއަށް ގެންދެވުމުގައި، މިނިސްޓްރީ އޮފް ހެލްތަށާއި، އެ މިނިސްޓްރީގެ ދަށުން ހިނގާ ދާއިރާތަކަށް ލިބިވަޑައިގެންފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށް. ހަމައެފަދައިން، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީވެސް ލިބިވަޑައިގެންފައިވޭ. އެހެންކަމާއެކު، އެ ހުރިހާ ފަރާތަކަށްވެސް އަޅުގަނޑު ދިވެހި ސަރުކާރުގެ ނަމުގައްޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ޔުނިސެފްގެ އެކްޓިންގ ރެޕްރެޒެންޓެޓިވް މިސްޓަރ ކޯނޭލިސް ގޯސްވާޑަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، އަލްއަޒްހަރު ޔުނިވަރސިޓީގެ ފަރާތުން މިޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި ވަޑައިގެންނެވި ޢިލްމުވެރި ޕްރޮފެސަރ އައްދުކްތޫރު ފުއާދުލް ޙިފްނާވީއަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދުކްތޫރު ޙިފްނާވީގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އަލްއަޒްހަރު ޔުނިވަރސިޓީގައި ޤާއިމުކުރެވިފައިވާ މަރްކަޒެއް އެބަހުރި. އެއީ ބައިނަލްއަޤްވާމީ އަދި އިސްލާމީ އާބާދީއާބެހޭ ހޯދުންތައް ހޯދާ މަރްކަޒެއް. އެއީ ވަރަށް މުހިންމު މަރްކަޒެއް. އޭނާ އެ ވިދާޅުވިފަދައިން، މިޞްރުގައިވެސް ވަރަށް ގިނަ ޢަދަދަކަށް ޑަކްޓަރުން ތިބޭ. އަދި އަންހެނުންނާބެހޭ ޑަކްޓަރުންވެސް ވަރަށްގިނަ. އެހެންނަމަވެސް، އާބާދީއާބެހޭ ހޯދުންތައް ހޯދައި، އާބާދީއާބެހޭ މައްސަލަތައް ޙައްލުކުރުމާބެހޭ މާހިރުންގެ ޢަދަދު މާގިނައެއް ނޫން. އެހެންވީމާ، އެބޭފުޅުން ޤަޞްދުކުރައްވަނީ މިޞްރުގައިވެސް، އަދި އިސްލާމީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އާބާދީގެ ކަންތައްތަކާބެހޭ މާހިރުން އުފެއްދެވުމަށް. އެގޮތުން މިދެންނެވި މަރްކަޒުގައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަދޭ. އެވާހަކަތައް އޭނާ އެވިދާޅުވީ. އަދި މާތްވެގެންވާ އިސްލާމްދީނުގައި އާބާދީއަށް ދެއްވާފައިވާ މުހިންމުކަމާއި، އަދި ޚާއްޞަކޮށް، އިންސާނުންގެ ޙަޔާތުގެ ހުރިހާ ކަމަކަށް ދެއްވާފައިވާ ސަމާލުކަމުގެ ވާހަކަ އޭނާވެސް ވިދާޅުވި. އެއީ ޝައްކެއްނެތްގޮތުގައި ޙަޤީޤަތެއް.

