މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމުގައި ޤައުމުތަކުގެ ވެރިންނަށްވުރެވެސް ބާރުގަދަ ދައުރެއް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް އަދާކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކޯޕަންހޭގަންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުތަކުގެ ވެރިންނަށް ހުރިހާ ކަމެއް ޙައްލުކުރެވޭނެކަމަށް ދެކިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ހަކަތައިގެ ސިޔާސަތުތަކާއި، ދަތުރުފަތުރުކުރުމާއި، ކުނި ރަނގަޅުގޮތުގައި ބޭނުންކުރުންފަދަ މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅުން ހުރި ސިޔާސަތުތައް ނިންމުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުން ގިނަފަހަރަށް މާ ބާރުގަދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށާއި، އެކަމަށް އަހުލުވެރިވުމުގައި ޑިމޮކްރަސީ ވަރަށް މުހިންމުކަން ބަޔާންކުރައްވަމުން، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ޙައްލުކުރުމަށް، ރާއްޖޭގައި ވަރަށް ބޮޑެތި ހޭދަތަކެއް މީގެކުރީގައި ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް، އެކަންތައްތައް ކާމިޔާބުނުވީ ރައްޔިތުންނާ މަޝްވަރާ ނުކުރެވުނީމާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔެއަށް ކުރިމަތިވެފައިމިވާ ބޮޑު މައްސަލައަށް އޮތް ޙައްލަކީ، ހެޔޮވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޖައްވުގެ ހޫނުމިން އެންމެ ޑިގްރީއަކަށް އިތުރުވުމުން، މިހާރު އެތައް މައްސަލަތަކެއް ދިމާވެފައިވާއިރު، އިތުރު ދެ ޑިގްރީއަށް މި މިންވަރު އުފުލިއްޖެނަމަ، މުޅި އިންސާނިއްޔަތު ނެތިގެން ހިނގައިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެންމެ ނާޒުކު ޤައުމުތަކަކީ، ދިވެހިރާއްޖެފަދަ ކުދި ޤައުމުތައް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެއޯސިސް ޤައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މި ހުށަހަޅަނީ، ޖައްވުގެ ހޫނުމިން އިތުރު 1.5ޑިގްރީއަށްވުރެ މައްޗަށް ނުގެންގޮސް ހިފެހެއްޓުމަށާއި، ޖައްވުގައި ކާބަން ހުންނަ މިންވަރު 350 ޕީ.ޕީ.އެމް.އަށް ދަށްކުރުމަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެހެންނަމަވެސް، ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުން މިކަމާ ދެކޮޅު ހަދަމުންދާތީ، އެއްބަސްވުމަކަށް އައުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.