ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ "ބްލޫޕީސް"އިން، ކޯޕަންހޭގަންގައި ބާއްވަމުން ގެންދާ ފޮޓޯ މަޢުރަޒެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ބައްލަވާލައްވައިފިއެވެ. މި ފޮޓޯ މަޢުރަޒު އޮތީ ކޯޕަންހޭގަންގެ ކްލަމަފޯރަމްގައެވެ.

މި މަޢުރަޒަކީ "ވަލްނަރަބްލް"ގެ ނަމުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދައްކައިދޭ ފޮޓޯ މަޢުރަޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ "ވަލްނަރަބްލް" މަޢުރަޒު ބައްލަވާލެއްވުމަށް ކްލައިމަފޯރަމަށް ކުރެއްވި ޒިޔާރަތުގައި، މަޢުރަޒު އިންތިޒާމްކުރެއްވުމުގައި އެންމެއިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދެބޭފުޅުން ކަމުގައިވާ ޞައްފާޙް ފާރޫޤާއި، އަޙްމަދު އީޤާނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ މަސައްކަތައް ހިތްވަރުދެއްވިއެވެ. އަދި މި ފޮޓޯ މަޢުރަޒުން ދިވެހިންގެ ހުނަރުވެރިކަމާއި، ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ފެނިގެންދާ ކަމުގައި ވިދާޅުވިއެވެ.