އިންސާނާގެ ޞިއްޙަތަށް، އިންސާނާގެ ކުރިއެރުމަށް، އިންސާނާގެ ހަމަޖެހުމަށް، އިންސާނާގެ އުފާވެރިކަމަށް، ބާއްޖަވެރިކަމަށް މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވާފައިވޭ. އިންސާނާގެ ޞިއްޙަތަށް ދެއްވާފައިވާ އަހަންމިއްޔަތު އެއީ ހަމައެކަނި ޢުމުރުގެ ވަކި ދައުރަކަށް ކަނޑައެޅިފައިވާ އަހަންމިއްޔަތެއް ނޫން. ކުއްޖާގެ އެންމެ ޅަޢުމުރުން ފެށިގެން އޭނާ ބޮޑުވެ، ޒުވާނަކަށްވެ، އޭގެފަހުގައި ހަރުމީހަކަށްވެ، މުސްކުޅިޔަކަށްވެގެން، އެންމެފަހުން މަރުވުމަށް ދާންދެން އޭނާގެ ޙަޔާތުގައި ކުރިމަތިވާ ކޮންމެ މަރްޙަލާއަކަށް އަދި އެ މަރްޙަލާއެއްގައި އޭނާގެ ކަންތައްތައް ހުންނަންވާނެ ގޮތާ ދޭތެރޭގައި އިސްލާމްދީނުގައި މަތިވެރި އުޞޫލުތަކެއް ވަނީ ކަނޑައަޅުއްވާފައި. ކުދިން ބޮޑެތިވަމުން އަންނައިރު، ކުދިންގެ ޞިއްޙަތަށް ދޭންޖެހޭނެ އަހަންމިއްޔަތު، އެކުދިންގެ ވިސްނުމަށް ދޭންޖެހޭނެ އަހަންމިއްޔަތު، އެކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ދޭންޖެހޭނެ އަހަންމިއްޔަތު، އެކުދިންގެ ވިސްނުމުގެ ދާއިރާ ފުޅާކޮށް، އެކަށީގެންވާ ރަނގަޅު ތަޢުލީމެއް އެކުދިންނަށް ޙާޞިލްކޮށްދިނުމުގެ އަހަންމިއްޔަތު. އަދި މުޖުތަމަޢުގައި ހަމަޖެހޭ ގޮތެއްގެ މަތިން ދިރިއުޅުމުގެ ޤާބިލިއްޔަތު އެކުދިންނަށް ހޯދައިދިނުމުގެ އަހަންމިއްޔަތު. މި ހުރިހާ ކަމެއްވަނީ މާތްވެގެންވާ އިސްލާމްދީނުގައި އެކަށައަޅުއްވާފައި. އަދި ސާފުކޮށް އަންގަވައިދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވީތީ، އެކަންތައްތަކަށް އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭނެ. އަދި އެކަންކަމާ ދޭތެރޭގައި ވިސްނައި، އިސްލާމީ އުޞޫލުތަކުގެ މަތިން އަޅުގަނޑުމެން ކުރިއަށްދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ރައްކާތެރި މައިވަންތަކަމުގެ މައުޟޫޢުގައި އަޅުގަނޑަށް ފަންނީގޮތުން ދެއްކޭނެ މާގިނަ ވާހަކަތަކެއް ނޯންނާނެކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އަޅުގަނޑަކީ ޞިއްޙީ ދާއިރާގެ މީހެއް ނޫން. އެހެންނަމަވެސް، އެކަމުގެ މުހިންމުކަން ބޮޑުކަމުން އެއީ، ޤައުމީ މައްސަލައަކަށްވާތީ، އެރޮނގުން އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދަންނަވާލެވިދާނެ ކަމަށްހީވޭ.

އާދެ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިހާރު ކަންތައްތައް ހުރިގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި މައްސަލަތައްވެސް އެނގިވަޑައިގަންނަވާނެ. ރާއްޖޭގައި ފެތުރޭ ބަލިތައް އެނގިވަޑައިގަންނަވާނެ. އަދި ރާއްޖޭގައި ފެތުރޭ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރުމާއި، އަދި މީހުން މަރުވާ ޢަދަދު، ﷲގެ ވާގިފުޅާއެކު މަދުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ތިޔަބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާނެ. ސަރުކާރުންނާއި ރައްޔިތުން އެކުވެގެން މިކުރާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، ޞިއްޙީ ލަނޑުދަނޑިތަކުގެ ތެރެއިން ވަރަށް ގިނަ ލަނޑުދަނޑި މިހާރު އަޅުގަނޑުމެންނަށް ވަނީ ޙާޞިލްކުރެވިފައި. ޅަފަތުގައި މަރުވާ ކުދިންގެ ޢަދަދު، އާދެ، އެއްއަހަރު ނުވާ ކުދިންގެ ތެރެއިން މަރުވާ ކުދިންގެ ޢަދަދު، މިވޭތުވެދިޔަ ދިހަ ބާރަ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ދަށަށް ގެނެވިއްޖެ. އެއްހާހަކުން ސަތޭކަ ވިހި މަރުވަމުންދިޔަ ތާނގައި، 1989ގެ ހިސާބުތައް ދައްކަނީ، މިހާރު މަރުވަނީ އެއްހާހަކުން ސާޅީސް ތިން ކުދިން ކަމުގައި. އާދެ، ސާޅީސް ތިނެއް އެއީވެސް ވަރަށް ބޮޑު ޢަދަދެއް. އެކަން އަޅުގަނޑުވެސް ގަބޫލުކުރަން.

އެހެންނަމަވެސް، ސަތޭކަ ވިއްސާއި ސާޅީސް ތިނަކާ ދޭތެރޭގައި ހުރި ތަފާތުވެސް އެއީ ކުޑަ ތަފާތެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ، ﷲގެ ވާގިފުޅާއެކު ދަނީ ފެންނަމުން ކަމުގެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިބޭ. ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް މަދުވަމުން. ދެންމެ ޔުނިސެފްގެ ރެޕްރެޒެންޓެޓިވްގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވި. އެއްހާހަކުން ހައެއް މަރުވަމުންދިޔަ ތާނގައި މިހާރު އެއްހާހަކުން ތިނެއް މަރުވާ ވާހަކަ ނުވަތަ ހަތަރެއް މަރުވާ ވާހަކަ. އެ ޢަދަދަކީ އޭގެ ޒާތުގައި ކުޑަ ޢަދަދެއް ކަމުގައި ފެނުނަސް، އެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމުގައި އޭނާ ފާހަގަކުރެއްވި. އެކަމަށް އަޅުގަނޑު ތާއީދުކުރަން.

