އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކޯޕަންހޭގަންއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރުޑާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، އިތިއޯޕިއާގެ ބޮޑުވަޒީރާއި، ގްރެނާޑާގެ ބޮޑުވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ކެވިން ރުޑް ވާހަކަފުޅު ދައްކަވަމުން، ނުރުހުންފާޅުކޮށް، ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކުން ކޯޕަންހޭގަންގައި ހިނގަމުންދާ ވާހަކަތަކުން ވަކިވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މެދުވެރިވެވަޑައިގެން، މަޝްވަރާތަކަށް އެޤައުމުތައް އެނބުރި ގެނައުމަށް ކުރެއްވި ކާމިޔާބު މަސައްކަތްތަކަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށާއި، މިއީ ކުދި ޖަޒީރާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި ކަމެއް ކަމުގައި ވިދާޅުވިއެވެ.