މި ވަގުތަކީ ދުނިޔޭގެ ލީޑަރުން، އެބޭފުޅުންގެ ރައްޔިތުންނަށް މަގު ދައްކަވައިދެއްވަންވީ ވަގުތު ކަމަށާއި، މިހާރު އެންމެ ބޮޑަށް ބޭނުންވެފައި މިވަނީ މިފަދަ ލީޑަރުންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ކްލައިމެޓް ލީޑަރޒް ސަމިޓް"ގައި މިއަދު ވާހަހަފުޅު ދައްކަވަމުންނެވެ.
ކްލައިމެޓް ލީޑަރޒް ސަމިޓަކީ، އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމާ ގުޅުވައިގެން ކޯޕަންހޭގަންގައި، ކްލައިމެޓް ގްރޫޕްގެ ފަރާތުން ބާއްވަމުން ގެންދާ ބައްދަލުވުމެކެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރ އަދި ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލަން ކްލާކާއި، މޮނާކޯގެ ޕްރިންސް އަލްބަރޓް ދެވަނައާއި، ސްކޮޓްލަންޑްގެ ފަރސްޓް މިނިސްޓަރ އެލެކްސް ސެލްމަންޑް ހިމެނިވަޑައިގަންނަވައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ، ޤައުމުތަކުގެ ބޯޑަރު ފަހަނަޅައިދާ ކަމެއް ކަމަށާއި، މިކަމަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމަށް ޙައްލެއް ހޯދުމުގައި އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުން އެއްބަސްވަނީ، ޖައްވުގެ ހޫނުމިން އިތުރު ދެ ޑިގްރީއަށްވުރެ މައްޗަށް ނުގެންގޮސް ހިފެހެއްޓުން ކަމަށްވީނަމަވެސް، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުން ބާރު އަޅަމުން މިދަނީ، އެ މިންވަރު އިތުރު 1.5ޑިގްރީއަށްވުރެ މައްޗަށް ނުގެންގޮސް ހިފެހެއްޓުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިއީ ވަރަށް ކުޑަ ތަފާތެއް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިސިޒް ހެލެން ކްލާކް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، މިޤަރުނުގައި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުން ކަމުގައި ވިދާޅުވިއެވެ.