އެހެންވީމާ، އަޅުގަނޑުމެންގެ ބޭނުމަކަށް ވާންޖެހޭނީ، އަންހެން ކުދިންނަށާއި، ވިހާ ޢުމުރުގެ އަންހެނުންނަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތަކެއް ހޯދައިދިނުން. އަދި އެ ޞިއްޙީ ޚިދުމަތްތައް އެމީހުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން. އާދެ، ރާއްޖެ އޮންނަގޮތުން މިކަމަކީ މާފަސޭހަ ކަމަކަށް ނުވާނެ. ރާއްޖެ މި އޮންނަނީ ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައްވެސް އަދި އެނޫން ޚިދުމަތްތައްވެސް، ތަޢުލީމާބެހޭ ޚިދުމަތްތައްވެސް އަދި އިޖްތިމާޢީ އެހެނިހެން ކަންތައްތައްވެސް، އެ ހުރިހާ ރަށަކަށް ފޯރުވައިދިނުމަކީ މާފަސޭހަ ކަމަކަށްނުވޭ. އެއީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވަނީ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އެހެންވީމާ، އަންހެނުންގެ ޞިއްޙަތު ރަނގަޅު ކުރުން، ޚާއްޞަކޮށް، އަންހެން ކުދިންނާއި ވިހާ ޢުމުރުގެ އަންހެނުންގެ ޞިއްޙަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުން އެއީ، އަޅުގަނޑު ހިތުން ރައްކާތެރި މައިވަންތަކަމަށް މަގުފަހިކޮށްދޭނެ ކަމެއް. އެމީހުންގެ ހޭލުންތެރިކަން އިތުރުކުރުން. އެމީހުން، މީހުންނާ އިންނައިރުވެސް، އެމީހުން އެ އުފުލަންޖެހޭ މަސްއޫލިއްޔަތުގެ ބުރަކަން ރަނގަޅަށް އޮޅުންފިލުވައިދިނުން. ޅަޢުމުރުގައި މީހުންނާ އިނުން ހުއްޓުވޭތޯ މަސައްކަތް ކުރުން. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ޅަޢުމުރުގައި އަންހެން ކުދިން މީހުންނާ އިނދޭ. އެއީ، އެކަމަކު އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. ޞިއްޙީ ގޮތުން ބަލާއިރުވެސް އަދި ދީނީގޮތުން ބަލާއިރުވެސް އަދި އިޖުތިމާޢީ ގޮތުން ބަލާއިރުވެސް އަންހެނަކު މީހަކާ އިންނަންވާނީ، އެ ހުރިހާ ގޮތަކުން މަސްއޫލިއްޔަތު އުފުލޭ ޢުމުރަކަށް އެމީހަކު ދިޔައިމާ. އެހެންވީމާ، އެހާ ޅަޢުމުރުގެ ކުދިން މީހުންނާ އިނުން އެއީ، ރަނގަޅު ކަމެއް ނޫން. ހަމައެފަދައިން، މާގިނަގިނައިން ވިހެއުން އެއީވެސް ރަނގަޅު ކަމެއް ނޫން.

