ޓޫރިސްޓް ޚިދްމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޓޫރިސްޓް ޚިދްމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ސަރުކާރުން މިހުށަހެޅުއްވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެއްވުމަށާއި، ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާ ކުރެއްވުމަށެވެ. މިބިލަކީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް، ދިވެހިރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުންނާއި، ޓޫރިސްޓް ހޮޓާތަކުންނާއި، ގެސްޓްހައުސްތަކުންނާއި، ޕިކްނިކް އައިލަންޑްތަކުންނާއި، ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި ދޭ ޚިދްމަތްތަކުންނާއި، ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ބައެއް ޚިދްމަތްތަކުގެ އަގުން ދައުލަތަށް ޓެކްސް ނެންގެވުމަށްޓަކައި އެކުލައްވާލައްވާފައިވާ ބިލެކެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލަކީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި ރިސީވަރުން ޢައްޔަން ކުރުމާއި، ބޭންކުތައް އިފްލާސްކުރުމާއި، ބޭންކުތަކާގުޅޭ މިނޫންވެސް ކަންކަން ޤާނޫނަކުން ކަނޑައެޅުއްވުމުގެ ބިލެކެވެ.