ދެންމެ ޕްރޮފެސަރ ޙިފްނާއީގެ ވާހަކަފުޅުގައި އެވާހަކަ ބަޔާންކޮށްދެއްވައިފި. އިސްލާމްދީނުގައި ހުއްދަ ކުރައްވައޭ، ދޭތެރެ ދުރުކުރުން. އާދެ، ވިހެއުމުގެ ދޭތެރެ ދުރުކުރުން. އޭނާ ވިދާޅުވި، ޤުރްއާނުގައި އެވާހަކަ އޮތް ވާހަކަ. އާދެ، އަޅުގަނޑުމެންގެ މި ޖަލްސާ ފެށިގެންދިޔައިރު، ޤާރީގެ އަޑުފުޅުން އަޅުގަނޑުމެންނަށް އިވުނު އާޔަތްތަކުގެ ތެރެއިން، އެއް އާޔަތެއްގައި އެވާހަކަ އެބައޮތް. އެއީ ސޫރަތުލް އަޙްޤާފްގެ 15 ވަނަ އާޔަތް. ﷲ ވަޙީކުރައްވަނީ، "وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ." މި އާޔަތުގެ މާނަވެސް، އަޅުގަނޑުމެންނަށް ޖަލްސާ ފެށިގެންދިޔައިރު އިވިގެން ހިނގައްޖެ. އަޅުގަނޑު ދަންނަވާލާނީ، މިއާޔަތުގެ ކުރީކޮޅުގައި އަޅުގަނޑު މިދަންނަވާ ނުކުތާގެ މައްޗަށް އަލިއަޅުވާލާ ބައިގެ މާނަ. އާދެ، ތިމަންރަސްކަލާނގެ އިންސާނާއަށް އަމުރުކުރެއްވީމޭ، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް. ތިމަންރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވީމޭ، އިންސާނާއަށް ވަޞިއްޔަތް ކުރެއްވީމޭ، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް. ދެން އެކަމުގެ އެއް ސަބަބު، އެންމެ މުހިންމު އެއް ސަބަބު އެ ބަޔާންކުރައްވަނީ. ﷲ ވަޙީކުރައްވަނީ، އޭނާގެ މައިމީހާ، މާބަނޑުގައި އޭނާ އުފުލީ ދަތި އުނދަގޫ ގޮތެއްގައޭ. އަދި އޭނާ ވިހެއީވެސް ދަތި އުނދަގޫ ގޮތެއްގައޭ. އާދެ، އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. މައިމީހާ، ދަރިފުޅު އޭނާގެ މާބަނޑުގައި އެއުފުލަނީ ވަރަށް ނިކަމެތި ޙާލެއްގައި. ވަރަށް ގިނަ އުނދަގޫތައް ތަޙައްމުލްކޮށްގެން. ޞިއްޙީ ގޮތުންވެސް، ޖިސްމާނީ ގޮތުންވެސް އަދި ވިސްނުމުގެ ގޮތުންވެސް ވަރަށްގިނަ ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހޭ. ވަރަށްގިނަ ވޭންތައް ތަޙައްމުލްކޮށްގެން ދަރިފުޅު ވިހަނީ. އެހެންވީމާ، އެކަން ޤުރްއާނުގައި ފާހަގަކުރައްވާފައި އެ އަންގަވަނީ، އިންސާނާއަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމޭ، އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް. ދެން އޭގެފަހުގައި މައިމީހާ އެއުފުލާ ބުރައިގެ ވާހަކަ އަންގަވާފައި އެއޮތީ.

އޭގެފަހުގައި ﷲ ވަޙީކުރައްވަނީ، "وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا." މައިމީހާ އޭނާގެ ބަނޑުގައި ދަރިފުޅު ގެންގުޅޭ މުއްދަތާއި އަދި ކިރުތުނބުން ވިއްލާ މުއްދަތަކީ 30 މަސް ދުވަހޭ. އާދެ، އެއީ އެހެން އާޔަތެއްގައި ކިރުތުނބުން ވީއްލާ މުއްދަތަކީ، ދެ އަހަރު ކަމުގައި އޮވޭ. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ ޝަރުޢީގޮތުން ދަރިފުޅު ލައްވަނީ މަދުވެގެން ހަމަސްދުވަހު މައިމީހާގެ ބަނޑުގައި އޮތްކަން ސާބިތުވަންޏާ. އެހެންވީމާ، އެ ހަމަސްދުވަސް ތިރީސް މަސްދުވަހުން ކަނޑާލީމާ އޮންނަނީ 24 މަސް ދުވަސް. އެއީ ދެ އަހަރު. އެހެންވީމާ، ދެއަހަރު ދުވަހުގެ މުއްދަތަކީ އެކުއްޖާއަށް މައިމީހާ ކިރުދޭ މުއްދަތު ކަމުގައި ޤުރްއާނުގައި އެއޮތީ ކަނޑައެޅިފައި. އެހެންވީމާ، އެއިން އެނގޭ އެއްޗަކީވެސް އެ މުއްދަތުގެ ތެރޭގައި ދެވަނަފަހަރަކަށް އޭނާ ބަނޑު ބޮޑެއް ނުވާނެކަން. ދެވަނަފަހަރަށް ވިހާނެ ފުރުޞަތެއް އޭނާއަކަށް ނުލިބޭނެކަން.

އެހެންވީމާ، މި އުޞޫލު މިހެން ކަނޑައެޅިފައި އޮތުމާއެކުގައި، ޢިލްމުވެރިން އެ ވިދާޅުވަނީ، ދޭތެރެ ދުރުކުރުމުގެ އުޞޫލު އެއޮތީ ކަނޑައެޅިފައޭ. ޚާއްޞަކޮށް، ދޭތެރެ ދުރުނުކޮށް އަވަސް އަވަހަށް ވިހެއުމުން، މައިމީހާގެ ޞިއްޙަތަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށްވަންޏާ، ނުވަތަ ވިހާ ދަރިންނަށް އޭގެ އަސަރު ފޯރާ ކަމަށްވަންޏާ، ދޭތެރެ ދުރުކުރުމަކީ ހުއްދަ ކަމެއް. އެހެންވީމާ، ރައްކާތެރި މައިވަންތަކަމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު އެއީ. އެފިޔަވަޅު އެއީ އެޅެން އޮތް ފިޔަވަޅެއް ކަމުގައި އަލްއަޒްހަރު ޔުނިވަރސިޓީގެ ޕްރޮފެސަރަކު އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި.

އާދެ، މިނޫންވެސް ވަރަށް ގިނަ ފިޔަވަޅުތައް އެބަހުރި. އަޅުގަނޑު ހިތުން މި ޤައުމީ މަޝްވަރާގެ ޖަލްސާގައި، އެފިޔަވަޅުތަކާ ދޭތެރޭގައި، ކަމާބެހޭ ބޭފުޅުން މަޝްވަރާ ކުރައްވައި، ވާހަކަފުޅު ދައްކަވައި، އެ ފިޔަވަޅުތައް ކަނޑައަޅުއްވާނެ. އޭގެތެރޭގައި އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުން. އަންހެނުންގެ ހޭލުންތެރިކަން އެކަންޏެއްނޫން. ފިރިހެނުންގެ ހޭލުންތެރިކަންވެސް އިތުރުކުރަން އެބަޖެހޭ، މިކަމާ ބެހޭގޮތުން. ޝައްކެއްނެތް، އެ ކުދިން ލިބެނީ، ކުދިން ވިހަނީ އަނބިމީހާ ކަމުގައިވިޔަސް، ބައްޕަގެވެސް މަސްއޫލިއްޔަތު ވަރަށްބޮޑު. ފިރިމީހާގެ މަސްއޫލިއްޔަތު ވަރަށްބޮޑު. އެހެންވީމާ، ރައްކާތެރި މައިވަންތަ ކަމުގައި ފިރިހެނުން ކުޅެންޖެހޭ ބައި އެއީ، އެއްގޮތަކަށްވެސް ކުޑަ ބައެކޭ ނުދެންނެވޭނެ. މިކަމުގައި ފިރިހެނުންގެ ހޭލުންތެރިކަންވެސް ވަރަށްބޮޑަށް ބޭނުން. އެހެންވީމާ، އަންހެނުންގެ ހޭލުންތެރިކަމާއި، ފިރިހެނުންގެ ހޭލުންތެރިކަމާއި، އަދި ޚާއްޞަކޮށް ކުޑަކުދިންގެ، ބޮޑެތިވަމުން އަންނަ އަންހެން ކުދިންގެ ހޭލުންތެރިކަން، ފިރިހެންކުދިންގެ ހޭލުންތެރިކަން މިކަމުގައި ބޭނުން.

ޞިއްޙީ ދާއިރާގެ ކަންތައްތައް ފުޅާކުރުން، ޚިދުމަތުގެ ދާއިރާ ފުޅާކުރުން، އެކަށީގެންވާ މީހުން ތަމްރީނު ކުރުން، ޞިއްޙީ އެހީތެރިން، ފޫޅުމައިން، މިހެންގޮސް އެކަމަށް ބޭނުންވާ ހުރިހާ ފަންނީ މީހުން ތައްޔާރުކުރުން އެއީވެސް ވަރަށް މުހިންމު ކަމެއް. އަދި ދޭން ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ރާއްޖޭގެ ކޮންމެ ދިމާއަކުންވެސް ލިބެންހުރުން އެއީވެސް ހަމަ އެހާމެ މުހިންމު ކަމެއް. މިކަހަލަ ކިތަންމެ ކަމެއް ބޭނުންވޭ، ރައްކާތެރި މައިވަންތަކަމުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި. އާދެ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑު ހިތުން މި ޖަލްސާގައި ވަރަށް ރަނގަޅަށް ވާހަކަ ދެކެވި، ރާއްޖެއަށް އެކަށީގެންވާ ގޮތްތަކެއް ހޯދޭނެ.

އާދެ، ރައްކާތެރި މައިވަންތަކަމަކީ މުޅި މުޖުތަމަޢުގެ ސަލާމަތަށްޓަކައި އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި ބޭނުންކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވައިލެވިއްޖެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، އަދި އެ ހިސާބަކުންވެސް އެކަމެއް ނުހުއްޓެއޭ. ރައްކާތެރި މައިވަންތަކަމުން އަޅުގަނޑުމެންނަށް ހޯދައިދެނީ ވަރަށް މުހިންމު ފައިދާތަކެއް. އާދެ، އަޅުގަނޑުމެންގެ ތެރެއިން، ވިހެއުމުގެ ތެރޭގައި ނުވަތަ ބަނޑުބޮޑުވުމާ ގުޅިގެން ދިމާވާ މައްސަލަތަކުގައި މަރުވާ އަންހެނުންގެ ޢަދަދު މަދުވުމާއި އަދި މަރުވާ އަންހެނުންގެ ޢަދަދު މަދުވުމުގެ އިތުރަށް، އެކަމުގެ ތެރޭގައި ގެއްލުން ލިބޭ އަންހެނުންގެ ޢަދަދުވެސް މަދުވުމާއި، އެމީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް ޙައްލުކުރުމާ، މިއީ އެކަމުން ލިބޭ ވަރަށްބޮޑު ފައިދާއެއް. ދެ ވަނަ ފައިދާއަކީ، އަޅުގަނޑުމެންނަށް ލިބޭ ކުދިންގެ ޞިއްޙަތު ރަނގަޅުވުން. ޞިއްޙަތު ރަނގަޅު ކުދިންކޮޅެއް އުފަންވުން. ހުރިހާ ގޮތަކުންވެސް ޖިސްމާނީގޮތުންވެސް، ޛިހްނީގޮތުންވެސް، ރަނގަޅު ފެންވަރެއްގެ ކުދިން އުފަންވުމަކީ ޝައްކެއްނެތްގޮތުގައި، މުޅި މުޖްތަމަޢަށް، މުޅި ޤައުމަށް، ވަރަށް މުހިންމު ކަމެއް. ބަލިކަށި މީހުންތަކެއް ތިބޭ އެއްވެސް ޖަމާޢަތެއް ކުރިއަކަށް ނުދާނެ. ޞިއްޙަތު ރަނގަޅު، ގައިގައި ބާރުހުރި، ވިސްނުންހުރި ރަނގަޅު މީހުން ތިބި ތަނެއް ކުރިއަށްދާނީ. އާދެ، ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑީ އަދި އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، މުއުމިނުންގެ ތެރެއިން އެންމެ ބާރުގަދަ، ޞިއްޙަތު ރަނގަޅު މީހުން ކަމުގައި ވާރިދުވެފައިވޭ.

އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބޭއިރުވެސް، އަޅުގަނޑުމެންނަކީ ޞިއްޙަތު ރަނގަޅު، ގައިގައި ބާރުހުރި، ހަރުދަނާ ރަނގަޅު މީހުން ކަމުގައި ވާންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޅަދަރީންނަކީވެސް ޞިއްޙަތު ރަނގަޅު ބައެއް ކަމުގައި ވުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް. އޭގެ އިތުރުން، އެކުދިން އަޅުގަނޑުމެން ބަލަހައްޓަންވެސް އެބަޖެހޭ. ކުޑަކުދިން، ރަނގަޅު ޞިއްޙަތެއް އެކުދިންނަށް ލިބިދިނުމަށްފަހުގައި، ޅަޢުމުރުގައި އެކުދިންނަށް ދޭންޖެހޭ ސަމާލުކަންދީގެން، އެކުދިން ބަލަމުން ނުގެންދަންޏާ، ވަރަށް ހިތި ތަޖްރިބާތަކެއް އަޅުގަނޑުމެންނަށް ޙާޞިލްކުރަން ޖެހިދާނެ.

އެހެންވީމާ، އެ ނުކުތާވެސް އަޅުގަނޑު މިޖަލްސާގައި ފާހަގަކޮށްލަން ބޭނުންވޭ. އަޅުގަނޑުމެން ކުދިން ވިހާފައި ދޫކޮށްލީމާ އެނިމުނީއަކީ ނޫން. ދުނިޔެއަށް އެކުދިން ގެނެސްފައި ދޫކޮށްލީމާ، އެއީ އަޅުގަނޑުމެންގެ ވާޖިބު އަދާވީކީ ނޫން. އެކުދިން ބޮޑުވެ ތަޞައްރުފް ފުދި، ރަނގަޅު ހަރުދަނާ މީހުންނަށް ވެއްޖައުމަށްދާންދެން، އެކުދިންގެ ހުރިހާ ކަމެއް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހޭނެ. މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުޑަކުދިންގެ ޢަދަދު ވަރަށްބޮޑުތަން މިވަނީ އިތުރުވެފައި.

މި އަހަރު ނެގުނު ބޯހިމެނި ހިސާބުން ދައްކާގޮތުގައި، މާލޭގައި މި ދިރިއުޅޭ ގާތްގަނޑަކަށް ފަންސާސް ފަސްހާސް މީހުންގެ ތެރެއިން ފަނަރަ އަހަރުން ދަށުގެ ކުދިންގެ ޢަދަދަކީ ސަތާރަހާސް. ވަރަށް ބޮޑު ޢަދަދެއް. ޢުމުރުން ފަނަރަ އަހަރުން ދަށުގެ ސަތާރަހާސް ކުދިން މާލޭގައި އެބައުޅޭ. އެހެންވީމާ، އެކުދިން އަޅުގަނޑުމެން ބަލަހައްޓަންޖެހޭނެ. އެކުދިން، މަދަރުސާތަކުގައި، މަދަރުސާއަށްދާ ޢުމުރުގެ ކުދިން މަދަރުސާގައި އެ ހޭދަކުރަނީ ސައްވީސް ގަޑިއިރުގެ ތެރެއިން ވަރަށް ކުޑަ ވަގުތުކޮޅެއް. ދެން އެކުދިންނަށް ލިބޭ ހުރިހާ ވަގުތެއް އެ ހޭދަކުރަނީ ގޭގައި. ނުވަތަ މައިންބަފައިންގެ ބެލުމުގެ ދަށުގައި.

އެހެންވީމާ، މައިންބަފައިން އެކުދިން ވަރަށް ރަނގަޅަށް ބަލަންޖެހޭނެ. މަގުމައްޗަށް ނުކުމެ، އުޅޭނެހާ ގޮތަކަށް އުޅެން، ނުކުންނަން ހިތަށްއެރި ވަގުތެއްގައި ބޭރަށް ނުކުމެ، ގެޔަށް އަންނަން ހިތަށްއެރި ވަގުތެއްގައި ގެޔަށްއައިސް، އެކުދިން ކަންތައްކުރާ ނުކުރާގޮތް ނުބަލައި ދޫކޮށްލައިފިއްޔާ، ވަރަށްދެރަ ގޮތްތަކެއް ދިމާވާނެ. މިހާރު ދިމާވަމުންވެސް އެބަދޭ. ރާއްޖޭގައި ކުޑަކުދިންނަށް ދިމާވާ އެކްސިޑެންޓްތަކުގެ ޢަދަދުތަކަށް ވިސްނަވާލެއްވިޔަސް އެނގިވަޑައިގަންނަވާނެ. ވަރަށް ޅަޢުމުރުގެ ކުދިން، ޢުމުރުން އަހަރު، ދެ އަހަރު، ތިން އަހަރު ކުދިން ވަޅުވަޅަށް ވެއްޓި މަރުވަނީވެސް މަދެއްކޮށެއް ނޫން. އަދި ރާއްޖެތެރޭގައިވެސް މޫދަށް ވެއްޓި މަރުވަނީކީވެސް މަދެއްކޮށެއް ނޫން. މާލޭގައިވެސް އެހެން އެބަ ދިމާވޭ. އެހެންވީމާ، އެހެން އެ ދިމާވަނީ ކީއްވެގެންތޯ އަޅުގަނޑުމެން ސުވާލުކުރަންޖެހޭނެ. އެހެން އެ ދިމާވަނީ ޝައްކެއްނެތްގޮތުގައި، އެކުދިންގެ މައިންބަފައިން އެކުދިން ނުބަލަހައްޓާތީ. ޢުމުރުން ދިހަ ބާރަ އަހަރުގެ ކުދިން އެކަންޏެއް ނޫން. ޢުމުރުން ހަ އަހަރުގެ ކުދިން، ހަތް އަހަރުގެ ކުދިން ގެއިން ބޭރަށް ނުކުންނަނީ މައިންބަފައިންނަށް ނޭނގި. ދާތަނެއް ނޭނގޭ. އެތަން މިތާނގައި އުޅެނީ. ކުޅިވަރު ކުޅެން އުޅެނީ.

އެހެންވީމާ، ވަރަށް ގިނަ ޙާދިޘާތައް، އެކްސިޑެންޓްތައް އެބަ ދިމާވޭ. ޓްރެފިކް އެކްސިޑެންޓްވެސް އެބަދިމާވޭ. ތިޔަބޭފުޅުން އައްސަވާނެ، ލޮރީއަކަށް އަރައިގެން އުޅޭ ކުއްޖަކު، ދިމާވާގޮތަކުން ވެއްޓިގެން، ލޮރީގެ ފުރޮޅު އެކުއްޖާގެ ގައިމަތިން ނުވަތަ ގުނަވަނެއްގެ މަތިން ދިޔައިމާ ދެން ވާނެގޮތް. މިކަހަލަ ޙާދިޘާ ދިމާވެފައި އެބަހުރި. އަދި މީގެ އިތުރުން، މޫދަށް ވެއްޓިގެން މަރުވާ ކުދިންގެ ޢަދަދު، އެ ނޫންވެސް ދެރަގޮތްތައް ދިމާވާ ކުދިންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން. އަޅުގަނޑަށް ދެންނެވެން އޮތީ އެއީ، އަޅުގަނޑުމެންގެ ބެލުންކުޑަކަމުންވާ ގޮތެކޭ. އަޅުގަނޑުމެން މައިންބަފައިން، ހަމަ ކޮންމެ މީހަކުވެސް، އެމީހެއްގެ ކުދިން ރަނގަޅަށް ބެލެހެއްޓުމަކީ ދީނީގޮތުންވެސް ވާޖިބެކޭ. ކުދިންނަކީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއް. އެ އަމާނާތް ވާނެ، އަޅުގަނޑުމެން އެންމެ ފުރިހަމަގޮތުގައި އަދާކުރަން. ހަމައެކަނި ކުއްޖާ މަދަރުސާއަށް ފޮނުވާލީމާ އެއީ، އަޅުގަނޑުމެންގެ ވާޖިބު އަދާވީކީ ނޫން. މަދަރުސާއަށް ގޮސްފައި އައިމާ، އެކުދިންގެ ކަންތައްތައް ހުންނަގޮތް ބަލަންޖެހޭނެ. އެކުދިންނަށް ނުރައްކާވާ ކަންތައްތައް ދިފާޢުކޮށް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ، ފިލާވަޅު ދަސްކުރޭތޯ ބަލައި، ގަޑިންގަޑިޔަށް ނަމާދުކުރޭތޯ ބަލަންވާނެ. ނަމާދުކުރުންވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމުން. ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭންޖެހޭނެ. އެކުދިންގެ ޢުމުރު އެހިސާބަށް ދިޔައިމާ އަދި އެނޫންވެސް ދީނީ ކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާތޯވެސް ބަލަންޖެހޭނެ. އެގޮތަށް ނަޞޭހަތްތެރިވާން ޖެހޭނެ. އެކަންތައްތައް ދަސްކޮށްދޭންޖެހޭނެ. ފިލާވަޅު ދަސްކުރޭތޯ ބަލަންވާނެ. ފިލާވަޅު ދަސްނުކުރާ ކަމަށްވަންޏާ، އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންވާނެ.

މިގޮތުން އެކުއްޖާގެ މުސްތަޤްބަލަށްޓަކައި މައިންބަފައިން އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭނެ. އެހެން ނަހަދައިފިއްޔާ ވަރަށް ދެރަ ގޮތްތަކެއް ދިމާވާނެ. މި ދެންނެވީ މިހާރު މާލޭގެ މީހުންގެ ޢަދަދުގެ 41 ޕަސެންޓަކީ، ޢުމުރުން 15 އަހަރު ނުވާ ކުދިންކަންނޭނގެ. ރައްޔިތުންގެ ވަރަށްބޮޑު ޢަދަދެއް. ޢުމުރުން 30 އަހަރު ނުވާ ޒުވާނުން މިހާރު ރާއްޖޭގައި ސަތޭކައަކުން 70 އަށްވުރެ މަތި. ވަރަށް ޒުވާން ރައްޔިތެއް އަޅުގަނޑުމެންގެ ރާއްޖޭގައި މި ދިރިއުޅެނީ. އަދި އޭގެތެރެއިން ކުޑަކުދިންގެ ޢަދަދު އެހާގިނަ. އެހެންވީމާ، މި ކަންތައްތަކަށް އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ.

އެހެންވީމާ، ހަމައެކަނި އަޅުގަނޑުމެންގެ އަންހެނުން ރައްކާތެރިކޮށްދީގެން، އެމީހުން ބަނޑުބޮޑުވުމުގެ ދުވަސްވަރު، އެމީހުންގެ ޞިއްޙަތު ސަލާމަތުން ބަހައްޓައި އަދި ވިހެއުމުގެ ކަންތައްތައް ރަނގަޅުކޮށްދިނުމަކުން، އެއީ ފުދުނީކީނޫން. އަޅުގަނޑުމެންނަށް ލިބޭ ކުދިން ރަނގަޅަށް ބަލަހައްޓައި، އެކުދިންނަށް އެކަށީގެންވާ ތަރުބިއްޔަތެއްދީ، އެކުދިންނަށް ރަނގަޅު ތަޢުލީމެއްދީ، އެކުދިން މީހުންނަށް ހެދުން އެއީ، އަޅުގަނޑުމެންގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ދެން މާދިގުކުރާކަށް ޤަޞްދެއްނުކުރަން. އެހެންނަމަވެސް، ކަމުގެ މުހިންމުކަމުން މި ދެތިން ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އަޅުގަނޑު އެދެނީ، މިރޭ މިފެށޭ ރާއްޖޭގެ ރައްކާތެރި މައިވަންތަކަމާބެހޭ ޤައުމީ މަޝްވަރާގެ ޖަލްސާއަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް. އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ޙިއްޞާކުރެއްވުން ފުރިހަމަގޮތުގައި ޖަލްސާއަށް ލިބިގެންދިޔުން. އަދި މިޖަލްސާގެ ސަބަބުން އެކަށައެޅޭ ފިޔަވަޅުތަކެއް ކަނޑައެޅިފައި އޮތުމާއެކު، އެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ރާއްޖޭގައި ރައްކާތެރި މައިވަންތަކަމުގެ ލަނޑުދަނޑި އަވަހަށް ޙާޞިލްވެގެންދިޔުން. އަދި ޢާންމުކޮށް ދަންނަވަންޏާ، އަޅުގަނޑުމެންގެ އަންހެނުންނާއި ކުޑަކުދިންނާއި އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި، ސަރުކާރާއި ރައްޔިތުން ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ މަގު މި ޖަލްސާގެ ސަބަބުން ފަހިވެގެންދިޔުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.